އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަޤީޤީ ވާހަކަ: އިއްފަތްތެރި މަރްޔަމް

ހަޤީޤީ ވާހަކަ: އިއްފަތްތެރި މަރްޔަމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު


މަރްޔަމް ރަށުން މާލެ އައީ ދަރިންނަށް ކިޔަވައިދިނުމުގެ ބޭނުމުގައެވެ. ފިރިމީހާއަކީ ރިޒޯޓެއްގައި ވަޒީފާ އަދާކުރާ މީހެކެވެ. އޭނާއަށް ލިބޭ އާމްދަނީ އިން ކޮޓަރިއެއް ކުއްޔަށް ހިފައި ޢާއިލާ މާލެއަށް ބަދަލުކުރީ ރަށުން ދަރިންނަށް ރަނގަޅު ފެންވަރުގައި ތައުލީމު ޙާޞިލުކޮށްދެވެން ނެތުމުންނެވެ.

މަރްޔަމް ކޮޓަރީގައި ދިރިއުޅެމުން އައީ ގޭގެ ވެރިފަރާތާއި ގުޅިގެންނެވެ. ކުލި ދެއްކި ނަމަވެސް ގޭގެ ކަންކަންވެސް ކޮށްދީ އެހީތެރިވަމުންނެވެ. އެހެންކަމުން މަރިޔަމަށް ގޭގެ ވެރިފަރާތުންވެސް އެކިގޮތްގޮތުން އައީ އެހީތެރިވަމުންނެވެ.

ހަޤީޤަތުގައި ފިރިމީހާއަށް ލިބޭ މުސާރައިން ނުވެސް ފުދެއެވެ. ނަމަވެސް މަރިޔަމް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. މަރިޔަމްގެ ހަމައެކަނި ބޭނުމަކަށްވީ ކޮންމެ ޙާލެއްގައި ނަމަވެސް ދަރިންނަށް ކިޔަވައިދިނުމެވެ.

އަހަރުތަކެއް ފަހެވެ. ކުއްލި ގޮތަކަށް ފިރިމީހާ ނިޔައުވީއެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތެވެ. ކުލި ދެއްކޭކަށް ނެތެވެ. ދަރިންކޮޅު އަދި ހަމަ ހަގެވެ. ހުރިހައި ކުދިން ސްކޫލަށް ދެއެވެ.

ހަތަރު އުދަރެސް ފެނުޖެހުނު ވަގުތު ގޭގެ ވެރިފަރާތުން އެހީތެރިކަމުގެ އަތް ދިއްކޮށްލިއެވެ. ކުލި ކަނޑައިލިއެވެ. އަދި ކާން ބޯން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވައުދުވެސް ވިއެވެ. މަރިޔަމް ޤަޞްދުކުރީ އެފުރުޞަތުގެ ބޭނުން ހިފުމަށެވެ.

މަރްޔަމް އަކީ ފަސް ވަގުތު ނަމާދުކުރާ އަންހެނެކެވެ. ކޮންމެ ނަމާދަކަށްފަހު ދުޢާކުރަމުން ގެންދިއައީއެވެ. އޭނާއަށާއި ދަރިންކޮޅަށް ހެޔޮ މިންވަރުފުޅު މިންވަރު ކުރެއްވެވުން އެދިއެވެ. ޢިއްފަތްތެރިކަން ރައްކައުތެރިކޮށްދެއްވެވުން އެދިއެވެ.

އެދުވަސްވަރު މާލޭގެ ވަރަށް ޤަދަރުވެރި އިއްޒަތްތެރި ބޭފުޅެއްގެ އަނބިކަނބަލުން އަވަހާރަވިއެވެ. އެބޭފުޅާގެ ދަރިކަލަކު ނުހުރެއެވެ. އެހެންކަމުން ހަޔާތްޕުޅުގައި ވަރަށް ބޮޑަށް އެކަނިވެރިކަން އިޙްޞާޞްކުރައްވަން ޖެހިވަޑައިގަތެވެ.

އެބޭފުޅާއަކީ ވަރަށް ދީން ވެރި ތަޤްވާވެރި ބޭފުޅެކެވެ. ރަޙްމަތްތެރިން ގެންގުޅުއްވާ ބޭފުޅެއްވެސް ނޫނެވެ. މާގިނަ ބައަކާ ގުޅުން ބާއްވަވާ ބޭފުޅެއްވެސް ނޫނެވެ. ވާހަކަފުޅު ދައްކަވައި އުޅުއްވަވަނީ ވެސް ވަރަށް މަދު މީހަކާއިއެވެ.
އެބޭފުޅާގެ އޮފީހުގައި އެބޭފުޅާގެ ސެކްޓްރީއަކަށް އުޅުނު އަންހެނަކާއި ކޮންމެވެސް ވަރަކަށް ވާހަކަފުޅު ދައްކަވައެވެ. ރަހްމަތްތެރިކަން ވެސް ބައްވަވައެވެ. އެހެންކަމުން އެއްދުވަހަކު ސެކެޓްރީ ދެންނެވިއެވެ.
"މަނިކުފާނުގެ އެކަނިވެރިކަން އަޅުގަނޑަށް އިޙްޞާޞްކުރެވެއެވެ. ތިހައި ނިކަމެތިކޮށް އުޅުއްވުމުގެ ބަދަލުގައި އަލުން ކައިވެނިފުޅެއް ކުރެއްވެވުން ކިއްތޯއެވެ؟"
ފުރަތަމަ ދުވަހު އެއްވެސް ޖަވާބެއް ނުދެއްވަވައެވެ. ނަމަވެސް ދޭތެރެއެއް ބަލައި ފުރުޞަތު ހޯދައިގެން ހަމަ އެސުވާލު ކުރަމުން ސެކެޓްރީ ގެންދިއައެވެ. ނަތީޖާއަކަށްވީ ޖަވާބެއް ދެއްވުމެވެ.
"އަހަރެންނަކީ ވަރަށް މުސްކުޅިވެފައި ހުރި މީހެކެވެ. ވަރަށް ބަލި މީހެކެވެ. އާންމު މިޒާޖުވެސް ވަރަށް ތަފާތު މީހެކެވެ. އަހަރެންގެ ހާލު ޤަބޫލުކޮށްގެން އަހަރެންނާއިއެކު ދިރިއުޅެން ރުހޭ އަންހެނަކު ހުރިނަމަ ކައިވެނި ކޮށްފާނަމެވެ."

ސެކެޓްރީއަކީ މަރިޔަމްގެ ރައްޓެއްސެކެވެ. ޖަވާބު ލިބުމުން އޭނާ ޤަޞްދުކުރީ މަރްޔަމް އާއި މަޝްވަރާކޮށްލުމަށެވެ. މަރްޔަމް އަކީ އަދި އެހައި ދުވަސްވީ އަންހެނެއް ނޫން ނަމަވެސް ފަހަރެއްގައި މިފުރުޞަތުން މަރްޔަމަށް ފައިދާކޮށްފާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ.

މަރްޔަމް އޭނާގެ ދަރިންގެ ހައްޤުގައި އެފުރުޞަތު އުފަލާއިއެކު ޤަބޫލުކުރިއެވެ. އަދި ކައިވެނިވެސް ކުރެވުނެވެ.

މަރްޔަމް އޭނާގެ ފިރިކަލުންނަށް އޯގާތެރިކަމާއިއެކު ދެމުން ގެންދިއަ ޚިދުމަތުގެ ޖަޒާއަކަށް ލިބުނީ ވަރަށް ބޮޑި ނިއުމަތެކެވެ. ފިރިކަލުން ދުނިޔޭގައި ހުންނަވައި އެ ބޮޑު ގޯތީގެ ތިންބައިކުޅަ އެއްބައި ދެއްވީއެވެ.

އެއިގެފަހުން މާގިނަ ދުވަސްތަކެއް ނުވެ ފިރިކަލުން ދުނިޔެ ދޫކުރައްވައިފިއެވެ. އަނެއްކާވެސް އެކަނިވެރިވީއެވެ. ނަމަވެސް އިޚްލާޞްތެރިކަމާއިއެކު މާތްﷲއަށް ކުރި ދުޢާގެ ނަތީޖާ ވަރަށް ފުރިހަމައަށް ވަނީ މިދުނިޔޭގައިވެސް ލިބިފައެވެ. ދަރިންނާއިއެކު އުފަލުގައި މާލޭގައި ދިރިއުޅެވޭނެ ވަރުގެ ބިމެއް ލިބިފައިވުމެވެ.

ފިރިކަލުން އަވަހާރަވިފަހުން އެބިމުގައި މިހާރު އެހުރީ ބުރިބުރިއަށް ގެއެއްވެސް އެޅިފައެވެ.

މަރްޔަމް މިއަދުވެސް ދޭ ޔަޤީންކަމަކީ އެހުރިހައި ޙާލެއްގައި ހަޔާތުގެ ގިނަ ދުވަސްތަކެއް ވޭތިކުރަންޖެހުނު ނަމަވެސް އޭނާގެ އިއްފަތްތެރިކަން ނަގާލާފައި ނުވާނެ ކަމުގެ ޔަޤީންކަމެވެ. މާތްﷲ ނަހީ ކުރެއްވެވި އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމުގެ ޔަޤީންކަމެވެ. މާތްﷲ ފިޔަވައި އެހެން ފަރާތަކުން އެހީތެރިކަމަކަށް ނުއެދޭކަމުގެ ޔަޤީންކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް