ކުނިކަހައިގެން މަަހަކު 15،000 ރުފިޔާ ލިބޭ! ލިބޭ ފައިސާގަ ނުހުރޭ ކުނިކަހައިގެން ހޯދިކަމަށް ލިޔެފައެއް: ޒުވާނެއް

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު


އަހަރެންނަކީ ހަމަ މިމާލޭގެ ޒުވާނެކެވެ. ކުޑައިރު ނުކިޔެވުމުގެ ސަބަބުން ތައުލީމު ލިބިފައެއް ނެތެވެ. ނަމަވެސް މިހާރު މިދަނީ ކިޔަވަމުންނެވެ. ކްލާހަކަށް ދަމެވެ.

އަހަރެން އެމްއެންޑީއެފް މަސައްކަތު މީހެއްގެ ވަޒީފާ ވެސް އަދާކުރީމެވެ. ދުވާލާއި ރޭގަނޑު މަސައްކަތްކޮށްގެން ލިބުނީ މަހަކު 5،500 ރުފިޔާއެވެ.

2 ދަރިން ގޮވައިގެން އުޅެވޭ ވަރާއި ގާތްކުރާ އަދަދެއްވެސް ނޫނެވެ.

ޢާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަން މަސައްކަތްކުރަމުން ދަނިކޮށް އެނގުނީ އެމްއޭސީއެލް އިން އެއާޕޯޓް ކުނިކަހާ މީހަކަށް މަހަކު 15،000 ރުފިޔާ ލިބޭކަމެވެ.

އަވަހަށް އެކަމަށް ކުރިމަތިލީއެވެ. މާތްﷲގެ ވާގިފުޅާއިއެކު ކުރި މަސައްކަތުން ވަޒީފާ ލިބި ވަޒީފާގައި އުޅޭތާ 2 އަހަރުވެއްޖެއެވެ.

މުސާރައަށް މަހަކު 15،000 ލިބެއެވެ. ވަޒީފާގައި އުޅެންޖެހެނީ ހެނދުނު 8:15 އިން 3:30އަށެވެ. އިތުރު ވަގުތުތަކުގައި ކުރާނެ މަސައްކަތެއްވެސް މިދަނީ ހޯދަމުންނެވެ. ލިބޭ ހުސްވަގުތުތަކުގައި ފަރުމަހަށްވެސް ދަމެވެ. ހަމަ އިތުރު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައެވެ.

މުސާރަ ލިބުމުން އަނބިމީހާ އާއި ފައިސާ ހަވާލުކުރަމެވެ. އަހަރެންވެސް ޚަރަދުކުރަމެވެ. ތަންތަނުން ޚިދުމަތް ހޯދުމަށްފަހު ނުވަތަ ތަކެތި ގަތުމަށްފަހު ފައިސާ ދެއްކުމުން އެއީ ކޮން ގޮތަކުން ކޮން މަސައްކަތެއް ކޮށްގެން ހޯދި ފައިސާއެއްތޯ ސުވާލެއް ނުކުރެއެވެ. ސުވާލުކޮށްފިނަމަ ފަޚުރުވެރިކަމާއިއެކު އެއީ ކުނިކަހައިގެން ހޯދި ފައިސާކަމަށް ބުނާނަމެވެ. އެންމެ ހިތްހަމަޖެހޭ އެއްކަމަކީ އަމިއްލަ މަސައްކތުން ހޯދާ ފައިސާ ކަމަށްވެފައި އެ ފައިސާގައި އެއީ ކުނިކަހަިއގެން ހޯދި ފައިސާކަމަށް ލިޔެފައި ނުހުންނާތީއެވެ. އެގޮތަށް ލިޔެފިނަމަ އެކަންވެސް ވާނީ އިތުރު ފަޚުރަކަށެވެ.

އެނގޭ ކަމަކީ ކުރިންކުރި މަސައްކަތުން މަހަކު 5،500 ރުފިޔާ ލިބުނުއިރު އުޅެންޖެހުނީ އަސާސީ ބޭނުންތައްވެސް ނުފުއްދިގެންކަމެވެ. ކުނިކަހައިގެން 15،000 ރުފިޔާ ލިބުނީމާ މިހާރު މިއުޅެނީ ހަމަ ވަަރަށް ފުދި، ހިތްހަމަޖެހިގެން ކަމެވެ. ޢާއިލާގެ ބޭނުންތައްވެސް ފުއްދައިގެންކަމެވެ.

މިއީ މިއަދު ހެނދުނު މިއަދުނޫހާއި އުމުރުން 30 އަހަރުގެ ޒުވާނަކު ހިއްޞާކުރި މައުލޫމާތެވެ. މަސައްކަތްކުރުމުގެ ޤައުމީ އެވޯޑް މިފަދަ ޒުވާނުންނަށް ދޭނަމަ މިފަދަ ޒުވާނުން އިތުރުވުމަށް ބާރަކަށްވާނެއެވެ. ޤައުމީ ބަޠޮލުންނަކީ މިފަދަ މަސައްކަތްތެރި ޒުވާނުންނެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް