އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ އޮތް އެންމެ ބޮޑު މައްސަލައަކީ ދީނީ އިލްމުވެރިންގެ ޚިޔާލުފުޅުތައް ބަލައި ނުގަތުން

ރާއްޖޭގަ އޮތް އެންމެ ބޮޑު މައްސަލައަކީ ދީނީ އިލްމުވެރިންގެ ޚިޔާލުފުޅުތައް ބަލައި ނުގަތުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 23 ސިކުންތު

ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން ހުރި ގޮންޖެހުންތައް ދިރާސާކޮށް ދިނުމަށް ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވަނީ ރޭ އެދިވަޑައިގެންފައެވެ. މިނިސްޓަރު އަޒްލީން މިކަމަށް އެދިވަޑައިގަތީ ބަނޑޮހުގައި ރޭ އިފްތިތާހް ކުރި ދީނީ އިލްމުވެރިންގެ މަހާ ސިންތާ އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެހެންކަމުން ރާއްޖޭގައި މިކަންކަން ހިނގަމުން އަންނަ ގޮތަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. އެއިޑްސް ބަލި ރަނގަޅު ކުރެވޭނެ ފަރުވާއެއް އަދި ހޯދިފައެއް ނެތެވެ. އޮތް ހަމައެކަނި ފަރުވާއަކީ ބަލި ޖެހޭ ސަބަބުތަކާއި ދުރުހެލިވުމެވެ. ސަބަބުތައް މުޖުތަމައުތަކުން ނައްތައިލުމެވެ.

ހަމަ އެފަދައިން އިސްލާމް ދީން މަތިވެރިކުރެވެން އޮތީ ވެސް ހައްޤު އެއީ ޙައްޤުކަމަށް ކަނޑައަޅައި އަމަލުކޮށްގެންނެވެ. ހަމައެކަނި ދީނީ އިލްމުވެރިންގެ ފަތުވާއަކުން އެކަމެއް ނުކުރެވޭނެއެވެ. ކުރާ ދިރާސާއަކުންވެސް އެކަމެއް ނުކުރެވޭނެއެވެ. އެކަން ކުރެވޭނީ ދީނީ އިލްމުވެރިން ދެއްވާ ފަތުވާ އާއި ކުރެވޭ ދިރާސާތަކަށް އަމަލުކުރަންޖެހޭ ފަރާތްތަކުން އަމަލުކޮށްގެންނެވެ.

ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން އޮތް އެންމެ ބޮޑު އެއް ހުރަހަކީ ދީނީ އިލްމުވެރިންގެ ޚިޔާލުފުޅުތައް ސަރުކާރުގެ އިދާރާތަކުން ބަލައިގަންނަން ފަސްޖެހުމެވެ. ދީނީ އިލްމުވެރިންގެ ޚިޔާލުފުޅުތަކަށް އެ އިދާރާތަކުން އިޖާބަ ދެއްވާ މިންވަރު ކުޑަވުމެވެ. އެންމެ ކުޑަމިނުން އެއިން ކަމަކަށް ސަރުކާރުގެ އިދާރާތަކުގެ ބަހެއްވެސް އަޑު ނުއިވުމެވެ. އަޑު އިވޭނަމަ އިވުނު މިންވަރެއް ރައްޔިތުންނަށް ނުއެނގުމެވެ.

ވަރަށް ކުޑަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން ބޭނުމީ މިދިއަ ރަމަޟާން މަހު އިސްލާމް މިނިސްޓްރީން ބޭއްވި އިޙްޔާ ފޯރަމްތަކުގެ ތެރެއިން ކުރިމަތިވި އެއް ކަމެކެވެ.

އިސްލާމީ މަރުކަޒުުގައި ބާއްވައި ލައިވްކޮށް ފޮނުވި ޕްރޮގްރާމެކެވެ. ރަމަޟާން މަހަށް ޚާއްޞަކޮށްގެން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއަ އިހްތާ ފޯރަމްތަކުގެ ތެރެއިންނެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި އައްޝައިޚް އާދަމް ޝަމީމް ދެއްވި ދަރުސް އެވެ.

އެ ފޯރަމްގައި އެކަކަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް ގުރުއަތު ނަގާ ޕްރަމޯޝަންތަކާއި އެ މޭރުމުން އެސްއެމްއެސް މެދުވެރިކޮށް އެކަކަށް ބޮޑު އިނާމު ލިބޭ ގޮތަށް ހިންގާ ހަރަކާތްތައް އެއީ އިސްލާމް ދީނާ ޚިލާފު މައްސަލަތައް ކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި އެފަދަ ކަންކަން ކުރެވިގެން ނުވާނެ ކަމަށްވެސް ޝައިޚް ވަނީ ވިދާޅުވެފައެވެ.

ރަމަޟާން މަސް ނިމުނީއެވެ. ޝައްވާލް އަދި ޛުލްޤައިދާ މަސް ނިމި ޛުލްހައްޖާ މަސް ފެށެން ކައިރިވަނީއެވެ. މިފަދަ ކަންކަން ހުއްޓުވަން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުން އެޅީ ކޮން ފިޔަވަޅެއްތޯއެވެ؟ އެއްވެސް ފިޔަވަލެއް އެޅުނުތޯއެވެ؟ ނޫން ނަމަ އެއިން ކަމަކަށް ވިސްނާކަން ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމަކޮށްފިތޯއެވެ؟

އެފަދަ ބޮޑު ޙަރާމްކަމެއް ނުކޮށް ރާއްޖޭގައި ވިޔަފާރި ކުރިނުއެރުވޭނީތޯއެވެ؟ މުސްލިމުން އަޤީދާއަކީ މާތްﷲ ޙަރާމް ކުރެއްވެވި ކަންކަން ނުކުރާނަމަ މާތްﷲ ގެ ރަހްމަތާއި ބަރަކާތް އިތުރުވާނެ ކަމެވެ.

އެހެންކަމަށްވާނަމަ ދީނީ އިލްމުވެރިން ލައްވައި މިކުރުވޭ ކަމަކީ "އަނގަގޮއްވައި މޮޔަހެއްދުން" ނޫންތޯއެވެ؟ އެކަންކަމަށް ހައްޕުކިޔައިގެން ތިބެން ރައްޔިތުންނަށް ޖެހުމަކީ މިކިޔާ ހަރުކަށި ފިކުރަށް ރައްޔިތުން ދާންޖެހޭ އެއް ސަބަބުކަން ގިނަ ބައަކު ފާހަގަ ކުރެއެވެ.

ކޮންމެ ކަމެއް ރެޑްބުލް ސްޓޭޑިއަމަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ހެލްތް މިނިސްޓްރީން ބުނަނީ ރެޑް ބުލް އާއި އެފަދަ އެނަރޖީ ޑްރިންކުތަކުގެ ސަބަބުން ޞިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމަށެވެ. ސްޓޭޑިއަމް އަޅައި އިޝްތިހާރު ކުރަނީ ރެޑްބުލްއެވެ. އެންމެ ގިނައިން މަގުމަތިން ފެންނަނީ އެފަދަ ބުއިންތަކުގެ އިޝްތިހާރުތަކެވެ. އެންމެ ގިނައިން ޤައުމީ ޓީވީން އިޝްތިހާރު ކުރަނީ އެފަދަ ބުއިންތަކެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ ސްޓޭޑިއަމުގެ ދެކެވޭ ކޮންމެ ފަހަރަކީ ރެޑް ބުލް އިޝްތިހާރު ކުރެވޭ ފަހަރެކެވެ. އެތަން ހުލުވި އެތަނުގައި ހިނގާ ހަރަކާތްތަކުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކީ އިތުރަށް ރެޑވް ބުލް އިޝްތިހާރު ވާނެ ފަހަރެކެވެ. އެތަނުގައި އެގޮތަށް ނަންބާޑު ޖަހައިފިނަމަ ދިގުދެމިގެންދާ އެއަށް އިރު ނުއޮއްސޭނެ އިޝްތިހާރެކެވެ.

ރެދް ބުލް ސްޓޭޑިއަމް އެޅުމުން އެ ދަޅުގައި ހުންނަ ތަކެތި ޞިއްހަތަށް ފައިދާކުރާނެ ތަކެއްޗަށް ބަދަލުވެގެންދާނެ ކަމާއިމެދު ގިނަ ބައަކު މިހާރުވެސް ގެންދަނީ ސުވާލުކުރަމުންނެވެ.

އެހެންކަމަށްވާއިރު ހެލްތް މިނިސްޓްރީ ނުވަތަ އެޗްޕީއޭ އިން ދައްކާ ވާހަކަތައް ރައްޔިތުންނަށް ބަލައިގަނެވޭނީ ކިހައި މިންވަރަކަށްތޯއެވެ؟
ދީނީ ކަންކަމުގައި ވެސް ކުރިމަތިވަނީ ހަމަ މިފަދަ މައްސަލަތަކެވެ. ކީރިތި ޤްރްއާނުން ހެއްކާއި ދަލީލު ދައްކަވައި ދީނީ އިލްމުވެރިން ނެރުއްވާ ފަތުވާތަކާއި ޚިލާފަށް ޤައުމުގައި ކަންކަން ކުރިއަށްދާނަމަ އެކަމަށް ވިސްނާނެ ބައަކު ތިބޭނެއެވެ. އަދި އިދިކޮޅަށް އަޑު އުފުލާނެ ބައަކުވެސް ތިބޭނެއެވެ. ޤައުމުގައި ޚިޔާލުތަފާތުވުންތައް އިތުރުވާނެއެވެ.

އެހެންކަމުން މިހާރު ކުރިއަށްދާ އިލްމުވެރިންގެ މަހާސިންތާގައި ޤައުމުތަކަށް މިފަދަ ކަންކަމުން އަސަރުކޮށްފައިވާ ގޮތުގެ މައްޗަށް ބަހުސްކުރެވި ދިރާސާ ކުރެވިއްޖެނަމަ ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. ޤައުމުގެ ކަންކަމަށް ރައީސް ޢަބްދުﷲ ޔާމީން ގެންނަވަން މަސައްކަތްޕުޅުުކުރައްވާ އިޞްލާޙީ ބަދަލުތަކަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އިސްލާމިކް މިނިސްޓްރީން ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން ކުރާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ މިންވަރު ވެސް އިތުރުވެގެންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް