އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިންގެ ލޯތްބަށް އަބަދުމެ އެދެމުން ދިޔަ، ނަމަވެސް ލޯމަރާލަން ޖެހުނީ އެލޯބި ނުލިބި

މައިންބަފައިންގެ ލޯތްބަށް އަބަދުމެ އެދެމުން ދިޔަ، ނަމަވެސް ލޯމަރާލަން ޖެހުނީ އެލޯބި ނުލިބި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 57 ސިކުންތު

މިއީ ރަޝިއާ ގެ ކުޑަކުޑަ ކުއްޖެއް ކަމަށްވާ އުމުރުން އެންމެ ހަތް އަހަރުގެ އިވާން ގެ ވާހަކައެވެ.

އެހެން ކުދިންނެކޭ އެއްފަދައިން އިވާން ވެސް ބޭނުންވީ އެންމެން ދެކެ އިވާން ލޯބިވީ ފަދައިން، އެއެންމެން ވެސް އިވާން ދެކެ ލޯބިވާށެވެ. ރަޙްމަތްތެރިންނާއި އެކު ކުޅެ، ކްލާސްކުދިންނާއި ވާހަކަ ދައްކާ އޭގެ އިތުރުން އެންމެ ބޮޑަށް އޭނާގެ މައިންބަފައިން އޭނާދެކެ ލޯބިން ގައިގާ ބައްދާލާ ފިރުމާލަން އޭނާ ބޭނުންވިއެވެ.

ނަމަވެސް ހިތާމައަކީ އިވާން އަށް ދުވަހަކުވެސް އޭގެން އެއްވެސް ނަސީބެއް ނުލިބުމެވެ. މައިންބަފައިންގެ އަޅާލުން ނުލިބުމުގެ އިތުރުން ލިބެން ފެށީ އަނިޔާއެވެ. ކުލާހުން ރަހުމަތްތެރިއެއް ލިބުމުގެ ބަދަލުގައި އަބަދުމެ ކުރިމަތިލާން ޖެހުނީ ހަނގާ ކުރުމާއިއެވެ.

އިވާން މިދުނިޔެ ދޫކޮށް ދިޔައީ ވެސް އެފަދަ އަނިޔާތަކެއް ތަޙައްމަލު ކުރަމުންނެވެ. ނަމަވެސް ދުނިޔެއިން ވަކިވިއިރު، އަތުގައި އޮތް ސިޓީއެއް ޑޮކްޓަރުން ކިޔާފައި، އެމީހުންގެ ހިތްތައްވެސް ކުދިކުދި ވިއެވެ.

ކުޑަކުޑަ އިވާން އޭނާގެ މައިންބަފައިން ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ނަމަވެސް އޭނާގެ މައިންބަފައިން އަބަދުވެސް އޭނާ ގައިގާ ތަޅާ، އަނިޔާކޮށް ހެދިއެވެ. އެއީ ކީއްވެކަމެއް އިވާން އަކަށްވެސް ނުވިސްނުނެވެ.

ކޮންމެ ދުވަހަކުވެސް އިވާން ސްކޫލަށް ދެއެވެ. އިވާން އަކީ ބަސްއަހާ ރަނގަޅު ކުއްޖަކަށްވާތީ އޭނާގެ ޓީޗަރުން އޭނާދެކެ ލޯބިވެއެވެ. ނަމަވެސް އެއާއި ޚިލާފަށް އިވާން ގެ ކްލާސްކުދިން އިވާން ދެކެ ރުޅިއާދެއެވެ.

އެކުދިންނާއި ވާހަކަ ދައްކާ ރަޙުމަތްތެރި ވެވޭތޯ ބެލިޔަސް އެކުދިން އޭނާ ބާކީކޮށްލައެވެ. އެކުދިން ބުނީ އިވާން އަކީ "ހަޑި" ކުއްޖެއް ކަމަށެވެ.

އިވާން އަބަދުވެސް ލަނީ އެއް ހެދުމެކެވެ. އެއީ ވީދައިގެން ގޮސްފައިވާ ޖީންސަކާއި ޓީޝާޓެކެވެ. ބޫޓުވެސް އިންނަނީ ކޮންމެވެސް ވަރަކަށް ހަލާކުވެފައެވެ. މިކަމާ އިވާން ގެ ކުލާސްކުދިން އިވާން އަށް މަލާމަތް ކުރެއެވެ.

ސްކޫލްގައި ކޯޓުތައް އަޅުވާފަ ހުންނަ ކޮޓަރިއަށް ގޮސް، އެތަނުައި ވަރަށް ގިނަ ދުވަސް ވަންދެން އަޅުވާފައި އިން ކޯޓެއް ނަގައިގެން ލިއެވެ. އެކޯޓު އެތަނުގައި ނެތް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެދުވަހަކީ ސްނޯވެސް ވެހުނު ދުވަހެކެވެ. ވަރަށް ފިނި ވެގެން ހުރެ ގެއަށް ދަނިކޮށް ފަހަތުން ކޮންމެވެސް މީހަކު އައިސް އިވާން ސްނޯގަނޑު ތެރެއަށް ވައްޓާލިއެވެ. އަދި ތިލައިގެން ހުރި ކޯޓުން އިތުރަށް ހަޑި ވައްތަރޭ ޖަހަނީ ބުނެ އިވާން ގެ ބަނޑުގައާއި ބުރަކަށީގައި ފައިން ޖެހިއެވެ.

އިވާން އެދުވަހު ގެއަށް ދިޔައީ ރޮމުންނެވެ. އިވާން އަށް ވެފަހުރި ގޮތް ފެނިފައި، ލޯބިން އައިސް ބައްދާލާ ފަރުވާ ކުރުމުގެ ބަދަލުގައި އޭނާގެ މަންމަ އައިސް ހިފީ އޭނާގެ އިސްތަށިގަނޑުގައެވެ. މުޅިން ހަޑި ވެގެން ނޫންހޭ ތިއައީ ބުނެ ތިކަމުގެ އަދަބެއްގެ ގޮތުން ކާން ނުލިބޭނެއޭ ބުނެ ކޮޓަރިއަށް ފޮނުވާލިއެވެ. ވަރަށް ބަސްއަހައިގެން އިވާން ކޮޓަރިއަށް ގޮސް، ކޮޓަރިން ނިކުތީ އޭގެ އަނެއް ދުވަހުއެވެ. ބަނޑުހައި ހޫނުކަން ކިތަންމެ ހާވެސް ވަރަކަށް އިޙުސާސް ކުރެވުނު ނަމަވެސް ޝަކުވާއެއް ނުކުރެއެވެ.

އެކަންތައްތަކުގެ ސަބަބުން އިވާންގެ ކިޔެވުމަށް އަސަރުކުރަން ފެށިއެވެ. ކިޔެވުމަށް ދަށްވަމުން އައި ކަމުގެ ޚަބަރު މައިންބަފައިންނަށް އިވުމުން އަނެއްކާވެސް އިވާން ގައިގާ ތެޅިއެވެ. އިވާން ގެ ކަނާތު ކަށި އިނގިލިވެސް ބިންދާލިއެވެ. އެއިނގިލިން އެއްވެސް ހަރަކާތެއް ނުކުރެވޭތީ ކްލާސްކުދިން އޭނާއަށް މަލާމަތް ކުރިއެވެ.

ސްކޫލްގެ ދުވަހެކެވެ. ޖެހުނީ އެކުއްޖެއް އެންމެ ބޭނުންވާ އެއްޗެއް ކުރަހާ ކުލަޖައްސާށެވެ. އެހެން ކުދިން މައިންދާބޯޓާއި ކާރާއި ކުޅޭ އެއްޗެހި ފަދަ ތަކެތި ކުރެހިއިރު، އިވާން ކުރެހީ އޭނާގެ އާއިލާއެވެ. ކްލާސްކުދިންނަށް އެމަންޒަރު ދެއްކުމުން އެކުދިން އިވާން އަށް މަލާމަތް ކުރިއެވެ.

އެދުވަހު ރޮމުން އިވާން އެދުނީ އޭނާގެ އެކުރެހުމަށް މަލާމަތް ނުކުރުމަށެވެ. އަދި އެއީ އޭނާގެ އެދުން ކަމަށާއި އޭނާ ބޭނުންވަނީ ލޯބިވާ މަންމައަކާއި ބައްޕައެއް ކަމަށް އިވާން ބުންޏެވެ. އިވާން ގެ ޓީޗަރު އިވާންގެ ކަރުނަތައް ފުހެދިނެވެ. ބައެއް ކުދިންނަށް އިވާން ގެ އިޙުސާސްތައް ވިސްނުން ކަމުގައި ވިޔަސް އަނެއް ބައި ކުދިން ހުއްޓާނުލާ މަލާމަތް ކުރަމުން ގެންދިޔައެވެ.

ސްކޫލްގައި ބޭއްވުނު ޓެސްޓެކެވެ. އެޓެސްޓު ހަދާ ނިމިގެން ނަތީޖާ ދައްކާލިއިރު، އިވާން ފާހެއް ނުވެއެވެ. ޓެސްޓުގެ ނަތީޖާ މަންމަ މެންނަށް ފެނިއްޖެނަމަ އަނެއްކާވެސް އިވާން އަށް އަނިޔާ ކުރާނެތީ އިވާން ގެއަށް ދާން ބިރުގަތެވެ. ނަމަވެސް ދާނެ އެހެން ތަނެއް ނެތުމުން އިވާން ގެއަށް ދިޔައެވެ.

ޓެސްޓުގެ ނަތީޖާ ފެނުމުން ރުޅިއައިސްގެން އިވާން ގެ މަންމަ އިވާން ތަޅުންގަނޑަށް ވަރަށް ބާރަށް އެއްލާލިއެވެ. އެތާހުރި ގޮނޑިއެއްގައި އިވާންގެ ފައިވެސް ޖެހުނެވެ. އެވަރުން ހުއްޓާނުލާ އެރަޙުމްކުޑަ މަންމަ އޭނާގެ ބޮލުގައި ދެފަަރަށް ޖެހިއެވެ. އިވާން އަށް ވަރަށް ބޮޑަށް ތަދުވެގެން ނުތެވިފައި އޮތެވެ. ބައްޕަ ގާތު ނުބުނުމަށް އިވާން އާދޭސް ކުރިއެވެ. ނަމަވެސް އެވަގުތު އޭނާގެ ބައްޕަ ގެއަށް ވަނުމާއެކީ މަންމަ އެވާހަކަ ބުންޏެވެ. އިވާންގެ ބައްޕަ އޭނާ ނަގާފައި ވަރަށް ބާރަށް ދެކޮޅަށް ތަޅުވަން ފެށިއެވެ.

ދެން ވީ ގޮތެއް އިވާން އަކަށް ނޭނގެއެވެ. ހޭއެރި އިރު އިވާން އޮތީ ހޮސްޕިޓަލުގައެވެ. ވަރަށް ބޮޑަށް މެއަށާއި އަތަށް ތަދުވާ ވާހަކަ، މަންމަ ގާތު ބުންޏެވެ. ނަމަވެސް އިވާން ގެ މަންމަ އަޅައެއް ނުލިއެވެ. ހޮސްޕިޓަލުގައި އޮތް އިރުވެސް އިވާން އެދެމުން ދިޔައީ އޭނާގެ މައިންބަފައިން އޭނާ ދެކެ ލޯބިވާންށެވެ. ނަމަވެސް އިވާން މިދުނިޔެ ދޫކޮށް އަބަދުގެ އަބަދަށް ލޯމަރާލީ، އެލޯބި ނުލިބުމުގެ އިތުރުން، އޭނާއަށް ދިން އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މަރުވިއިރު އިވާން ގެ އަތުގައި އޮތް ސިޓީ އެއް ޑޮކްޓަރުންނަށް ފެނުނެވެ. އޭގާ ލިޔެފައިވަނީ:

"ލޯބިވާ މަންމަ އާއި ބައްޕާއެވެ. އަހަންނަކީ ހުތުރު އަދި ކަންކަން ނުވިސްނޭ ކުއްޖަކަށް ވާތީ އަހަރެން ބިރުގަނެއެވެ. މަންމައާއި ބައްޕައަށް އަހަރެން ދެކެ ލޯބި ނުވެވޭނެތީ އަހަންނަށް މާފު ކުރާށެވެ.
އަހަރެން ދުވަހަކުވެސް މަންމަމެންނަށް އުނދަގުލެއް ކުރާކަށް ބޭނުމެއް ނުވެއެވެ. އަހަރެން ހަމައެކަނި ބޭނުންވީ ލޯތްބެވެ. މަންމަ އައިސް އަހަރެން ގައިގާ ލޯބިން ބައްދާލާ، އަހަރެން ދެކެ ލޯބިވެއޭ އެއްފަހަރުވެސް ބުނެލާ އަޑުއަހަން އަހަރެން ބޭނުން ވިއެވެ. ބައްޕާއެވެ. ބައްޕަ އަހަރެންގެ އަތުގައި ހިފައިގެން ހިނގާލަން ދާނެ ނަމައޭ އަހަރެން ހިތައް އަރައެވެ. އަހަންނަކީ މަންމަމެންނަށް ހުރި ލަދެއްކަން އަހަންނަށް އެނގެއެވެ. އަހަރެން ދެން އެހެނެއް ނުވާނަމެވެ."

އިވާންގެ ކުޑަކުޑަ ހިތް ހުއްޓުނީ އެހިސާބުންނެވެ. ލޯތްބާއި އަޅާލުން އަދި ރަޙުމަތްތެރިންނަށް އެދިއެދި، އަނިޔާތަކާއި ވޭންތައް ތަޙައްމަލު ކުރަމުން، އެހުރިހާ ކަމަކަށް އަލްވަދާޢުކީ އޭގެން އެއްވެސް އެއްޗެއް ނުލިބިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ