އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަކުއްޖާ (ދެވަނަ ބައި)

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަކުއްޖާ (ދެވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

އަހަރެން ވަރަށް ބޮޑަށް ހާސްވިއެވެ. ދައްތަ ތަޅުންގަނޑުމަތިން ނެގޭތޯވެސް ބެލީމެވެ. އަދި މަންމަ މެންނަށް ވެސް ގޮވީމެވެ. މަންމަމެން ވެސް ވަރަށް ހާސްވެފައި، ދައްތަ އެނދަށްލާފައި، ދައްތައަށް ވީކީއްތޯ އަހަރެން ގާތު ސުވާލު ކުރިއެވެ.

"އޭނާ އައިއްސި" އޭ ދައްތަ ބުނި ވާހަކަ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެން ހުރީ ވަރަށް ބިރުންނެވެ. އެއީ އެވަގުތު އަހަރުމެންގެ އިތުރުން އެހެން ބައެއް ނުވަތަ އެއްޗެއް އެކޮޓަރި ތެރޭގައި ހުރިހެން ހީވެގެންނެވެ.

ދައްތައަށް ހޭވެރިކަމެއް ވޭތޯ އެންމެންވެސް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ހޭވެރިކަމެއް ނުވުމުން، އެންމެންވެސް ނިންމީ ދައްތަ އޮތީ ގަދަ ނިންޖެއްގައި ކަމަށާއި ވެއްޓުނީވެސް ނިދިގެން ކަމަށެވެ. އެހެންކަމުން ފަތިސްވަގުތު ޖެހުމުން އެމީހަކު އެމީހެއްގެ ކޮޓަރިއަށް ގޮސް ނަމާދުކޮށްގެން ނިދީއެވެ.

ދައްތައަށް ކަމެއް ނުވެއޭ އެންމެންވެސް ހީކުރި ހީކުރުން ބަދަލުވީ އޭގެ އަނެއް ދުވަހުއެވެ. އެދުވަހު މެންދުރުފަހު ތިނެއް ޖެހިއިރު ވެސް ދައްތަ ހޭނުލައެވެ. ހޭލައްވަން ގޮވާ ގޮވާވެސް ލޮލެއް ނުހުޅުވައެވެ. ނަމަވެސް ނޭވާލައެވެ. ދުވަހަކުވެސް ދައްތައަކީ އެހާ ލަސްވަދެން ނިދަން އޮންނަ މީހަކަށް ނުވާތީ، އެއީ އާދައިގެ ކަމެއް ނޫންކަން އެނގުނެވެ. އެހެންކަމުން މަންމަމެން ނިންމީ ދައްތަ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ.

ހޮސްޕިޓަލާއި ހަމައަށް ދެވުންއިރު ފަހެއް ޖަހަނީއެވެ. ވޯޑަށް ވައްދާފައި ޑޮކްޓަރުން އައިސް ދައްތައަށް ވެފައި ހުރި ގޮތެއް އެނގޭތޯ ބަލަން ފެށިއެވެ. ލޭގެ ޕްރެޝަރު ބަލާ، ހުން ހުރިތޯ ބަލާ، އަދި ލޭގެ ޓެސްޓުތަކެއް ވެސް ހެދިއެވެ.

ލޭމަދުވެފައި ހުރިތޯ ބަލަން ވެގެން ލޯހުޅުވަން މަސައްކަތް ކޮށްކޮށްވެސް، ދައްތަގެ ލޯ ހުޅުވޭ ގޮތެއް ނުވިއެވެ. ޑޮކްޓަރުން ބުނީ އެއީ ގިނައިރުތަކެއް ވަންދެން ނިދިފައި އޮތުމުގެ ސަބަބުން ވެފައިވާ ކަމެއްކަމަށް ވެދާނެ ކަމަށެވެ.

ޑޮކްޓަރުން ކޮންމެ އެއްޗެއް ކީކަމުގައި ވިޔަސް، ކޮންމެވެސް އެހެން ކަންތައްގަނޑެއް ދައްތައަށް ވެއްޖެކަން އަހަންނަށް އިޙުސާސް ކުރެވެން ފެށިއެވެ. ނަމަވެސް އެއީ އެކަހަލަ ކަމެއް ނޫނޭ އަމިއްލައަށް ހިތަށް އަރުވާލައިގެން އިނީއެވެ.
އިރުއޮއްސިއްޖެއެވެ. ދައްތަ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ. އެންމެންނަށް ވޯޑުގައި މަޑު ނުކުރެވޭނެތީ ދައްތަ ގާތު މަންމަ ބައިންދާފައި އަހަންނާއި ބޭބެ އިނީ ވޯޑުން ބޭރުގައެވެ. ޓެސްޓުތަކުގެ ނަތީޖާލިބި ދައްތައަށް ވެފައޮތް ގޮތެއް ނޭނގެނީސް ގެއަށް ދާން އަހަރުމެން ބޭނުން ނުވީއެވެ.

ކުއްލިއަކަށް މަންމަ ވަރަށް ބާރަށް ހަޅޭލަވައިގަތް އަޑު އިވުނެވެ. އަދި މަންމަގެ ފަހަތުން އެހެން ދެއަންހެނުންނެއް ވެސް ހަޅޭލަވާ ބިރުން ކަހަލަ ގޮތަކަށް ރޯންފެށި އަޑު ވޯޑު ތެރެއިން އިވުނެވެ. އަވަހަށް އަހަންނާއި ބޭބެ ގޮސް ވޯޑަށް ވަތްއިރު، އަހަރުމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ.

ދައްތަގެ ދެލޯ އޮތީ ވަރަށް ބޮޑަށް ހުޅުވިފައެވެ. ނަމަވެސް ކަޅި އެއްގޮތަކަށް ވެސް ނުފެނެއެވެ. އަނގަ ކޮންމެވެސް ވަރަކަށް ހުޅުވިފައިވާއިރު، ހީވަނީ އަނގަޔަށް ވަރަށް ބޮޑަށް ބާރެއްލާފައިވާ ހެންނެވެ. މުޅި ދެއަތް ވެސް ވަނީ އެއްކޮށް ހަރުކޮށްލާފައި އިނގިލިތަށް ދުރުކޮށްލާފައެވެ. ދައްތަގެ ބޮލާއި ފައިތިލަ އެނދުގައި ޖެހިފައިވާއިރު ދެން އެހެން އެއްވެސް ތަނެއް އެނދަކު ނުޖެހެއެވެ.

ދައްތަ އޮތްގޮތް ފެނިފައި އަހަރެން ވަރަށް ބޮޑަށް ބިރުގަތެވެ. ބޭބެއާއި އެހެން ތިން ފިރިހެނެއް ވަރަށް މަސައްކަތް ކޮށްގެން ދައްތަ އަލުން ރީތިކޮށް އެނދުގައި ބޭއްވިއެވެ. ނަމަވެސް އެއިރުވެސް ދައްތަގެ ދެލޯ ހުރީ ބޮޑުވެފައި ކަޅި ގެއްލިފައެވެ.
(ތިންވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

Advertisement

ކޮމެންޓް ކުރެއްވުމަށް







Saa 2017-07-09 18:55:52

Maakury genes dheybala varu than kolheh dhigukon genesdhevidhaanetha<br />

ށާޔާ 2017-07-09 20:18:14

ކިޔާހިތުން އިންދާ ނިމިއްޖެ ..މިޔަންވުރެ ދިގުކޮން ގެނެސް ދޭނަމަ


މަރިޔަމް ވަހީދާ