އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދު!

އައްޑޫ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 15 ސިކުންތު

އައްޑޫ ސިޓީ ލިންކު ރޯޑަކީ ކުރިން ނާމާން މަގެކެވެ. އެތައް އެކްސިޑެންޓް ހިނގައި އެތައް ބައެއްގެ ފުރާނަ ގޮސްފައިވާ މަގެކެވެ. އެހެންނަމަވެސް އެމަގުގައި ހިނގާ އެކްސިޑެންޓްތައް މިހާރު ވަރަށް މަދުކުރެއްވިއްޖެ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫސިޓީ ކޮމާންޑަރ ޖަމްޝީދު އަލީ ވިދާޅުވީ ލިންކްރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުވީ އެތައް ބައެއްގެ މަސައްކަތުން ކަމަށެވެ. އެކްސިޑެންޓްތައް މަދުވުމަކުން އަދި އުފާވާޖަކަށް ނުޖެހެއެވެ. އުފާކުރަންޖެހެނީ އެކަން ދާއިމީ ކަމަކަށްވުމުގެ ޔަގީންކަން ލިބިގެންނެވެ. އެ ޔަގީންކަން ދޭންޖެހޭނީ ދުއްވާ މީހުންނެވެ. ހިނގާ މީހުންނެވެ. ޓްރެފިކް ބަލަހައްޓާ މީހުންނެވެ. ގާނޫނު ތަންފީޒު ކުރާ މީހުންނެވެ.

އެންމެން އެއްގަލަކަށް އަރައިގެންމެނޫނީ އެއްވެސް ރަނގަޅަށް ނުދާނެއެވެ. ޓްރެފިކް ގަވާއިދަށް އާންމުން ހުރުމަތްތެރިކޮށް ހިތަންޖެހެއެވެ. ފުލުހުން ގާނޫނު ތަންފީޒު ކުރަންޖެހެއެވެ. ހޭލުންތެރި ކުރަންޖެހެއެވެ. ގާނޫނުތައް އެބަހުއްޓެވެ، ގަވާއިދުތައް އެބަހުއްޓެވެ. ބޭނުންވަނީ އެއަށް އެންމެން ތަބާވުމެވެ.

ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުވި ކަމަށް ރެކޯޑުތައް ދާއްކާއިރު ރަށްރަށުގެ އެތެރޭގައި ހިނގާ އެކްސިޑެންޓްތައް މަދެއްނޫނެވެ. މަރަދޫގައި މިމަހު 18 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 53 އަހަރުގެ އަންހެންމީހާ އޭގެ ކުރިން އެތައް ފަހަރަކުވަނީ އެކްސިޑެންޓްވެފައެވެ. މިއީ މައްސަލައެކެވެ. އެކަކު އެހާ ގިނައިން އެކްސިޑެންޓްވުމަކީ ފަރުވާ ކުޑަކަން އަންގައިދޭ ކަމެއް ކަމަށް ބެލެވިދާނެއެވެ. މަރަދޫ މީހުން ބުނާ ގޮތުގައި އޭނާއަކީ ވެއްޔާއި، މަހާއި، އަދިވެސް އެބާވަތުގެ އެއްޗެހި ސައިކަލުގައި އުފުލާ މީހެކެވެ. "އޭނާ ސައިކަލް ބޭނުން ކުރަނީ ކުޑަވަރެއްގެ ޕިކަޕެއްގެ ގޮތުގައި" މަރަދޫ މީހަކު ބުންޏެވެ. ގައިމުވެސް ސައިކަލުގައި އުފުލޭނެ އެއްޗެއްސާއި ނުއުފުލޭނެ އެއްޗެހި ލައިސަންސް އޮތް މީހަކަށް އެނގޭނެއެވެ.

އެކްސިޑެންޓްވާ ކޮންމެ ފަހަރަކީ މީހެއްގެ ފުރާނަދާނެ ފަހަރެއް ނޫނެވެ. އަދި މީހާ ނުކުޅެދޭ ހާލަތަށްދާނެ ފަހަރެއްވެސް ނޫނެވެ. އެހެންނަމަވެސް ކުޑަނަމަވެސް އެކްސިޑެންޓެއް ނުވެ ވާނެ ގޮތަކަށް އަމަލުތައް ބަހައްޓަންޖެހެއެވެ.
މިއަހަރަކީ ކުށްމަދު އެކްސިޑެންޓްތައްވެސް މަދު އަހަރަކަށް ހެދުމަށް އައްޑޫ ފުލުހުން ބޭނުންވެއެވެ. އެ މަސައްކަތަކީ ކުރިންވެސް ފުލުހުން ކުރާ މަސައްކަތެކެވެ. ފާއިތުވި މުޅީ އަހަރުވެސް އެކްސިޑެންޓްތައް ވަނީ މަދުވެފައެވެ. އެއަހަރު މަރުވެފައިވަނީ އެންމެ މީހެކެވެ. އެއީ ހިތްވަރު ހޯދައިގަންނަން ޖެހޭ ކަމެކެވެ.

ފާއިތުވި ހަތަރު އަހަރަށް ބަލާއިރު އައްޑޫގެ މަގުތަކުގައި މަދުވެގެން 933 އެކްސިޑެންޓް ހިނގާފައިވެއެވެ. އެ އެކްސިޑެންޓްތަކުގައި 11 މީހުންވަނީ މަރުވެފައިވެއެވެ. އެކްސިޑެންޓްތަކުގައި އެކަކުވެސް މަރުވާކަމަށް ބޭނުމެއް ނުވާނެއެވެ. އެކްސިޑެންޓް މަދުކުރުމަށް ވަކި މީހަކު އިސްތިސްނާ ކުރުމެއްނެތި އެންމެންވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާކަމަށްވާނަމަ ނަތީޖާ ރަނގަޅުވާނެއެވެ.

އައްޑޫގެ މަގުތަކަށް ޓްރެފިކް ފުލުހުން ނެރެންޖެހެއެވެ. އެއީ އައްޑޫގެ ގިނަ ރައްޔިތުން ބޭނުންވާ ކަމެކެވެ. ޓްރެފިކް ލައިޓްތައް ޖެހުމަކީވެސް އެކްސިޑެންޓްތައް މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް ކުރަންޖެހޭ ކަމެއް ކަމަށް އައްޑޫ ޒުވާނުންވެސް ދެކެއެވެ.

ފާއިތުވި 4 އަހަރަށް ބަލާއިރު 2013 ވަނަ އަހަރު ހިނގި އެކްސިޑެންޓުތަކުގައި 205 މީހުންވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ފަރުވާ ހޯދައިފައެވެ. އެއަހަރުވަނީ 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވެފައެވެ. ޖެހިގެން އައި 2014 ވަނަ އަހަރު ހިނގި އެކި އެކްސިޑެންޓުތަކުގައި 247 މީހަކުވަނީ އެޗުއާރުއެޗުން ފަރުވާ ހޯދައިފައެވެ. އަހަރު ހިނގި އެކްސިޑެންޓުތަކުގައި ތިން މީހުން މަރުވިއެވެ. 2015 ވަނަ އަހަރު ހިނގި އެކްސިޑެންޓުތަކާ ގުޅިގެން 273 މީހުންވަނީ އެޗުއާރުއެޗުން ފަރުވާ ހޯދައިފައެވެ. އެއަހަރު ހިނގި އެކްސިޑެންޓުތަކުގައި 6 މީހަކުވަނީ މަރުވެފައެވެ. ނިމިގެންދިޔަ 2016 ވަނަ އަހަރުވަނީ މަދުވެގެން 221 މީހުން އެޗުއާރުއެޗުން ފަރުވާ ހޯދައިފައިވެއެވެ. ފާއިތުވި ހަތަރު އަހަރު ހިނގާފައިވާ އެކްސިޑެންޓުތަކުގައި އިތުރުފަރުވާ ހޯދުމަށް 79 މީހުންނަށްވުރެ ގިނަމީހުން މާލެ ފޮނުވާފައިވެއެވެ.

މި އެކްސިޑެންޓްތައް އަދިވެސް މަދުކުރުމަށް އައްޑޫގެ ޓްރެފިކް ބެލެހެއްޓުމުގެ ނިޒާމަށްވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ދުވެލިމަތަ ވަނީ ލިންކް ރޯޑާއި ތާރުއަޅާފައިވާ މަގުތަކުގައި އަޅައިފައެވެ. އެކްސިޑެންޓްތައް މަދު ކުރުމަށް ތަފާތު މަސައްކަތްތައް އަދިވެސް ގެންދަނީ ކުރަމުންނެވެ.

އައްޑޫގައި ހިނާ އެކްސިޑެންޓްތައް މަދުވެ އަމާންތަނަކަށް ވެއްޖެ ކަމަށްވާނަމަ އެއީ އުފާވެރި ކަމަކަށްވާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު