އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރި ނުހުންނާނެކަމުގެ ޔަޤީންކަމުގަ މަންމައަށް ކިޑްނީ ހަދިޔާކުރި ޒުވާނާ ގަދަ ބަދަވިކޮށް ދިިރިއުޅޭތާ 27 އަހަރު!

ދިރި ނުހުންނާނެކަމުގެ ޔަޤީންކަމުގަ މަންމައަށް ކިޑްނީ ހަދިޔާކުރި ޒުވާނާ ގަދަ ބަދަވިކޮށް ދިިރިއުޅޭތާ 27 އަހަރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 51 ސިކުންތު

ޚާލިދު ކޮލެޖު ނިންމައި ވަޒީފާއަށް ނުކުތްތާ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ޚާލިދަށް ކުރިމަތިވީ ހަޔާތުގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު މަޔޫސްކަމެވެ. ވަރުބަލިވާތީ ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހެދުމަށްފަހު ސިކުނޑީގައި ބޮޑު ޓިޔުމަރެއް އެބަ އިން ކަމަށާއި މިހާރު ހުރީ އެންމެ ފަހު މަރުހަލާގައި ކަމަށް ބުނުމުންނެވެ.

އެކަމުގެ ހިތާމައިގައި މުޅި އާއިލާވެސް ދިއައީ ރޮއި ކަރުނަ އަޅަމުންނެވެ. ޚާލިދަކީ އުމުރުން ހަގު ނަމަވެސް ޢާއިލާގެ އެންމެންގެ ވެސް އެންމެ ގާތް "މިތުރު" ކަމަށްވާތީއެވެ. ޢާއިލާގެ ކޮންމެ މީހަކަށް ކަމެއް ކުރިމަތިވި ނަމަވެސް އެންމެ ގާތުގައި ހުރެ އެމީހަކަށް އެހީތެރިވެދޭތީއެވެ. ޢާއިލާގެ ކޮންމެ މީހަކަށް ކަމެއް ދިމާވެގެން ހޮސްޕިޓަލުގައި ބާއްވަން ޖެހުނު ނަމަވެސް އެންމެ ގިނަ ވަގުތު ހޮސްޕިޓަލުގައި ހޭދަކުރަނީ ޚާލިދު ކަމަށްވާތީއެވެ. އަދި ކިތަންމެ ގިނަ ދުވަހަކު އެޑްމިޓްކޮށްފައި އޮތް ނަމަވެސް ރޭގަނޑު ޑިޔުޓީކުރާ މީހަކީ ޚާލިދު ކަމަށްވާތީއެވެ.

ޚާލިދުގެ ހާލަށް ފަރުވާއެއް ހޯދޭތޯ ޢާއިލާ އިން ނުކުރާ ހަމަ އެއްވެސް މަސައްކަތެއް ނެތެވެ. ޑޮކްޓަރުން ކިރިޔާ އުންމީދެއް ދިން ނަމަވެސް އާއިލާގެ ކޮންމެ މީހަކުވެސް ހުރީ އެމީހެއްގެ މުޅި މިލްކިއްޔާތު ވިއްކާލައިގެންވެސް އެކަމަށް ޚަރަދުކުރަން ތައްޔާރަށެވެ. އެމެރިކާއަށް ގެންގޮސްގެން ރަނގަޅު ކުރެވޭނެ ނަމަ އެކަން ކުރަންވެސް ތައްޔާރަށެވެ.

އެހެން ނަމަވެސް ހުރިހައި ޑޮކްޓަރުންވެސް ބުނަމުން ގެންދިއައީ ޓިޔުމަރު ބޮޑުކަމުން އޮޕަރޭޝަން ކުރި ނަމަވެސް ރަނގަޅު ނުވާނެ ކަމަށެވެ. ހޭނައްތައިފި ނަމަ ހޭ ނުއަރާނެ ކަމަށެވެ. އެހެންކަމުން އޮޕަރޭޝަން ކުރުމަކީ އެއްވެސް ޤައުމަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޚާލިދުގެ ހާލަތު މިފަދަ ގޮތަކަށް ހުއްޓައި އާއިލާއަށް ކުރިމަތިވީ އިތުރު މައްސަލައެކެވެ. މަންމަގެ ދެ ކިޑްނީވެސް ފެއިލްވުމެވެ. ކިޑްނީ ބަދަލުކުރުން ނޫން ގޮތެއް ނެތްކަމަށް ޑޮކްޓަރުން ނިންމި ދުވަހަކީ ޢާއިލާއަށް ހަތަރު އުދަރެސް ފެނު ޖެހުނު ދުވަހެވެ.

ޢާއިލާގެ ކޮންމެ މީހަކުވެސް ހުރީ މަންމައަށް ކިޑްނީއެއް ހަދިޔާކުރުމަށް ތައްޔާރަށެވެ. އެހެންކަމުން ޑޮކްޓަރުން ދިއައީ އެކަމަށް ހަދަންޖެހޭ ޓެސްޓްތައް ހަދަމުންނެވެ.

އެންމެންގެ ޓެސްޓްތައް ހެދުމުންވެސް ދިމާވި ކަމަކަށް ނުވެއެވެ. އެހެންކަމުން އެކަމަށް ޚާލިދު ކުރިމަތިލީ ވަރަށް ހިތްވަރާއިއެކުއެވެ.

"ޑޮކްޓަރ އެވެ. އަޅުގަނޑުގެ ހާލު ހުރި ގޮތުން ޢާއިލާއިން އަޅުގަނޑުގެ ޓެސްޓެއްވެސް ނުހެދިއެވެ. ނަމަވެސް އަޅުގަނޑުގެ އޮތީ އެންމެ ސުވާލެކެވެ. އަޅުގަނޑާއި ދިމާވެއްޖެނަމަ އަޅުގަނޑުގެ ދެ ކިޑްނީ މަންމައަށް ހަދިޔާ ކުރެވިދާނެ ކަމުގެ ސުވާލެވެ. އަޅުގަނޑަކީ ހަމަ ދާދި ކުޑަ ހިނދުކޮޅެއްގެ މެހްމާނެކެވެ. މަންމައަށްޓަކައި އަޅުގަނޑުގެ ދެ ކިޑްނީ ވެސް ހަދިޔާކުރަން ހަމަ ތައްޔާރެވެ.

އަޅުގަނޑުގެ ޓެސްޓްތައް ހައްދަވައި ދެއްވާށެވެ. ދިމާވެއްޖެ ނަމަ އަޅުގަނޑުގެ ދެ ކިޑްނީ ވެސް ނަންގަވައި މަންމައަށް ލައްވަވައި ދެއްވާށެވެ. މެޝިނުގެ ބާރު ކެނޑުމުން އަޅުގަނޑުގެ ފުރާނަ ހިނގައިދާނެއެވެ. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އަޅުގަނޑުގެ ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައެވެ. މިއީ ދުނިޔެއެވެ. ދާއިމީ މަންޒިލެއް ނޫނެވެ. ދާއިމީ މަންޒިލަކީ މާތްﷲ ގެ ވާގިފުޅާއިއެކު މަންމަގެ ފައިތިލަ ދަށުން ލިބެން އޮތް ސުވަރުގެއެވެ."

ތަކުރާރުކޮށް ޚާލިދު ކުރި އާދޭސްތަކަށް ކެތް ނުކުރެވިގެން ޚާލިދުގެ ހިތް ހަމަޖައްސައިދިނުމަށްޓަކައި ޓެސްޓްތައް ހެދިއިރު ދިމާވެއެވެ. އެއްވެސް މައްސަލައެއް ނެތި އޮޕަރޭޝަން ކުރެވިދާނެ ކަމުގެ ޔަޤީންކަން ޑޮކްޓަރުން ދިނެވެ.

ޑޮކްޓަރުން ބުނީ ދެ ކިޑްނީ އެއްފަހަރާ ނުނަގާނެ ކަމަށެވެ. ފުރަތަމަ ނަގާނީ އެއް ކިޑްނީ ކަމަށެވެ. ދެވަނަ ކިޑްނީ ނަގާނީ ޚާލިދުގެ ހަޔާތުގެ އެންމެ ފަހު މަރުހަލާ ކުރިމަތިވެއްޖެނަމަ އެ ހާލަތުގައި ކަމަށެވެ.

ޢާއިލާއިން ޚާލިދުގެ ކިޑްނީ ނަގަން ބޭނުމެއް ނޫނެވެ. ނަމަވެސް ނުނަގައިވެސް ކުރާނެ ކަމެއް ނެތެވެ. މަންމައަށް ޝިފާއެއް ހޯދުމަކީވެސް ހަމަ އެހައިމެ މުހިންމު ކަމަކަށްވާތީއެވެ. ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެވެ.

ޚުދު މަންމަ ވެސް ޚާލިދުގެ ކިޑްނީ ނަގަން ބޭނުމެއް ނޫނެވެ. ނަމަވެސް ގޮތް ހުސްވުމުން އެއްބަސްވީއެވެ. "ދަރިފުޅާއެވެ. ދަރިފުޅު ތިއަވަނީ ހާދަ މަތިވެރި ޤްރްބާނީއެކެވެ. ތިއަ ހާލުގައި ހުރެވެސް މަންމައަށްޓަކައި އޮޕަރޭޝަން ތިއަ ކުރަނީއެވެ. ހޭއަރާނެ ކަމުގެ އުންމީދެއްވެސް ނެތިއެވެ. ދަރިފުޅު ދުނިޔެއިން ވަކިވެގެންދާތަން ދުށުމަކީ މަންމައަށް މާ ބޮޑު ވޭނެކެވެ."

"މަންމާއެވެ. ތިއަހެން ނުބުނުއްވާށެވެ. ޑޮކްޓަރުން އަހަރެން ހޭ ނުއަރާނެ ކަމަށް އެ ބުނަނީ ސިކުނޑީގެ އޮޕަރޭޝަން ކޮށްފިނަމައެވެ. ޓިޔުމަރު ނަގައިފިނަމަ އެވެ. އެކަމުން ސިކުނޑީގައި އުފެދޭނެ ބާގަނޑު ބޮޑުވާނެތީއެވެ. މިއީ އެފަދަ އޮޕަރޭޝަނެއް ނޫނެވެ. މިއީ ހަމަ އާދައިގެ ކުޑަ ކުޑަ އޮޕަރޭޝަނެކެވެ. މަންމަ ކޮށްދެއްވަންވީ ކަމަކީ ހަމައެކަނި ހެޔޮ ދުޢާކޮށްދެއްވުމެވެ. މަންމަ އަށާއި މަންމަގެ ދަރިފުޅަށެވެ. މާތްﷲ މަންމަގެ ދުޢާ އިޖާބަ ކުރައްވަވާނެއެވެ. އެއްވެސް ކަމެއްގައި މާތްﷲގެ ޙަޞްރަތުން އުންމީދު ކަނޑައި ނުލުމަށް އަޅުގަނޑަށް އެންމެ ބޮޑުު ހިތްވަރެއް ދެއްވީ ވެސް ހަމަ ތިއަ މަންމަ ނޫންތޯއެވެ!"

ޚާލިދާއި މަންމަގެ އޮޕަރޭޝަން ކުރީ އެކުއެކީގައެވެ. ޢާއިލާގެ އެންމެންވެސް ދުޢާކުރަމުން ގެންދިއައީ މަންމަ އާއި ޚާލިދަށް ހެޔޮ ރަހްމަތް މިންވަރު ކުރެއްވެވުން އެދިއެވެ.

އޮޕަރޭޝަން ކުރަމުން ދިއަ ވަގުތު ޚާލިދުގެ ދޮށީ ދައްތަ، ގިސްލައި ރޮމުން ދުޢާ ކުރިއެވެ. "ޔާﷲ! މިއަޅާގެ މަންމައަށާއި ކޮއްކޮއަށް ހެޔޮ ރަހްމަތް މިންވަރު ކުރައްވަވާނދޭވެ. ކުދި ކަންކަން ބޮޑު ކުރައްވަވައި ބޮޑެތި ކަންކަން ކުޑަ ކުރައްވަވަނީ ހަމަ އިނބަ ﷲއެވެ. މިއަޅާގެ މަންމަ އާއި ކޮއްކޮގެ އޮޕަރޭޝަން ކާމިޔާބުވެއްޖެނަމަ މިއަޅާގެ ދަނޑު ބިމުން ދެބައިކުޅަ އެއްބައި ފަޤީރު ދަނޑުވެރިންނަށް ހަދިޔާ ކުރާނަމެވެ. މިއަޅާގެ ޞިއްޙަތު ތަންދޭ ނަމަ އެއް އަަހަރު ވަންދެން ދެދުވަހުން އެއް ދުވަހު ރޯދަ ހިފާނަމެވެ."

7 ގަޑިއިރުގެ އޮޕަރޭޝަން ނިމުނީއެވެ. ދެމައިންވެސް ހޭއަރައިފިއެވެ. ހާލުވެސް އާދައިގެ ގޮތެއްގައި ރަނގަޅެވެ.

ހޮސްޕިޓަލުން ދެމައިން ދޫކޮށްލީ މަހެއްހައި ދުވަސް ފަހުންނެވެ. މަންމަގެ މިހާރު އެއް ކިޑްނީއެވެ. ޚާލިދުގެ ވެސް އެއް ކިޑްނީއެވެ. ނަމަވެސް އެކަން ދެމައިންކުރެ އެކަކަށްވެސް އިޙްޞާޞެއް ނުކުރެވެއެވެ.

އޮޕަރޭޝަނަށްފަހު ދެ މަހެއްހައި ދުވަސް ފަހުން ޚާލިދު ވަޒީފާއަށް ވެސް ނުކުތެވެ. ޢާދައިގެ ދިރިއުޅުމެއް އުޅެވެން ފެށުނެވެ. އެއިގެ އަހަރެއްހައި ދުވަސް ފަހުން ކައިވެންޏެއްވެސް ކުރިއެވެ. 2 ދަރިން ލިބި ބޮޑެތިވެސް ވެއްޖެއެވެ.

މިއަހަރަކީ ޚާލިދު، އޭނާގެ މަންމައަށް އެނާގެ އެއް ކިޑްނީ ހަދިޔާ ކުރިތާ 27 އަހަރު ފުރުނު އަހަރެވެ. އެ ބޮޑު ޓިޔުމަރު އަދިވެސް އިނީ ޚާލިދުގެ ސިކުނޑީގައެވެ. އެކަމުން ޚާލިދަށްވާ އިތުރު އެއްވެސް އުނދަގުލެއް ނެތް ފަދައެވެ. ޚާލިދު ދިރިއުޅެމުން ގެންދަނީ ޢާންމު ދިރިއުޅުމެކެވެ. ހަމަ ގަދަ ބަދަވި ކަމާއިއެކުގައެވެ.

މާތްﷲގެ ރަޙްމަތްފުޅަކީ ހެދި އިތުރުވެ ކުރިއަރަމުން އަންނަ ކަންކަމެވެ. އެއީ ކިތަންމެ ގިނައިން ނެގި ނަމަވެސް އަދި ބޭނުންކުރި ނަމަވެސް ހުސްވާން އޮތް އެއްޗެއް ނޫނެވެ. ޒައްރެއްގެ މިންވަރު މަދުވާންވެސް އޮތް އެއްޗެއް ނޫނެވެ. އިޚްލާޞްތެރިކަމާއިއެކު ދެމިތިބެންވީ މާތްﷲގެ ހަޟްރަތުން ވާގިއެދުންމަތީގައެވެ. ޤްރްބާން ވާންވީ މައިން ބަފައިންނަށްޓަކައެވެ. ފަސް ނުޖެހެންވީ މައިންބަފައިންނަށް އަދާކުރަންޖެހޭ ޚިދުމަތްތައް އަދާކުރުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް