ޤައުމިއްޔަތަކީ ރައްޔިތުންގެ ހިތްތަކުގައި ފިސާރި ވަރުގަދައަށް ބިންވަޅު ނެގިފައި އޮންނަންވާނެ އެއްޗެއް
ޤައުމިއްޔަތަކީ ރައްޔިތުންގެ ހިތްތަކުގައި ފިސާރި ވަރުގަދައަށް ބިންވަޅު ނެގިފައި އޮންނަންވާނެ އެއްޗެއް
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު
ޤައުމިއްޔަތަކީ ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ފިސާރި ވަރުގަދައަށް ބިންވަޅުނެގިފައި އޮންނަ އެއްޗެކެވެ. ޤައުމިއްޔަތާއެކު ޤައުމީ ލޯބި ރައްޔިތުންގެ ހިތްތަކުގައި އާވެ އާލާވެ ހުރުމަކީ ހުރިހާ ގޮތަކުންވެސް ޤައުމަކަށްވެސް ހެވާ ލާބައާއި މަންފާލިބިގެންދާނެ ކަމެކެވެ. ޤައުމުގެ ތަރައްޤީ އާއި ކުރިއެރުމާ ރައްޔިތުންގެ މަޞްލަޙަތު ގުޅިފައިވަނީ ރައްޔިތުންގެ ހިތްތަކުގައިވާ ޤައުމިއްޔަތުގެ ލޯބީގެ މައްޗަށެވެ.
އަޅުގަނޑުމެން ދިވެހިންނަކީ ޒާމުއްސުރެވެސް ހަރުދަނާ ޤައުމިއްޔަތެއް ދަމަހައްޓަމުން އަންނަ ބައެކެވެ. މިރާއްޖޭގެ ފަޚުރުވެރި މިނިވަންކަމާ، މާތްވެގެންވާ އިސްލާމްދީނާ، އަޅުގަނޑުމެންގެ މާދަރީބަހާ އަޅުގަނޑުމެން ދަމަހައްޓަމުންދާ އާދަކާދަ އާއި ގޮތްތަކަކީ ދިވެހިންގެ ޤައުމިއްޔަތު ރަމްޒުކޮށްދޭ އެންމެ ބޮޑު ރައުސުލްމާލުތަކެވެ. އެއިން ހަމަ އެންމެ ކަމެއްވެސް އަޅުގަނޑުމެންގެ އަތުން ދޫވިޔަ ނުދިނުމަށް އަޅުގަނޑުމެންގެ ކާބަފައިން ވަނީ ބޮޑެތި ޤުރުބާނީ ތަކެއް ވެފައެވެ.
ޤައުމީ ދުވަހާއެކު އަޅުގަނޑުމެންގެ ހަނދާންތައް ގޮސް ހުއްޓެނީ ދިވެހިންނަށް މިނިވަންކަމުގެ ހިޔާވަހިކަމާ އުފާ ހޯއްދަވައިދެއްވުމަށް އެންމެ އަގުހުރި ޖިހާދެއް ކުރެއްވި އުތީމު މަހާރަދުން އައްޞުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޘަމްގެ ހަނދާންތަކާ ހަމައަށެވެ. ހަމަ އެއާއެކު، ބޮޑުތަކުރުފާނާއެކު އެޖިހާދުގައި ބައިވެރިވެވަޑައިގަތް ބަޠަލުންނާ ދިވެހިންގެ މިނިވަންކަމާ މިޤައުމުގެ ޝަރަފަށްޓަކައި އެތައް ޤުރުބާނީއެއް ވެވަޑައިގަތް ދޮންބަންޑާރައިންނާ، މިޤައުމަށްޓަކައި ހިތާ ހަށި ޤުރުބާންކޮށް އެހަށިތަކުން ޤައުމީ ޖިހާދުގެ ލޭ މި ބިމަށް އޮހޮރުވާލި ޢަލީ ރަސްގެފާނާ ޝަހީދު ޙުސައިން އާދަމްފަދަ ބަޠަލުންގެ މަތިވެރި ޤައުމި ޛިކުރާ ތަކާ ހަމައަށެވެ.
ޤައުމީ އަބްޠާލުންނާ ބަޠަލުންގެ ލޭ އޮރުވުމާ އެތައް ޤުރުބާނީއަކާއެކު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިން މިލޮބުވެތި ޤައުމުގެ ދަރިންގެ ހިތްތަކުގައި ޤައުމީ ވަހުދަތު އިތުރުކޮށް ޤައުމީ ލޯބި އާލާ ކުރުމުގެ މަސައްކަތް އިތުރުކޮށް ވަރުގަދަ ކުރަން މިވަނީ ޖެހިފައެވެ. ޒުވާނުންނާ ޅަދަރީންގެ ހިތްތަކުގައި ދީނީ ޢަޤީދާ ހަރުދަނާކޮށް، މިނިވަންކަމުގެ އަގުތައް ދަމަހައްޓައި، ޤައުމީ ބަޠަލުންގެ ޖިހާދުން ހިއްވަރު ލިބިގަންނަން ދަސްކޮށްދޭން ވަނީ ޖެހިފައެވެ.
އަޅުގަނޑުމެންނަށް ލިބުނު ތަރައްޤީއާއި ކުރިއެރުމާއެކު ޤައުމިއްޔަތަށް ލިބެމުންދާ އަދި ލިބިފައިވާ ލޮޅުންތަކުން އަރައިގަނެ އަޅުގަނޑުމެންގެ މެދުގައި މަޞްލަޙަތު ޤާއިމްކޮށް ބައިބައިވުންތައް ނައްތާލަން ކުރަންޖެހޭ މަސައްކަތްތައް އިތުރުކުރަން މިއަދު މިވަނީ ޖެހިފައެވެ.
އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ވާރުތަކޮށްދީފައިވަނީ ފިސާރި ވަރުގަދަ އެކުވެރި ކަމުގެ ލާމަސީލު ގުޅުމެކެވެ. އެއްބައިވަންތަކަމާ އެއްބައެއްވަންތަކަމުގެ ފުރިހަމަ ކަމެވެ. އެހެންކަމުން ކާބަފައިން ވާރުތަކޮށްދިން ފަދައިން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމާ، އޯގާތެރިވުމާ، އަޅާލައި އެހީތެރިވުން އިތުރުކުރަން މިއަދު މިވަނީ ޖެހިފައެވެ. މިކަންކަން ކުރެވޭނީ އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑުގައި ހަމަޖެހުމާ މަޞްލަޙަތު ޤާއިމްވެ އޮވެގެންނެވެ. އަޅުގަނޑުމެންގެ ކިބައިގައި ނުގުޑާފަދަ ޢަޒުމަކާ ޤައުމު އާރާސްތުކުރުމުގެ ހިއްވަރު ހުރެގެންނެވެ. ޤައުމުދެކެ ލޯބިވާ ޤައުމަށް ހެޔޮއެދޭ ޤައުމީ ލޭ ހިނގާ ދިވެހި ދަރިންތަކެއް މިޤައުމުގައި ތިބެގެންނެވެ.
ޤައުމީ ދުވަހަކަށް ދިވެހި ޖައްވު އަލިވިލެމުންދާ މިއުފާވެރި ވަގުތު އަޅުގަނޑުމެން އެންމެ އެއް ޢަޒުމެއްގައި، އެއް ރޫޙެއްގައި މަސައްކަތްކޮށް އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަން އިތުރުކޮށް ޤައުމީ ވިސްނުމާ ފިކުރު ކުރިއަށްނެރެންވީއެވެ. ޤައުމިއްޔަތު ދިރުވައި އާލާކޮށް އެކުވެރިކަމާ އެއްބައިވަންތަކަމާއެކު މިޤައުމުގައި ދިރިއުޅުމުގެ ފުރުޞަތު އަބަދުވެސް ދެމި އޮތުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް އުފަލާއެކު ކުރަންވީއެވެ. މި ޤައުމުގައި ހަރުދަނާ ޤައުމިއްޔަތެއް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި ދިރުވައި އާލާކުރަންވީއެވެ. ޤައުމީ ލޯތްބަކީ ކޮންމެ ދަރިއެއްގެ ހިތުގައި ވަރުދައަށް ބިންވަޅުނެގިފައިވާ އެއްޗަކަށް ހަދަންވީއެވެ
(މިލިޔުމަކީ ޕޮލިސް ލަިފްއަށް ފުލުހުންގެ މީޑިއާ އޮފިޝަލް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިސްމާޢީލް ޢަލީ ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ.)
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މޫސާ ވަހީދު
13 ޑިސެމްބަރ 2015