އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަކީ ނާމާންތަނެއްގެ ގޮތުގައި ދެއްކުން: ރައްޔިތުންނަށް ކުރެވޭ އެންމެ ބޮޑު އަނިޔާ

ރާއްޖެއަކީ ނާމާންތަނެއްގެ ގޮތުގައި ދެއްކުން: ރައްޔިތުންނަށް ކުރެވޭ އެންމެ ބޮޑު އަނިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ރާއްޖެއަކީ ބިރުވެރި ނާމާންތަނެއްގެ ގޮތުގައި ދެއްކުމަކީ ދިވެހި ރައްޔިތުންނަށް ކުރެވޭ އެންމެ ބޮޑު އަނިޔާކަމަށް ގިނަ ބައަކު ދެކެއެވެ. ސަބަބަކީ އެކަމުގެ ސަބަބުން ޤައުމުގެ އިޤްޠިޞާދަށް ސީދާ ގޮތުގައި ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާތީއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހަކީ ރާއްޖެއަށް ޚާއްޞަ ޙާލަތެއް ކުރިމަތިވި ދުވަހެކެވެ. ގިނަ ބައަކު އެދުވަސް ފާހަގަކުރަނީ ބޮޑު ހުޅުގެ ދުވަހުގެ ގޮތުގައެވެ. ކޮންމެ ގޮތަކުން ހިނގައި ދިއަ ނަމަވެސް އެދުވަހުގެ އެކަންކަން ހިނގައި ދިއައީ ދިވެހިންނަކީ ހުޅުޖަހާ ބައަކަށްވާތީއެއް ނޫނެވެ. ހުޅުޖެހުމުގެ އާދަ ހިފައިފައި ތިބި ބައަކަަށްވާތީއެއްވެސް ނޫނެވެ. އެދުވަހުގެ ބޮޑު ހުޅަކީ ސިޔާސީ ފިކުރުގައި ބައަކު ހައްދުފަހަނައަޅައި ދިއުމުން ހިނގައިދިއަ ޚާއްޞަ ހާދިސާތަކެކެވެ.

އެހެންކަމަށްވާއިރު އެދުވަހުގެ އަޑުތަކާއި މަންޒަރުތައް މިއަދު ތަކުރާރުކުރާނަމަ އެއީ ކުރެވޭ ރަނގަޅު ކަމެއްކަމަކަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.

ހަމައެފަދައިން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައިލުމުންނާއި އެކަމާއި ގުޅިގެން ހިންގި އޮޕަރޭޝަން ތަކުގައި ފެނުނު ހަތިޔާރާއި އެކަންކަމާއި ގުޅިގެން ސަލާމަތީ ބާރުަތަކުން ހާމަކުރި ހާމަކުރުންތަކާއިމެދުވެސް ވިސްނައިލަންޖެހެއެވެ.

ރާއްޖެއަކީ ހަނގުރާމަވެރިތަނެއް ނޫނެވެ. ހަތިޔާރު ގެންގުޅޭ ތަނެއް ނޫނެނެވެ. ތަންތަން ގޮއްވައި މީހުން މަރާ ޤައުމެއްވެސް ނޫނެވެ.

އެހެންކަމަށްވާއިރު ޚާއްޞަ ހާލަތްތަކެއްގައި ހިނގައިފައި ހުންނަ މިބާވަތުގެ ކަންކަމުގެ ވާހަކަތަކާއި މަންޒަރުތައް ޢާންމުކޮށް ދައްކައި ރާއްޖެއަކީ ބިރުވެރިކަމުން ފުރިގެންވަ ނާމާންތަކެއްގެ ގޮތުގައި ދައްކުވަން މަސައްކަތްކުރުމަކީ އިންސާފުން އެއްކިބާވެތިބި ޤައުމުގެ އަދާވާތްތެރިން ކުރަމުން ގެންދާ ކަންކަމެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގައި އާދައާ ޚިލާފު، ބިރުވެރި ކަންތައްތަކެއް ހިނގައިދިއަ ދުވަހެކެވެ. ހަތިޔާރުން ހަނގުރާމަކުރެވުނު ދުވަހެކެވެ. އެތައް ބައަކު މަރުވެ ދިއަ ދިއަ ދުވަހެކެވެ. ހަނގުރާމައިގައި އެތައް ބައަކު ޝަހީދުވެދިއަ ދުވަހެކެވެ. މަގުތަކުގައި ލޭ ކޯރުތައް ހެދުނު ދުވަހެކެވެ.

އެދުވަހުގެ މަންޒަރުތައް އާންމުކޮށް މިއަދު ދައްކާނަމަ ހަޤީޤަތް ނުއެނގޭ މީހުންނަށް ޤަބޫލުކުރެވޭނީ އެއީ މިއަދުވެސް ރާއްޖޭގެ ޙާލަތުކަމަށެވެ. އެކަމުގެ ސަބަބުން ޤައުމަށް ލިބެމުން ދާނީ ބޮޑެތި ގެއްލުންތަކެކެވެ. ގެއްލުން ލިބި ނިކަމެތިވެގެންދަނީ ޤައުމުގެ އިޤްޠިޞާދެވެ. ފަޤީރުވެ ބަނޑަށް ޖެހެމުން ދާނީ ދިވެހި ރައްޔިތުންނެވެ.

ހިތާމައަކީ މިފަދަ އެއްވެސް ކަމަކަށް ވިސްނައިލުމެއް އަދި ބަލައިލުމެއް ނެތި މިއަދުވެސް ރާއްޖޭގެ ބައެއް މީޑިއާތަކުން އަމަލުކުރަމުން ގެންދާ ކަމެވެ. އަދި އެފަދަ މީޑިއާތަކާއިމެދު އެއްވެސް ފިޔަވަޅެއް ބެލެނިވެރިފަރާތުން ނުއަޅާކަމެވެ.

ޤައުމުގެ އިޤްޠިޞާދަށް ގެއްލުން ދިނުން ހުއްޓައިލަން އެބަޖެހެއެވެ. ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ ބައަކު ދިވެހި ޤައުމުގެ އިޤްޠިޞާދަށް ގެއްލުމެއް ނުދޭނެއެވެ. އެއީ އެންމެން ވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ.

ސިޔާސީ ވާދަވެރިކަން އަބަދުވެސް އޮންނާނެއެވެ. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އިދިކޮޅުގައި ބައަކު ތިބޭނެއެވެ. ސިޔާސީ ވާދަވެރިކަމުގައި ރައްޔިތުން ބަނޑަށް ނުޖައްސައި ރޭސްޖަހަން ނުއެނގޭނަމަ ކުރިއަށް އެދަނީ ސިޔާސީ ވާދަވެރިކަމެއް ނޫނެވެ. އަނިޔާވެރިކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް