އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަބަދުމެ ގޮވެނީ މަންމައަށް، އަބަދުމެ ރޮވެނީ ދެން މަންމަ ނުފެންނާނެތީ

އަބަދުމެ ގޮވެނީ މަންމައަށް، އަބަދުމެ ރޮވެނީ ދެން މަންމަ ނުފެންނާނެތީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 49 ސިކުންތު

އުފަލާއި އަރާމުގައި އުޅެވެން ފެށުމުން، ތިމާ އެންމެ ބޮޑު އިސްކަމެއް ދޭންވާކަންކަން ގިނަ ބަޔަކު ހަނދާން ނެތެއެވެ. އަދި އެންމެ ބޮޑު މުހިންމުކަމެއް ދޭން ޖެހޭ މީހުންނާއި މެދު އިހާނެތިކޮށް ކަންތައްވެސް ކުރެވެއެވެ. ގިނަ ފަހަރަށް އެކަން ވިސްނި، އެކަންތައް ރަނގަޅު ކުރަން ހިތައް އަރާއިރު އޮންނަނީ މާލަސްވެފައެވެ.

މިއީ ދިވެހި އަންހެނަކު ޙިއްސާކޮށްފައިވާ ޙަޤީޤީ ވާހަކައެކެވެ. އޭނާގެ މަންމައާއި ދޭތެރޭ އޭނާއަށް ކަންތައް ކުރެވުނު ގޮތެވެ.

"އަހަރެންގެ މަންމައާއި ބައްޕަގެ ހުންނަނީ އަހަރެން އެކަންޏެވެ. އަހަރުމެންނަކީ އެހާ ފޯރާބަޔަކަށް ނުވިނަމަވެސް، އަހަރެންގެ މައިންބަފައިން އަހަރެން ބޮޑުކުރީ ހުރިހާ ޒަރޫރީ ބޭނުންތައްވެސް ފުއްދައިދީގެންނެވެ. އޯލެވެލް ހަދާ ނިމުމަށްފަހު އޭލެވެލް ފަށަން އުޅެނިކޮށް، ކުއްލިގޮތަކަށް ބައްޕަ ނިޔާވިއެވެ. އަހަރުމެންނަކީ އަތޮޅުތެރޭގެ ބަޔަކަށްވާތީ، ގޭތެރޭގެ ކަންކަމާއި، އަހަރެންގެ ކިޔެވުމާއި ގޭގެ ކުލި، މަންމައަށް އެކަނި ލިބޭ އާމްދަނީއަކުން ނުބެލެހެއްޓޭނެތީ އަހަރުމެން ދިޔައީ ރަށަށެވެ. ރަށުން އޭލެވެލް އެއިރަކު ނުހެދެއެވެ.

އެކުވެރިންނާއި ކިޔެވުން ދޫކޮށްލާފައި ރަށަށް ދާން ޖެހުމުން އަހަރެން ފުދޭ ވަރަކަށް ހިތްހަމަ ނުޖެހުނެވެ. އުމުރުން ފުރަތަމަ ފަހަރަށް ހާލުގައި އުޅެން ޖެހުމުން، އެދަތިކަން ވިސްނެން އަހަރެން ބޭނުން ނުވީ އެވެ. އެހެންކަމުން ރަށަށް ގޮސް، މަންމަ އާއި އެހާ ވާހަކަ ނުދައްކަމެވެ. ވަރަށް ބޮޑަށް މަންމައާއި ދުރުވެވުނެވެ.

އަހަރެންގެ މަންމަ އަހަރެން ގާތު ކަމަކު ބުންޏަސް، ފަހަކަށް އައިސް އަހަންނަށް އާދެވެނީ ރުޅިއެވެ. ކަމެއް ކުރަންވީ ގޮތް ކިޔާދިނަސް ރުޅިއައިސްގެން ހަޅޭލަވައިގަނެވެއެވެ. ނަމަވެސް، މަންމަ މަސައްކަތް ކުރަނިކޮށް ފޮޓޯ ނަގާ "މައި ސްޓްރޯންގް މަދަރ" ޖަހާފައި އެފޮޓޯ ފޭސްބުކް އަށް ލާހެދީމެވެ. ބައެއް ފަހަރު އަހަރެން ވެސް މަންމައާއި އެކު ފޮޓޯ އެއް ނަގާ، ވަރަށް ރީތި ލިޔުން ކޮޅެއް އެފޮޓޯއާއި އެކު ފޭސްބުުކް އަށް ޕޯސްޓު ކުރީމެވެ. މަންމަ ނުހަނު ބުރަކޮށް ގޭގައި މަސައްކަތް ކުރާއިރު، އަހަރެން އިންނަނީ މަންމަގެ ފޮޓޯއަށް މީހުން ދޭ 'ލައިކްސް' ގުނާ ކުރާ ރީތި ކޮމެންޓުތައް ކިޔާ އެއަށް ޖަވާބުދޭށެވެ.

އަހަރެންގެ އެއުޅުމާއި ހެދި މަންމަ ހިތުގައި ޖެހުނުވަރު އަހަންނަކަށް ނުވިސްނުނެވެ. އަދި ދުވަހުން ދުވަހަކަށް މަންމަ ބަލިވަމުން އައި ކަމެއްވެސް އަހަންނަކަށް ފާހަގައެއް ނުކުރެވުނެވެ. އެންމެ ބޮޑަށް އިޙްސާސް ނުކުރެވުނީ، މަންމަގެ އެކަނިވެރިކަމެވެ.

މާލެއިން ރަށަށް ދިޔުމަށްފަހު އަހަރެން ހުރީ އެއްވެސް ވަޒީފާއަކަށް ވެސް ނުގޮހެވެ. ހަމަ ގޭގައި ހުރީއެވެ. ނަމަވެސް ރަށުން ބައެއް ރައްޓެހިން ލިބުމުން ފަހުން އެމީހުންނާއި އެކު އުޅެން ފެށީމެވެ. އެމީހުންނާއި އެކު މާގިނައިން ބޭރުގައި އުޅޭތީ މަންމަ އެއްޗެއް ބުނެފިނަމަ އަހަރެން ގާތަށް ރުޅި އާދެވެއެވެ. ބޭރަށް ދަނީ އަބަދު ގޭގައި އޮންނަން ފޫހިވާތީއޭ އަހަންނަށް ބުނެވެނީ، ވަރަށް ހަޑިކޮށެވެ.

ދުވަސްތައްވޭތު ވަމުން ގޮސް، ބައްޕަ ނިޔާވިތާ އަހަރެއް ވެއްޖެއެވެ. މަންމަ ވެސް ފުދޭވަރަކަށް ބަލިވާން ފެށިއެވެ. ވަރަށް ބޮޑަށް ކެއްސާތީ އުޅެމުންވެސް ގޭތެރޭގެ މަސައްކަތް ކުރެއެވެ. ފަހަންވެސް ފަހައެވެ. އެއްދުވަހު އަހަރެން ބޭރުގައި ހުއްޓާ، މަންމަ އަހަންނަށް ގުޅާ ކޮންތާކުތޯ ހުރީ ބަލާ އަހަރެން ގާތު ބުނީ ގެއަށް އައިސް ބަދިގޭ މަސައްކަތް ކުރަން މަންމައަށް އެހީވެދިނުމަށެވެ. އަހަރެން ވަރަށް ބިޒީ އޭ ކިޔާފައި ފޯނު ކަނޑާލީމެވެ. އަހަރެންގެ މޫޑު ސަކަރާތްވެފައި ހުރިތަން ފެނިގެން ކިހިނެއްވީތޯ ރައްޓެއްސެއް އެހުމުން އަހަރެން ބުނީ މަންމަ އަބަދު ގުޅާ އަހަރެން އުޅޭތަން ބަލަނީ ކަމަށާއި ބަލިވެ އުޅޭއިރުވެސް އަހަރެން އުޅޭ ނޫޅޭ ގޮތް ނުބަލާ ނުހުންނަ ކަމަށެވެ.

އަހަރެންގެ އެއް ރައްޓެއްސެއް ބުނީ، މަންމަ ބަލިވެ އުޅެމުންވެސް އަހަރެން އުޅޭ ނޫޅޭ ގޮތް ބަލާކަން ރަނގަޅެއް ނޫންހެއްޔޭ އެވެ. އަދި ތިމަންނާމެންގެ މަންމަމެން ގަދަވެ ތިބޭއިރުވެސް އަދި އެއް ގެއެއްގައި އުޅޭއިރުވެސް ތިމަންނާމެންގެ ހާލު ބަލާނުލާ ކަމަށެވެ.

އޭނާ އެހެން ބުނުމުން އަހަރެން ވިސްނާލީމެވެ. ތެދެކެވެ. ޙަޤީޤަތުގައިވެސް އަހަރެންގެ ނަސީބު ވަރަށް ރަނގަޅެވެ. އަހަރެން ދެކެ އަހަރެންގެ މަންމަ އިންތިހާއަށް ލޯބިވާތީއެވެ. ބައްޕަ ނިޔަވުމުގެ ކުރިން އަަހަރެންގެ ހުރިހާކަމެއް ކޮށްދިން ފަދައިން، ބައްޕަ ނިޔާވުމަށްފަހު ވެސް މަންމަ އަބަދުމެ މަސައްކަތް ކުރީ އަހަންނަށް ހުރިހާ ކަމެއްވެސް ކޮށްދިނުމަށްކަން އަހަންނަށް ވިސްނުނެވެ. ނަމަވެސް އަހަރެން ހާދަ ގޯހެވެ. މަންމަ އެކަނިވެރިވުމުން ބޮޑަށް އެކަނިވެރި ކޮށްލީއެވެ.

އަހަންނަށް ދެން އިތުރަށް އެންމެ ސިކުންތަކުވެސް އެތަނުގައި ނުހުރެވުނެވެ. ބޭނުންވީ ވީހާވެސް އަވަހަށް މަންމަ ކައިރިއަށް ދާށެވެ. ދުވަމުން ކަހަލަ ގޮތަކަށް ގެއަށް ދިޔައިރު މަންމަ އޮތީ ކޮޓަރީގައި އޮށޯވެގެންނެވެ. އަހަރެން މަންމަ ގާތަށް ގޮސް ނިތްކުރީގައި އަތް ޖައްސާލިއިރު ވަރަށް ހުން ގަދައެވެ. އަވަހަށް ޖެހިގެން ހުރި ގެަށް ގޮސް ބޮޑުދައިތަ ގޮވައިގެން އައިސް، މަންމަ ތައްޔާރުކޮށްގެން މަންމަ ސިއްޙީ މަރުކަޒަށް ގެންދިޔައީމެވެ. މަންމަގެ ހުން ގަދަ ވުމުގެ އިތުރުން ގައިގާ އެހާ ވަރެއްވެސް ނެތެވެ. އެހެންވެ އެމީހުން މަންމަ އެޑްމިޓު ކޮށްފައި، ގައިގާ ފެންފޮތި ހޭކުމަށްފަހު އައިވީ ވެސް ގުޅިއެވެ.

އަހަރެން ރެއާއި ދުވަލު ހޭދަކުރީ މަންމަ ގާތު ހޮސްޕިޓަލުގައެވެ. ކޮންމެވެސް ވަރަކަށް މަންމަގެ ހާލު ރަނގަޅުވާހެން ވެސް ހީވިއެވެ. ނަމަވެސް ބޭސް ދޭން ޖެހޭ ގަޑި ކައިރިވާ ކޮންމެ ފަހަރަކު އެހާ ހުންގަދަވެއެވެ. ޓެސްޓުތައް ހަދައިގެން ވެސް ވެގެން އުޅޭ ގޮތެއް ނޭނގުމުން، ދެން ނިންމީ އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށެވެ. ލޯންޗުން ދާ ކަމުގައި ވަންޏާ އެއީ 10 މިނެޓުގެ ރާސްތާއެކެވެ.
މަންމަގެ ގައިގާ އަދިވެސް އެހާ ވަރު ނުޖެހޭތީ ލޯންޗަށް މަންމަ އެރުވީ ސްޓްރެޗަރ ގައެވެ. އަހަރުމެންނާއިއެކު ޑޮކްޓަރަކާއި ނަރުހެއްވެސް ދިޔައެވެ. ދަތުރުމަތީގައި މަންމަ އޮތީ ލޯމަރައިގެންނެވެ. އެރަށާއި ހަމައަށް ނުދެވެނީސް، ޑޮކްޓަރު މަންމަ ޗެކު ކުރުމަށްފަހު އަވަހަށް ނަރުހަށް ގޮވާ އޮކްސިޖެން މާސްކު އެޅުވިއެވެ.ޑޮކްޓަރާއި ނަރުސް ކުއްޖާ އުޅުނު ގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހަންނަށް އެނގުނެވެ. މަންމަގެ ހިތުގެ ވިންދުވެސް ޑޮކްޓަރު ޗެކް ކުރިއެވެ.

އެރަށަށް ދިޔައިރު އެމްބިއުލެންސް ވެސް އޮތީ ގެނެސްފައެވެ. އެއިރުވެސް މަންމަ ލޮލެއް ނުހުޅުވައެވެ. މަންމަ ލޯ ނުހުޅުވަނީ ކީއްވެތޯ ވެގެން އުޅެނީ ކީއްތޯ އަހަރެން އެހީމެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދިނެވެ. ހޮސްޕިޓަލުގެ އައިސީޔޫ އަށް މަންމަ ގެންގޮސް ފަރުވާ ދޭން ފެށިއެވެ. ނަމަވެސް އެތަނަށް އަހަރެން ނުވެއްދިއެވެ.

ވަރަށް ގިނައިރު ފަހުން ޑޮކްޓަރުން އަހަރުމެންނަށް ހިތާމަވެރި ޚަބަރު ދިނެވެ. އަހަރެންގެ ލޮބުވެތި މަންމަ، މިދުނިޔެ ދޫކޮށް ހިނގައްޖެ ކަމުގެ ޚަބަރެވެ. އެމަންމަގެ ޒުވާން އުމުރުން ފެށިގެން އަހަންނާއިއެކު ވުމަށްފަހު، އަހަރެން ދޫކޮށްލާފައި ދިޔައީ، މަންމަގެ މުހިންމުކަން އަހަންނަށް އިޙްސާސްވާން ފެށިތަނާހެންނެވެ. މަންމަ އަށް ވަގުތުދީ، އެހީތެރިވެދީ ލޯބިން ވާހަކަ ދައްކާލަން ފުރުސަތެއް ލިބޭތޯ ބަލަބަލާ ހުއްޓާ، އަހަންނަށް މަންމަ އުމުރަށް ގެއްލުނީއެވެ.

އަހަރެންގެ އަބަދުގެ ދުޢާ އަކީ، ކޮންމެވެސް ދުވަހަކުން އަދި އަހަންނާއި އަހަރެންގެ މަންމަ ބައްދަލަވުމަށެވެ. އެދެނީ ޖަންނަތުގައިވެސް މަންމައާއިއެކު ވުމަށެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ