އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަނގުރަލާ ދުރުވުމަށް ވަޒީފާ ދޫކޮށް މިސްކިތަށް ހިޖުރަކުރި އަޒާންއަށް އަޖައިބެއް ފަދަ ރަން ދުނިޔެއެއް!

ބަނގުރަލާ ދުރުވުމަށް ވަޒީފާ ދޫކޮށް މިސްކިތަށް ހިޖުރަކުރި އަޒާންއަށް އަޖައިބެއް ފަދަ ރަން ދުނިޔެއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 30 ސިކުންތު



އަޒާން އަކީ އަބަދުވެސް އަމިއްލަ މަސައްކަތުން ދިރިއުޅެން ވިސްނަމުން އައި ޒުވާނެކެވެ. އަޒާންގެ މައިން ބަފައިން ވަނީ އޭނާ ވަރަށް ކުޑައިރު މަރުވެފައެވެ. އެހެންކަމުން ގެންގުޅެ ބޮޑުކުރީ ބޮޑުބޭބެއެވެ. ބޮޑުބޭބެއަކީ ވެސް ތަނަވަސް މީހަކަށް ނުވުމުން އަޒާން އުޅެ ބޮޑުވީ ވަރަށް ދަތިހާލުގައެވެ.

އެހެންކަމުން އަޒާން އަބަދުވެސް ވިސްނަމުން އައީ އަމިއްލަ މަސައްކަތުން ދިރިއުޅުމަށެވެ. އަމިއްލަ މަސައްކަތުން ފައިސާ ހޯދައި މަންމަ އާއި ބައްޕައަށް ހައްޖުވެސް ވުމަށެވެ. ބަލައި ބޮޑުކުރި ބޮޑުބޭބެ ދަރިންނަށްވުރެ ބޮޑުބޭބެއަށް އެހީތެރިވާ ކުއްޖަކަށް ވުމަށެވެ.

މަތީ ސާނަވީ ތައުލީމް ނިންމުމަށްފަހު އަޒާން އަވަސްވެގަތީ ވަޒީފާއެއް ހޯދުމަށެވެ. މާބޮޑު އުދަނގުލަކާއި ނުލައި އަޒާން އަށް ވަޒީފާއަށް ލިބުނެވެ. ވަޒިފާއަށް ނުކުންނަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޒާނަށް ފެންނަން ފެށީ ކުންފުނީ ބޮޑުން ބަނގުރާ ބޭނުންކުރާ ތަނެވެ. އަދި ބައެއް މުވައްޒިފުން ވެސް ބަނގުރާ ބޭނުންކުރާ ތަނެވެ. ތެދުބަަހުން ބުނާނަމަ މުޅި ކުންފުންޏަކީ ވެސް ބަނގުރަލުގެ ކުންފުންޏެކެވެ.

އަޒާން ހިތްވަރާއިއެކު މަސައްކަތްކުރީ ބަނގުރަލާއި ދުރުގައި ހުރުމަށެވެ. އެހެން މީހުން ބޭނުންކުރި ނަމަވެސް އޭނާ ބަނގުރާ ބޭނުން ނުކުރުމަށެވެ. އެެހެންކަމުން އަޒާނަށް އަަބަދުވެސް ޖެހުނީ ބާކީ ވެގެން ހުންނާށެވެ. 3 އަަހަރުވީއިރުވެސް ވަޒިފާގެ ކުރިއެރުމެއް ވެސް ނުލިބެއެވެ.
އަޒާން ވަރަށް ބޮޑަށް ވިސްނުމަށްފަހު އެހެން ވަޒީފާއެއް ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް ތައުލީމް ހާޞިލުކުރެވިފައިވާ މިންވަރުން މިހާރު ލިބިފައިވާ ފެންވަރުގެ ވަޒީފާއެއްވެސް ލިބޭނެ ގޮތެއް ނުވިއެވެ.

އަޒާން ހިތްވަރާއިއެކު މަސައްކަތް ފެށީ މަތީ ތައުލީމް ޙާޞިލްކުރުމަށެވެ. އެގޮތުން ކުރި މަސައްކަތުން 3 އަަހަރު ތެރޭގައި އެމްބީއޭ ހާޞިލުކުރިއެވެ. ސެޓްފިކެޓާއިއެކު މަޤާމް މަތިކޮށްދިނުމަށް ކުންފުނީގައި އެދުމުންވެސް "މާހައުލަށް ނުފެތޭތީ" އެއްވެސް ކުރިއެރުމެއް ލިބޭނެ ގޮތެއް ނުވިއެވެ.

"މާހައުލަށް ފެތެނިކޮށް" ވަގުތުން ކުރިއެރުން ލިބުމުގެ ފުރުޞަތުވެސް އޮތެވެ.
އަޒާނަށް ކުރިމަތިވި ދެވަނަ މައްސަލައަކީ އެކުންފުނީގައި އެހައި ގިނަ ދުވަހު މަސައްކަތްކުރިއިރުވެސް އަދި އެމްބީއޭ ޙާޞިލްކުރުމުންވެސް ކުންފުނިން އެއްވެސް ކުރިއެރުމެއް ނުދިން މައްސލައެވެ. އެހެން ކުންފުނިތަކުން ދެކެނީ އެކަން އެގޮތަށް މެދުވެރިވީ އަޒާންގެ ކިބައިގައި ހުރި އުނިސިފަތަކެއްގެ ސަބަބުން ކަަމަށެވެ. އެހެން ނަމަވެސް އަޒާނަށްް ކުރިމަތިވި ހަޤީޤީ މައްސަލައަކީ ކުންފުނީގެ ސިއްރަކަށްވާތީ އަޒާން އެއްވެސް ފަރާތަކަށް އެކަން ހާމައެއް ނުކުރެއެވެ.

ދުވަސްކޮޅަކު ވިސްނުމަށްފަހު އަޒާން ގޮތެއް ނިންމިއެވެ. ވަޒީފާ ދޫކޮށް އެހެން ސަރަހައްދަކަށް ދިއުމަށެވެ. ބަނގުރާ ބޮއިގެން ލިބޭ ކުރިއެރުމެއް ބޭނުން ނޫން ކަމަށެވެ. އަޒާން ބޮޑުބޭބެ ގާތު ބުނީ އޮފީހުން ޗުއްޓީއެއް ނަގަނީ ކަމަށެވެ. ރައްޓެއްސަކު ދިން ދައުވަތަކަށް އެހެން ސަރަހައްދަކަށް ގޮސްލަނީ ކަމަށެވެ.
އަޒާން ވަޒީފާއިން އިސްތިއުފާ ދިނުމަށްފަހު ދުބާއީ އިން ޝާރްޖާއަށް ދިއައެވެ.

އަޒާނަށް ލިބުނީ ނިޞްބަތުން ވަރަށް ކުޑަ މުސާރައެކެވެ. އެހެން ަނަމަވެސް އޭނާގެ މުސާރަ އައީ 3 ބައަށް ބަހަމުންނެވެ. ފުރަތަމަ ބައި މައިންބަފައިންނަށެވެ. މަންމަ އާއި ބައްޕައަށްޓަކައި ހައްޖުވުމަށެވެ. ދެވަނަ ބައި ބަލައި ބޮޑުކުރި ބޮޑު ބޭބެ އަށެވެ. 3 ވަނަ ބައި އޭނާގެ އަމިއްލަ ބޭނުންތަކަށެވެ.

އެހެންކަމުން ޝާރްޖާއަށް ގޮސް ހޮޓަލެއް ނުވަތަ ގެސްޓް ހައުސްގައި ހުންނާނެ ފައިސާއެއް އަޒާންގެ އަތަކު ނެތެވެ. އަދި އަޒާންގެ ބޭނުމަކީވެސް ކުލީ ތަނެއްގައި ހުރުމެއް ނޫނެވެ. އެހެން ނޫން ނަމަ މީހަކާއި ބައިވެގެން ކޮޓަރިއެއްގައި ހުރެލާނެ ފައިސާ އަޒާންގެ އަތުގައި ހުއްޓެވެ.
އަޒާން ނިންމީ މިސްކިތެއްގައި ދިރިއުޅޭށެވެ. އެހެންކަމުން މިސްކިތެއް ބަލަހައްޓާ މީހުންނާއި ވާހަކަ ދައްކައި ހިލޭ ސާބަހަށް މިސްކިތް ބަލަހައްޓަން ފެށިއެވެ.

މިސްކިތެއްގައި އުޅުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިސްކިތް ބަލަހައްޓާ މީހަކަށް އަޒާންވީ އޭނާގެ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. ވީހައި ގިނަ ވަގުތު އަޅުކަން ކުރުމަށާއި އެނޫން ވަގުތުތަކުގައި މިސްކިތުގައި ޚާދިމެއްގެ ގޮތުން މަސައްކަތް ކުރުމަށެވެ.

އެގޮތުގައި އުޅެމުން ގެންދިއައިރުވެސް އަޒާން އަބަދުވެސް ގެންދިއައީ ރަނގަޅު ވަޒީފާއެް ހޯދަން މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ލެޕްޓޮޕާއި ފޯނު ބޭނުންކޮށްގެން އިންޓަރނެޓަށް ވަދެ ވަޒީފާއެއް ލިބޭތޯ އަޒާން ދިއައީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އެކި ކުންފުނިތަކަށް އޭނާގެ ސީވީ ފޮނުވަމުންނެވެ.

މިގޮތުގައި 3 މަސް ދުވަސް ވީފަހުން އެއްރޭ ގެ އިޝާ ނަމާދަށްފަހު ވިތްރް ވެސް ކޮށްގެން އަޒާން އިނީ އޭނާއަށް ހެޔޮ ރަހްމަތް ލެއްވެވުން އެދި ﷲއަށް ދުޢާ ކުރުމަށެވެ. ދިރިއުޅެލެވޭނެ ފެންވަރުގެ ވަޒީފާއެއް މިންވަރު ކުރެއްވެވުން އެދި ދުޢާ ކުރުމަށެވެ. އެރޭ އަޒާން ﷲއަށް ދެންނެވިއެވެ.

"މިއަޅާގެ މިވަޒީފާއަކީ (މިސްކިތް ބެލެހެއްޓުމަކީ) މިއަޅާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ އަދި ކުރަން ބޭނުން މަސައްކަތެކެވެ. އެހެންކަމާއިއެކުވެސް މިއަޅާއަކީ ވަރަށް މަތިވެރި މަޤްޞަދަކަށް ނިޔަތް ގަނެގެން ހުރި އަޅެކެވެ. އެއީ މިއަޅާގެ މަންމައަށާއި ބައްޕައަށް ހައްޖުވުމާއި ބޮޑުބޭބެއަށް އެހީތެރިވުމެވެ. މިއަޅާގެ މަޤްޞަދު ޙާޞިލުކުރެވޭނެ މަގެއް އިނބަ ﷲ މިއަޅާއަށް ދައްކަވާނދޭވެ. އާމީން"

ދުއާ ކުރުމަށްފަހު މިސްކިތުގެ ތަނބެއްގައި ލެގިލައިގެން އިންދާ ސިހުމެއް ލިބުނީ ކުރިމަތީގައި މީހަކު ހުއްޓުމަށްފަހު ސަލާމް ގޮވުމުން ނެވެ. އަޒާންވެސް އަަވަސް އަވަހަށް ތެދުވެ ސަލާމް ބަަލައިގަތެވެ. އެމީހާ ހަމަ އެތަނުގައި އިށީނުމަށްފަހު އިށީންނަށް އަޒާންގެ ކިބައިން އެދުނެވެ.

އެމީހާ އަޒާންގެ ކިބައިން މައުލޫމާތު އޮޅުން ފިލުވަން ފެށުމުން އަޒާންގެ ހުރިހައި ހަޤީޤަތެއް އެމީހާއަށް ކިޔައިދިނެވެ. އަދި ކުންފުނީގެ ނަން ނުބުނެ އޭނާ ކުރިން މަސައްކަތްކުރި ދުބާއީ ކުންފުނިން ކުރިމަތިވި މައްސަލަތަކާއި މިސްކިތަށް ހިޖުރަކުރި ސަބަބު ވެސް ކިޔައިދިނެެވެ. އޭނާއަށް ދުބައީގެ ކުންފުންޏަކުން ވަޒީފާ ނުލިބުނު ސަބަބުތައްވެސް ކިޔައިދިނެެވެ.

ހުރިހާ ވާހަކަތަކެއް އަޑުއެހުމަށްފަހު ތެދުވަމުން އެމީހާ އަޒާންގެ އަަތަށް ދިއްކޮށްލީ އޭނާގެ އެޑްރެސް ކާޑެވެ. އެދުނީ އަނެއް ދުވަހު މެންދުރު ނަމާދަށްފަހު އެ އެޑްރެހަށް ގޮސް އެނާ އާއި ބައްދަލުކުރުމަށެވެ.
އޭނާ ބުނި ފަދައިން އަޒާން އެޑްރެހަށް ދިއައެވެ. އަދި ސެކިޔުރިޓީ ގާޑަށް ކާޑު ދެއްކުމުން ހޫނު މަރުހަބާއެއް ކިޔައި ލިފްޓުން އިމާރާތުގެ އެންމެ މަތީ ބުރިއަށް ގެންދިއައެވެ.

އަޒާން ދިއައީ ސިއްސައިގެންނެވެ. ތަން ފެނުމުންވެސް އެއީ މެއްސަނދިކަން އިންތިހާއަށް ހުރި މަހުޖަނެއްގެ ގަނޑުވަރެއް ފަދަ ތަނެއްކަން އިހްސާސް ކުރެވުނެވެ. ކުރިމަތީގައި ރޭ ބައްދަލުވި މީހާ ހިނިތުންވެފައި ހުއްޓެވެ، ކައިރީގައި ވަރަށް ރީތި އަންހެން ކުއްޖަކުވެސް ހުއްޓެވެ.

"އަޒާން ކަލޭ މިގެނައީ 2 ވަޒީފާ ދޭން. އެއް ވަޒީފާއަކީ އަހަރެންގެ ވިޔަފާރީގެ އެންމެ އިސް މިހާގެ ވަޒީފާ. 2 ވަނަ ވަޒީފާއަކީ އަޒާން ބޭނުންނަމަ ހޯދި ދާނެ ވަޒީފާއެއް. އެއީ އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކައިވެނި.

އަހަރެންގެ ދަރިފުޅު މީގެ ކުރިން ކައިވެންޏެއް ކުރި. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ހައަކަ މަސް ތެރޭގައި ކައިވެނި ރޫޅާލަން ޖެހުނީ. އޭނާ ވީ ވަރަށް ގިނައިން ބަނގުރާ ބޯ މީހަކަށް. އެކަމަކީ އަހަރެންވެސް އަދި އަހަރެންގެ ދަރިފުޅުވެސް ބަލައިގަންނަ ކަމަކަށް ނުވާތީ ކައިވެނި ރޫޅާލަންޖެހުނީ. އެހެންވެ އަހަރެން ނިންމީ މިބުނި ދެ ވަނަ ވަޒީފާވެސް އަޒާނަށް ދިނުމަށް."
އަޒާނަށް އިވުނު ކުއްލި އަޑުތަކަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކުއްލި ހައިރާން ކަމެކެވެ.

އެހެންކަމުން އިރުކޮޅަކު މަޑުން ހުރުމަށްފަހު އަޒާން ބުނީ ތިއަ ކަންކަމަކީ މިނިކަމެތި މީހާއަށް ކުރެވިދާނެ ކަންކަން ކަން ބެލުމަކީ މިނިކަމެތި މީހާގެ މަސްއޫލިއްޔަތެއް ކަމަށެވެ. ހަޔާތުގައި އަަބަދުވެސް ދުޢާކުރަމުން އައީ ދިރިއުޅެލެވޭ ވަރުގެ ވަޒީފާއަކަށް ކަމަށެވެ. ނަމަވެސް އެތައް ގުނައެއް ފުރިހަމަ ވަޒީފާއެއް މާތްﷲ މިންވަރު ކުރެއްވެވުމުން ފުރަގަސްދޭން ނެތިން ކަމަށެވެ.

އަހަރެންގެ ދަރިފުޅަކީ ކުރިން ކައިވެންޏެއް ކޮށްގެން ހުރި ކުއްޖަކަށްވާތީ ޝަކުވާއެއް ނެތްތޯ ސުވާލުކުރުމުން އަޒާން ބުނީ އެއީ މައްސަލައެއް ކަމަށް ނުދެކޭނެ ކަމަށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ކައިވެނިފުޅުތަކުން އެކަން އެނގޭ ކަމަށްވެސް އަޒާން ބުންނެވެ.

އޭނާގެ އެދުމަށް އަޒާން އެ މުއްސަނދި ގެއަށް އެނބުރިއައީ އެރޭގެ އިޝާ ނަމާދަށްފަހުއެވެ. މިސްކިތުން އަޒާން ނުކުންނަމުން ﷲއަށް ދެންނެވިއެވެ. "އިނބަ ﷲ މިންވަރު ކުރެއްވެވި ހުރިހައި ނިއުމަތްތަކަށް ޝުކުރުވެރިވާ އަޅެއްގެ ގޮތުގައި މިއަޅާ ދެމިހުންނާނަމެވެ. މި މިސްކިތް ބަލަހައްޓަން މިއަޅާ ބައަކު ލާނަމަވެ. މިއަޅާގެ ހަޔާތުގެ ބާކީ އޮތްނަމަ އޮތް ދުވަހެއް ހޭދަކުރާނީ ހަމަ އެންމެ ހެޔޮ ގޮތުގައި" ކަމަށެވެ.

އަޒާން އާއި އަންހެން ކުއްޖާގެ ކައިވެނި ވަނީ އެންމެ 3 ދުވަސް ތެރޭ ކުރެވިފައެވެ. "ބައްޕަ" އަކީ ޝާރްޖާގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ މަހުޖަނެކެވެ. ރަނުގެ ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އެކެކެވެ. "ބައްޕަ"ގެ ވިޔަފާރީގެ ހުރިހައި މަސްއޫލިއްޔަތުތަކެއް މިހާރު އަދާކުރަނީ އަޒާނެވެ.

އަޒާންގެ އުންމީދަކީ އެނާއަށް އަމިއްލަ ތަނަވަސްކަން ލިބޭ މިންވަރަކުން ވީީހައި އަވަހަކަށް އޭނާގެ މަޤްޞަދުތައް ޙާޞިލްކުރުމެވެ. އެއީ މަންމަ އާއި ބައްޕަައަށް ހައްޖުވުމެވެ. ބޮޑުބޭބެއަށް އެހީތެރިވުމެވެ.
(މިއީ މިއަަހަރުގެ ކުރީކޮޅު ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް