އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިލްމުވެރިންގެ ގޮވާލުންތަކަށް އަމަލުނުކުރާނަމަ އިލްމުވެރިންގެ "އަނގަ ގޮއްވުމުގެ" ބޭނުމަކީ ކޮބާ؟

އިލްމުވެރިންގެ ގޮވާލުންތަކަށް އަމަލުނުކުރާނަމަ އިލްމުވެރިންގެ "އަނގަ ގޮއްވުމުގެ" ބޭނުމަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

ދިނީ އިލްމުވެރިންނަކީ ކޮން ބައެއްކަން ހާމަކޮށްދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާޤިރު އެންމެ ފަހުންވެސް ވިދާޅުވީ ދީނީއިލްމުވެރިންނަކީ މުޖުތަމައު އިޞްލާޙްކުރުމަށް އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނެ އެއް ބައަކު ކަމަށެވެ.

ދުނިޔެ ފެށުނީންސުރެ މުޖުތަމައުތައް އިޞްލާޙް ކުރުމުގައާއި އިސްލާމީ ރިށާލަތު ފެތުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ދީނީ އިލްމުވެރިން ކަމަށެވެ. ބޮޑެތި އިސްލާމީ ޙަޟާރަތުތައް ބަލިކަށިވެ ނިކަމެތިވެ ވެށްޓިގެން ދިއައީ ދީނީ އިލްމުވެރިން، އެބޭކަލުންގެ ދައުރު އަދާ ނުކުރެއްވެވުމުން ކަމަށެވެ. ޚާއްސަ ގޮތެއްގައި ތުރުކީ އާއި އަންދަލުސްއަށް ކުރިމަތިވި މައްސަލަތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

އަދި މިއަދުގެ ދީނީ ޢިލްމުވެރިންނަކީ އެފަދަ ބައަކަށް ނުވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. އަދި ދީނީ އިލްމުވެރިންނަކީ މުޖުތަމައު އިޞްލާޙްކުރައްވަން މަސައްކަތްޕުޅު ކުރައްވަވާ ބޭކަލުންނަށް ވެވަޑައިގަތުމަށް ވެސް ޑރ. ޒިޔާދު ވަނީ އެދިވަޑައިގެންފައެވެ.

ފުރަތަމަ ބަލައިލަންވީ ދީނީ އިލްމުވެރިންގެ ވާހަކަފުޅުތަކަށެވެ. ދީނީ އިލްމުވެރިންގެ މަހާސިންތާ 4 ނިންމުމުގެ ރަސްމިއްޔާތުގައި ދީނީ އިލްމުވެރިން އެންމެ ބޮޑަށް ފާހަގަކުރައްވަވާފައިވާ އެއް ކަމަކީ މަހާސިންތާތަކުގައި ނިންމާ ނިންމުންތަކަށް އަމަލުނުކުރުމުގެ މައްސަލަތަކެވެ. އެއް އަހަރުގެ މަހާސިންތާގައި ފާސްކުރާ ކަންކަމަށް އަނެއް އަހަރުގެ މަހާސިންތާ އަންނައިރުވެސް އެއްވެސް އަމަލީ ސިފައެއް ނުގެނެވި ހުންނަ މައްސަލައެވެ.

ދެން ބަލައިލަންވީ ދަރުސްތަކަށެވެ. މިދިއަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ހިންގެވި ޕްރޮގްރާމްތަކަކީ އެންމެ ކާމިޔާބު ޕްރޮގްރާމްތައް ކަމަށް ގިނަ ބައަކު ދެކެއެވެ.

އުފެދޭ ސުވާލަކީ އިލްމުވެރިން ދެއްވެވި ދަރުސްތަކުގައި ގޮވާލެއްވެވި ކަންކަމަށް އަމަލުކުރެވޭތޯއެވެ؟ އެންމެ ގިނަ ބައަކު ސުވާލުކުރަނީ މިފަދަ ކަންކަމާއިމެދުގައެވެ.

އެންމެ ގިނަ ބައަކު ފާހަގަކުރާ އެއް ޕްރޮގްރާމަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބައަކު ބަލައިގެންފައިވާ ދީނީ އިލްމުވެރިޔާ، ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި އިސްލާމީ ކަންކަމުގައި ލަފާދޭ މަޖިލީހުގެ މެންބަރު، މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ޢާދަމް ޝަމީމް ދެއްވެވި ދަރުސްއެވެ.

ރިބާ އާއި މެދު ދެބޭފުޅުން ދެއްކެވި ވާހަކަފުޅުތަކެވެ. ބޮޑެތި ޕްރަމޯޝަންތައް ހިންގައި އެކަކަށް ބޮޑު އިނާމު ދިނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކެވެ. އެފަދަ އަމަލުތައް ހިމެނޭނީ ލޮޓަރީގެ ތެރޭގައި ކަމަށް ބަޔާން ކުރައްވައި ދެބޭފުޅުންވެސް ދެއްކެވި ހެކިތަކެވެ.

އަނެއް ރަމަޟާން މަސް ދާދި ކައިރިވަނީއެވެ. މިއިން އެއްވެސް ކަމަކާއިމެދު އެޅުނު ފިޔަވަޅަކީ ކޮބައިކަމާއިމެދު އަދިވެސް މިވަނީ ސުވާލު އުފެދިފައެވެ. އެއްވެސް ފިޔަވަޅެއް އެޅުނުކަން ދީނީ އިލްމުވެރިންނަށްވެސް އަދި ރައްޔިތުންނަށްވެސް އެނގެންނެތުމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ކަންކަން ބަލަހައްޓަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިޖުތިމާޢީ ކައުންސިލުން ކަަމަށްވާއިރު އެކައުންސިލަށް މިފަދަ މައްސަލައެއް ހުށަހެޅި ބަހުސް ކުރެވުނުކަމާއިމެދުވެސް ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ފިޤްހް ކޮމިޓީ ނެތި ގޮސް ދީނީ އިލްމުވެރިންގެ މަތީ މަޖިލީހެއް މިހާރު މިވަނީ އެކުލަވައިލެވިފައެވެ. މަޖިލީހަށް މެންބަރުން ވަނީ ހަމަޖެއްސިފައެވެ. މަޖިލީސް ކުރިއަށް ގެންދަވާނެ ރައީސަކުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަނު ކުރައްވައިފައެވެ.

ވީމާ އެ މަޖިލީހުން މިކަންކަން ކުރިއަށް ގެންގޮސްދެއްވުމަކީ ގިނަބައަކު އެކަމަށް އެދިއެދި ތިބި ކަމެކެވެ. ދީނީ އިލްމުވެރިންގެ ނިންމެވުންތަކަށް އަދި ދައްކަވާ ވާހަކަފުޅުތަކަށް އަމަލު ނުކުރާނެ ނަމަ އެބޭކަލުންގެ "އަނގަ ގޮއްވުމުގެ " އެއްވެސް ބޭނުމެއް ނެތެއް ނޫންތޯއެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް