އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިންދު ކަނޑުގެ ތެރޭން

ހިންދު ކަނޑުގެ ތެރޭން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ހިންދު ކަނޑުގެ ތެރޭން އުފުލިފައިވާ މިއީ ރަންމުތްތަކެއް
ވިންދު ތެޅިލާވަރުގެ ފެހިކަން މަލަމަތިން ދައްކާ ތަނެއް،
ހާދަ ރީއްޗޭ ޖާދުވީ ކުދިކުދި ޖަޒީރާތައް އެތުރި
ވާދަކޮށް މުޅި ދުނިޔެއިން ރަންވަނަ ލިބޭ ނަލަނަލަ ތަނެއް،
ނޫވިލުގެ އަޑި ނޭނގުނަސް ތިލަވާ ވަގުތު މަސްތައް ރިވެތި
ނޫވިލުގެ މަންޒަރު އިތުރުކޮށް މަސްތުގައި ޖައްސާ ތަނެއް،
ގުޅުވަމުން ފިޔަވަޅުތަކާ މަންޒަރުތަކަށް ހިންގައި ނަޒަރު
ގުޅުވަމުން އެކި ކުލަތަކުން ސިފަކޮށް ހިތުން ކުރަހާ ތަނެއް،
ރާޅުތައް ލޯބީގެ އަސަރާއެކު އައިސް ބީހޭގޮތުން
ފާޅުކުރެވޭ މިއުޒިކުން ނަލަރާގު އިއްވައިދޭ ތަނެއް،
މާކަނޑުން ރަސްއައިނު ރެކެމުން މަސްވެރިންގެ އެ ބުޅިތަކުން
މާކަނޑުން ރަސްކަން ކުރާގޮތް ޝަރަފުގައި ދައްކާ ތަނެއް،
ތުނޑިތަކުން ދެއިރަށް ހޮވާ ކާން އައިސް އުޅޭ ކުދިދޫނިތައް
ތުނޑިމަތީ އެ ހިމޭންކަމަށް ހަލަބޮލިކަމެއް ގެނުވާ ތަނެއް،
ވާދަވެރި ރޫޙާއެކީ ބޮލިތައް ދުވާއިރު ފަރުމަތިން
ވާދަވެރި ރޫހުން ސަނދަރަބޮލި ކުރިއަރައި މޮޅުވާ ތަނެއް،
ރިވެތި ބަހުރުވަ އޭގެ ޒާތުން ގައުމު މުއްސަނދި ކުރުވަމުން
ދިވެހިވަންތަ އަމިއްލަ ގޮތުގައި ކުރިއަރަން ފިރުކޭ ތަނެއް،
އަންޒަމާނުގެ މޮޅު ސަގާފަތް އާދަކާދައިން ވެވި ޖަރީ
ރަންޒަމާން އެހެނަސް އައިސް އުވި ފޮހެވި ނިމިގެން ދާތަނެއް،
މާތްވި ދީނުގެ ދަރުމައިން ފިނިހިޔަލުގައި މިނިވަން ކަމުން
މާތްކަމާއި އަމާންކަމުގެ ނޫރުން އުޖާލާ ވާތަނެއް،
ކާރިސާގެ ސިހުރުތަކުން މިންޖުވެ އިލާހީ ރަހުމަތުން
ދާރިޔަލުގައި އެއް މިނެއްގައި ފަހިދަތުރު ކުރެވޭ ތަނެއް،
ވިހުރެމުންދާ ދިދަ މި ދީބުން ފެހި ރަތާ ހުދުގައި އަމާން،
އިހު އެވޭލާގައި ފެނުނު ހިތް ހަމަޖެހުން އެދި ވާ ތަނެއް،
އަޅުވެތިވެ އެތަކެއް އަހަރު އޮވެ ހިތްވަރާއެކު ފިޔަފަޅައި
ވަޅުޖެހުނު މާޒީ އުވާލައި ޖައްވުގައި އުދުހޭ ތަނެއް،
އިންގިލާބުން އަދު ސިޔާސީ ގައުމު އޮވެ ކުދިކުދިވެގެން
އިންދިރާސްވެ ފުރާނަ ނުދަނީސް އަލިމަގެއް އެދި ވާތަނެއް،
ތޫނު ލޮލަކުން ތާއަބަދު މުޅި ދުނިޔެ ކަޅި ހިންގާ ބަލައި
ތޫނު ހަމަލާއެއްގެ ބިރު އަދު ލޯމަތިން ފެނިދާ ތަނެއް،
އާދަކާދަ މުރާލިކަން އޭރުގެ އެ ތަހުޒީބީ އުޅުން
އާދަވޭތޯ އެދި ދުލުން ގައުމުގެ ދުއާ ކުރެވޭ ތަނެއް،
އަތުމަސައްކަތްތެރި ކަމުން އުނުއަނދެ މޮޅަށް ކައިބޮއި އުޅުނު
ދަތުރު ފައްސިޔަކޮށް އެނބުރި އެދުވަސް ލިބޭތޯ ވީ ތަނެއް،
ބަލިތަކާ އާފާތްތަކުން މިންޖުވެ މިވެށި އޮތް ރަންޒަމާން
ހަލި ދަތުރަކުންގޮސް ފެނޭތޯ ހޯދަމުން އޮވެދާ ތަނެއް،
އާއިލީ ގުޅުމާ އުފާވެރިކަމުގެ ފޮނިފޮނި ސިލްސިލާ
މާއިހުގެ ފިނިއަށިތަކުން އޮތް ރިވެތި ގޮތް ހޯދާ ތަނެއް،
ގަސްގަހާ ވެޔޮ މާމެލާމެލި ކަރުނަ އަޅަމުން ގިސްލަމުން
ފަސް އެނބުރި އެ ރަބީޢު ލިބުމަށް އެދި ކަރުނަ އޮއްސާ ތަނެއް،

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ