އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިންނަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އާ ސޭވިންގ އެކައުންޓެއް ތަޢާރަފްކޮށްފި

ކުޑަކުދިންނަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އާ ސޭވިންގ އެކައުންޓެއް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ބޭންކް އެކައުންޓް ތަޢާރަފްކޮށްފިއެވެ.

މިއަދު ތަޢާރަފްކުރި ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓަކީ
ކުޑަކުދިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކޮށް އަދި ފަހަށް ރައްކާކުރުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރުމަށް ބާރު އެޅުމުގެ ގޮތުން ޚާއްސަ ކަންތައްތަކެއް ހިމަނައިގެން ތަޢާރަފްކުރި އެކައުންޓެކެވެ.

އުމުރުން 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓެއް ހުޅުވޭނެއެވެ. އަދި މި އެކައުންޓް އޮޕަރޭޓްކުރެވޭނީ އެ ކުއްޖެއްގެ މަންމަ ، ބައްފަ ނުވަތަ ގާނޫނީ ބެލެނިވެރިއަކަށެވެ.
ކުރިން ބޭންކުން އައީ މައިނަރ އެކައުންޓްގެ ނަމުގައި ސޭވިންގ އެކައުންޓާ އެއް ގޮތަށް ކުޑަކުދިންނަށް އެކައުންޓް ހުޅުވައިދެމުންނެވެ. ނަމަވެސް ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމަށް ބޭނުންވާ އަދަދު ދަށްކޮށް އަދި އިންޓްރެސްޓް ރޭޓް ވަނީ މަތިކޮށްފައެވެ.

މި އެކައުންޓް ދިވެހި ރުފިޔާ އާއި ޑޮލަރުންވެސް ހުޅުވޭއިރު އެކައުންޓްގައި ބަހައްޓަންޖެހޭ އެންމެ ދަށް އަދަދަކީ 100 ރުފިޔާ އަދި 10 ޑޮލަރެވެ. ދިވެހި ރުފިޔާ އެކައުންޓްތަކަށް 2 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއް ހަމަޖެހިފައިވާއިރު ޑޮލަރު އެކައުންޓަށް ވަނީ 1.5 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއް ހަމަޖައްސާފައެވެ.

ކިޑްސް ސޭވަރ އެކައުންޓް އޮޕްރޭޓްކުރާ ފަރާތަކުން ބޭނުންވާ ގޮތަކަށް އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތުވެސް ލިބެ އެވެ. އެގޮތުން ބޭނުންވާނަމަ ކޮންމެ މަހަކު ނުވަތަ ތިންމަހުން އެއްމަހު ވެސް މި ގޮތަށް ފައިސާ ޖަމާކުރެވިދާނެއެވެ. މި ގޮތަށް ޖަމާކުރާއިރު އެއްވެސް ޗާޖެއް ނުނަގާނެއެވެ. އަދި މީގެ އިތުރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކައުންޓް ބަލާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ފަރުމާކުރެވިފައިވަނީ ދިގުމުއްދަތެއްގައި ކުދިންގެ މުސްތަޤްބަލަށްޓަކައި ރައްކާކުރާ ފައިސާ އެ ކުދިންނަށް އުމުރުން 18 އަހަރުވުމުން އެ ފައިސާގެ ބޭނުން ހިފޭ ގޮތަށެވެ. މި ގޮތުން މި އެކައުންޓްގައި ހުންނަ ފައިސާ މަތީ ތަޢުލީމް ހޯދުމަށް ބީއެމްއެލް އިން ދޫކުރާ ކިޔަވާލޯނުގެ އިކުއިޓީ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ.ބޭސްފަރުވާ އަށާއި ކުއްޖާގެ ކިޔެވުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދެއްކުރުމަށްޓަކައި މި އެކައުންޓުން ކޮންމެ މަހަކު އެއްފަހަރު ފައިސާ ނެގުމުގެ ފުރުސަތު ބެލެނިވެރިޔާ އަށް ލިބޭނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހިލޭ ގިފްޓް ޕެކް ލިބޭނެއެވެ. އަދި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތުވެސް ލިބޭނެއެވެ

މި އެކައުންޓް ތަޢާރަފްކުރުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކުޑަކުދިންނަށް ޙާއްސަކުރެވިގެން ރާއްޖޭގައި ހުޅުވޭ ފުރަތަމަ އެކައުންޓް ތަޢާރަފްކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "ޤައުމީ ބޭންކުގެ ހައިސިއްޔަތުން ރާއްޖޭގެ ކުރިމަގުގެ ޒުވާން ޖީލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަމަށް ދެކެން. މި އެކައުންޓްގައި ޙާއްސަ ކަންތައްތަކެއް ހިމެނޭއިރު ސޭވިންގ އެކައުންޓަށް ވުރެ ރަނގަޅު އިންޓްރެސްޓެއް ލިބި އަދި އެއްވެސް ފީ އަކާ ނުލައި ޝެޑިޔުލްކޮށް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ. ކުޑަކުދިންގެ މުސްތަޤްބަލަށްޓަކައި ރައްކާކުރަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ކިޑްސް ސޭވަރ އިޚްތިޔާރުކުރުމަށް ބެލެނިވެރިންނަށް ދަންނަވަން."

ދާދި ފަހުން ބޭންކުން ތަޢާރަފްކުރި އެޕޮއިންޓްމަންޓް މެދުވެރިކޮށް އެކައުންޓް ހުޅުވުމުގެ ނިޒާމުގެ ދަށުން އެކައުންޓް ހުޅުވަން ބޭނުންވާ ކަސްޓަމަރުން ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އާގުޅުމުންއ ެޕޮއިންޓްމަންޓް ހަމަޖެހޭނެއެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު