އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ބޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރާއި މަޝްހޫރު ފިލްމީތަރި ކާޖޮލްއަކީ ވަރަށް ޒަމާންވީ ދެ ރަހްމަތްތެރިންނެވެ. ގިނަ ބަޔަކު މިސާލަކަށް ނަގާ ދެ އެކުވެރިންނެވެ. އެމީހުންގެ 25 އަހަރުގެ ރަހްމަތްތެރިކަމުގެ ތެރޭގައި އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެ ގޮތުން ކަރަންގެ ގިނަ ފިލްމްތަކެއްގައި ކާޖޮލް ވަނީ ލީޑް ރޯލް ކުޅެފައެވެ. އަދި ގިނަ ކާމިޔާބީތަކެއް ހޯދާފައި ވެއެވެ. އޭގެ ތެރޭގައި ބްލޮކް ބަސްޓާ ފިލްމްތައް ކަމަށްވާ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ގަމް" އަދި "މައި ނޭމް އިޒް ޚާން" ހިމެނެއެވެ.

ނަމަވެސް މިދިޔަ އަހަރު އުފެދުނު މައްސަލަތަކާ އެކު ދެ މީހުންގެ ގުޅުން ވަނީ ކެނޑިފައެވެ. ޒަމާންވީ މި އެކުވެރިކަން ނިމުމަކަށް އައި ސަބަބާބެހޭ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު މީޑިއާތަކުގައި ގިނަ ވާހަކަތަކެއް ލިޔެފައި ވެއެވެ. ސީދާ ޖަވާބެއް ދެ ފަރާތުން ވެސް ދީފައި ނުވި ނަމަވެސް ދާދި ފަހުން ނެރުނު ކަރަންގެ ބައޮގްރަފީގައި އޭނާ ވަނީ އެ ސަބަބުތައް ހާމަކޮށްފައެވެ.

މި ދެ މީހުންގެ މެދުގައި މައްސަލަތައް ޖެހެން ފެށުނީ މިދިޔަ އަހަރު ފަހުކޮޅު އެކުއެކީގައި ރިލީޒްކުރި ކަރަންގެ "އޭ ދިލް ހެ މުޝްކިލް" އާއި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ "ޝިވާއޭ"ގެ ޕްރޮމޯޝަންގެ ތެރޭގައެވެ. އެ ގޮތުން އަމިއްލަ އަށް ކްރިޓިކަކަށް ވެގެން އުޅޭ ކަމާލް އާރް ޚާން އަށް "ޝިވާއޭ" އާ ދެކޮޅަށް ޓްވިޓާގައި ވާހަކަ ދެއްކުމަށް ފައިސާ ދިން ކަމަށް އަޖޭކުރި ތުހުމަތާއެކު ދެ ފަރާތުގެ ގުޅުން ގޯސްވި އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ދެ ފަރާތުން ވެސް ބުނެފައެއް ނުވެއެވެ. އަޖޭ ބުނެފައި ވަނީ އޭނާއަކީ ކަރަންގެ ރަހްމަތްތެރިއެއް ނޫން ކަމަށާއި ކާޖޮލްއާ ވެސް ކުރިން އޮތް ފަދަ ގުޅުމެއް ނޯންނަ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ޕާސަނަލް ކަމެއްގައި ކަމަށާއީ "ޝިވާއޭ"އާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އަޖޭ އޭރު ބުނެފައި ވެއެވެ.

ކަރަންގެ "އޭން އަންސުއިޓަބްލް ބޯއީ" ގައި ކަރަން ވަނީ އެކަމާ ބެހޭ ގޮތުން ލިޔެފައެވެ. ކަރަން ބުނެފައި ވަނީ މައްސަލަ ޖެހިފައި ވަނީ އޭނާއާ ކާޖޮލްއާ ނޫން ކަމަށާއި ނަމަވެސް އަޖޭއާ ކަމަށެވެ.

ރިޝްވަތު ދިންކަމުގެ ތުހުމަތާ ގުޅޭ ގޮތުން ކަރަން ބުނެފައި ވަނީ ކާޖޮލް ކުރި ޓްވީޓެއްގައި "ޝޮކްޑް" ލިޔެފައިވުމުން އޭނާ މީހަކަށް ރިޝްވަތު ދީފާނެކަން ކާޖޮލް ގަބޫލުކުރިކަން ހާމަވާ ކަމަށާއި އެއީ ކާޖޮލް ދެކެ ހިތުގެ އެންމެ ފުންމިނުން ލޯބިވާ މީހަކު ލަދުގަންނަވާލި ބަހެއް ކަމަށެވެ. އަދި އޭނާގެ ދިރިއުޅުމަށް ދެން ދުވަހަކު ވެސް ކާޖޮލް އެނބުރި އަންނަން ބޭނުން ނުވާ ކަމަށާއި ކާޖޮލް ވެސް އަންނަން ބޭނުން ނުވާނެ ކަމަށް ކަރަންގެ ފޮތުގައި ވެއެވެ.

ކަރަން ވަރަށް އަސަރާއެކު ލިޔެފައިވާ ގޮތުގައި ކާޖޮލް ވަނީ 25 އަހަރު ވަންދެން އޮތް އިހްސާސްތައް ކަފުން ކޮށްފައެވެ. އަދި އޭނާގެ ރަހްމަތްތެރިކަން ކާޖޮލް އަށް ހައްގުނުވާ ކަމަށާއި އޭނާގެ ހިތުގައި ކާޖޮލް އަށް އެއްވެސް އިހްސާސެއް މިހާރު ނެތް ކަމަށް ވެސް ކަރަން ބުނެފައި ވެއެވެ. ނަމަވެސް ކަރަންގެ ވަރަށް ގާތް އެކުވެރިންނާ ކާޖޮލް އަދިވެސް ވަރަށް ގުޅުން އޮތުމުން ވަރަށް ބޮޑަށް އުނދަގޫ އިހްސާސްވާ ކަމަށް ކަރަން ބުނެފައި ވެއެވެ.
ސަބަބަކީ ކާޖޮލްގެ ވާހަކަ ދައްކާ އަޑު އިވުން ކަމަށާއި އެ ވާހަކަތަކަށް ބީރު ކަންފަތެއް ދެވެން ވެސް ނޯންނާތީ ކަމަށް ކަރަން ބުނެފައި ވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ