އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ދެވޭނަމަ ނިމުނީކަމަށްބުނެ މުއްސަނދިކަމަށް ފުރަގަސްދިން ނަޒީހަށް 120 ކިލޯ ހުދަންބަރެއް!

ނަމާދަށް ދެވޭނަމަ ނިމުނީކަމަށްބުނެ މުއްސަނދިކަމަށް ފުރަގަސްދިން ނަޒީހަށް 120 ކިލޯ ހުދަންބަރެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 34 ސިކުންތު

ނަޒީހް އަހްމަދަކީ އޮމާންގެ މަސްވެރި އަވަށެއްގެ ޒުވާނެކެވެ. ފަޤިރު އާއިލާއަކަށް ނިޞްބަތްވާ ނަޒީޙަކީ އާދައާ ޚިލާފަށް ރީތި ޒުވާނެކެވެ. އެހެން ކަމުން އަވަށުގެ މުއްސަނދި އަންހެނުން ކުދިންގެ ފަރާތުން ތަފާތު ހުށަހެޅުންތައް ނަޒީހަށް އައީ ލިބެމުންނެވެ.

ނަޒީހްގެ ބަހަކީ ކޮޅަށްހުރެ ނަމާދަށް ދެވޭނަމަ އޭނާއަށް ފުދުނީ ކަމަށެވެ. އިތުރު މުއްސަނދިކަމެއް އޭނާ ބޭނުން ނޫން ކަމަށެވެ. އަދި ކައިވެނި ކުރާނީ ކިތަންމެ ހުތުރު ނަމަވެސް މާތްﷲ އަށް ބިރުވެތިވާ ތަޤްވާވެރި އަންހެނަކާއި ކަމަށެވެ.

ނަޒީހުގެ މިނިންމުމުގެ ސަބަބުން މުއްސަނދި އަދި ރީތި ބައެއް އަންހެން ކުދިން ދީންވެރިކަން ދައްކައި ދީނަށް ކަމޭހިތާ ކަމާއި ނަމާދުކުރާކަން ނަޒީހަށް ދެއްކުމަށް ވެސް އައީ ކަންކަން ކުރަމުންނެވެ.

ނަޒީހްގެ އުންމީދު ވަރަށް ތަފާތެވެ. އޭނާ ބޭނުންވަނީ އަނބިމިހާގެ ސަބަބުން މުއްސަނދިވެ ތަނަވަސްވުމަކަށް ނޫނެވެ. އޭނާ ބޭނުންވަނީ މުއްސަނދި ނުވެވުނު ނަމަވެސް އޭނާގެ އަމިއްލަ މަސައްކަތުން ދިރިއުޅުމެއް ހޯދުމަށެވެ. ނަޒީޙް ބޭނުންވަނީ ކައިގެން ބޮއިގެން އަނބިދަރިން ގޮވައިގެން ދިރިއުޅެވޭވަރުގެ ތަނަވަސްކަމެކެވެ. މައިން ބަފައިންނާއި ހަގަށް ތިބި ކޮއްކޮ މެންނަށް އެހީތެރިވެލައިދެވޭވަރުގެ ތަނަވަސްކަމެކެވެ. އެއްވެސް ޙާލެއްގައި އަވަށުގައި ހުރި އެންމެ ތަނަވަސް މީހާ ކަމަށް ވުމަކަށް ނޫނެވެ.

ނަޒީހް މަސްވެރިކަމު ގޮސް އުޅެނީ ފަޅުވެރިއެއްގެ ގޮތުގައެވެ. ލިބޭ އެއްޗަކުން ހަމައެކަނި ކައިބޮއި ހަދައިލެވެނީއެވެ. އެއްވެސް ފައިސާއެއް ބާކީ ކުރެވޭ ވަރެއް ނުވެއެވެ. އެހެންކަމުން ނަޒީޙް ޤަސްދުކުރީ މަހަށް ނުގޮސް ރަށުގައި ހުންނަ ހުކުރު ދުވަހު އިތުރު މަސައްކަތެއް ކުރުމަށެވެ. އެކަމުން ލިބޭ ފައިސާ އެއްކުރުމަށެވެ.

އެ ނިޔަތުގައި މަސައްކަތް ފެށިތާ 2 އަހަރެއްތެރޭ ކުޑަ ފައިސާ ކޮޅެއް ޖަމާކުރެވުމުން ނަޒީޙް ޤަޞްދުކުރީ ކުޑަވަރެއްގެ ބޮއްކުރައެއް ގަންނާށެވެ. ރޭގަނޑު އެކަނި މަސްވެރިކަމު ނުކުމެ އުޅެލުމަށެވެ. ލިބޭ މަސްކޮޅު ވިއްކައިގެން ލިބޭ އެއްޗެއް އެހެން ބައަކަށް ބަހަން ނުޖެހި އެކަނި ބޭނުންކުރަން ލިބުމުން ކޮންމެވެސް ވަރެއްގެ އާމްދަނީ އެއް އިތުރަށް ލިބޭނެ ކަމަށް އުންމީދުކޮށްގެންނެވެ.

އެއީ ހުކުރު ދުވަހެކެވެ. ހުކުރުން ފައިބައިގެން އައިސް ކައިހަދައިގެން ނަޒީހް ދިއައީ އޭނާ ގަންނަން ބޭނުންވާ ބޮއްކުރާ ބެލުމަށެވެ. ބަލައި އަގު ކިޔުއްވައި ހެދުމަށްފަހު ނަޒީޙް ދިއައީ އަޞްރު ނަމާދަށެވެ. އަޞްރު ނަމާދަށްފަހު ނަޒީހް މާތްﷲ އަށް ދުޢާ ކުރިއެވެ. އޭނާގެ ވިސްނުމުގައި ބަރަކާތް ލެއްވެވުން އެދިއެވެ. އަދި އޭނާ ގަންނަ ބޮއްކުރައިން އޭނާއަށް ފައިދާ ކުރާނެ މަންފާއެއް މިންވަރު ކުރެއްވެވުން އެދިއެވެ.

ބޮއްކުރާ ގަތުމަށްފަހު އެރޭ ނަޒީޙް ނިދީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. އޭނާއަށް އުންމީދެއް ޙާޞިލުކުރެވުމުން އެކަމުގެ އުފަލުގައެވެ. ނިދަން އޮށޯވެ އޮވެ ވެސް ނަޒީޙް ދުޢާ ކުރަމުން ދިއައީ އޭނާ ފަށަން ގަސްދުކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދިއެވެ.

ނަޒީޙް ވިސްނައިގެން ހުރި ފަދައިން ކޮންމެ ހުކުރު ދުވަހަކު ބޮއްކުރާގައި މަހަށް ދެއެވެ. އަދި މަސްވެރިކަމުދާ ބޯޓު އަވަހަށް ރަށަށް އަންނަ ދުވަސް ދުވަހު ވެސް ބޮއްކުރާގައި މަހަށް ދެއެވެ. އެގޮތަށް ދާއިރު ދަނީ ކޮންމެވެސް ކޮއްކޮއެއްވެސް ގޮވައިގެންނެވެ. ނަޒީހްގެ ބޭނުމަކީ ކޮއްކޮ މެންވެސް މަސްވެރިކަމަށް ޝައުޤުވެރިކުރުވުމެވެ.

އެގޮތުގައި ނަޒީޙް މަސައްކަތްކުރަމުންދާތާ 3 އަހަރުވީފަހުން އައި ހުކުރު ދުވަހެކެވެ. އެދުވަހު ނަޒީޙް މަހަށް ފުރީ އަޞްރު ނަމާދުވެސް ކޮށްގެންނެވެ. އާދައިގެ މަތިން އޭނާގެ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދި މާތް ﷲ އަށް ދުއާ ކުރުމަށްފަހުއެވެ.

އެދުވަހަކީ ވަރަށް ކަނޑު މަޑު ދުވަހަކަށްވާތީ އެދުވަހު މަހަށް ފުރީ ދެ ކޮއްކޮ ވެސް ގޮވައިގެންނެވެ. އާދައިގެމަތިން ނުކުމެ އުޅޭ ސަރަހައްދަށް ނުކުތުމަށްފަހު ކުޑަކޮށް ބޮއްކުރާ މަޑުކޮށްލީ ދައު ބުރިއެއް ފެއްތުމުގެ ބޭނުމުގައެވެ.

އެވަގުތު ނަޒީހަށް ފެނުނީ އަޑިއަށް ދަމުން މައްޗަށް އަރަމުން ދާދި އެއްސަރަހައްދަކުން އޮޔާދާ 3 ގަނޑުރަބަރުގަނޑެވެ. ކުޑަކޮށް ވިސްނަން މަޑުކޮށްލިތަނާ އެހެންޏާ ނުދުވާފާޑެއްގެ ވަހެއް ދުވާހެން ވެސް ހީވާސް ފަށައިފިއެވެ.

ނަޒީޙް ޤަޞްދުކުރީ ކޮންމެ އެއްޗަކަށްވީ ނަމަވެސް އެ 3 އެތި ނެގުމަށެވެ. އަދި ނެގުމަށްފަހު މަސްވެރިކަމަށް ފަށައިގަތުމަށެވެ. އެހެންކަމުން 2 ކޮއްކޮގެ އެހީތެރިކަމާއިއެކު ވަރަށް މަސައްކަތުން 3 އެތިވެސް ނަގައި ބޮއްކުރައަށް އެރުވިއެވެ.

އެވަގުތު އެންމެ ހަގު ކޮއްކޮ ބުނެލިއެވެ. "ދޮންބޭބޭއެވެ. ދާދިފަހުން ޒަކަރިއްޔާ ހުދަންބަރު ކިޔާއެއްޗެއް ހޮވައި ވަރަށް ބޮޑު އަގުގައި ވިއްކައިލި ނޫން ހެއްޔެވެ؟ އެ ބަލައިލަން ކޮއްކޮ ދިއައިމެވެ. އެއިންވެސް ދުވީ ހަމަ މިވަސްކަން ކޮއްކޮއަށް ޔަޤީނެވެ."

ކޮންމެ އިންސާނަކީވެސް ތަނަވަސްކަމަށް އެދޭނެ މީހެކެވެ. އަދި ކޮންމެވެސް މިވަރަކަށް ދަހިވެތިވެސް ވާނެ މީހެކެވެ. އެހެން ނަމަވެސް އެވަގުތުވެސް ނަޒީހް ދެއްކީ ދީލަތިކަމުގެ ނަމުނާއެވެ. "ދޮންބެ އަކަށް ނުއެނގެއެވެ. ތިއަ ބުނާ އެއްޗެއް ދޮންބެ ލޮލަކުން ވެސް ނުދެކެމެވެ. ކޮއްކޮ ތިއަ ބުނަނީތާއެވެ. މާތްﷲ އާއި ވަކީލެވެ. ދެން މިއަދު އަވަހަށް ރަށަށް ދަމާ ހިނގާށެވެ. މިއީ ތިއަ ބުނާ ފަދަ އެއްޗަކަށް ވެއްޖެ ނަމަ ދޮންބެ އާއި ތިއަ ދެކޮއްކޮ ވެސް ހަމަ ހަމަހަމައެވެ."

ރަށަށް އައިސް 3 އެތި 3 ގޯންނަށް ލައިގެން ދިއައީ ގެއަށެވެ. ގެއަށް ގޮސް ގޯނިތައް ބެހެއްޓުމުން މަންމަ ބުނެލިއެވެ. "މިއަދު މަސް ގެނައީ ގޯނީގަ ހެއްޔެވެ؟ ހާދަ އެހެންކަހަލަ ވަހެއް އެބަދުވައެވެ."

އެވަގުތު ބައްޕަ ނުކުމެ 3 ގޯނީގައި އޮތް އެއްޗަކަށް ރަނގަޅަށް ބަލައިލުމަށްފަހު އަވަސް އަވަހަށް ފެން ރުނބައިން ފެންނަގައި ވުޟޫކޮށްލިއެވެ. އަދި ޝުކުރުގެ ސަޖިދައެއް ކުރުމަށްފަހު ބުނެލިއެވެ. "ދަރިފުޅާ ނަޒީޙް އެވެ. ތިއަ ގެނައީ ހަމަ 3 ހުދަންބަރެވެ. އަވަހަށް ނޫސްތަކަށް ޚަބަރުދީގެން ލިބެން އޮތް އެންމެ ބޯޑު އަގެއް ހޯދަން މަސައްކަތްކުރާށެވެ. އެއިގެ ކުރިން 3 ބެއިން ފެންވަރައިގެން މިސްކިތަށް ދާށެވެ. މަޣްރިބް ނަމާދު ވަގުތު ވަނީއެވެ. ނަމާދަށްފަހު މާތްﷲގެ ހެޔޮ މިންވަރުފުޅަށް ޝުކުރުކުރާށެވެ. އަދި މި ތަކެތި މިންވަރު ކުރެއްވެވި ފަދައިން މިކަމުގައި ބަރަކާތް ލެއްވެވުން އެދިވެސް ދުޢާ ކުރާށެވެ. އެއަށްފަހު ވިއްކުމާއިގެން އުޅޭށެވެ."

ހަޤީޤަތުގައިވެސް ނަޒީހަސް ހޮވުނީ ހަމަ 3 ހުދަންބަރެވެ. ބަރުދަނުގައި 120 ކިލޯ ހުއްޓެވެ. ނަޒޙް އަވަށުގެ އެންމެ ބޮޑެތި މުއްސަނދިންތެރޭގައި ހިމެނުނީއެވެ. ނަޒީޙް އެކަންޏެއް ނޫނެވެ. ނަޒީޙް ވައުދުވި ފަދައިން ނަޒީޙްގެ ދެ ކޮއްކޮވެސް މެއެވެ.
ނަޒީޙް ވެގެން ދިއައީ އަވަށުގެ އެންމެ ދީލަތި މީހާއަށެވެ. ލިބުނު ތަނަވަސްކަން ފަޤީރުންނާއި ޙިއްޞާކުރާ މީހަކަށެވެ. ވިޔަޔަފާރިން ލިބޭ ނަފާ ފަޤީރުންނަށް ބަހައި އެމީހުންގެ ބޭނުންތައް ފުއްދައިދޭ މީހަކަށެވެ.

ނަޒީހް ކައިވެނިކުރީ ރަށުގެ އެންމެ ފަޤީރު ޢާއިލާއެއްގެ އަންހެން ކުއްޖަކާއިއެވެ. ނަމަވެސް އެއީ ރިވެތި އަޚްލާޤެއްގެ ވެރި އަންހެން ކުއްޖެކެވެ. މާތް ﷲ އަށް ބިރުވެތިވާ ތަޤްވާވެރި އަދި ނަޒީހް ފަދައިން އޭނާގެ ޢާއިލާއަށް އެހީތެރިވާ ކުއްޖެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް