އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުންނަށް އިސްލާމް ދީނުގައި ދެއްވާފައިވާ މަތިވެރިކަން އުނގެނުމަށް ސާމިޔާ ޒަކަރިއްޔާ ގޮވާލައްވައިފި

އަންހެނުންނަށް އިސްލާމް ދީނުގައި ދެއްވާފައިވާ މަތިވެރިކަން އުނގެނުމަށް ސާމިޔާ ޒަކަރިއްޔާ ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވަވާފައިވާ މަތިވެރިކަން އުނގަނި ދަސްކުރުމަށާއި އަންހެނުންނަކީ އިލްމީ ބައަކަށް ވުމަށް އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ގޮވާލައްވައިފިއެވެ.

އަންހެނުންނަށް ޚާއްޞަކޮށްގެން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ދަރުސްގައި ސާމިޔާ ވިދާޅުވީ އިސްލާމް ދީން އައުމުގެކުރިން އަންހެނުންނަކީ ވަރަށް ނިކަމެތި ގޮތުގައި ތިބި ބައެއް ކަމަށާއި އަންހެނުން މަތިވެރިކުރީ އިސްލާމް ދީން ކަމަށެވެ. އަންހެނުންނަށް ޚާއްޞަ ސޫރަތެއް (ނިސާ ސޫރަތް) ކީރިތި ޤްރްއާނުގައި އޮތުމުން އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށްވެސް ސާމިޔާ ވިދާޅުވިއެވެ.

ސާމިޔާ ވިދާޅުވީ ނިސާ ސޫރަތް އަންހެނުން ދަސްކުރަންޖެހޭނެ ކަމަށާއި އަދި ކިޔައި މުޠާލިޢާވެސް ކުރަންޖެހޭނެ ކަމަށެވެ. އަންހެނުންނަށް ލިބިފައިވާ ހައްޤުތައްވެސް އެނގޭނީ އެއިރުން ކަމަށެވެ. "ކޮންމެ ފަހަރަކު ޖަވާބުދޭނެ ބައަކު ކައިރިއަކު ނުތިބޭނެ. އެހެންވީމާ އަމިއްލައަށް ވެސް ކަންތައްތަކެއް އެބަ އެނގެންޖެހޭ."

ސާމިޔާ ވިދާޅުވީ އަންހެން ދަރިއަކު ލިބުމުން އޭނާއަށް ޚަރަދުކޮށް ބެލެހެއްޓުމަކީ ބައްޕަގެ މަސްއޫލިއްޔަތެއް ކަމުގައި މާތްﷲ ލައްވަވާފައިވާ ކަމަށާއި ކައިވެނިކުރުމުން އަނބިމިހާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ފިރިމީހާގެ ކިބައިގައި އެޅިގެން ދިއުމަކީ އަބަދުވެސް އަންހެނުންނަށް ބެލެހެއްޓުންތެރިއަކު ލިބުން ކަމަށެވެ. އަދި އެއީ އަންހެނުންނަށް މާތް ﷲ ދެއްވަވާފައިވާ މަތިވެރިކަމެއް ކަމަށެވެ.

ސާމިޔާ ވިދާޅުވީ ބެލެހެއްޓުންތެރިއަކު ހުރުމަކީ އަންހެނުންނަށް ލިބޭ ނިކަމެތިކަމެއްކަމަށް ބައަކު ބުނި ނަމަވެސް އެއީ ޙަޤީޤަތެއް ނޫން ކަމަށާއި އެއީ އަންހެނުންނަށް މާތްﷲ ދެއްވަވާފައިވާ މަތިވެރިކަމެއް ކަމަށެވެ.

"އަނބިމިހާއަށް ޚަރަދުކުރުން މާތް ﷲ ލައްވަވާފައިވަނީ ދީނީ ކަމެއްގެ ގޮތުގަ. އެއީ މާއްދީ ކަމެއްގެ ގޮތުގައެއް ނޫން. އަންހެނުންނަށް ޚަރަދުކޮށް ރަނގަޅު ގޮތުގައި ބަލަހައްޓައި ހެދުމަކީ މާތް ﷲ ގެ ހަޟްރަތުން ސަވާބާއި ދަރުމަ އިތުރުކުރައްވަވާކަމެއްގެ ގޮތުގަ ލައްވަވާފައިވަނީ. އަނބިދަރިންނަށް ކުރާ ހޭދަ މާތްﷲ ލައްވަވާފައިވަނީ މީހާ ކުރާ އެންމެ މަތިވެރި 4 ހޭދައިގެތެރޭގަ. ޙަދީޘްފުޅު ކުރައްވަވާފަ ވަނީ އެންމެ މަތިވެރި ހޭދައަކީ އަނބިދަރިންނަށް ކުރާ ހޭދަކަމަށް."

ސާމިޔާވިދާޅުވީ އަންހެނުންނަށް ހެޔޮކޮށް ހިތުމަކީ އެމީހެއްގެ އީމާންކަން ފުރިހަމަކުރަން ކުރަންޖެހޭ ކަމެއް ކަމަށް، އަދި އެންމެ މާތް ފިރިންނަކީ (އެންމެ ހެޔޮކަން ބޮޑު) އަނބިންނަށް އެންމެ ހެޔޮ ފިރިން ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމަށެވެ.

މުޖުތަމައު ބިނާކުރުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ އަންހެނުންކަން ސާމިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ސާމިޔާ ވިދާޅުވީ ދަރިން ލިބެނީ މައަކާއި ބައްޕައަކަށް ނަމަވެސް ދަރިން ދުނިިޔެއަށް އައުމަށްޓަކައިވެސް ބުރަތައް އުފުލަނީ އަންހެނުން ކަމަށެވެ. އަދި ދަރިން ލިބުމުން ގެންގުޅެ ބޮޑުކޮށް ތަރުބިއްޔަތު ކުރަނީ ވެސް އަންހެނުން ކަމަށެވެ. މިކަންކަމުންވެސް އެނގިގެންދަނީ މުޖުތަމައު ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އަންހެނުން ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް