އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަށް ކުރިމަތިވެފައިމިވަނީ ކޯފާއެއް ކަމާއިމެދު ޝައިޚް ޢަލީ ޒާހިރުގެ ދަރުސުން ސުވާލު އުފެދިއްޖެ!

ރާއްޖެއަށް ކުރިމަތިވެފައިމިވަނީ ކޯފާއެއް ކަމާއިމެދު ޝައިޚް ޢަލީ ޒާހިރުގެ ދަރުސުން ސުވާލު އުފެދިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ރާއްޖެއަށް މިހާރު ކުރިމަތިވެގެން މިއުޅޭ ހާލަތަކީ އަޅުގަނޑުމެންގެ އަމަލުތައް މިހާރު ހުރި ގޮތުން ކުރިމަތިވެފައިވާ ޢާންމުވެގެންވާ ކޯފާއެއް ކަމާއިމެދު ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މިރޭ ދެއްވެވި ދަރުސުން ސުވާލު އުފެދިއްޖެއެވެ.

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން މިރޭ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއަ ޕްރޮގްރާމްގައި ދަރުސް ދެއްވަމުން ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ހަރާންތަކެތި ކައި ބޮއި ހެދުމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވެ މާތް ﷲ ހަރާމް ކުރައްވަވާފައިވާ ކަންކަން ބައެއްގެ ތެރޭގައި ޢާންމުވެއްޖެނަމަ އެބައަކަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވާނެ ކަމަށެވެ.

"ހަރާން ގޮތުގައި ފައިސާ ހޯދާނަމަ ބަލާވެރިކަން، ޢާންމުވެގެންވާ ކޯފާ އަންނާނެ. މުޞީބާތް ޢާންމުވެގެން އަންނާނެ. ތަކެތީގެ އަގު ބޮޑުވުމާ އަމަން އަމާންކަން ގެއްލުމާއި ދިރިއުޅެން އުނދަނގޫވުމާއި ދަރިން ނުކިޔަމަންތެރިވުމާއި މިފަދަ އެންމެހައި ކަންތައްތައްތަކަކީ އަޅުގަނޑުމެން ކާބޯތަކެތީގެ ސަބަބުން ކުރާ ނޭދެވޭ އަސަރު."

ޝައިޚް ޢަލީ ޒާހިރު ބަޔާން ކުރައްވަވާފައިވާ ކަންކަމަކީ މުޖުތަމައުއަށް މިއަދު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކެވެ. ދުވަހަކު ކުރިމަތިނުވާވަރަށް ޠޫފާންތައް ކުރިމަތިވެ ތަފާތު ގިނަ މުޞީބާތްތައް މިވަނީ ކުރިމަތިވެފައެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ އަޅުގަނޑުމެންގެ މުޖުތަމައުގައި ނޭދެވޭ އެތައް ގިނަ ކަންތައްތަކެއް ދަނީ ހިނގަމުން ކަމަށާއި ބަލަންވީ މީހަކު އުޅޭ ގޮތް ނޫން ކަމަށެވެ. ކޮންމެ މީހަކުވެސް ބިރުވެތިވާންވީ ތިމާގެ ހިސާބު ބެއްލެވޭނެ ދުވަހަށް ކަމަށެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ އަޅުގަނޑުމެންގެ މުޖުތަމައުގައި ނުބައިކަން ބޮޑުވެގެންވާ ކަންކަން ޢާންމުވެފައި ވަނީ ބިރުގަންނަންޖެހޭ މިންވަރަށް ކަމަށާއި ކޮރަޕްޝަނާއި ނުލައި އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ޤައުމުގެ ކަންކަން ގޮސްފައިވުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ބިރުވެރިކަމެއް ކަމަށެވެ. ކަންކަމުގައި ނުފޫޒު ބޭނުންކުރުމާއި ނަހަމަ ގޮތްތައް ގެންގުޅުމަކީ ﷲ އަށް ބިރުވެތިވާންޖެހޭނެ ކަންކަން ކަމަށެވެ.

ޝައިޚް އަލީ ޒާހިރު ވިދާޅުވީ މިފަދަ ޒަމާނެއް އުންމަތަށް އަތުވެދާނެ ކަމުގެ އިޝާރާތް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ކުރައްވަވާފައި ކަމަށެވެ. "ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވާފައިވަނީ ޒަމާނެއް އަންނާނެއޭ މީސްތަކުން އަޅައެއް ނުލާނެއޭ މުދާ ހޯދީ ކިހިނެއް ކަމާމެދު. ހޯދީ ހަލާލު ގޮތުގަތޯ ހަރާން ގޮތުގަތޯ. މިއަދު އަޅުގަނޑުމެންގެ ހާލަތަކީ މިހާލަތެއް ނޫންބާ! މީގެ އެތައް ސަތޭކަ އަަހަރުކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މި ހަދީޘްފުޅު ކުރެއްވެވި ޒަމާނަށް ނޫންބާ މިއަދު އާދެވިފަ މިތިބީ! މިއީ ވިސްނައިލަންޖެހޭ ކަމެއް."

ޝައިޚް އަލީ ޒާހިރު ވިދާޅުވީ މިއަދު ކިތަންމެ ކުޑަ ކަމެއްގައި ނަމެވެސް ހަމަތަކުގެމަތިން ހިނގަން ބޭނުންވާ މީހާއަށް އެކަން ވެފައި އޮންނަނީ ވަރަށް ދަތި އުނދަނގޫ ކަމަކަށް ކަމަށެވެ. ފެނިގެންދަނީ ނަހަމަ ގޮތުގައި ހިނގަން ބޭނުންވާ މީހާއަށް ކަންކަން ފަސޭހަވެގެންދާތަން ކަމަށެވެ. ވަލު ދޮރާށިން ވަންނަ މީހުންގެ ކަންކަން ފަސޭހައިން ނިމެމުން އަންނަތަން ކަމަށެވެ. އެހެންކަމުން މުޖުތަމައުގެ ކަންކަން މިވަނީ ބިރުގަންނަންޖެހޭ ފަދަ ހާލަތެއްގައި ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް