ޕެރިހުގައި ގާއިމުކުރި ތިމާވެށީގެ އެއްބަސްވުމުން އެމެރިކާ ވަކިވުމާމެދު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ދުނިޔޭގެ ތިމާވެއްޓަށް އަސަރުކުރާ ފަދަ ވިހަ ގޭސް ޒަމާނުއްސުރެ ޖައްވަށް އެންމެ ބޮޑަށް ދޫކުރަމުންދާ ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު އޮތް ޤައުމު ކަމަށްވާ އެމެރިކާއިން، ދުނިޔޭގެ ތިމާވެއްޓާ ގުޅޭ މުހިންމު ޒިންމާތަކުން ބަރީއަވުމަކީ، އެކަމާމެދު ހިތާމަ ކުރައްވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރަވާފައިވަނީ ޕެރިހުގައި ގާއިމުކުރި ތިމާވެށީގެ އެއްބަސްވުމުން އެމެރިކާ ވަކިވާން ނިންމި ނިންމުމާ ގުޅިގެން އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމެއްގެ ގޮތުންނާއި، އ.ދ. ގެ މެންބަރު ޤައުމުތަކުގެ ގޮތުގައި ހިމެނޭ ތިރި، ޖަޒީރާ 37 ޤައުމުގެ ތެރެއިން ޤައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން، އެމެރިކާގެ މި ނިންމުމާމެދު ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމުގައި ވަނީ ވިދާޅުވެފަ އެވެ. އަދި، އެމެރިކާގެ މި ނިންމުމުގެ ސަބަބުން އަސަރުކުރާނީ ހަމައެކަނި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ މައްސަލަތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ނޫން ކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢާ އެއްކޮށް އެކި ޤައުމުތަކުން ގުޅިގެން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށްވެސް، މި ނިންމުމުގެ ސަބަބުން ހުރަސް އެޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ މި ނިންމުން އިއުލާނުކުރުމަށް ފަހުގައިވެސް، ދުނިޔޭގެ އާބާދީގެ ބޮޑު ބައެއްދަނީ، ބަވަނަވެފައިވާ ރައްޔިތުންތަކެއްގެ ގޮތުގައި ޕެރިސް އެއްބަސްވުމަށް އެއްބާރުލުންދޭނެ ކަމުގެ ޔަޤީންކަން ތަކުރާރުކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މިގޮތުން، މިއަހަރުގެ ސެޕްޓެންބަރު މަހު މޫސުމާ ބެހޭ ޚާއްޞަ ސަމިޓެއް ބޭއްވުމަށް ވިލާތުގެ އިއްތިހާދުންނާއި ޗައިނާއިން އިއުލާނުކޮށްފައިވާ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތްތާނގައިވެސް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން، ކުރިއަރަމުން އަންނަ ބޮޑެތި ޤައުމުތައް ކަމަށްވާ އިންޑިޔާއާއި ބްރެޒިލުން ދުނިޔެއަށް ދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވައިލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ އަޑު އުފުލުމުގައާއި، ސާފު ހަކަތައިގެ އިޤްތިޞާދަކާއި ދުޅަހެޔޮ ދުނިޔެއެއް ހޯދުމަށްޓަކައި ވެފައިވާ ވައުދު ފުއްދުމުގައި، ހުރިހާ ބައިވެރިންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ވަނީ ދެއްވައިފައެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މޫސާ ވަހީދު