އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ހާލަތާމެދު ދޮގު މައުލޫމާތު ފެތުރުން ހުއްޓަން ޖެހޭ

ރާއްޖޭގެ ހާލަތާމެދު ދޮގު މައުލޫމާތު ފެތުރުން ހުއްޓަން ޖެހޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

ޤައުމުގެ ވެރިކަން ކޮންމެ ޕާޓީއަކުން ކުރި ނަމަވެސް ސަރުކާރާއިމެދު ހިތްހަމަޖެހޭ ބައަކާއި ހިތްހަމަ ނުޖެހޭ ބައަކު ތިބޭނެއެވެ. ހައްޤުތައް ހޯދުމަށާއި އަދުލުވެރި ޝަރުއީ ޙުކުމް ހޯދަން މަސައްކަތް ކުރާ ބައަކު ވެސް އުޅޭނެ އެވެ.

ޤައުމުގެ ވެރިކަން ބަދަލުވާނެއެވެ. ވެރިކަން ކުރާ ޕާޓީވެސް ބަދަލުވާނެއެވެ. ވެރިކަމުގައި ތިއްބަވާ ބޭފުޅުންވެސް ބަދަލުވާނެއެވެ. ނަމަވެސް ޤައުމު ބަދަލެއް ނުވާނެއެވެ. މިއީ ދިވެހިރާއްޖެ އެވެ. ދިވެހިރާއްޖެއަކީ ދިވެހިންގެ ޤައުމެވެ.

އެހެންކަމުން ސަރުކާރާއިމެދު ހިތްހަމަނުޖެހުމުން ޤައުމަށް ދެރަ ލިބޭނެ ކަންކަން ކުރުމަކީ ހަމައެކެކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް ޚިޔާލީ ވިސްނުމަށް ކަންކަން ނެރެގެން ޤައުމުގެ އިޤްޠިޞާދަށް ގެއްލުން ލިބިދާނެ ފަދަ ކަންކަން ކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

ރައީސް ނަޝީދުގެ މައްސަލައިގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާ ޤާނޫނީ ވަކީލުންނަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުންނެވެ. ޚާއްޞަކޮށް އާމާލް ކްލޫނީ އަކީ މަޝްހޫރުކަން އިތުރު ބޭފުޅެކެވެ.

އާމާލް ރާއްޖެއަށް ވަޑައިގަތުމުން އެކަމަނާގެ ހަށިކޮޅު ވަނީ ނުރައްކަލުގެތެރޭގައި ކަމަށް ލިޔެ ބައިނަލްއަޤްވާމީ މީޑިއާތަކުގައި ހާމަކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމެކެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަށް ބައްލަވާށެވެ. އެއްވެސް ޤައުމެއްގެ ވެރިން ބަނޑަށް ޖެހުނުތޯއެވެ؟ ބަނޑަށްޖެހި މަރުވަމުން ދިއައީ ނިކަމެތި ރައްޔިތުން ނޫންތޯއެވެ؟ މިއަދުވެސް އެކަން އޮންނާނީ އެގޮތަށެވެ. ހާލުގައި ޖެހި ނެތިގެންދާނީ އާންމުރައްޔިތުންނެވެ.

މިސާލަކަށް ބަރުމާގެ ހާލަތަށް ބަލައިލި ނަމަވެސް ބަރުމާގެ ވެރިން ތިބީ ހަމަފުދި އިތުރުވެގެންނެވެ. ބަނޑަށްޖެހި މަރުވަމުން އެދަނީ ޤައުމުގެ ނިކަމެތިންނެވެ. އެހެންކަމަށްވާއިރު މުޅި ޤައުމަށް އެކަމެއްގެ ސަބަބުން ގެއްލުންވާ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވާންޖެހެއެވެ.
ރައީސް ނަޝީދުވެސް، ޝައިޚް އިމްރާން ވެސް އަދި ކާނަލް ނާޒިމްވެސް އަދި އެހެން މީހުންވެސް ބަންދުގައި ތިބިނަމަ މިނިވަން ކުރަން މަސައްކަތް ކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެކި މީހުންނަށް މުހިންމު ވާނީވެސް އެކި ލީޑަރުންނެވެ. އެއީ އެކަން ދެމިއޮންނާނެ ގޮތްވެސް މެއެވެ.

ޤައުމަށް ހެޔޮ އެދޭ އެއްވެސް ލީޑަރަކީ ޤައުމަށް ކިތަންމެ ކުޑަ ނަމަވެސް އުނިކަމެއް ލިބެން އެދޭނެ ލީޑަރެއް ނޫނެވެ. ތިމާއަށް ކޮންމެ ހާލެއް ޖެހުނު ނަމަވެސް އިސްކުރާނީ ޤައުމުގެ މަޞްލަހަތެވެ.

ހަމަ ކުޑަކުޑަ މިސާލެއް ދަންނަވައިލާނަމެވެ. އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ބަންދުކުރެވުނު ފަހުން ވާހަކަ ދައްކައިލުމުގެ ފުރުޞަތު އަދި ލިބުނީ އެންމެ ފަހަރަކުއެވެ. އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވެވަޑައިގަތުމަކީ ޤައުމަށް ލިބިދާނެ ނިކަމެތިކަމެކެވެ. ޢާންމުކޮށް ހުރިހައި ރައްޔިތުންނަށް ލިބިދާނެ ދެރައެކެވެ. ޖަލުގެ ކުޑަގޮޅީގައި އޮންނަވަން ޖެހިވަޑައިގަތުމެއް ނޫނެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު މަޤާމުން ވަކިކުރެވުނު ދުވަހު މީޑިއާތަކަށް ދެއްވެވި ބަޔާންތައް ބައްލަވާށެވެ. "އަޅުގަނޑު ކަންބޮޑުވަނީ އަޅުގަނޑުގެ މަޤާމު ގެއްލުމަކުން ނޫން. ޤައުމުގެ ކަންކަން ބަދަލުވެގެން ހިނގައިދާނެ ގޮތަކާއިމެދު" ކަމަށް ވިދާޅުވެފައި ނުވޭތޯއެވެ!

މިފަދަ އެތައް ކަންކަމުގެ ވާހަކަ ލިޔެވިދާނެއެވެ. ވިސްނަންވީ ކަމަކީ އެއްވެސް ސިޔާސީ ލީޑަރަކީ އަދި އެހެން މީހަކީވެސް ޤައުމަށްވުރެ ބޮޑުވާނެ ފަރާތެއް ނޫން ކަމެވެ. އެހެންވީމާ ތިމާމެންގެ ހިތުގެ އުދާސްތައް ބޭރުކުރުމުގައި އަބަދުވެސް އެންމެ ކުރިއަށް ނެރެންވާނީ ޤައުމުކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް