ރާއްޖެ އައި ދެ ޕަސިންޖަރެއްގެ އަތުން 1.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ރާއްޖެއައި ދެ ޕެސެންޖަރެއްގެ އަތުން 1.5 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ އެއީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެއައި 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާގެ ޢަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑުން 1 ޕެކެޓް ހަޝިޝް އޮއިލް (506 ގްރާމް) އަދި ހެރޮއިން އަޅާފައިހުރި 6 ބްލެޓް (162 ގްރާމް) ފެނިފައިވާ ކަމަށާއި މި މީހާގެ އަތުން އަތުލެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 668 ގްރާމް ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން މިމަހުގެ 3 ވަނަ ދުވަހު ދުބާއީން ރާއްޖެއައި 32 އަހަރުގެ ދިވެހި ފިރިހެނަކާއި ބެހޭގޮތުން ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތަކަށް ބިނާކޮށް އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުން ބަލައިފާސްކުރުމުގެ ތެރޭގައި މީނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ފެނިފައިވާ ކަމަށާއި އެތަކެތި ތަހުލީލުކުރި އިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 783 ގްރާމް ހުރިކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިދެމީހުންނާއި އަތުލައިގަން މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ އިރު، އެފަރާތުން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީގްކުރަމުން ކަމަށްވެސް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުންޏެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މުހައްމަދު އަފްރާޚް