އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޅަ އުމުރު ހޭދަކުރީ ދަރިންނަށްޓަކައި، މުސްކުޅިވުމުން އެދަރިން އޭނާ އެއްލާލައިފި

ޅަ އުމުރު ހޭދަކުރީ ދަރިންނަށްޓަކައި، މުސްކުޅިވުމުން އެދަރިން އޭނާ އެއްލާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 19 ސިކުންތު



އާދައިގެ މަތިން ފޭސްބުކް ބަލާލީމެވެ. އެކި މީހުން ލިޔެފައި ހުރި ހެއްވާ މަޖާ އެއްޗެހި ފެނުމުން އަހަންނަށް ވެސް ހެވުނެވެ.

ނަމަވެސް ކުއްލިއަކަށް އަހަރެންގެ ހިނިތުންވުން ގެއްލުވާލާ، ލޮލުގައި އަޅައިގަތީ ފެނުނު ފޮޓޯ އެކެވެ. އެފޮޓޯއިން ފެންނަނީ އުމުރުން ވަރަށް ދުވަސްވެފައިވާ އަންހެނަކު އޮށޯވެގެން އޮތް ތަނެވެ. އަތަށް ހޮޅިއެއް ގުޅާފައި އޮތުމުން، އޭނާގެ ސިއްޙީ ހާލަތު ރަނގަޅު ނޫންކަން އެނގުނެވެ. އޭނާ އޮތް ތަނުގެ ވަށައިގެން ހުރި އެއްޗެއްސަށް ބަލާލުމުން، އެއީ ވަރަށް ވެސް ފަޤީރު ނިކަމެއްޗެއްކަން ވެސް އެނގުނެވެ. ހަޑިވެފައި އޮތް ބާލީހެއްގައި ބޯ އަޅައިގެން އޮތް އިރު، ކައިރީގައި އެތެރެ ފެންނަ ކޮތަޅެއް ހުއްޓެވެ. އޭގައި ތުއްތު ކުދިންގެ ހެދުން ތަކެއް ވެސް ހުއްޓެވެ.

ދެން އަހަރެން ނަޒަރު ހިންގާލީ އޭނާގެ މޫނަށެވެ. އެމޫނުމަތިން ހިތާމައާއި މަޑުމޮޅިކަން ވަރަށް ސާފުކޮށް ފާޅުވާން ހުއްޓެވެ. އެހެންކަމުން، ކެޕްޝަންގައި ނުހަނު ދިގުކޮށް ލިޔެފައިވާ އޭނާގެ ވާހަކަ ކިޔާލާ ހިތްވިއެވެ. ފޮޓޯއިން ފެންނަ އަންހެން މީހާއަކީ ރާއްޖޭ މީހަކަށް ނުވިކަމުގައި ވިޔަސް، އޭނާގެ ވާހަކަ ޙިއްސާކޮށްލާނަމެވެ.
"އަހަރެންގެ ހުރިހާ އެއްޗެއްވެސް އަހަރެން ގެންގުޅުނީ ކޮޅަކަށް އަޅައިގެންނެވެ. އެކޮތަޅުގައި އަހަރެން އެންމެ ބޮޑަށް ރައްކާތެރިކޮށްގެން ގެންގުޅެން ބޭނުންވި ސާމާނުތައް ހުންނާނެއެވެ. އެއީ އަހަރެންގެ މަންމަ ކައިވެނި ކުރަން އެޅި ސާޅިއާއި، އަހަރެންގެ ދަރިން އެންމެ ފުރަތަމަ ލެއްވި ހެދުންތަކާއި އަދި އަހަރެންގެ ފިރިމީހާގެ އައިނެވެ. އަހަރެން އެތަކެތި ގެންގުޅުނީ ވަރަށް ލޯބިންނެވެ. އެއީ ދިރިއުޅުމުގައި އަހަންނަށް ލޯތްބާއި ހިތްހަމަ ޖެހުން ލިބުނީ ވަރަށް މަދު ދުވަސްކޮޅަކު ކަމުގައިވާތީއެވެ. އެހެންކަމުން އަހަރެން ބޭނުންވީ އެދުވަސްތައް އަބަދުވެސް ހަނދާންކޮށް އަހަންނާއި ވީހާވެސް ގާތުގައި އެހަނދާންތައް ބަހައްޓާށެވެ.
އުމުރުން 30 އަހަރުގައި، އަހަރެންގެ ފިރިމީހާ ނިޔާވެއްޖެއެވެ. ހުވަފަތް ވީއިރު އަހަންނަކީ ހަތް ކުދިންގެ މަންމައެކެވެ. ފިރިމީހާގެ މަރަށްފަހު އަހަންނަށް އެންމެ ދުވަހަކު ވެސް ހަމަޖެހިލައިގެން ހުންނަން ފުރުސަތެއް ނުލިބުނެވެ.ފިރިމީހާ މަރުވި ދުވަސް ނޫން އަނެއް ދުވަހު އަހަންނަށް ޖެހުނީ ދަނޑަށް ގޮސް ވިނަތައް އެއްވަރުކޮށް އެކަހަލަ މަސައްކަތް ކުރާށެވެ. އަދި އެރޭ މަސްބާނަން ވެސް އަހަރެން ދިޔައިމެވެ. ބައެއް މަސް ބޭނުންމަށްފަހު ކޯރު ކައިރީ އިށީންދެގެން އިނދެ ރޮމުން އަހަރެން އަހަރެންގެ ފިރިމީހާއަށް ގޮވީމެވެ.
އަހަރުމެން ދިރިއުޅުނީ ހަލާކުވެ ވީރާނާވެފައިވާ ގެގަނޑެއްގައެވެ. އެގެގަނޑުގައި ދޮރެއް ވެސް ނުހުންނާނެވެ. އެހެންކަމުން އަހަރެންގެ ދަރިން ނިންދެވުމަށްފަހު އަހަރެން އިންނަނީ ނުނިދާ ފޯރިއަށެވެ.
ކާބޯތަކެތި ހޯދުމަށް އަހަރެން ޖަންގައްޔަށް ދިޔައީމެވެ. ގަސްގަހަށް އަރާ މޭވާއާއި ތަރުކާރީފަދަ ތަކެތި ބިނދެ އަދި އެނޫންވެސް އެކި ތަންތަނުން ކާއެއްޗެހި ހޯދީމެވެ. އެއީ އަހަރެންގެ ލޮބިވާ ދަރިންނަށް ކާން ދިނުމަށްޓަކައެވެ. އަހަރެން ބަނޑުހައި ހޫނުކަންމަތީ ހުރިކަމުގައި ވިޔަސް، ދަރިންނަށް ކާންދިނީމެވެ.

ޖަންގައްޔަށް ދާން ކޮންމެ ދުވަހަކު އަހަންނާއިއެކު އަހަރެންގެ އެންމެ ހަގު ފިރިހެން ދަރިދެއެވެ. އަހަރެންގެ އަތުގައި ހިފާފައި، 'މަންމާ އެވެ. އަހަރުމެން ބޮޑުވުމުން މަންމައަށް ހުރިހާ އެއްޗެއް ވެސް ހޯދަދޭނަމޭ' އެދަރިފުޅު ބުންޏެވެ.

ދުވަސްތައް ވޭތުވަމުން ގޮސް އަހަރެންގެ ހުރިހާ ދަރިންވެސް ބޮޑެތިވެ އެކި ތަންތަނަށް ދިޔައެވެ. އަަހަރެން ވެސް އަހަރެންގެ ކޮތަޅު ހިފައިގެން އެމީހުންނާއި އެކު ފަހަރަކު ދަރިއެއްގެ ގޭގައި އުޅުނީމެވެ. އަހަރެން ދިރިހުރުމުގެ މަޤްސަދުކަމުގައިވީ ދަރިން، ބޮޑެތިވެގެން އުޅުނީ އަހަންނާއިހެދި އުނދަގޫ ވެގެންނެވެ.

އަހަރެންގެ ދޮށީ ފިރިހެން ދަރި އޭނާގެ އަނބިމީހާ ގާތު އެއްދުވަހު ސުވާލު ކުރި އަޑުއެހީމެވެ. 'މީނަ މަރުވާނީ ކޮންއިރަކުބާ؟' ޖަވާބުގައި އޭނާބުނީ 'އަވަހަކަށް މަރެއް ނުވާނެ' ކަމަށެވެ. އަހަރެންގެ ހިތްހީވީ ކުދިކުދިވީހެންނެވެ.

މިދިޔަ އަހަރު އަހަރެން އަހަރެންގެ ހަގު ފިރިހެން ދަރިފުޅުގެ ގެއަށް ދިރިއުޅެން ދިޔައީމެވެ. އޭނާއަށް އަހަރެންގެ ބޭސް ސިޓީދައްކާފައި ބޭސް ނަގާ ދިނުމަށް ބުނެ އަދި އައިނު ވެސް ހަދާ ދިނުމަށް އެދުނީމެވެ. ކުއްލިއަކަށް އޭނާ އަހަންނާއި ދިމާލަށް އެއްޗެހި ގޮވަން ފެށިއެވެ. އަދި އަހަރެންގެ އަތުގައި ހިފާ ދަމާ ނެރެ، އޭނާގެ ގެއާއި ވަރަށް ދުރަށް ގެންގޮސް މަގުމައްޗަށް އެއްލާލާފައި، އަހަރެންގެ ކޮތަޅު އަހަރެން އުނގަށްޖަހާފައި ބުނީ، ގޮސް ސަލާން ޖެހުމަށެވެ. އޭނާ ބުނީ އަހަރެން އުމުރުގެ މީހުންނަށް ސަލާންޖަހައިގެން ހަމަ ވަރަށް އަރާމުގައި އުޅެވޭނެ ކަމަށެވެ.

މީހުން ބަލަން ފެށުމުން އޭނާ އެތަނުން އަވަހަށް ދިޔައެވެ. އެތަނުން އެކަކު އަހަރެން ކޮޅަށް ނަގާދީފައި ދާން ބޭނުންވަނީ ކޮންތާކަށްތޯ އެހިއެވެ. ޖަވާބުގައި ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. ދާނީ ކޮންތާކަށް ހެއްޔެވެ؟ އަހަރެން މިހުރީ ހަމަ ރަނގަޅަށް ވެސް އެކަނިވެފައެވެ. ދަރިން ކަންތައް ކުރިގޮތުން ހިތް ކުދިކުދި ވުމުގެ އިތުރުން އެހާމެ ލަދުވެސް ގަތެވެ.

ވަގުތުކޮޅަކަށް އަހަރެން ބޭނުންވީ އަނެއްކާވެސް އުމުރުން 30 އަހަރުގެ ދުވަސްތަކަށް ދާށެވެ. ޖަންގައްޔަށް ގޮސް ގަސްތަކަށް އަރާ، އެކަނި ކާއެއްޗެހި ހޯދައިގެން އުޅުނު ދުވަސްތަކަށް އަލުން ދާން ބޭނުންވިއެވެ. އަދި އެއަށްވުރެ ބޮޑަށް އަހަރެންގެ ދަރިން އަހަރެންގެ އަތުގައި ހިފާ، އަހަރެން ދެކެ ލޯބިން އުޅެން އަހަރެން ބޭނުންވިއެވެ.
މިހާރު އަހަރެން ބަނޑުހައެއް ނުވެއެވެ. އެއްވެސް މީހެއް ފަރާތުން ލޯތްބެއްވެސް ބޭނުމެއް ނޫނެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ