އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެސީ ފަހުވަގުތު ކާމިޔާބު ކުރި ޕެނަލްޓީއިން ބާސެލޯނާ މޮޅުވެއްޖެ

މެސީ ފަހުވަގުތު ކާމިޔާބު ކުރި ޕެނަލްޓީއިން ބާސެލޯނާ މޮޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ސްޕެނިޝް ލަލީގާގައި ރަށުން ބޭރުގައި ވެލެންސިޔާ ކޮޅަށް މެޗުގެ އެންމެ ފަހު ވަގުތު ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކުރި ޕެނަލްޓީއިން 3-2 އިން ބާސެލޯނާ މޮޅުވެއްޖެއެވެ.


ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ބާސެލޯނާއިންނެވެ. މިލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބު ކުރީވެސް މެސީއެވެ. ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.


ދެވަނަ ހާފް ފަށައިގެން 52 ވަނަ މިނެޓުގައި ބާސާގެ ކުރީގެ ފޯވާޑް މުނީރް އަލްހައްދާދީގެ ލަނޑުން ވެލެންސިޔާ އެއްވަރު ކުރުމުން މެޗުގެ ފޯރިގަދަ ވެގެންދިޔައެވެ. މުނީރްއަކީ ބާސެލޯނާއިން ލޯން އެއްބަސްވުމެއްގެ ދަށުން މިސީޒަނުގައި ވެލެންސިޔާއަށް ބަދަލުވި ކުޅުންތެރިއެކެވެ. މުނީރްގެ ލަނޑަށްފަހު ވެލެންސިޔާއިން ދިޔައީ ފުލުފުލުގައި ބާސާގެ ގޯލަށް ހަމަލާތައް ފޮނަވަމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ 56 ވަނަ މިނެޓުގައި ރޮޑްރިގޯ ލަނޑެއް ޖަހައި ވެލެންސިޔާއަށް ލީޑް ހޯދައި ދިނުމެވެ.


ވެލެންސިޔާއިން ލީޑް ނެގުމާއެކު ދެން ފެނިގެންދިޔައީ ބާސާގެ ކުޅުން ރަގަޅުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ. ބާސާއިން އެއްވަރުކުރީ 66 ވަނަ މިނެޓުގައި އުރުގުއޭގެ ނުރައްކާތެރި ފޯވާޑް ލުއިޒް ސްއަރޭޒް ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުން ބާސާ މޮޅުވި ލަނޑު މެސީ ކާމިޔާބު ކުރީ ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ކުޅުނު 2 މިނެޓުގެ ތެރެއިން ފަހު މިނެޓުގައެވެ.


މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ބާސާ އޮތީ މިހާތަނަށް ކުޅުނު 9 މެޗުން ލިބުނު 19 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 18 ޕޮއިންޓެވެ. ލީގުގައި މިރޭ ރެއާލް ނިކުންނާނީ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށެވެ. އެތުލެޓިކޯ ނިކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު