އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖީ 1089 ނަމްބަރު ޕިކަޕުގަ ކީރިތި ޤްރްއާންގެ ކަރާމާތް ކަނޑައި ދިވެހިންގެ މެއަށް ހަންޖަރު ހަރައިފި!

ޖީ 1089 ނަމްބަރު ޕިކަޕުގަ ކީރިތި ޤްރްއާންގެ ކަރާމާތް ކަނޑައި ދިވެހިންގެ މެއަށް ހަންޖަރު ހަރައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ކީރިތި ޤްރްއާނުގެ މުޞްހަފްތަކަށް އެއްވެސް އިޙްތިރާމެއް ނެތި މިއަދު މާލޭ މަގުތަކުގައި އުފުލި ޕިކަޕަކީ ޖީ 1089 ނަމްބަރު ޕިކަޕް ނުވަތަ ލޮރީއެވެ. އެހެންކަމުން އެކަން ކުރީ ނުވަތަ ކުރުވީ ކޮންބައެއްކަން އޮޅޭކަށް ނުޖެހެއެވެ.

މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި އެ ޕިކަޕް ނުވަތަ ލޮރީ ގެއްލިގެން ނުވަތަ ވަގަށް ނަގައިގެން ފުލުހުންނަށް އަންގާފައެއް ނުވެއެވެ. އެހެންކަމުން އެ ވެހިކަލް ދުއްވަނީ އެއިގެ ބެލެނިވެރި ނުވަތަ ވެރިފަރާތުންނެވެ. އެވެހިކަލުގައި ކީރިތި ޤްރްއާނުގެ މުޞްހަފްތަކުގެ ކަރާމާތް ކެނޑީ ވެހިކަލްގެ ވެރިފަރާތުން އެކަން ކުރަން ހަވާލުކުރި ބައެކެވެ.

އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެތަނެއްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ބައެއް ނޫނެވެ. އެކަން ކުރުވަން ހަވާލުވެހުރި ވެރިއެކެވެ. ސަރުކާރުގެ ވެރިންގެ ފެންވަރުގައި ބަންގްލަދޭޝް ބައަކު ތިބިކަން އަދި އެނގިފައެއް ނުވެއެވެ.

ހުކުރު ދުވަހު މިސްކިތަށް ގޮސް ކީރިތި ޤްރްއާން ކިޔަވަން ތިއްބާ ނަމާދަށް ގޮވީމާ ދިވެހިންނަކީ ކިޔަވަން ގެންގުޅުނު މުޞްހަފް ދޫލަމަތީގައި ބާއްވާފައި ނަމާދަށް ތެދުވާ ބައެއް ނޫނެވެ. އަދި އެއީ މުސްލިމުން ކުރާނެ ކަމެއްވެސް ނޫނެވެ. މުޞްހަފް ބާއްވާ ތަނުގައި ބާއްވާފައި ނޫނީ ނަމާދެއް ނުކުރާނެއެވެ. ނަމާދު ނިމިގެން އަނބުރައި ނަގާނީއެވެ.

ފޮޓޯއިން ސާފުކޮށް ފެންނަ ގޮތުގައި މުޞްހަފްތައް ކައިރީގައި އެމީހުން އެތިބީ ފައިވާނުގައެވެ. އެމީހުން އެތިބީ އެމީހުންގެ ފައިވާނާ އެއްދަރަޖަ މުޞްހަފްތަކަށް ދީގެންނެވެ.

މިއީ ޖީ، ގަވަރންމަންޓް، ދިވެހި ސަރުކާރުގެ ވެހިކަލެއްގައި ނުވަތަ އެނޫންވެސް ވެހިކަލެއްގައި ރާއްޖޭގައި ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި އެއްވެސް ޤައުމެއްގައި ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެކަން ކުރުވި ބައަކު މިކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. މިކަން ކުރުވި ވެރިންނާއިމެދު ފިޔަވަޅު އެޅެންޖެހޭނެއެވެ. އެޅި ފިޔަވަޅު ރައްޔިތުންނަށް އެނގެންވެސް ޖެހޭނެއެވެ.

ސޯޝަލް މީޑިއާގައި މިއަދު ހާމަކުރި މި ފޮޓޯތަކަކީ ދިވެހިންގެ ހިތްތަކަށް ހެރި ހަންޖެރުތަކަކަށް ނޫނީ ނުހެދޭނެއެވެ. ދިވެހިންގެ ހިތްތައް މިވަނީ އެ ހަންޖަރުން ޒަޚަމްވެފައެވެ. އެ ޒަޚަމްތަކަށް ލިބޭނެ ހަމައެކަނި ފަރުވާއަކީ އެކަންކުރި މީހުންނަށް ދެވޭ ހައްޤު އަދަބު ފިޔަވައި އެހެން އިތުރު އެއްވެސް ކަމެއް ނޫނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް