އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނުގެ މައްސަލަތަކަށް ގޮތެއް ނުނިންމާ އަހަރުތައް ފާއިތުވާކަން

އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނުގެ މައްސަލަތަކަށް ގޮތެއް ނުނިންމާ އަހަރުތައް ފާއިތުވާކަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

"ކޮރަޕްޝަން، ކޮރަޕްޝަން، މިތާވެސް ކޮރަޕްޝަން، އެތާވެސް ކޮރަޕްޝަން، މުޅި ޤައުމުގައިވެސް ކޮރަޕްޝަން" މިއީ ގިނަ ބައަކު ލަވައެއްގަ ކިޔައިއުޅޭ ބަސްތަކެކެވެ.

ކަން މިހެން އޮތްއިރު ގިނަބައަކު ބުނަނީ މިޤައުމުގައި އޮތް އެންމެ ބޮޑު ކޮރަޕްޝަނަކީ ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކަށް ގޮތެއް ނުނިންމާ އަހަރުތައް ފާއިތުވުންކަމަށެވެ.

މިމޭރުމުން ބުނާ މީހުން ބުނަނީ އޮޑިޓަރ ޖެނެރަލް އެންމެ ފުރަތަމަ ނެރުނު ރިޕޯޓްތައް ކަމަށްވާ 2007 ވަަނަ އަހަރު ނެރެފައިވާ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައި ހުރި މައްސަލަތަކުގެ ތެރޭގައި އަދިވެސް ގޮތެއް ނުނިމޭ މައްސަލަތައް އެބަހުރި ކަމަށެވެ. "މީގައި މިވާ ގޮތަކީ ރިޕޯޓެއް ނެރުނީމާ އެއީ ތެދެއްކަން ނުވަތަ ނޫންކަން އެނގެން އެބަޖެހޭ. އެހެން ނޫންނަމަ މިވާގޮތަކީ އެކަން މިއޮންނަނީ ކޮރަޕްޝަނުގެ ތުހުމަތެއްގެ ގޮތުގައި. އެއީ ޞައްޙަ ތުހުމަތެއްކަން ނުވަތަ ބާޠިލު ތުހުމަތެއްކަން ކަނޑައަޅާނެ ގޮތެއް ނެތް. ނަތީޖާއަކީ ތުހުމަތުގެ އިނގިލި އެފަރާތަކަށް ދިއްކުރެވިފައި އޮތުން."

ހަމައެފަދައިން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރިމަތިކުރެވިފައިވާ ބައެއް ފަރާތްތައް މިހާރުވަނީ ދުނިޔެ ދޫކޮށްފައެވެ. ބައެއް މީހުން ތިބީ އެއްވެސް ސުވާލަކަށް ޖަވާބެއް ދެވެން ނެތްވަރަށް ބަލި ހާލުގައެވެ.

މިއީ ކަންބޮޑުވާންޖެހޭ ކަންކަމެވެ. ކޮރަޕްޝަނުގެ ތުހުމަތު ކުރެވުމުން އެކަން ރައްދުވާ ފަރާތާއިމެދު ގޮތެއް ނުނިންމައި ލަސްވަމުން ދިއުމުން ތާރީޚު ލިޔާ މީހުންނަށްވެސް ދަނީ މައްސަލަތައް ކުރިމަތިވަމުންނެވެ. ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ބައެއް ފަރާތްތަކަކީ ޤައުމަށް ބޮޑެތި ޚިދުމަތްތަކެއް ވެސް ކޮށްދީފައިވާ ފަރާތްތަކެކެވެ. އެހެންކަމުން އެފަދަ ފަރާތެއްގެ ތާރީޚު ލިޔާއިރު ލިޔަންވީ ފުރިހަމައަށް ލިޔަން ލިޔުންތެރިންނަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

ހަމައެއާއިއެކު ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބައެއް ބޭފުޅުންނަކީ ދީނީ ނަޞޭޙަތްވެސް ދެއްވަމުން ގެންދަވާ ބޭފުޅުންނެވެ. އެފަދަ ބޭފުޅެއްގެ ނަޞޭޙަތް އަޑުއެހުމަށް ދަތިތަކެއް ހުންނަކަމަށް ގިނަ ބައަކު ބުނެއެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ އެތައް ބައަކު ސަރުކާރުތަކުގައި މަތީފެންވަރާއި ހުރިހައި ފެންވަރެއްގައި ވަޒީފާ އަދަކުރެއެވެ. އެހެންކަމުން ގިނަ ބައަކު ބުނަނީ ކޮރަޕްޝަނުގެ އަމަލުތައް ނުކުރަންވީ ސަބަބެއް ރާއްޖޭގައި ނެތްކަމަށެވެ.

ކޮންމެއަކަސް މިފަދަ އެތައް މައްސަލަތަކެއް ހުރިއިރު އެންމެ މުހިންމު އެއް ކަމަކީ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ މައްސަލަތައް ވީހައި އަވަހަކަށް ނިންމުމެވެ. ޞައްހަ ތުހުމަތެއްކަން ނުވަތަ ނޫންކަން ނިންމައި ޢާންމުކޮށް އިއުލާނުކުރުމެވެ. ފިޔަވަޅު އަޅަންޖެހޭނަމަ އަވަހަށް ފިޔަވަޅު އެޅުމެވެ.

ކޮރަޕްޝަނަށް ތުހުމަތު ކުރެވުމަކީ އަބުރު ގެއްލޭ ކަމެކެވެ. އެއީ އެކަން ވާނެވެސް ގޮތެވެ. ކޮރަޕްޝަން ހިމެނޭ މައްސަލައެއްގެ ރިޕޯޓް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާއަކުން ނެރެފިނަމަ ރައްދުވާ ފަރާތަކުން އަމިއްލައަށް ކޯޓަށް ގޮސް އެކަމުން ބަރީއަވަންދެން އެ ރިޕޯޓަކީ ޞައްޙަ ރިޕޯޓެކެވެ. ތުހުމަތަކީ ޞައްޙަ ތުހުމަތެކެވެ. އެހެންކަމަށްވާއިރު މިއަދު މިޤައުމުގެ ހާލަކީ ކޮައިތޯ ގިނަ ބައަކު ސުވާލުކުރެއެވެ.

ކޮރަޕްޝަނުގެ މައްސަލަތަކުގެތެރޭގައި ގިނައިން މިހުންނަނީ ފައިސާގެ މައްސަލަތަކެވެ. ކޮންމެ މައްސަލައެއްވެސް ގޮސް ގުޅެނީ ފައިސާ އާއިއެވެ. އެއްގޮތަކީ ދައުލަތުގެ ފައިސާ ދައުލަތަށް ގެއްލުމެވެ. ދެވަނަ ގޮތަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނުލިބުމެވެ. ނުވަތަ ދައުލަތަށް ލިބެންޖެހޭ މިންވަރަށް ނުލިބުމެވެ. މިއިން ކޮންމެ ގޮތެއްގައިވެސް ދައުލަތުގެ މާލިއްޔަތަށް ގެއްލުންތަކެއް ލިބެއެވެ.

ދައުލަތުގެ މާލިއްޔަތު ކުރިއަރުވައި ޤައުމުގެ އިޤްޠިޞާދު ރަނގަޅުކުރަން ރައީސް ޔާމީން ގެންދަވަނީ ވަރަށް ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އެމަނިކުފާނުގެ އިޤްޠިޞާދީ ސިޔާސަތައްވެސް އެންމެ ބޮޑު ފައިދާއެއް ކުރާނީ ކޮރަޕްޝަން ނައްތައިލެވިގެންނެވެ. ކޮރަޕްޝަނުގެ އަމަލުތައް ހިންގާ މީހުންނާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅައިގެންނެވެ. ދައުލަތުން ގެއްލޭ ފައިސާ އަނބުރައި ދައުލަތައް ޙޯދައިގެންނެވެ.

އެހެންކަމުން ކޮރަޕްޝަނުގެ އަމަލުތަކަށް ވީހައި އަވަހަކަށް ގޮތެއް ނިންމުމަކީ ހުރިހައި ގޮތަކުން ވެސް އެންމެ ފައިދާހުރި ގޮތްކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެެ. ގިނަ ބައަކު ބުނަނީ މައްސަލައެއް ބަލަން 5 އަހަރު، އެމައްސަލައަކަށް ދައުވާކުރަން 5 އަހަރު އަދި ޝަރީއަތުގެ މަރުހަލާގައި 5 އަހަރު ހޭދަވާނަމަ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ ބޭނުމެއް ނެތް ކަމަށެވެ. އޮޑިޓް ރިޕޯޓްތަކާއި އެހެން އެފަދަ ރިޕޯޓްތައް ނެރުމުގެ ވެސް ބޭނުމެއްެ ނެތް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް