އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިރާގުގެ އެއާފޯސް އޭއެފްސީ ކަޕް ކާމިޔާބު ކޮށްފި

އިރާގުގެ އެއާފޯސް އޭއެފްސީ ކަޕް ކާމިޔާބު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

އިންޑިޔާގެ ބެންގަލޫރު އެފްސީ 1-0 އިން ބަލިކޮށް އިރާގުގެ އެއާފޯސް ކްލަބުން އޭއެފްސީ ކަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ. އޭޝިޔާގެ ކްލަބުތަކުގެ މެދުގައި ކުޅެވޭ ދެވަނައަށް އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ ކަޕް އިރާގް އެއާފޯސް ކްލަބުން ކާމިޔާބު ކުރި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިރާގް ގައުމީ ޓީމުގެ މުހިއްމު ފޯވާޑް އަދި މުބާރާތުގެ އެންމެ މޮޅު ކުުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ މަގާމް ހޯދި ހާމިދީ އަބްދުﷲ އެވެ. މިއީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އިރާގަށް ނިސްބަތްވާ ކްލަބަކުން އޭޝިޔާގެ ކްލަބު ލެވެލް މުބާރާތެއް ކާމިޔާބު ކުރި 3 ވަނަ ފަަހަރެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ކުޅުނު ފައިނަލް މެޗުގައި އެއާފޯސް ޓީމުގެ ފަރާތުން ފިޒިކަލް ކުޅެމެއް ފެނުނުއިރު ބެންގަލޫރު އެފްސީގެ ފަރާތުން ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަތަން ފެނުނެވެ. ފައިނަލުގައި ބަލިވިނަމަވެސް ބެންގަލޫރު އެފްސީ ފައިނަލުގައި ކުޅުން ވެގެންދިޔައީ މުޅި އިންޑިޔާ ފުޓްބޯޅައަށް ލިބުނު ބޮޑު ޝަރަފަކަށެވެ. މީގެ ކުރިން އިންޑިޔާގެ ކްލަބަކަށް އޭއެފްސީ ކަޕުގެ ފައިނަލަށް ދެވިފައި ނުވާއިރު ދެކުނު އޭޝިޔާއަށް ނިސްބަތްވާ ކްލަބުތަކުގެ ތެރެއިން އޭއެފްސީ ކަޕުގައި އެންމެ ރަގަޅު ނަތީޖާއެއް ނެރެފައިވަނީ ރާއްޖޭގެ ނިއުރޭޑިއަންޓުންނެވެ. އެއީ 2005 ވަނަ އަހަރު ތިންވަނަ ހޯދުމެވެ. މެޗަށްފަހު އެއާފޯސް ޓީމުގެ ކޯޗް އަދި އިރާގުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއްފުޓްބޯޅަ ކުޅުންތެރިޔާ ބާސިމް ގާސިން ހަމްްދާން ބުނީ މިއީ އިރާގުގެ ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމަށެވެ. "މިކާމިޔާބީގެ ސަބަބުން އިރާގުގެ ރައްޔިތުންނަށް އުފާވެރިކަމެއް ލިބޭނެ. މިއީ އިރާގުގެ ފުޓްބޯޅައަށް ލިބުނު ކާމިޔާބެއް" 1986 ގެ ވޯލްޑް ކަޕުގައި އިރާގް ގައުމީ ޓީމަށް ކުޅެފައިވާ ބާސިމް ބުންޏެވެ. ބެންގަލޫރު އެފްސީގެ ކޯޗް އަދި ބާސެލޯނާގެ ކުރީގެ އެސިސްޓެންޓް ކޯޗް އަލްބާޓް ރޮކާ ބުނީ ޗެމްޕިއަންްކަން ހޯދުމަށް ކުޅުންތެރިން ކުރި މަސައްކަތާމެދު ފަހުރުވެރިވާކަމަށެވެ. "މިއީ ކާމިޔާބުގެ ފެށުމެއް ކަމަށްބަލަމާ. ކުރިއަށް އޮތް ސީޒަނުގައި ބުރަކޮށް މަސައްކަތް ކޮށްފިއްޔާ އަހަރެމެންނަށް ޗެމްޕިއަންކަން ހޯދިދާނެ" ރޮކާ ބުންޏެވެ. ރާއްޖެއިން މިފަހަރު އޭއެފްސީ ކަޕުގައި ވާދަކުރީ ނިއުރޭޑިއަންޓާއި މާޒިޔާއެވެ. ދެޓީމުވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައެވެ. އޭއެފްސީ ކަޕުގައި ފާއިތުވެދިޔަ 2 އަހަރު ރާއްޖޭގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އޭއެފްސީ ކަޕުން ރާއްޖެއަށް މިދިޔަ އަހަރުން ފެށިގެން ދީފައިވަނީ އޮޓަމެޓިކް 1 ޖާގައެވެ. އަނެއް ޖާގަ ހޯދަން ޖެހެނީ ޕްލޭއޯފް ކުޅެގެންނެވެ. ދެކުނު އޭޝިޔާ ގައުމުތަކުގެ ތެރެއިން އޭއެފްސީ ކަޕުގައި ވާދަކުމުގެ ފުރުސަތު ލިބިފައި ވަނީ ރާއްޖެ އާއި އިންޑިޔާ ކްލަބުތަކަށް އެކަނިކަން ފާހަގަ ކޮށްލެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ނާހިދު އަބްދުއްރައްޒާޤް