އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެވެށި އަނިޔާގެ މައްސަލަތައް ފޮރުވައި ރައްކައު ކުރުމަކީ ޙައްލެއް ނޫނެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ފޮރުވައި ރައްކައު ކުރުމަކީ ޙައްލެއް ނޫނެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 26 ސިކުންތު

ގެވެށި އަނިޔާގެ މައްސަލަތަކުގެ ވާހަކައަކީ ދިވެހި މުޖުތަމަޢުގައި ޢާއްމުވެ ބައު ވެފައިވާ ވާހަކައެކެވެ. ނަމަވެސް އެ ވާހަކައަކީ ނުދައްކައި ދޫކޮށްލައިގެން ތިބެވެން އޮތް ވާހަކައެއް ނޫނެވެ. އޭގެ ސަބަބުން ޢާޢއިލާ ތަކަށާއި މުޖުތަމަޢަށް ލިބެމުންދާ ގެއްލުން އިންތިހާއަށް ބޮޑުވަމުން ދާތީއެވެ. ކުށެއްނެތް މައުސޫމު ޅަ ދަރިންނާއި ޒުވާން އަންހެނުންނާއި ފިރިހެނުންވެސް މި ނުރައްކާތެރި ވަބާގައިޖެހި ބޮޑެތި އަނިޔާތައް ލިބެމުންދާ މައްސަލައަކަށް ގެވެށި އަނިޔާގެ މައްސަލަތައް ވަމުންދާތީވެސް މެއެވެ. އެކަމަކު ހިތާމައަކީ މިއަދުވެސް މިފަދަ މައްސަލަތައް ފޮރުވައި ރައްކައުކުރަން މުޖުތަމަޢުން މަސައްކަތް ކުރާ ކުރުމެވެ.

ގެވެށި އަނިޔާ ކަމަށް، ޤާނޫނު ނަމްބަރު 2012/2 “ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު” ގައި ބަޔާން ކޮށްފައިވަނީ “ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެގުޅުމުގެ ތެރޭގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް އަނިޔާގެ ޢަމަލު ހިންގުން” ކަމަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ގެވެށި އަނިޔާއަކީ ޢާއިލާ ތެރޭގައި ނުވަތަ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ މީހެއްގެ ނުވަތަ ބަޔަކުގެ ކިބައިން އެހެން މީހަކަށް ނުވަތަ ބަޔަކަށް ލިބިގެންދާ އަނިޔާއެވެ. ތިލަކޮށް ދަންނަވާނަމަ ފިރިންގެ ފަރާތުން އަނބިންނަށް ލިބޭ އަނިޔާ އާއި އަނބިންގެ ފަރާތުން ފިރިންނަށް ލިބޭ އަނިޔާ އާއި މައިން ބަފަައިންނާއި ބޮޑެތި މީހުން ނުވަތަ ބަދަލުވެރިންގެ ފަރާތުން ތުއްތު ކުދިންނަށާއި އެނޫންވެސް އެފަދަ ފަރާތްތަކަށް ލިބޭ އަނިޔާ ހިމެނިގެންދަނީ ގެވެށި އަނިޔާގެ ގޮތުގައެވެ.

އިންސާނުންނަށް ލިބޭ ކޮންމެ އަނިޔާއަކީ ލޮލަށް ފެންނަން ހުންނަ އަނިޔާއެއް ނޫނެވެ. ގެވެށި އަނިޔާގެ ތެރޭގައިވެސް ލޮލަށް ނުފެންނަ އެހެނަސް އަނެކާގެ ޖިސްމަށް އެއިން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާ އަނިޔާތައް ހިމެނެއެވެ. ތަޅައި އަނިޔާ ކުރުމުގެ ބަދަލުގައި ހިތްދަތިކޮށް، ވޭންދެނިވި އިޙްސާސްތައް ކުރުވާޒާތުގެ ކަންކަން ކުރިމަތިކޮށް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް މުޅި މީހާގެ ދިރިއުޅުން ބަދަލުކޮށްލާފަދަ ކަންކަން ގެވެށި އަނިޔާގެ ތެރޭގައި ހުންނަނީކީ މަދަކުންނޫނެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިންތިހާއަށް އޮތް ނަމަވެސް އެފަދަ މައްސަލަތައް ޢާއިލާތަކުން ދެކެނީ އެއީ “ޢާއިލީ ކަމެއް” ގެ ގޮތުގައެވެ. އެކަންކަން ފޮރުވައި ރައްކާކޮށްގެން ތިބެނީ “ޢާއިލީ ބޮޑު ސިއްރުގެ” ގޮތުގައެވެ. ޢާއިލާތަކުގެ ތެރޭގައި ހިނގާ ގެވެށި އަނިޔާގެ ކަންކަން ހައްދުން ނެއްޓި އަވަށްޓެރިންނަށާއި ދުރުހިލޭ މީހުންނަށް އެނގިގެންދާއިރު އޮންނަނީ “ވާނެ ހައެތި” ވެފައެވެ. އަނިޔާގެ ޝިކާރަވެރިޔާއަށް ސަލާމަތް ނުވެވޭ ހިސާބަށް ގޮސްފައެވެ. އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ޙައްލު ހޯދުމުގެ ބަދަލުގައި ފޮރުވައި ރައްކައުކޮށްގެން ތިބެނީއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ނިމިގެންދިޔަ 2015 ވަނަ އަހަރަކީ ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުނު މިންވަރު ކުރީ އަހަރުތަކަށްވުރެ އިތުރުވެގެންދިޔަ އަހަރެކެވެ. ގެވެށި އަނިޔާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުން އިތުރުވި އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައީ ކުށެއްނެތް މައުސޫމު ކުއްޖެއްގެ ފުރާނަ އެފަދަ އަނިޔާތަކާއެކު ނެތި ދިއުންކަމުގައި ވުމީ އެކަށީގެންވާ ކަމެކެވެ. ކުށުގެ ޝިކާރައަކަށްވެ ގެވެށި އަނިޔާއިން އަނިޔާ ލިބުނު މިންވަރު 2014 ވަނައަހަރަށްވުރެ 2015 ވަނައަހަރު 81.7 އިންސައްތަ އިތުރު ވިއެވެ. ހުށަހެޅުނު މައްސަލައިގެ ޢަދަދުން ބަލާނަމަ 2014 ވަނައަހަރު ހުށަހެޅުނީ 186 މައްސަލަ ނަމަވެސް 2015 ވަނައަހަރު 338 މައްސަލަ ހުށަހެޅިގެން ދިޔައެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވަމުންދާ ދިއުމަކީވެސް ގެވެށި އަނިޔާ ހުއްޓުމަކަށް ނައިސް ކުރިޔަށްދާކަމުގެ ހެއްކެކެވެ. 2014 ވަނައަހަރު ޖިންސީ އަނިޔާގެ ނުވަތަ ގޯނާގެ 476 މައްސަލަ ހުށަހެޅުނުއިރު 2015 ވަނައަހަރު 531 މައްސަލަ ހުށަހެޅިގެން ދިޔައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުން އިތުރު ނަމަވެސް އަދިވެސް އަޅުގަނޑުމެންގެ ސަޤާފަތަކީ ޢާއިލީ ކަންކަމާ އެހެން މީހުން ބެހުމުގެ ފުރުޞަތު ނުދީ ގެވެށި އަނިޔާގެ ޝިކާރަވެރިންގެ ގޮތުގައި އެތައް ބަޔަކު ނިކަމެތި ކަމުގައި ބޭތިއްބުމެވެ. ގެވެށި އަނިޔާއިން ޝިކާރަވެރިން ސަލާމަތް ކުރުމުގެ ބަދަލުގައި އެފަދަ ކަންކަން ހުތުރު ކަންކަމުގެ ގޮތުގައި ފޮރުވައި ސިއްރުކޮށްފައި ބޭއްވުމެވެ. ނަތީޖާ އަކަށް ވެގެންދަނީ އެތައް ބަޔަކު ދިރިއުޅުންމަތިން ފޫހިވެ މާޔޫސް ކަންމަތީގައި ދުވަސްތައް ވޭތު ކުރަންޖެހުމެވެ. ގެވެށި އަނިޔާއިން ލިބޭ އަނިޔާއަށް ކެތް ނުކުރެވި މަދުން ނަމަވެސް މި ދުނިޔެއާއި ބައެއް މީހުންނަށް އަލްވަދާޢު ކިޔަން ޖެހުމެވެ.

އެހެންކަމުން މިއަދު އަޅުގަނޑުމެން އެންމެން އަތާ އަތް ގުޅާލައި، ފިސާރި ސަމާލުވެ ތިބެގެން ގަދަ ހިތްވަރާއެކު މަސައްކަތް ކޮށް، ދިވެހި މުޖުތަމަޢުން ގެވެށި އަނިޔާގެ ނުރައްކާ ނައްތާލަން މަސައްކަތް ކުރަން މިވަނީ ޖެހިފައެވެ. ޅަދަރިންނާއި ފުރާއަރުގެ ކުދިންނާއި ޒުވާނުންނާއި ހަރު މިހުންނާއި ދުވަސްވީ މީހުން ގެވެށި އަނިޔާއިން ސަލާމަތްކޮށް އުފާ ފާގަތިކަން ގެނެސް ދިނުމަށް ގުޅިގެން މަސައްކަތް ކުރުން އިތުރު ކުރަން ވަނީ ޖެހިފައެވެ. ގެވެށި އަނިޔާގެ މައްސަލަތަކަކީ ފޮރުވައި ރައްކައުކުރެވޭ ނުވަތަ ޢާއިލީ ކަރާމާތް ގެއްލިދާފަދަ މައްސަލަތަކެއްގެ ގޮތުގައި ނުދެކި އެއީ ބަޔަކު އަނިޔާގެ ޝިކާރައިން ސަލާމަތްކޮށް ފާގަތި ދިރިއުޅުމަކަށް ކޮށްދެވޭ ހެޔޮ ކަމެއްގެ ގޮތުގައި ދެކިގެން ގެވެށި އަނިޔާ ހުއްޓުވަން މަސައްކަތްކުރަން މިވަނީ ޖެހިފައެވެ. ގެވެށި އަނިޔާގެ މައްސަލަތައް ފަސް އަޅައި ފޮރުވައި ރައްކައުކޮށްގެން ތިބުމަކީ މައްސަލައަށް އޮތް ޙައްލުކަމުގައި ދެކިގެން ތިބުން ހުއްޓާލަން މިވަނީ ޖެހިފައެވެ.

މިލިޔުމަކީ ޕޮލިސް ލައިފްގައި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިސްމާޢީލް ޢަލީ ލިޔުއްވައިފައިވާ ލިޔުމެކެވެ. ލިޔުމުގެ މުހިންމުކަމުން ލިޔުން ޝާއިޢު ކޮށްފައި އެވަނީ އަސްލާއި އެއްގޮތަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް