އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިހެނުންގެ މިސިފަތައް އަންހެނުންނަށް ކަމަކު ނުދޭ!

ފިރިހެނުންގެ މިސިފަތައް އަންހެނުންނަށް ކަމަކު ނުދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 25 ސިކުންތު

މީގެ މަހެއްހާ ދުވަސް ކުރިން އަޅުގަނޑުމެން ސަރވޭ އެއް ހަދާފައިވާނީ ބައެއް އަންހެނުންގެ ކިބާގައި ހުންނަ ފިރިހެނުންނަށް ކަމުނުދާ ސިފަތަކުގެ މައްޗަށެވެ.

އެގޮތުން މިފަހަރު، ސޯޝަލް މީޑިއާގެ ޒަރީޢާއިން "މިއަދުނޫހުން" ކުރި ސަރވޭގައި އަލި އަޅުވާލާފައި މިވަނީ ބައެއް ފިރިހެނުންގެ ކިބާގައި ހުންނަ، އަންހެނުންނަށް ކަމުނުދާ ނުވަތަ ބޮލަށް އުނދަގޫވާ ސިފަތަކުގެ މައްޗަށެވެ.

އެގޮތުން އެންމެ ގިނަ އަންހެން ކަނބަލުން ފާހަގަ ކޮށްފައިވަނީ، މަގުމަތިން ދާއިރު ފިރިހެނުން އެމީހުންނާއި ފޮށޭކަމެވެ.

މަރިޔަމް،35އ.

"ދޮގު ހަދާތީ ވަރަށް ހިތްހަމަ ނުޖެހޭ. ދެން އެހާ އިޚުތިރާމެއް ވެސް ނުކުރާނެ. ކަންކަމުގަ ތަފާތުވެސް ކުރާނެ. މިސާލަކަށް 'މަ' ތަނަކަށް ދާން ބޭނުންވެއްޖިއްޔާ ޖެހޭނެ ދިޔުމުގެ ކުރިން އޭގެ ހުރިހާ ތަފްސީލެއް ދޭން. އެކަމަކު އޭނަ ތަނަކަށް ދަންޏާ ނުބުނާނެ. އަންހެން ކުއްޖެއް ގޮވައިގެން ދިޔަކަން އެނގިގެން އެހިޔަސް އެެއްބަހެއް ނުވާނެ. ވަރަށް ބޮޑަށް އެނގިގެން އެހީމަ ދެން ކިޔާދޭނީ"

ރިފާ، 19އ.

"މީހަކާ ސީރިއަސްކޮށް ރައްޓެހި ވެގެން ހުރެ އެހެން އަންހެން ކުދިންނާއި ފްލަރޓް ކުރަންޏާ ވަރަށް ރުޅި އާދޭ. ދެން އިނގޭނު. 'ޖެލަސް' ވާނެ ދޯ؟

ފާތުން، 23އ.

"މަގުމަތިން ހިނގާފަ ދާއިރު ބުޅާ މަސްގަނޑަށް ބަލާހެން، ވަރަށް ބަލާނެ. ދެން އަނެއް ކަމަކީ، ވަރަށް ސުވާލު ގިނަވާނެ. މިސާލަކަށް އެއްޗެއް ކިޔާދިނަސް ހަމަ ސުވާލަކު ފުލު ސުވާލެއް ކޮށްފާނެ. އެކަމަކު ނަންވާނީ އަހަރުމެން އަންހެނުން ސުވާލު ގިނަ ކަމަށް."

ފަރީހާ، 23އ.

"ބައެއް ފިރިހެނުން މަގުމަތިން ދާހާ އަންހެނަކާ ފޮށޭތަން ވަރަށް ފެނޭ. އެކަމާ ވަރަށް ރުޅި އާދޭ. އެހެން ފޮށޭ އިރު ވަކި އުމުރަކަށް ވެސް ނުބަލާނެ. ހަމަ ތިމާގެ ދަރިއެއްގެ އުމުރު ކުއްޖަކާވެސް ފޮށިފާނެ."

ތާނީ، 20އ.

"މަގުމަތިން ދާއިރު ފޮށޭވަރުން ބޮލަށް އުނދަގޫ. ދެން އަނެއް ކަމަކަށް ފާހަގަ ކުރެވެނީ، ބައެއް ފިރިހެން ކުދިން ވަރަށް (ހިތުން) ބްލެކްމެއިލް ކުރާހިތްވާނެ. ފޮޓޯ އެއް ނެތަސް އެވެނި މިވެނި ފޮޓޯ އެއް އެބަ އޮތޭ އެވެނި ކަމެއް ނުކޮށްފިއްޔާ ފޮޓޯތައް ލީކް ކޮށްލާނަމޭ ކިޔައިގެން އުނދަގޫ ކުރާނެ."

ނާނު، 25އ.

"ވަރަށް ދެރަ ކަމެއް އަސްލު، މަގުމަތިން ހިނގާފަ ދާއިރު ބައެއް ފިރިހެނުން ފާޑުފާޑު ނަންނަމުން ގޮވާ ފޮށޭތީ. އަހަރުމެން އަންހެނުންނަކީ ވެސް ވަކި ބަޔަކަށް ވާން ބޭނުންވާ ބައެއް. އެކަމަކު، އެކަހަލަ ނަންނަމުން ގޮވީމަ އަހަރުމެންގެ އަގު ވައްޓާލެވި ވަރަށް ދަށް ބައެއްގެ ގޮތުގައި ދޯ އެހެދެނީ. ނުބުނަން މިއީ ހުރިހާ ފިރިހެނުން އުޅޭ ގޮތެކޭވެސް. މިއީ ސަރވޭއަކަށް ދޭ މަޢުލޫމާތެއްކަން އިނގޭ. އެހެންވެ ބުނެލަން ބޭނުންވަނީ ހުރިހާ ފިރިހެނުންނަކީ މިފަދައިން ކަންތައް ކުރާ ބައެއް ނޫން ކަމުގައިވީ ނަމަވެސް، މަގުމަތީގައި މިފަދައިން ފޮށޭ މީހުން ގިނަވުމުން، ހުރިހާ ފިރިހެނުންނަކީ ވެސް އެހެން އުޅޭ ބައެކޭ ގިނަ ފަހަރަށް ހިތައް އަރާ"

ފިރުޝާ، 21އ.

"ބުނާނެ 15 މިނެޓު ތެރޭ ތައްޔާރު ވެގެންނޭ ހުންނަންވާނީ. ދެން އެގަޑިއަށް ތައްޔާރު ނުވެވިއްޖިއްޔާ ހުންނާނީ ރުޅިއައިސްފަ. ކިހިނެއް އެހާ އަވަހަށް ތައްޔާރު ވާނީ."

ހާމިދާ، 45އ.

"ޅަ ކުދިންނާއި ދިމާލަށް ބަލާ އެކުދިންގެ ފޯނު ނަންބަރު ހޯދަން އުޅޭކަން ވަރަށް ފާހަގަ ކުރެވޭ. ޚާއްސަކޮށް ތަންކޮޅެއް ޒަމާނީ ގޮތަށް ހެދުން އަޅާފަ ހުންނަ އަންހެން ކުދިންނާއި ވާހަކަ ދެއްކޭތޯ ވަރަށް ބަލާނެ.

މިއީ ދެން އަސްލު ފިރިހެން މީހާގެ އެކަނި ކުށެއް ވެސް ނޫން. މިހާރު މިއުޅޭ އަންހެން ކުދިން ތަންކޮޅެއް ނިވާކޮށްގެން ހެދުން އަޅާ ނަމަވެސް މިކަހަލަ ކަންތައްތައް ވުން މަދުވާނެ ކަންނޭނގެ"

ރީމާ، 30އ،

"މާބޮޑު މުއްސަންޖަކަށް ވެގެން، ހަދިޔާ އެކޭ ކިޔާފަ އެއްޗެހި ހޯދާދީ، ފައިސާވެސް ދީ ގަނެލަން އުޅޭތީ ވަރަށް ފޫހިވޭ. ނުހިފައިފިއްޔާ އެއެއްޗެހި ގެއަށް ފޮނުވާ، ނޫނީ ދަންނަ ކޮންމެވެސް މީހެއް އަތަށް ދީގެން ވެސް ހަވާލު ކުރުވާނެ. އެގޮތަށް ކަންތައް ކުރީމަ އެމީހެއްގެ ނިޔަތާއި މެދު ސުވާލު އުފެދޭ"

ޒޯޔާ، 25އ،

"ދޭންވާ ވަރަށް ސަމާލުކަން ނުދޭތީ ވަރަށް ދެރަވޭ. މަސައްކަތުގަ ބުރަކޮށް އުޅެފަ އައިސް ބޭނުން ވެދާނެ ޖިމް އަށް ދާން. ދެން ޖިމް އިން އައިސް ރައްޓެހިންނާއި އެކު ކޮފީއަށް ދާން. އެވެސް ނިމިގެން އެންމެ ފަހުން ގެއަށް އައިސް އިނދެދާނެ ގޭމް ކުޅެން ނޫނީ ފުޓުބޯޅަ މެޗަކަށް ގެއްލިފަ. ހިތަކަށް ނާރާނެ އަނތްބެއް ކައިރީގަ އެބައިނޭ، އޭނައާއި ވާހަކަ ދައްކާ، ވަގުތު ހޭދަ ކޮށްލަން ގޮވައިގެން ބޭރަށް ދިޔުން ފަދަ ކަމެއް ކޮށްފާނަމެކޭ އެއް. އެއްޗެކޭ ބުނެފިއްޔާ ބުނާނީ މުޅި ދުވަހު މަސައްކަތް ކޮށްފަ އައިސް ހިތްހަމަ ޖައްސާލަން ބޭނުންވާނެ ނޫންހޭ. އެކަމަކު އަންހެނުން ކުރާ މަސައްކަތްތައް ވެސް މަދެއް ނޫން ދޯ. ހަމަ ވަރުބަލިވެސް ވާނެއްނު. ހިތްހަމަ ވެސް ޖައްސަން ބޭނުންވާނެއްނު"

މިއީ މިފަހަރުގެ ސަރވޭގެ ތެރެއިން ފާހަގަ ކޮށްލެވުނު ބައެއް ޖަވާބުތަކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ