އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއާޕޯޓާހެދި ފަރެސްމާތޮޑާ އާއި ފިޔޯރީ ގަދަހިފުމަކަށް

އެއާޕޯޓާހެދި ފަރެސްމާތޮޑާ އާއި ފިޔޯރީ ގަދަހިފުމަކަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 47 ސިކުންތު

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރިއާއި ދިގުލާބަދުއާ ދެމެދު އެއޮތް ފިޔޯރީ ކަނޑުގެ ރާޅު މަތީގައި އެކުވެރިކަމާއި އަމާންކަމާއެކު ފިޔޯރިއާއި ފަރެސްމާތޮޑާގެ މަސްވެރިން ތާއަބަދު ދަތުރު ކުރަމުންދަނީ އުފާވެރި ހިނިތުންވުމަކާ އެކުއެވެ. 


ޒަމާންވީ އެކުވެރިކަމާއި ރަހުމަތްތެރި ކަމުގެ ޗޭނަކުން މިދެރަށް ގުޅައިދީފައިވަނީ މިކަނޑު ހުރަސް ކުރުމަށްފަހުގައެވެ. އެއާޕޯޓަކާޖެހި އެގުޅުމަށް ހީނަރުކަމެއް އަޔަދީގެން ނުވާނެއެވެ. ފަރެސްމާތޮޑާއިން ބޭނުންވަނީ އެސަރަހައްދުގައިއަޅާ އެއާޕޯޓު އެރަށުގައި އެޅުމަށެވެ. ފިޔޯރީން ބޭނުންވަނީ އެއާޕޯޓު އެރަށުގައި އެޅުމަށެވެ. އެހެންނަމަވެސް އެއާޕޯޓު އެޅޭނީ ކޮންމެވެސް އެއްރަށެއްގައެވެ. 


މި ދެރަށުންކުރެ ކޮންމެ ރަށެއްގައި އެއާޕޯޓު އެޅިޔަސް ކާޑެއްދުއަށް ދިއުމަށްވުރެ ހުރިހާ ގޮތަކުންވެސް ފަސޭހަވާނެއެވެ. ޚަރަދުވެސް ކުޑަވާނެއެވެ. ފަރެސްމާތޮޑާ، ފިޔޯރީ މީހުންނަށް އެކަންޏެއް ނޫނެވެ. ވާދޫ، ރަތަފަންދޫ، ނަޑައްލާ މީހުންނަވެސް ފަސޭހަވާނެއެވެ. އަދި ކާޑެއްދުއަށްވުރެ ގައްދޫ މީހުންނާވެސް ކައިރިވާނެއެވެ. 


މި ދެރަށުންކުރެ ކޮންމެ ރަށެއްގައި އެއާޕޯޓު އެޅިޔަސް ބައެއްކަންކަން ގުރުބާން ކުރަން އެބަޖެހެއެވެ. ފަރެސްމާތޮޑާގައި އަޅާކަމަށްވާނަމަ އަޅާ ސަރަހައްދު ހިއްކަން އެބަޖެހެއެވެ. ނަތީޖާއަކަށް ވެގެންދަނީ މަސްމަހާމެހީގެ އެތައް ހާލިތަކެއް ނެތިގެންދިޔުމެވެ. ތިމާވެށީގެ ގޮތުން މައްސަލަތަކެއް ކުރިމަތިވުމެވެ. 


ފަރެސްމާތޮޑާ ގިރަމުންދާތީ އުދައިން ސަލާމަތް ކުރުމަށް ބިޔަ ތޮއްޓެއްވަނީ ދަމާލެވިފައެވެ. އެއާއެކު ތޮށިގަނޑުން އެތެރޭގައި ނުހިއްކައިއޮތްބައި މިހާރުވެސްވަނީ ތަޣަޔަރުވެފައެވެ. މައްސަލަ އެއޮތީ މިހާރުވެސް ފެށިފައެވެ. އެކަމުގެ ހައްލަކީ އެ ސަރަހައްދު ހިއްކުމެވެ. އެތަން ހިއްކާއިރު އެއާޕޯޓު ހެދުމަށް ބޭނުންވާބައިވެސް ހިއްކޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގައި އެއާޕޯޓު ހެދިޔަސް ނުހެދިޔަސް ސަރުކާރުންއޮތީ އެސަރަހައްދު ހިއްކާ ގޮތަށް ނިންމައިފައެވެ. އެހެން ކަމަށްވާނަމަ އެއާޕޯޓު އެޅުމަށްކުރާ ޚަރަދުގެ ވާހަކަ އިހަށް ބާއްވަމާ ހިންގާށެވެ. 


"ފަރެސްމާތޮޑާއަކީ ޒަމާނުއްސުރެން ގިރުމުގެ މައްސަލައާއި އުދައެރުމުގެ މައްސަލަ ދިމާވާ ރަށެއް. އެކަން ހައްލުކުރުމަށް ސަރުކާރުން އެވަނީ ބޮޑުހިލައިގެ ބިޔަ ތޮއްޓެއްވެސް ލައިދީފައި. އަދިވެސް އެމައްސަލަ ހައްލެއްނުވޭ. އެހެން ކަމުން އެރަށުގައި އެއާޕޯޓު އަޅައިފި ކަމަށްވާނަމަ އެމައްސަލަ ހައްލުވާނެ. އެއީ އެއާޕޯޓު އަޅަން ހިއްކާއިރު ފަރެސް އަވަށާއި މާތޮޑާ އަވަށާ ދެމެދު ނުހިކި އޮތްބައި ހިއްކާނެ. އެތަން ހިއްކުމުން ރަށް ސަލާމަތް ކުރެވުނީ. އެއާއެކު އެއާޕޯޓުއަޅަން ބޭނުންވާ ބިންވެސް ލިބުނީ. ދެބޭނުންވެސް ފުދުނީ،" ފިޔޯރީ ޒުވާނަކު ބުންޏެވެ. މިއީ ތެދަކަށް ވެދާނެއެވެ.


ދެއޮތީ ފިޔޯރީއެވެ. ހަމަގައިވެސް އެއީ ފަރެސްމާތޮޑާއަށްވުރެ ތިމާވެށީގެ ގޮތުން މުއްސަނދި ރަށެކެވެ. ކުނާ ވިޔަން ބޭނުންކުރާ އެންމެމޮޅު ހައި އެރަށުން ލިބެއެވެ. ފާތައްވެސް  ކޮންމެވެސް ވަރަކަށް އެބަހުއްޓެވެ. ރާޅާއެޅުމަށް ވަރަށް ކަމުދާ ޕޮއިންޓެއް އެރަށުގައިވެއެވެ. އެރަށު މީހުން ކިޔާގޮތުންނަމަ އެއީ "ކަނުކޮޑާ" އެވެ. އެތަނުން ނަގާ ނަލަ ރާޅުތަކުގެ ބަނޑުދަށަށް ވަދެނުކުތުމަށް ފައިސާނެގުމުގެ ފުރުސަތު ފިޔޯރިއަށް އެބައޮތެވެ. އެއީ ފަތުރުވެރިކަމަށްއޮތް ރަނެކެވެ. ރާޅާއެޅުމަށް ލޯބިކުރާ މީހުންނަށް މަރެކެވެ. އެއަތޮޅަށް ފަތުރުވެރިކަން ތައާރަފް ވެއްޖެއެވެ. އެކަން ފުޅާވަމުންދާ ވަރަކަށް ފިޔޯރީފަދަ ގުދުރަތީ މާހައުލުތައް ލިބިފައިވާ ރަށްރަށަށް ލިބިގެންދާނެ ކުރިއެރުން އަންދާޒާ ނުކުރެވޭނެއެވެ. ރާޅާއަޅަން ކަނުކޮޑާއަށް އަންނަ މީހުންގެ އަދަދު އިތުރުވެ ރަށަށް ތިޔާގިކަން ލިބުމުގެ ފުރުސަތު އެބައޮތެވެ. 


ފިޔޯރީގައި އެއާޕޯޓެއް އަޅައިފި ކަމަށްވާނަމަ ކަނުކޮޑާގެ ބޭނުންދާނެ ކަމަށް ބައެއް މީހުން އެބަބުނެއެވެ. އެހެން ކަމުން އެއީ ވިސްނާލަންޖެހޭ ކަމެކެވެ.  އެއާޕޯޓެއްގެ ބޭނުމުގައި އެފަދަ ފައްކާ ތަނެއް ގުރުބާން ކުރަންވީހެއްޔެވެ؟ އެކަން ނިންމާނީ ފިޔޯރީ މީހުންނެވެ. ނޫނެކެވެ. ދިވެހިސަރުކާރުވެސް އަދި އެބައޮތެއް ނޫންހެއްޔެވެ؟ އެފަދަ ތަނެއް ސަރުކާރުންވެސް ހަލާކުގެ ތެރެއަށް ވައްޓައިނުލާނެ ކަމަށް ބަލަމާ ހިނގާށެވެ. 


ދެންއޮތީ މި ދެރަށުގެ ބަނދަރުގެ ވާހަކައެވެ. އެ ސަރަހައްދުގެ ބައެއް މަސްވެރިން ބުނާގޮތުގައި ފިޔޯރީ ފަޅަކީ ބައެއް މޫސުމުގައި ވަރަށްގަދަވާ ފަޅެއް ކަމަށެވެ. އެހެންނަމަވެސް ފަރެސްމާތޮޑާ ފަޅަކީ އެއްވެސް މޫސުމެއްގައި ރާޅު ބޮޑުވެ ގަދަވާ ފަޅެއްނޫނެވެ. އެ ސަބަބަށް އެކަނި ބެލިކަމަށްވިޔަސް ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަންޖެހޭ ކަމަށް ދެކޭ މީހުން މަދެއްނުމެ ނޫންމެއެވެ. 


ހުވަދޫ އަތޮޅަކީ ދުނިޔޭގައިވާ އެންމެ ބޮޑު އަތޮޅެވެ. އެކަމަކު އެއަތޮޅުގައި އޮތީ ދެ އެއާޕޯޓެވެ. އެއީ ގދ. ކާޑެއްދޫ އެއާޕޯޓާއި، ގއ. ކޫއްޑޫ އެއާޕޯޓެވެ. އަތޮޅުގެ ބޮޑުކަމާއި ދަތުރުފަތުރުގެ ދިގުކަމާއި ދަތުރަރަށް ކުރަންޖެހޭ ޚަރަދު ބޮޑު ކަމުން އިތުރު އެއާޕޯޓެއް އެއަތޮޅަށް ބޭނުންވާ ކަމަށް ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދުގެ ފަސް ރަށުގެ ކައުންސިލް ތަކުން އެއްބަސްވިއެވެ. އެއީ ފަރެސްމާތޮޑާ، ފިޔޯރީ، ރަތަފަންދޫ، ނަޑައްލާ، ވާދޫއެވެ. 


މި ރަށްރަށުން އެއްބަސްވީ ވާދުއާއި ނަޑައްލާއާ ދޭތެރޭގެ ރަށްރަށުގެ ތެރެއިން ކޮންމެވެސް ރަށެއްގައި އެއާޕޯޓު އެޅުމަށް މަސައްކަތް ކުރުމަށެވެ. ފަސްރަށުގެ ކައުންސިލްތައް މިކަމަށް އެއްބަސްވެ މަސައްކަތް ފެށިއެވެ. މަހާސިންތާއެއް ބާއްވަން ތައްޔާރުވިއެވެ. އެހެންނަމަވެސް ވަކި ހިސާބުން ފިޔޯރީން އެ މަސައްކަތާ ދުރަށް ދިޔަކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެއީ އެރަށުގައި އެއާޕޯޓެއް އެޅޭނެ ކަމުގެ ފެހި ސިގްނަލް ކޮންމެވެސް ގޮތަކުން ކައުންސިލަށް ލިބިފައިވާތީ ކަމަށްވެއެވެ.


ހުވަދު އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އެޅުމަށް ފިޔޯރީގެ އިތުރަށް ދިގުލާބަދުއާއި، ފަރެސްމާތޮޑާ ސާވޭ ކުރިއެވެ. ސާވޭއިން ކަށަވަރުވި އެއްކަމެއް އެބައޮތެވެ. އެއީ ލާބަދޫގައި އެއާޕޯޓު ނާޅާނެ ކަމެވެ. އެއީ އެންވަރްމެންޓަލިސްޓުން ހިނިތުން ކޮށްލި ކަމެކެވެ. އެމީހުން ދެކޭގޮތުގައި ލާބަދުއަކީ ހިމާޔަތް ކުރަންޖެހޭ ރަށެކެވެ. ތިމާވެށީގެ ގޮތުން މުއްސަނދި މާހައުލުތަކެއް ލިބިފައިވާތީއެވެ.


ފިޔޯރީ ކައުންސިލް އިދާރާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފަރެސްމާތޮޑާ ދާއިރާގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓް އެޅުމަށް ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ނިންމާފައިވަނީ ފިޔޯރީގައި ކަމަށެވެ. އެރަށުގައި އެއާޕޯޓެއް އެޅުމަށް މިސަރުކާރުންވެސް ފިޔޯރީ ސާވޭކުރިކަމަށް ފިޔޯރީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. އެއާޕޯޓް އެޅުމަށް ސާވޭކުރުމަށް ފިޔޯރީ ކައިރީގައި އޮންނަ ދިގުލާބަދުއާއި ފަރެސްމާތޮޑާ ސާވޭ ކުރުމުން ފިޔޯރީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 


ފިޔޯރީ ކައުންސިލުން ބުނެފައިވަނީ ހުރިހާގޮތަކުން ބެލިކަމަށްވިޔަސް ފަރެސްމާތޮޑާގައި އެއާޕޯޓެއް އެޅުމަކީ ބޮޑުޚަރަދެއް ހިނގާނެ ކަމެއްކަމަށެވެ. ފަރެސްމާތޮޑާ ކައުންސިލުން ބުނެފައިވަނީ ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަންކުރަން ޖެހޭ ޚަރަދަށްވުރެ ބޮޑު ޚަރަދު ފިޔޯރީގައި އަޅާކަމަށްވާނަމަ ކުރަންޖެހޭނެ ކަމަށެވެ. 


މި ދެރަށުގެ ކައުންސިލަރުންނާއި އާންމުން ނިކަން ވިސްނާލަ ބަލާށެވެ. ބުނެލާ ބަހަކުން ކަންކަން ނުކުރެވޭނެއެވެ. މިފަދަ ކަންކަން ކުރުމަށް އެކަށީގެންވާ ރަނގަޅު ސާވޭތައް ކުރަންޖެހެއެވެ. ފީޒިބިލިޓީ ހަދަންޖެހެއެވެ. މިކަންކަމުގެ ނަތީޖާއަށް ބަލައި އެންމެ ރަނގަޅު ތަނެއް ސަރުކާރަށް ބުނެދޭނީ ސާވޭހެދި މީހުންނެވެ. މި ހަގީގަތަށް ދެރަށު މީހުންވެސް އިއްތިފާގު ވާންވެއްޖެއެވެ. 


ކޮންމެ ގޮތެއްވިޔަސް މި ދެރަށުގެ މީހުން އެތިބީ އެއާޕޯޓުގެ ބޭނުމުގައި ފޫގަޅައިގެން ނުކުމެއެވެ. މި ދެރަށްވެސް ސަރުކާރުގެ ކުރިމަތީގައި ާންޖެހޭނީ އެއްވަރެކެވެ. އެއާޕޯޓު އަޅަން އެންމެ އެކަށީގެންވާ ރަށުގައި އެއާޕޯޓު އެޅުމުގެ ފުރުސަތު ސަރުކާރަށް ނުދީފި ކަމަށްވާނަމަ ދެރަށުގެ މީހުންނަށް މުސްތަގުބަލުގައިއޮތް ހިތާމައެއްގެ ބޮޑުކަމާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު