އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައްޝި މިއީ ތަފާތު ކަނބަލެއް. ދިގުދުވުން ދުވާ ކަނބަލުންނަށް ނަމޫނާއެއް..

ނައްޝި މިއީ ތަފާތު ކަނބަލެއް. ދިގުދުވުން ދުވާ ކަނބަލުންނަށް ނަމޫނާއެއް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 29 ސިކުންތު


އައިޝަތު ނަހުޝާ ޢަލީ ނުވަތަ ނައްޝި މިއަހަރުގެ ކޮކާކޯލާ ޓީއެފްޖީ ލޯންގރަންގައި ދުވާ އިރު، މިއީ ދިގުދުވުން ދުވާ ކަނބަލުންނަށް ނަމޫނާއަކަށްވާނެއެވެ.

ޢާންމުގޮތެއްގައި ކޮންމެ މީހަކީވެސް އެންމެ މަދުން ދުވަން އޮންނަ ކިލޯމީޓަރއަކުން ފެށިގެން ފަހަރަކު ހަރުފަތެއް ގިރާކުރަމުން އަންނަ ދުވުންތެރިންނެވެ. ނަމަވެސް ނައްޝި އެއާއި މުޅިން ތަފާތެވެ. ބުނަން މިއުޅެނީ އެންމެ ފުރަތަމަވެސް އަރާ ބޮންތީގައި ހިފަންއުޅޭ ވާހަކައެއް ނޫނެވެ.
ނައްޝި އެންމެ ފުރަތަމަ ދުވަންފެށީ 2014 ވަނަ އަހަރުއެވެ. އެ އަހަރުވެސް އޭނާ ދުވީ ޓީއެފްޖީން ބޭއްވި ކޮކާކޯލާ ލޯންގރަންގައި 10 ކިލޯމީޓަރއެވެ. އަބަދުވެސް ދުވުމަށާއި ޖިމް ކްލާސްތަކަށް ބަރާބަރަށްދާ ނައްޝިއަކީ ދިގުދުވުމުގައި އެހެން ކަނބަލުންނަށް ނަމޫނާއެކޭ ބުނަނީ މިހެންވެގެންނެވެ.

ޖެހިގެން އައި 2015 ވަނަ އަހަރު ނައްޝި ވަނީ ޓީއެފްޖީން ރަމަޟާން މަހު ބޭއްވި 111 ކިލޯމީޓަރގެ ދުވުންވެސް ފުރިހަމަކޮށްފައެވެ. މިއީ ރަމަޟާންމަހުގެ ވަކި ރޭތަކެއްގައި ކަނޑައަޅާ ވަކި ޢަދަދަކަށް ކޮންމެރެއަކުވެސް ދުވެ، މުޅި ރަމަޟާންމަހުގެ ތެރޭގައި 111 ކިލޯމީޓަރ ހަމަކުރާގޮތަށް އޮންނަ ދުވުމެކެވެ.
މިއީ ނައްޝިއަށް ދުވުމުގައި ކުރިއަށް ދިޔަ ވަރަށްބޮޑު ހިތްވަރަކަށްވިއެވެ. އަދި އެ ހިތްވަރުގައި ޢާއިލާ އާއި ތަމްރީނު ލިބިފައިވާ ފަރާތްތަކާއި ދުވުމުގައި އެކުގައި އުޅޭ ފަރާތްތަކުގެ އެހީގައި ނައްޝި ވަނީ ވަރަށްބޮޑަށް "ކުރިއަރާފައޭ" ބުނުމުން އެއީ ދޮގަކަށް ނުވާނެއެވެ. އަދި އެހެން ކަނބަލުންނަށް ބުނާ ބަދުބަހަކަށްވެސް ނުވާނޭކަން ޔަޤީނެވެ.

ދުވުމަށް އަބަދުވެސް ޝައުޤުވެރިވާ ނައްޝި މިއަހަރުގެ ކޮކާކޯލާ ޓިއެފްޖީ މެރަތަންގެ ފަރިތަކުރުންތަކުގައި ބައުވެރިވާން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. އެއިރުން ފެށިގެން މިއަދާއިހަމައަށް އައި އިރު، ކޯޗުންގެ ބަހުން ނަމަ، ނައްޝި އަކީ ތަމްރީނުތައް ހަދަމުން އަންނަ ކަނބަލުންގެ ތެރެއިން "ހިތްވަރުގަދަ، ކެރޭ" ކަނބަލެކެވެ.

ދެން އޮތް ކަމަކީ ކުއްލިއަކަށް ފުލް މެރަތަންއަކަށް (42 ކިލޯމީޓަރ) ދާން ޖެހުނީ ކީއްވެހެއްޔެވެ؟ ހާފް މެރަތަންވެސް ނުޖަހާތީ މިއީ އުފެދެނެ ސުވާލެކެވެ. ޖަވާބު ވަރަށް ސާދާއެވެ.
"ކީއްވެ ނުޖެހެންވީ. ކޮންމެ ކަމަކީވެސް ހިތްމަތާއެކު ޝައުޤުވެރިކަމާއެކު ކޮށްފިނަމަ ކުރެވޭނެ ކަންތައް. އަހަރެން މީ އަންހެނަކަށްވެ ހުރެ އެހެން އަންހެނުންނަށް ނަމޫނާ ދައްކާނަން" ނައްޝި ބުންޏެވެ.

ވަރަށް ރަނގަޅު ވާހަކައެއް އެހެން ނޫންތޯއެވެ! ދެން އޮތް އަނެއްކަމަކީ ނުވަތަ މިއަހަރުގެ ދުވުން ނައްޝި ޚާއްޞަ ކުރާ ފަރާތުގެ މުހިންމުކަމެވެ. އާދެ! ނައްޝިގެ ބައްޕައެވެ.
މިދިޔަ އަހަރުގެ މެއި މަހު ކުއްލިގޮތަށް ނައްޝިގެ ބައްޕަ ނިޔާވެފައިވީ ނަމަވެސް ނައްޝިގެ ބައްޕައަކީ ނައްޝިގެ ދުވުމުގައި އެންމެބޮޑަށް ހިތްވަރުދެއްވި އެއްފަރާތެވެ. އެހެންވެ، މި އަހަރުގެ ދުވުމަށް ތައްޔާރުވެގެން ފަރިތަކުރުންތަކަށް އަންނަ ކޮންމެ ދުވަހަކީވެސް އެ ބައްޕަގެ ހަނދާނުގައި، އެ ހަނދާންތައް ދިރުވާ އާލާކުރުވާ ދުވަހެކެވެ.

"ކޮންމެހެން ބޭނުންވަނީ މާއަވަސް ރެކޯޑެއް ހަދާކަށް ނޫން. އަމާޒަކީ 6 ގަޑިއިރުގެ ކުރިން 42 ކިލޯމީޓަރ ނިންމަން. އިރާދަކުރެއްވިއްޔާ އެކަންވާނެ" މިއަދުނޫހަށް މަޢުލޫމާތުދެމުން ނައްޝި ބުންޏެވެ.
އާއެކެވެ. ވާނެއެވެ. ކުރާށެވެ. ހިތްވަރާއި ޢަޒުމަކާއެކު ޝައުޤުވެރިކަން ހުރެއްޖެނަމަ، ވާނެއެވެ.
އަހަރުމެން އެދެނީ ދުގުދުވުންތަކުގައި ނައްޝި އަބަދުވެސް ފެންނާށެވެ.

މިއަހަރުގެ ޓީއެފްޖީ ލޯންގރަން އަންނަ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި ބާއްވާ އިރު، 850އަށްވުރެ ގިނަ ދުވުންތެރިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ ބައުވެރިވެފައެވެ.
މި ދުވުމުގައި ބައިވެރިކުރުމަށް ޓީއެފްޖީން އެންމެ ފުރަތަމަ 750 ޖާގަ ކަނޑައެޅިނަމަވެސް ބައިވެރިވާން ހުޅުވާލި މުއްދަތުގައި 850 އަށްވުރެ ގިނަ ފަރާތަކުން އެދިފައިވާތީ ޓީއެފްޖީން މިހާރު ނިންމާފައިވަނީ އެ ހުރިހާ އެންމެނަށްވެސް ދުވުމުގެ ފުރުޞަތު ދިނުމަށެވެ.

މި އަހަރުގެ ދުވުމުގައިވެސް ފުލް މެރަތަން (42 ކިލޯމީޓަރ) އާއި ހާފް މެރަތަން (21 ކިލޯމީޓަރ) އާއި 10 ކިލޯމީޓަރ އަދި 5 ކިލޯ މީޓަރގެ ދުވުން އޮންނާނެއެވެ.
210 ބައިވެރިންނާއެކު 2013 ވަނަ އަހަރު މި ދުވުން ފަށާފައިވަނީ 10 ކިލޯމީޓަރ އާއި ހާފް މެރަތަން އެކަނި ނަމަވެސް މިދުވުމުގައި 5، 10، 21 އަދި 42 ކިލޯމީޓަރގެ ރާސްތާގައި މިހާރު އަންނަނީ ދުވަމުންނެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ފަންތީގެ ދުވުންތެރިންވެސް އަންނަނީ ބައިވެރިވަމުންނެވެ.

މިދުވުން އިތުރަށް ތަރައްޤީކޮށް މީހުންގެ މެދުގައި މަޤުބޫލު ދުވުމަކަށް ހެދުމުގެ ގޮތުން ޓީއެފްޖީ އިން މިއަހަރު 42 ކިލޯމީޓަރގެ ދުވުން ނިންމާ ބައިވެރިންނަށް ފިނިޝަރ ޓީޝާރޓް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ކޮންމެ ބައިވެރިއަކުވެސް ދުވާ ރާސްތާއަކުން ދުވުން ނިންމައިފި ނަމަ، އެ ރާސްތާއެއް އަންގައިދޭ މެޑެލް ދޭއިރު، މިއީ މިގޮތަށް މެޑެލް ދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މެޑެލް ދީފައިވަނީ ހަމައެކަނި ދުވުން ނިންމި ނުވަތަ ބައިވެރިވިކަމުގެ ގޮތުން ވަކި ފަންތިއެއް ނުޖަހައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް