އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ނޫހަށް 18 ފުރުން

މިއަދު ނޫހަށް 18 ފުރުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު

މިއަދަކީ މިއަދުނޫހަށް 18 އަހަރު ފުރު ދުވަހެވެ. މި ދިގު މުއްދަތުގައި އެކި ގޮތް ގޮތުން މިއަދުނޫހަށް ޚިދުމަތް ކުރައްވަވާފައިވާ އެންމެހައި ފަރާތްތަކުން ކޮށް ދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމާއިއެކު އެކި ގޮތްގޮތުން މިއަދުނޫހަށް އެހީތެރިވެދެއްވި އަދި މިހާރުވެސް އެހީތެރިވެދެއްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަރިސްކުރަމެވެ.

މިއަދުނޫސް އުފެދިގެން އައީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ބޮޑެތި މައްސަލަތަކެއް ހުރި، ހަމައެހައިމެ ހަލަބޮލި ދުވަސްވަރެއްގައެވެ. މިއަދުނޫސް ވުހޫދަށް އައުމުގެ ސަބަބަކީވެސް އެކަންކަން ކަމަށް ވެދާނެއެވެ. ނަމަވެސް އަޅުގަނޑަކީ އެއިރު މިއަދުނޫހާއި އެހައި ގުޅުންހުރި މީހަކަށް ނުވާތީ އެކަންކަމުގެ ތަފްޞީލުތަކަށް ދާކަށް ނެތީމެވެ.

އެހެނަސް މިއަދުނޫސް އުފެއްދެވި ބޭފުޅުން ޚާއްޞަކޮށް ދައުލަތަށް ގިނަ ދުވަސްތަކަކު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، އަދި ދައުލަތުގެ އިސްމާޤާމުތަކެއް ފުރުއްވެވި އޮނަރަބަލް އަޙްމަދު ޢަބްދުﷲ އާއި އެމަނިކުފާނުގެ އަނބި ކަނބަލުން އަމީނާ މިއަދުނޫހުގެ އެންމެ އިސް ފާރާތުގެ ހައިޞިއްޔަތުން އެކި ގޮތް ގޮތުން ކޮށްދެއްވެވި ޚިދުމަތްތަކުގެ އަގު މިއަދުނޫހުން އަބަދުވެސް ވަޒަންކުރާނެއެވެ.

މިއަދުނޫހާއި އަޅުގަނޑު ގުޅުނީ 1 ނޮވެމްބަރު 2008 ގައެވެ. މެނޭޖިންގ އެޑިޓަރެއްގެ ހައިޞިއްޔަތުންނެވެ. އެއިރު ނުހުގެ އެޑިޓަރަކީ މިދުހަތު (މިދުބެ) އެވެ. މިއަދުނޫހާއި އަޅުގަނޑު ގުޅުނުތާ ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިދުބެ އިސްތިއުފާ ދެއްވައިފިއެވެ. ދެން މަސައްކަތްކުރީ އެޑިޓަރު ޖައުފަރު ރަޝީދުގެ ދަށުންނެވެ. ޖައުފަރު ވެސް ދާދި ކުޑަ ދުވަސްކޮޅަކަށްފަހު އިސްތިިއުފާ ދެއްވައިފިއެވެ.

އެޑިޓަރުގެ މަގާމަށް ބަދަލުވެ، ނޫސް ހިންގުމުގެ ހުރިހައި މަސްއޫލިއްޔަތުތަކާއި އަޅުގަނޑު ހަވާލުވީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަސް ހައިތަނުގައެވެ.


އަޅުގަނޑު މިއަދުނޫހާއި ގުޅުނު އިރު 30 އަށްވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރެއެވެ. ނިޔުސްރޫމްގައި އެކަނިވެސް 13 ވަރަކަށް މުވައްޒިފުން މަސައްކަތް ކުރިއެވެ.

ކަން ދިމާވީ ވަރަށް ހިތާމަވެރިގޮތަކަށެވެ. 11 ނޮވެމްބަރު 2008 ގައި ވެރިކަން ބަދަލުވެ ރައީސް މުޙައްމަދު ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުން ނޫސްތަކަށް ސަރުކާރުން ދެމުން ގެންދިއަ ހުރިހައި އެހީތަކެއް ކެނޑިގެންދިއައެވެ. ނަތީޖާއަކަށްވީ ޚަރަދުތައް ކުޑަކޮށް މުވައްޒިފުން މަދުކުރަންޖެހުމެވެ. ގެނައި ކުއްލި ބަދަލާއިއެކު ނޫސްތަކަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެގެން ދިއަކަން ފާހަގަކުރަންޖެހެއެވެ.

އެހުރިހައި ދަތިތަކާއިއެކުވެސް އަޅުގަނޑު މަސައްކަތްކުރީ މިއަދުނޫސް އުވި ނުގޮސް ދެމެހެއްޓުމަށެވެ. އެހެންކަމުން އަޅުގަނޑުގެ ހުރިހައި ވަގުތުތަކެއް މިއަދުނޫހަށް ހުސްކުރީމެވެ. ޤަވާއިދުން ނޫސް ނެރެވޭތޯ މަސައްކަތް ކުރީމެވެ. އެކަމުގައި އަޅުގަނޑަށް ﷲ މިންވަރު ކުރެއްވެވި ހިތްވަރަށްޓަކައި ﷲއަށް ޙާސްފަށުން ޙަމްދުކުރަމެވެ. ޢާއިލާ އިން ދިން އެއްބާރުލުމަށާއި އެހީތެރިކަމަށްޓަކައި ޢާއިލާއަށް ފަށްފަށުން ޝުކުރުވެރިވަމެވެ.

މިއަދުނޫސް ނެރެމުން އައި ފަރާތުން އައިބީސީއަށް ނޫސް ވިއްކައިލީ 3 މެއި 2013 ގައެވެ. އައިބީސީއަށް ވިއްކައިލި ފަހުން އެކުންފުނީގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ކިބައިން އަބަދުވެސް ލިބެމުން އައީ ވަރަށް ބޮޑު ހިތްވަރެކެވެ. އަބަދުވެސް ވިދާޅުވެފައިވަނީ "ބާރަށް ކުރިއަށް" ދިއުމަށެވެ. އެކަމަށްޓަކައި އެހުރިހައި ބޭފުޅުންނަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. ޚާއްޞަ ގޮތެއްގައި ވީމީޑިއާގެ ޗެއަރމަން ޤާސިމް އިބްރާހީމް މިއަދުނޫހަށް ކުރައްވަވާ އިތުބާރަށް ފަށްފަށުން ޝުކުރުވެރިވަމެވެ.

"ތިއަ އެންމެހައި ވެރިންނަށް ދަންނަވައިލަން ބޭނުމީ ކުރައްވަވާ އިތުބާރުގެ ބޭނުން މިއަދުނޫހުން ކުރާނީ އެކަމުގެ އަގު ވަޒަން ކުރަމުން" ކަމަށެވެ. "ނޫސްވެރިކަން ކުރަންވާނީ ނޫސްވެރިކަމުގެ ހަޤީޤީ އުޞޫލުތައް ހިފަހައްޓައިގެން" ކަމަށް ޗެއަރމަން ވިދާޅުވާ ވިދާޅުވުމަށް އަބަދުވެސް މިއަދުނޫހުން ފުރިހަމައަށް އީހްތިރާމްކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނަށް އަރުވަމެވެ.

މިއަދުނޫސް ހިންގުމަށް ކުރިމަތިވި މައްސަލަތަކާއި ދަތިތަކުގެ ވާހަކަތަކުގައި ބޭނުމީ ކަސްތޮޅު އަޅުވާށެވެ. އެއްވެސް ކަމަކީ މައްސަލަތަކެއް ނެތި ކުރިއަށްދާނެ ކަންކަމެއް ނޫނެވެ. މުހިންމީ މައްސަލަތައް ހައްލުކޮށް ކުރިއަށް ދިއުމެވެ. މައްސަލަތަކަށް ބިރުން ފަސްޖެހި ފިލުމުގެ ބަދަލުގައި މައްސަލަތަކާއި ކުރިމަތިލައި ހައްލު ހޯދުމެވެ. މާތްﷲ ވާގިފުޅާއިއެކު އެކަމުގެ ހިތްވަރު އަބަދުވެސް ލިބެއެވެ. މަގުވެސް ފަހިވެއެވެ.

މިއަދުނޫހުގެ އެންމެހައި އަހުލުވެރިންނަށް ދަންނަވައިލަން ބޭނުންވަނީ މިއަދުނޫސް ހިންގުމާއި ހަވާލުވެ އަޅުގަނޑު ހުރިހައި ދުވަހަކު މާތްﷲ ވާގިފުޅާއިއެކު މިއަދުނޫސް އަބަދުވެސް ދެމި އޮންނާނީ ޤައުމީ އަދި އިސްލާމް ދީނީ ނޫހެއްގެ ގޮތުގައި ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް