އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގައި ސްމާޓްސިޓީއެއް ގާއިމްކުރުމުގެ މަސައްކަތުގައި އުރީދޫ އާއި އެޗްޑީސީއިން ސޮއި ކޮށްފި

ހުޅުމާލޭގައި ސްމާޓްސިޓީއެއް ގާއިމްކުރުމުގެ މަސައްކަތުގައި އުރީދޫ އާއި އެޗްޑީސީއިން ސޮއި ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ހުޅުމާލޭގައި ސްމާޓް ސިޓީ އެއް ގާއިމް ކުރުމަށްޓަކައި، އުރީދޫ އާއި ހުޅުމާލޭ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅި، އިންފްރާސްޓްރަކްޗަރ ޝެއާރިންގް އެގްރީމެންޓެއްގައި މިއަދު ސޮއި ކޮށްފިއެވެ. ހުޅުމާލޭގެ ރައްޔިތުންނަށް ޒަމާނީ ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމަށްޓަކައި މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގައި، އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ، މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ސައިމަން އެވެ.

މި އެގްރީމެންޑްގެ ދަށުން ކުރިއަށްގެންދެވޭނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލޭގެ އެއްކޮޅުން އަނެއްކޮޅަށް ފައިބަރ ނެޓްވަރކް އެއް ގާއިމްކުރުން ހިމެނެއެވެ. މި ފައިބަރ ނެޓްވަރކް މެދުވެރިކޮށް، އުރީދޫގެ ސުޕަރނެޓް ތައާރަފްކުރެވި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ހުޅުމާލޭގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

އުރީދޫ އާއި އެޗްޑީސީ އާއި ގުޅިގެން އަޅަމުންދާ ފައިބަރ ނެޓްވަރކް މެދުވެރިކޮށް، ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ނެޓްވަރކް އެއް ގާއިމްކުރެވޭނެއެވެ. މިއީ ހުޅުމާލޭގެ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ޓަކައި މުހިއްމު ފިޔަވަޅެކެވެ. މިއަދު ސޮއިކުރެވުނު އެއްބަސް ވުމުގެ ދަށުން، ސެންޓްރަލް ޕާކް ސަރަހައްދުފަދަ ހުޅުމާލޭގެ މުހިންމު ސަރަހައްދުތަކުގައި އުރީދޫގެ ހޭންގްއައުޓް އޭރިއާތައް ގާއިމްކުރެވި، ރައްޔިތުންނަށް ހިލޭ ވައިފައިގެ ޚިދުމަތް ދެވޭނެއެވެ.

މިއަދު އެޗްޑީސީ ގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި ގޮތުގައި، ސަރުކާރުން އިސްނަގައިގެން ހުޅުމާލެއަކީ ސްމާރޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކުރަމުންގެންދާ މަސައްކަތަށް އުރީދޫގެ ފަރާތުން ފުރިހަމަ އެއްބާރުލުންދީ، މުޖުތަމައަށް ކުރިއެރުމާއި ތަރައްޤީ ގެނައުމަށް އާ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ދެމިތިބޭނެއެވެ. މި މަސައްކަތުގައި އެޗްޑީސީއާއި ގުޅިގެން ހުޅުމާލޭގެ ރައްޔިތުންނަށް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ފައިދާ ކުރަނިވި ޚިދުމަތްތަކެއް ފޯރުކޮށްދެވުމަކީ އުރީދޫއިން ނުހަނު އުފާކުރާ ކަމެކެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވި ގޮތުގައި ހުޅުމާލެ – ސިޓީ އޮފް ހޯޕްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވަރު ޙާސިލް ކުރުމަށް މަސައްކަތްކުރަމުން ގެންދާނެއެވެ. ސްމާޓްސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީ ކުރުމުން ހުޅުމާލޭގެ ރައްޔިތުންނަށް އަދި ޒިޔާރަތްކުރާ މީހުންނަށް ޓެކްނޮލޮޖީ މެދުވެރިކޮށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. މިމަސައްކަތް އުރީދޫއާއި ގުޅިގެން ކުރިއަށް ދިއުމަކީ އެޗްޑީސީއަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި، ސިޓީތަކަށް ހިޖުރަކުރާ މީހުންގިނަވަމުންދާ ހިނދު، މިކަމުގެ ސަބަބުން ދިމާވާ ތަފާތު މައްސަލަތަކަށް ހައްލު ހޯދުމުގައި، ސްމާޓް ސިޓީ ސޮލިއުޝަންތަކާއި ޚިދުމަތްތަކުގެ ދައުރު ވަނީ ފުޅާވެފައެވެ. މިގޮތުން، އުރީދޫ އާއި އެޗްޑީސީގެ ޕަރޓްނާޝިޕާއި އެކު، ހުޅުމާލޭގެ ރައްޔިތުންނަށް ސްމާޓް ސިޓީއެއްގެ ފައިދާތައް ފޯރުކޮށްދިނުން ފަސޭހަވެ، އަވަސްވެގެން ދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު