އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމަ ހައްޖަށް ފޮނުވަން 20 ރުފިޔާ އެއްކުރަނިކޮށް މަންމަ މަރުވުމުން ހައްޖަށްދިއަ މީހާއަށް ބޯނަސް ހައްޖެއް ލިބިއްޖެ!

މަންމަ ހައްޖަށް ފޮނުވަން 20 ރުފިޔާ އެއްކުރަނިކޮށް މަންމަ މަރުވުމުން ހައްޖަށްދިއަ މީހާއަށް ބޯނަސް ހައްޖެއް ލިބިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 49 ސިކުންތު

އެއީ މީގެ 11 އަހަރު ކުރިއެވެ. އަހަރެންނަށް ލިބޭ މުސާރައަކީ މަހަކު 3000 ރުފިޔާއެވެ. މަންމަ މެންނާއި ކޮއްކޮމެންގެ ބޭނުންތައް ފުއްދައިދެވެން ކައިރިވެސް ނުވެއެވެ.

ބައްޕަ ނެތުމުން ޢާއިލާގެ ޒިންމާ ނެގޭތޯ މަސައްކަތް ކުރީމެވެ. އެހެންކަމުން ލިބޭ މުސާރަ އެކުގައި ގެނެސްދެނީ މަންމަ އަތަށެވެ. އަހަރެން ބޭނުންކުރަނީ މަންމަ ދިން މިންވަރެކެވެ. ލަނީ މަންމަ ހޯދައިދޭ ފޭރާމެވެ. އެހެން ވެސް ބޭނުންތައް ފުއްދަނީ މަން ދިނުމުންނެވެ.

މަންމަ އެހައި ދަތީގައި އުޅެމުންވެސް ކޮންމެ ދުވަހަކު 20 ރުފިޔާ ދެއެވެ. ދަރިފުޅުވެސް ސައިބޯން ވާނެ ކަމަށް ބުނެފައެވެ. އޭގައި ނުހިފަން އުޅުނީމާ ގަމީހު ޖީބަށް ނަމަވެސް އެ ވިހި ރުފިޔާ ލާނެ އެވެ. "ދަރިފުޅާއެވެ. އޮފީސް ކުދިން ސައިބޯއިރު ދަރިފުޅުވެސް ސައިބޯން ވާނެއެވެ. މިވަރު ދަރިފުޅު ބޭނުންކުރި ނަމަވެސް، މަންމަ މެންނަށް ފުދޭނެއެވެ."

މަންމަ ދޭ ފައިސާ އަހަރެން ގެންދަމެވެ. ނަމަވެސް ބޭނުމެއް ނުކުރަމެވެ. ސައެއް ނުބޮމެވެ. ވަތްގަނޑުގައި ބަހައްޓަނީއެވެ. ތަންކޮޅެއް ގިނަވެލީމާ ކޮންމެވެސް ހަދިޔާއެއް ގަނެގެން މަންމައަށް ގެންގޮސްދެނީއެވެ. އެ ފައިސާ ހޯދި ގޮތަކާއި މެދު މަންމަ ސުވާލުކުރެއެވެ. އަހަރެން ބުނަމެވެ. "އިތުރަށް މަސައްކަތެއް ކޮށްލައިގެން ލިބުނު ލާރިކޮޅެކެވެ."

ދޮގެއް ނޫނެއް ނޫންތޯއެވެ! ސައި ނުބޮއި ހިފަހައްޓައިލެވެނީ އެކަމަށް އިތުރު މަސައްކަތެއް ކޮށްލައިގެން ނޫންތޯއެވެ!

އެއިގެ އެއް އަހަރު ފަހުން މުސާރަ ބޮޑުވެ 4000 ލިބެން ފަށައިފިއެވެ. ދެން ހިތައް އެރިއެވެ. މަންމަ ދޭ 20 ރުފިޔާ ދެން ފޮރުވާނީ އެވެ. ފައިސާ އެއްކޮށްގެން މަންމަ ހައްޖަށް ފޮނުވުމަށެވެ.

އެކަން ކުރަން ފެށީމެވެ. މަންމަ އަށް ހަދިޔާ ދޭނެ ގޮތަކަށް ވިސްނައި އިތުރު މަސައްކަތެއް ފެށީމެވެ. އެއީ ވަރަށް ގާތް 3 މީހެއްގެ ގެއަށް އެމީހުން ބުނާ ދުވަސް ދުވަހު މަސްގަނެދިނުމެވެ. އެ 3 ގެއިން ލިބޭ ފައިސާ ކޮޅުން މަންމައަށް ހަދިޔާ ގަނެދެވެއެވެ.

ދިހަ އަހަރު ތެރޭގައި މުސާރަ ވަނީ 8،000 ރުފިޔާއަށް ބޮޑުވެފައެވެ. ނަމަވެސް ތަކެތީގެ އަގަށް އަންނަ ބަދަލުގެ ސަބަބުން ޖެހެނީ ހަމަ އެއްތާކު އެވެ. އިތުރަށް ބާކީ ކުރެވޭނެ ގޮތެއް ނުވެއެވެ. އެހެންކަމުން މަންމަ ދޭން އުޅުނު ނަމަވެސް 20 ރުފިޔާއަށްވުރެ އިތުރަކަށް ބޭނުމެއް ނުކުރަމެވެ.

މަންމަ ދޭ 20 ރުފިޔާ އެއްކުރަމުން ދަނިކޮށް މިދިއަ އަހަރު މަންމަ ނިޔާވެއްޖެއެވެ. އަހަރެންގެ އަތުގައި ފައިސާ ހަމަ ކުރެވުމުގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

ދެން ހަދާނެ ގޮތަކާއިމެދު ދީނީ އިލްމުވެރިންނާއި މަޝްވަރާކުރީމެވެ. އެބޭފުޅުން ވިދާޅުވީ ފުރަތަމަ ފަރުޟު ޙައްޖު ވާންޖެހޭނީ އަމިއްލައަށް ކަމަށެވެ. އެއަށްފަހު މަސައްކަތްކޮށްގެން ފައިސާ އެއްކުރެވިއްޖެނަމަ މަންމައަށް ޙައްޖެއް ވާނީ ކަމަށެވެ.

ކޮންމެއަކަސް މާތްﷲގެ ވާފިފުޅާއިއެކު މިއަހަރު އަހަރެން މިހިރީ ހައްޖުގެ އަޅުކަން އަދާކުރުމަށް އައިސް މާތްވެގެންވާ މައްކާގައެވެ. އަހަރެން އަހަރެންގެ އަޚަށް މިވާހަކަ މިކިޔައިދިނީ މި މާތް ބިމުގައި ހުރެއެވެ.

އަހަރެން މިވާހަކަ ކިޔަައިދިނީ މިވާހަކަ ޢާންމުކުރުމަށެވެ. އަހަރެން އަމަލުކުރި ގޮތް އެހެން މީހުންނަށް އަންގައި ދިނުމަށެވެ. ރާއްޖޭގައި ވަޒީފާއަދާކުރާ ހަމަ ކޮންމެ މީހަކީވެސް ކޮފީ އާއި ސައި ނުބޯނަމަ ދުވާލަކު 20 ރުފިޔާ ރައްކާކުރެވޭނެ މީހެކެވެ.

އަމިއްލައަށް ހިސާބު ހަދައިލާށެވެ. އެއިރުން މިބުނާ ވާހަކަ ރަނގަޅަށް އެނގޭނެއެވެ. ކޮންމެ ދުވަހަކު 20 ރުފިޔާ އެއްކުރާނަމަ މިހާރު ހުރި އަގުން 10 އަހަރުން ހައްޖުވެވޭނެއެވެ.

އަހަރަކީ 365 ދުވަހެވެ. އެހެންވީމާ އަހަރަކު 7300 ރުފިޔާ ރައްކާ ކުރެވޭނެއެވެ. 10 އަހަރުން 73،000 ރުފިޔާ ޖަމާކުރެވޭނެއެވެ. ހައްޖުވުމަށް ދައްކަން މިޖެހެނީ 65،000 ރުފިޔާ އާއި 70،000 ރުފިޔާ އާއި ދެމެދުގެ އަގެކެވެ.

އަދިވެސް އުފާވެރި ޚަބަރެއް ހިއްސާ ކޮށްލާނަމެވެ. މާތްﷲގެ ދީލަތިވަންތަކަމުގެ ބޮޑުކަމެވެ. އަހަރެންގެ މިވާހަކަ އަޚަށް ކިޔައިދިނީ ކޮޓަރީގައި އޮވެގެން ވައިބަރއިންނެވެ. އެ އަޑުއަހަން އެހެން ބައަކު ސަމާލުކަން ދިން ކަމަކަށް ނުވިސްނަމެވެ.

ފޯނު ބޭއްވިތަނުން ކޮޓަރީގައި ހުންނެވި އަޚަކު ވަޑައިގެން އަޅުގަނޑު ލައްވައި މިވާހަކަ ތަކުރާރުކުރުވިއެވެ. އަޑު އައްސަވައި ނިމުމުން ވިދާޅުވިއެވެ. "މާތްﷲ އިރާދަފުޅު ކުރެއްވިއްޔާ އަންނަ އަހަރު ކަލޭގެ މަންމައަށް ޙައްޖެއް ވުމަށް އަހަރެން ކަލޭ ޙައްޖަށް ފޮނުވަން ﷲ ގަންދީ ވައުދުވަމެވެ.

އަހަރެން މި ބޮޑު ފިރިހެން މީހާއަށް އުފަލުން އެތައް އިރަކު ގިސްލާ ރޮވުނެވެ. މިދުނިޔެމަތީގައި އަހަރެން އެންމެ ބޭނުންވި ކަންތައް އެހައި ފަސޭހަގޮތަކަށް މާތްﷲ ހިންމަވައިދެއްވުމުންނެވެ. އެންމެހައި ހަމްދާއި ޝުކުރު ހައްޤުވެގެންވަނީ ހަމަ މާތްﷲ އަށެވެ.

( މިއީ އަޚަކު ހައްޖުވުމަށް ގޮސްހުރެ ކިޔައިދިން ވާހަކައެކެވެ. އިބާރާތް ކޮށްލުން ފިޔަވައި ލިޔެފައި އެވަނީ އޭނާ ކިޔައިދިން ގޮތަށެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު