އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅުގެ އަލްވަދާޢު

ދަރިފުޅުގެ އަލްވަދާޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 2 ސިކުންތު

ހައްވަޔާ އަލީގެ އަލަތު ކައިވެނީގެ ފުރަތަމަ ދަރިފުޅު މި ދުނިޔޭގެ އަލިކަން ދެކެން ދެން މާގިނަ ދުވަސްތަކެއް ނެތެވެ. މި ދިޔަ ނުވަމަސް ތެރޭ އުފުލި ބުރަޔަށްވެރެ ކުރެވޭ އުއްމީދުތަކާއި ދެކެމުން އަންނަ ހުވަފެން އަދި އޭގައި ޖެހެމުން އަންނަ ކުލަތައް މުޅި ހަށިގަނޑަށާ ސިކުނޑިޔަށް ދެމުން އަންނަ ފިނިކަން މާ ބޮޑެވެ. ދެ ހިތެއްގެ އުއްމީދު ގެ ހުޅުކޮޅު ދިއްލި އޭގެ އަލީގައި ދިރިއުޅުން ބިނާކުރަމުން ދާ މި ދެލޯބިވެރިންނަށް ލިބެން އުޅޭ އުފާވެރިކަމުގައި ދެ އާއިލާ ގެ ހިއްސާ ވަރަށް ބޮޑެވެ. ލިބެމުނދާ އޯގާތެރިކަމާއި އޮހެމުންދާ ލޯބީގެ ސަބަބުން ހައްވަޔާ އަލީ އަންނަނީ އުފާވެރި ކަމުގެ އެންމެ މަތީ އުޑުން ބަބުޅަމުންދާ ދެ ތަރިހެން ފިޔަޖަހަމުންނެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްކަމަށްވާ ގދ. މަޑަވެލީގައި ހައްވަ ދިރިއުޅެމުން އައީ އަލީގެ މައިނއބަފައިންނާ އެކުގައެވެ. ނަމަވެސް އޭރު ރަށްފުށުގެ އާދަކާދަ ހަމަޖެހިފައި އޮންނަގޮތުން އަންހެންކުއްޖަކު އަލަށް ވިހާނަމަ ޖެހެނީ މައިންބަފައިން ކައރިއަށް އަންނާށެވެ. އެގޮތުގެ މަތިން ހައްވަޔާ އަލީވެސް އައިސް ހައްވަމެން ގޭގައި އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ދުވަހަކީ އުޑުމަތި ސާފު ވައިރޯޅި ފިނި ދުވަހެއް ކަމުން ހައްވަޔާ އޭނާގެ ލޯބިވާ ފިރިމީހާ އިށީދެލައިގެން އެތިބީ ފެންނަމުންދާ އުފާވެރި މަންޒަރުން ދެހިތުގެ ގުޅުން އިތުރަށް ބަދަހިކުރެވޭތޯ އެވެ. ނޫކަނޑުގެ ރާޅުތައް ދޮންވެލިގަނޑު މަތީ ބީހެމުންދާ މިއުޒިކުގެ އަޑު މި ދެހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވަމުން ދިޔައެވެ. ހައްވަގެ ބަނޑަށް ނުވަމަހާ ތިންދުވަސް ވެފައިވުމާއެކު ހެލިފެލި ވުމުގައި ދަތިގޮތެއް ހުއްޓަސް އުފާވެރިކަމުގެ ވިދުވަރު މޫނުމަތިން ފެންނަން ހުއްޓެވެ. ވަރަށް ގިނައިރުވަންދެން ހައްވަޔާ އަލީ މި އުފާވެރި ގުދުރަތީ މަންޒަރުތަކަށް ގެއްލިފައި ތިއްބެވެ. ނަމަވެސް މަޢްރިބު ނަމާދުގެ ބަންގީގެ އަޑަށް ދެމީހުންގެ ހިތް ލެނބިގެން އެދިޔަ ވަގުތަކީ ތެދުވެގެން ގެޔާ ދިމާލަށް މިސްރާބު ޖެހިވަގުތެވެ.

އޭރުގެ އާދަކާދަ އޮންނަ ގޮތުން އަންހެންކުއްޖެއްގެ އަލަތު ދަރިފުޅު ވިހަން ހަމަޖެހިފައި އޮންނަނީ އަންހެންކުއްޖާ ގެ މައިންބަފައިން ގެ ގޭގައެވެ. މިގޮތުގެ މަތިން ހައްވަ އަލީ މެންގޭގަ ދިރިއުޅެމުން އަޔަސް ވިހެއުމުގެ ހުރިހާ ތައްޔާރީއެއް ކުރެވި ނިމިފައިވަނީ ހައްވަގެ މަންމަމެން ގޭގައެވެ.ދެ ޢާއިލާގެ ތަނަވަސް ކަމާއެކު ވިހެއުމުގެ ހުރިހާކަމެއް އޭރުގެ އޮންނަ ސަގާފަތާއެއްގޮތަށް ތައްޔާރުވެ ނިންމާފައި ހުރި ގޮތާމެދު މީހަކު ބުނާނެ ބަދުބަހެއް ނެތެވެ، އެހާވެސް ފުރިހަމައެވެ. ވިހޭގެ ތައްޔާރުކޮށްފައި ވަނީ ވަރަށް ފުރިހަމަޔަށެވެ. ގޭ ވަލުފަރާތުގައި އެކަމަށް ޚާއްސަ ކުދަ ބަދިގެއެއް ހެދިފައިވަނީ ފެންހޫނު ކުރމާއި، ބޭސްކުރާ ކެއްކުމާއި، ސައުވީސް ގަޑި އިރު އަޅިބޮނޑި އަޅަން އަލިފާން ހޯދުމަށާއި އަދި މިކަހަލަ އެތައް ބޭނުމުގައެވެ. ބޮޑެތި ފުފޭ ގައި ފަތްޕިލާވެލީގައި ފެން ހޫނުކރެވޭނެއެވެ. ފަތުލީބޭސް ގަނޑުގަނޑު ފިހުންވެސް މީގެ ތެރޭގައި ހިމެނޭނެއެވެ.

މަޢްރިބް ނަމާދުކޮށް ނިމުނުތަނާ ހައްވަގެ ބަނޑުގައި ރިހުމުގެ އަލާމާތްތައް ފެންނަން ފފަށައިފިއެވެ. އަލީ މިސްކިތްދޮށުން އައިއިރު ހައްވަ އިނީ ލޮލުން ކަރުނަހިލި މޮޅިވެރިކަންމަތީގައެވެ. އެވަގުތު ހައްވަގެ މަންމަ އުފަލުން ބޭކެނބި ބަލާ ދުއްވައިގަތީ ފަޔަށް ލެވުނުހާ ބާރެއް ލާފައެވެ. ބޭކެނބި އައިސް ވިހޭގެ ތެރޭގައި ހަރަކާތްތެރި ވާން ފެށުމުން އަލީގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. ނަމަވެސް އަލީ ދުވެފަ އެދުރުބެ ގެނެސް ކިޔެވެލި ފަށައި ދުންޖެހިއެވެ. އެ ޒަމާނުގެ އާދަކާދަ އޮންނަގޮތުން ވިހޭގެ ތެރެއަށް ފިރިހެނުން ވަދެއުޅުމަކީ ރަނގަޅު ކަމަކަށް ނުވާތީ އަލީ މޮޅިކަންމަތީ ހެތޮ ދުޢާކުރުމުގައި އޮޅިގަނޑުމަތީ އިނެވެ. މާހައުލަށް ވެރިވެފައި އޮތް ހަމަހިމޭން ކަމުގެ ތެރޭން އެދުރުބެ ކިޔެވެލީގެ އަޑު ނޫން އަޑެއް ނީވެއެވެ. އެވަގުތު އަލީއަށް ހީވަނީ ގަޑީގެ ކަށިވެސް ހުއްޓިފަ ހުރިހެންނެވެ. ގާތްގަނޑަކަށް ދެގަޑިއެއްހާ އިރުފަހުން ބޭކެނބި މެދުގޭ ފޮތިގަނޑު ހިއްލާލުމަށްފަހު ފެންފަހިވި ޚަބަރު ދިނުމުން ކުޑަވަރެއްގެ ހަމަޖެހުމެއް އާއިލާގެ މީހުންނަށް ލިބިގެން ދިޔައެވެ.ނަމަވެސް އެންމެންގެ ލޯމަތިންވެސް ފެންނަން ހުރީ މާޔޫސްކަމާއި މޮޅިވެރިކަމެވެ.

ފަތިސްނަމާދަށް ބަންގި ގޮވިއަދަށް އަލީ ސިއްސައިގެން ގޮސް ތެދުވެ ދުއްވައިގަތީ މިސްކިތްދޮށަށެވެ. އޭރު ބޭކެނބި ބުނާގޮތުން ދެންމާކަ ގިނައިރެއް ނުވެ ދެހަށި ދެތަންވެދާނެއެވެ. އަލީ ނަމާދުކޮށްގެން ކުޑައިރުކޮޅަކު ދުޢާކުރަން މަޑުކޮށްލުމަށް ފަހު ގޭދޮށަށް އައިއިރު މުޅި ގޭތެރެ ވަނީ ރުއިމުގެ ކަނޑަކަށް ވެފައެވެ.އެންމެންގެ ރުއިމާ ގިސްލުމުގެ އަޑުން މުޅި ގޭތެރެވަނީ ގުގުމާލާފައެވެ. އަލީ ފެނުމާއެކު ހައްވަގެ މަންމަ ދަރިފުޅު މަރުވިވާހަކަ ބުނެ އަޑުން އަޑުނަގާ ރޯންފަށައިފިއެވެ. އަލީއަށް ކުރިޔަކަށް އެންމެ ފިޔަވަޅެއްވެސް ނޭޅި މޫނުމައްޗަށް އަނދިރިވެލާފައި ހުރިތަނަށް ދެމިއްޖެއެވެ. އެދުރުބެ ފެންފޮދެއް މަތުރާލުމށްފަހު އަލީގެ މޫނުމަތީ ހާކާލުމުން ތެދުވެ ހައްވަގެ ހާލަކީ ކޮބައިތޯ ބެލުމަށް އަވަސްވެ މެދުގޭ ފޮތިގަނޑު ހިއްލާލުމާއެކު އޭނާގެ ހިތުގެ ވިންދުކަމުގައިވީ ލޯބިލޯބި ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު ފެނި އަޑުންއަޑު ނަގާ ރޯންފެށިއެވެ. އެވަގުތު ހައްވަ ވަނީ ލިބުނު ވަރުބަލިކަމާއެކު ލޯމެރިފައެވެ، ނަމަވެސް ހައްވަގެ ލޮލުން ފޭބި ކަރުނައިގެ ސަބަބުން ބޯދޮށުގައި އޮތް ބާލީސް އެވަނީ ތެމިފޯވެފައެވެ. އަލީ މަޑުމަޑުން ހައްވަގެ އަތުގައި ހިފާލުމަށް ފަހު ހިތްކުދިވެފައިވާ ހާލުގައިވެސް ހިތްވަރުގެ ބަސްތައް އޮއްސަމުން ދިޔައެވެ.

"ލޯބިވާ ހައްވާއެވެ. މިއީ މިވަގުތަށް އަހަރުމެންނާ ދޭތެރޭ ތަގުދީރުގައި ރޭވިފައި އޮތް ގޮތް ކަމާމެދު ޝައްކެއް ނެތެވެ. އެ ގޮތާމެދަށް ޝުކުރުވެރި ވުންނޫން ގޮތެއް ނެތެވެ. ހިތްވަރާއެކު އަވަހަށް ގަދަވާށެވެ.ﷲ އިރާދަފުޅުން އަދި ހެޔޮ ނަސީބު ކިރިޔަށް އޮތީއެވެ." ހައްވަގެ ލޮލުން ހިފެހެއްޓުމެއް ނެތި އޮހެމުން ދިޔަ ކަރުނަތައް ފޮހެދެމުން އަލީ ނަސޭހަތްދިނެވެ. އެވަގުތު ދަރިފުޅުގެ ކަށުކަމާކެމީގެ ކަންތަކާ އުޅެން އެދުރުބެ އައިސް އިޝަރާތް ކޮށްލުމުން އަލީ ތެދުވެގެން އައިސް އެކަމާ އުޅެން ފެށިއެވެ.

ކަފުނުގައި އޮތް ދަރިފުޅަށް ވަދާޢީ ފަހުގެ ބަލާލުމަށް ފަހު އަލީއާއި ހައްވަ ހިތްދަތިކަމުން ފުރިގެންވާ ހާލުގައި ކަރުނަ އޮއްސަމުން ދިޔައެވެ. ކުޑަކުޑަ ސަންދޯއް ގެއިން ނެރުނުއިރު ހީވީ ހައްވަޔާ އަލީގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ނަމަވެސް ހިތްވަރު ހޯދީ ގަދަކީރިތިވަންތަ ﷲގެ ޙަޟްރަތުންނެވެ. ހައްވަ ބަލި އެނދުގަ އޮވެގެންވެސް ގަލަމް އެ ނެގީ މިހިތާމަވެރި ހާދިސާ ޅެމެއްގެ ސިފައިގައި ލިޔެލުމަށްޓަކައެވެ. (ނިމުނީ)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ