އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހެއްގެ މުޅި ސިކުނޑިއަށް ފެތުރިފަ އޮތް ވަރަށް ބޮޑު ޓިޔުމަރެއް އޭޑީކޭ އިން ނަގައިފި

މީހެއްގެ މުޅި ސިކުނޑިއަށް ފެތުރިފަ އޮތް ވަރަށް ބޮޑު ޓިޔުމަރެއް އޭޑީކޭ އިން ނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

މީހެއްގެ ސިކުނޑީގެ އެއްފަޅީގައި އުފެދި އަނެއްފަޅިއަށްވެސް ފެތުރިފައި އޮތް ވަރަށް ބޮޑު ޓިޔުމަރެއް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ނަގައިފިއެވެ.

މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެމެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްއާލް ވިދާޅުވީ މިބޮޑު އޮޕަރޭޝަން ކުރީ އެ ހޮސްޕީޓަލުގައި މަސައްކަތްކުރާ ނޭޕާލްގެ ނިޔުރޮލޮޖިސްޓް ޑރ.ރާމް އާއި ޑރ. ނިޔާފް ކަމަށެވެ.

ޑރ.ނިޔާފް ވިދާޅުވީ 57 އަހަރުގެ އަންހެނަކު އޭޑީކޭއަށް ގޮސް ޑޮކްޓަރަށް ދެއްކީ ވައަތްފަޅިއާއި ދެފައިން ވާގިދޫވާތީ ކަމަށެވެ. އަދި ޓެސްޓްތައް ހަދައި އެމްއާރްއައި ހެދުމުން އެނގުނީ ސިކުނޑީގައި ވަރަށް ބޮޑު ޓިޔުމަރެއް އިންކަން ކަމަށެވެ.

ޑރ.ނިޔާފް ވިދާޅުވީ 12 ވަރަކަށް ގަޑިއިރަށް ތައްޔާރުވެގެން ފެށި އޮޕަރޭޝަން މާތްﷲ ވާގިފުޅާއިއެކު 8 ގަޑިއިރުން ނިންމައިލެވުނު ކަމަށާއި ބަލި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. "އަޅުގަނޑު ޔަޤީންކަން ދެން އޭނާގެ ސިކުނޑީގަ މިހާރު އެއްވެސް ޓިޔުމަރެއް ނުއިންނާނެކަން. މިހާރު އޭނާ ތެދުވެ އިށީނދެ ވާހަކަދައްކާ ހަދާ. އަދި ވައަތްފަޅިއަށް ކުރިމަތިވި ވާގިދިއުމުގެ މައްސަލަވެސް އަންނަނީ ރަނގަޅުވަމުން. އެހެންވީމާ އެއިގެ މާނައަކީ މާތްﷲ ވާގިފުޅާއިއެކު ސައްތައިން ސައްތަ ކާމިޔާބޭ."

ޑރ. ނިޔާފް ވިދާޅުވީ އޮޕަރޭޝަންކޮށްގެން ނެގި ޓިޔުމަރުގެ ސައިޒަށް ބައްލަވާއިރު އެއީ ކިޔަވައިދޭ ޑޮކްޓަރުންވެސް ނަގަން ޖެހިލުންވާވަރުގެ ބޮޑު ޓިޔުމަރެއް ކަމަށެވެ.

ޑރ. ނިޔާފް ވިދާޅުވީ ފާއިތުވި 2 އަހަރު ތެރޭގައި ނާރުތަކާއި ގުޅުންހުރި 300 ވަރަކަށް އޮޕަރޭޝަން އޭޑީކޭގައި ކުރެވިފައިވާ ކަމަށާއި 2 މީހެއްގެ މައިބަދައިގަ އިން ޓިޔުމަރެއް ނަގާނެ ގޮތެއް މިހާރުވެސް ބަލަމުން ގެންދާ ކަމަށެވެ. "މީގެ ކުރިންވެސް މައިބަދައިން ޓިޔުމަރު ނަގައިފިން. އޮޕަރޭޝަންތައް ވަރަށް ކާމިޔާބު. އެއް ކުއްޖަކު މިހާރު މަސައްކަތުވެސް ނުކުމެއްޖެ."

ޑރ. ނިޔާފް ވިދާޅުވީ އޭޑީކޭގައި މިފަދަ އޮޕަރޭޝަންތައް ކުރަނީ އެމެރިކާގައިވެސް މިފަދަ އޮޕަރޭޝަންތައް ކުރަން ބޭނުންކުރާ އެންމެ ޒަމަނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި ވަސީލަތްތައް އިތުރުކުރުމަށް މިހާރުވެސް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

ޑރ. ނިޔާފް ވިދާޅުވީ އޭޑީކޭގައި އޮޕަރޭޝަންތައް ކުރަނީ ބަލަންޖެހޭ ބެލުންތައް ބަލައި އޮޕަރޭޝަން ކުރެވޭނެ ކަމުގެ ޔަޤީންކަމާއިއެކު ކަމަށެވެ. ނުކުރެވޭ ވަރުގެ އޮޕަރޭޝަނެއް ކުރިމަތިވެއްޖެނަމަ އެންމެ ރަނގަޅަށް ކުރެވޭނެ ފެންވަރުގެ ތަނަކަށް ދިއުމަށް ލަފާދެމުން ގެންދާ ކަމަށެވެ.

"މިބާވަތުގެ އޮޕަރޭޝަންތަކަކީ ދުނިޔޭގެ ކޮންމެ ތަނަކުން ކުރި ނަމަވެސް މައްސަލައެއް ކުރިމަތިވެދާނެ އޮޕަރޭޝަންތައް. އެކަމުގައި އޮންނާނީ މާތް ﷲ ގެ މިންވަރުފުޅު. އަޅުގަނޑުމެން އޮޕަރޭޝަންތައް މިކުރަނީ ބަލަންޖެހޭ ބެލުންތައް ވަރަށް ރަނގަޅަށް ބެލުމަށްފަހު."

ޑރ.ނިޔާފް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބެމުން މިއަންނަ ބޮޑެތި ކުރިއެރުންތަކާއިއެކު ދެން އޮތީ ރައްޔިތުން އެކަންކަން ބަލައިގަނެ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އިތުބާރުކުރުން ކަމަށެވެ.

މިފަދަ ބޮޑެތި އޮޕަރޭޝަންތަކަށްފަހު ބަލިމީހުންނަށް ބޭނުންވާ ތެރަޕީތަކާއި އެނޫން ފަރުވާވެސް އޭޑީކޭ ހޮސްޕިޓަލުން ލިބެން އެބަހުރި ކަމަށް ވެސް އަފްޢާލް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް