އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ.އަފްރާޝީމުގެ މަރުގެ މައްސަލަ: ޙަޤީޤަތް ހޯދަން އެންމެންވެސް ބޭނުން

ޑރ.އަފްރާޝީމުގެ މަރުގެ މައްސަލަ: ޙަޤީޤަތް ހޯދަން އެންމެންވެސް ބޭނުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރަކަށް ހުންނަވަނިކޮށް އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ހަޤީޤަތްހޯދަން އެންމެންވެސް ބޭނުންވެއެވެ.

ޑރ. އަފްރާޝީމަކީ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ލޯބި ހޯއްދަވައިގެން ހުންނެވި އެދުރެކެވެ. ކޮންމެ މީހަކާއި ބައްދަލުވެވަޑައިގެންނެވި ނަމަވެސް ހިނިތުން ކުރެއްވުމާއިއެކު ބައްދަލުކުރައްވާ ހިތްޕުޅު ތިރި ބޭފުޅެކެވެ.

އަވަހާރަކޮށްލުމުގެ މަދު މިނިޓް ކޮޅެއް ކުރިން ޓީވީއެމްގެ ޕްރޮގްރާމެއްގައި "އަޅުގަނޑުގެ ފަރާތުން އެއްވެސް ރައްޔިތަކު ހިތް ހަމަނުޖެހޭ އެއްވެސް ކަމެއްވެފައި އޮތް ނަމަ އެކަމަކަށް މަޢާފް" އެދިވަޑައިގެންފައި އޮތުމަކީ ވެސް އެމަނިކުފާނުގެ މައްޗަށް ގިނަ ބައެއް ލޯބި އިތުރުވެގެން ދިއަ ސަބަބެކެވެ.

އެހެން ނަމަވެސް މިއަދު މިފެންނަ މަންޒަރުތަކަށް ބެލުމުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. ޑރ.އަފްރާޝީމަށް ހަޤީޤަތުގައި ތާއީދުކުރަނީ އަދި ހެޔޮ އެދެނީ ކޮން ބައެއް ކަމާއިމެދުގައެވެ.

މިސާލަކަށް ބަލައިފިނަމަ ޑރ. އަފްރާޝީމަށް އެންމެ ގިނަ މަލާމާތާއި ފުރައްސާރަކުރީ އެމްޑީޕީންނެވެ. ޖޫޑިޝަރީގެ ނައިބް ރައީސަކަށް ޑރ. އަފްރާޝީމް އައްޔަނުކުރުމުން މުޅި ޖޫޑިޝަރީ ހަލާކުރައްވާނެ ކަމަށް އެމްޑީޕީން ދިއައީ ބުނަމުންނެވެ.

ޖޫޑިޝަރީގެ ނައިބް ރައީސަކަށް ޑރ. އަފްރާޝީމް ހުންނަވަނިކޮށް އެ ކޮމިޝަނުގެ މެންބަރުކަމަށް ރައީސް ނަޝީދު އައްޔަނު ކުރެއްވީ ޢައިޝަތު ވެލެޒިނީއެވެ. ވެލެޒިނީގެ ސަބަބުން ޑރ. އަފްރާޝީމަށް ކުރިމަތިވެވަޑައިގެންނެވި މުޞީބާތްތައް އެއީ ފެންނަން ހުރި ހަޤީޤަތްތަކެކެވެ.

މިސާލަކަށް ވެލެޒިނީ ވަނީ ޑރ. އަފްރާޝީމުގެ ކުރިމަތިފުޅަށްވާގޮތަށް ފަންސޫރެއް ކޮއްޕައި އެ ފަންސޫރު ނަގައި ޑރ. އަފްރާޝީމުގެ މޫނުފުޅުގައި ހާކައިފައެވެ. މިއީ އެއިރު އެކޮމިޝަނުގައި ތިއްބެވި ހުރިހައި މެންބަރުން މިކަމަށް ހެކިވާނެ ކަމެކެވެ.

ފަނޑިޔާރުން އައްޔަނުކުރަން 2010 ވަނަ އަހަރު ނިންމުމުން އެކަމާއި ގުޅުވައިގެން އެމްޑީޕީން އެންމެ ބޮޑަށް ދިމާކުރީ ޑރ. އަފްރާޝީމް އާއިއެވެ. އެވަރުން ނުފުދިގެން ޑރ. އަފްރާޝީމް ޖޭއެސްސީ އިން ވަކިކުރީ އެމްޑީޕީން ހުށަހަޅައިގެންނެވެ. ރައީސް ނަޝީދުގެ ނުފޫޒުގައި އެއިރު މުޅި ޤައުމުގައި ގެންދިއައީ ޑރ. އަފްރާޝީމްގެ އަބުރުފުޅު ކަތިލަމުންނެވެ.

ޑރ. އަފްރާޝީމް ހުކުރަށް ވަޑައިގެން ހުންނަވަނިކޮށް އެމްޑީޕީގެ ބައަކު ވަނީ ދިމާކޮށްފައެވެ. ކާރުކޮޅަށް އެތައް ފަހަރަކު ހަމަލާ ދިނެވެ. އަނބިދަރިންނަށް އެތައް ފަހަރަކު ބިރު ދެއްކިއެވެ.

7 ފެބްރުއަރީ އާއި ގުޅިގެން ކުރި މުޒާހަރާތަކުގައި އެންމެ ގިނައިން ފާޑުކިޔާފައިވަނީ ޑރ. އަފްރާޝީމަށް އަމާޒުކޮށެވެ.

ކޯޓަށް ފިއްލަވަން ރައީސް ނަޝީދު ފަރެސް މާތޮޑާއަށް ވަޑައިގެން ހުންނަވައިގެން އެންމެ ބޮޑަށް ފާޑު ވިދާޅުވީ ޖޫޑިޝަރީއަށެވެ. ޑރ. އަފްރާޝީމަށާއި މުޖުތާޒް ފަހުމީއަށެވެ. މުޅި ޖޫޑިޝަރީ ޚަރާބުކުރެއްވީ އެދެބޭފުޅުން ކަމަށް ވިދާޅުވެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލެވުނީ މިފަދަ ބޮޑެތި އެތައް ކެމްޕޭނުތަކެއް ޑރ. އަފްރާޝީމާއި ދެކޮޅަށް ހިންގިތާ 2 ހަފްތާއެއްހައި ދުވަހުގެތެރޭގައެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި ގުޅިގެން ކުރި ތަޙްޤީޤް ތަކުގައި އެކަމަށް ޚަރަދުކުރުމުގެ އަޑީގައި ތިބި ކަމަށް ފާހަގަކުރެވިފައިވަނީ ރައީސް ނަޝީދުގެ އެންމެ އަރިސް މީހުންނެވެ.

ރައްޔިތުންގެ ނަފްރަތު ޑރ.އަފްރާޝީމަށް އިތުރުވާނެ ގޮތްތަކަށް ޚަބަރުތަކާއި ރިޕޯތްތައް އެއިރު ފޮނުވަމުން ގެންދިއައީ ރާއްޖެ ޓީވީންނެވެ.

މިހުރިހައި ކަންކަމަކީވެސް އެންމެންގެ ލޯމަތީގައި ހިނގައި ދިއަ ކަންކަމެވެ.

ދާދިފަހުން ފެންމަތިވީ ޑރ.އަފްރާޝީމު އަވަހާރަކޮށްލި މައްސަލައިގައި ވަކި ގޮތަކަށް ހެކިބަސް ދިނުމަށް މީހަކަށް 500،000 ދޭން ފުލުހުން ބުނިކަމަށް ބުނާ މައްސަލައެކެވެ.

ފުލުހުން ބުނެފައިވަނީ ވަކި މީހަކަށް އެއްވެސް އެއްޗެއް ދިނުމަށް ފުލުހުން ހުށަހަޅާފައި ނުވާނެ ކަމަށެވެ. ނަމަވެސް ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ސާބިތު ކުރެވޭ ވަރުގެ މައުލޫމާތެއް ފުލުހުންނަށް ދިން ފަރާތަކަށް ފުލުހުން އިނާމު ހުށަހެޅި ކަމަށެވެ. އަދި އެކަން ކުރީ ޢާންމު އިއުލާނަކުން ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި އުފެދޭ ސުވާލުތައް ވަރަށް ގިނައެވެ. ތުހުމަތުގެ އިނގިލި ދިއްކުރެވޭ ފަރާތްތައްވެސް ގިނައެވެ. ރައްޔިތުން އެދެނީ މިކަންކަމުގެ ހަޤީޤަތް ވީހައި އަވަހަކަށް އެނގުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު