އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަކުއްޖާ (ހަތްވަނަ ބައި)

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަކުއްޖާ (ހަތްވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 20 ސިކުންތު

ދައްތަގެ އެވާހަކަތަކަށް އަހަންނަށް އެހާ ސަމާލުކަމެއް ނުދެވުނެވެ. އެއިރުވެސް އަހަރެން ހުރީ ޝޮކެއްގައެވެ. ނަމަވެސް އަހަރެންގެ ވަށައިގެން ވާނުވާ ހުރިހާ ކަމެއްވެސް އަހަންނަށް ފެނި އިޙުސާސް ކުރެވެއެވެ.

އެރަށަށް ގޮސް ވީހާވެސް އަވަހަށް ބައްޕަ ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އެމަރޖެންސީކޮށް އޮޕަރޭޝަން ތިއޭޓަރ އަށް ވައްދާ، ބައްޕަގެ ސަރޖެރީ ފެށިއެވެ. ޑޮކްޓަރުން ވަކި އެއްޗެއް އަންގަންދެން އަހަރުމެން އެންމެން ބޭރުގައި ތިބިއިރު ވެސް، ހުއްޓުމެއްނެތި މަންމަ ރޮނީއެވެ. ބޭބެ ވެސް ހުރީ ވަރަށް ހާސްވެ ދެރަވެފައެވެ. ކިރިޔާވެސް މޫނުމަތިން ހިނިތުންވުމެއް ފެންނަނީ ދައްތަގެ ފަރާތުންނެވެ. އެއީ ކީއްވެގެންކަން އެހެން އެކަކަށް ނޭނގުނަސް އަހަންނަށް އެނގެއެވެ.

އޮޕަރޭޝަން ތިއޭޓަރަށް ބައްޕަ ވެއްދި ފަހުން ފަސް ގަޑީރު ވޭތުވެގެން ގޮސްފިއެވެ. އެންމެންވެސް މަޑުކޮށްގެން ތިބީ ޑޮކްޓަރު ދޭނެ ޖަވާބަކަށެވެ. ގަޑިން 00:30 ވާން އުޅެނިކޮށް އޮޕަރޭޝަން ތިއޭޓަރ ގެ ދޮރު ހުޅުވި، ޑޮކްޓަރުވެސް ނިކުތެވެ. އަދި އަހަރުމެން ކައިރިއަށް އައިސް ބުނީ، ބައްޕަގެ ބުރިވި އަތްބައްދާލާފައި ބޭސްއަޅާ، ފަހާފައިވާނެ ކަމަށެވެ. ބައްޕައަކީ ދެން އެއް އަތް ނުހުންނާނެ މީހަކަށް ވާތީ، އެކަމުގެ ސަބަބުން ބައްޕައަށް ނަފްސާނީ ގޮތުން ވަރަށް އަސަރު ކުރާނެ ކަމަށާއި އެހެންކަމުން ބައްޕައަށް ވަރަށް ބޮޑަށް ހިތްވަރުދީ ކައިރީގައި ހުންނަން ޑޮކްޓަރު ނަސޭޙަތް ދިނެވެ.

ޑޮކްޓަރު އެދެއްކި ވާހަކަތައް އަހަރެންގެ ހިތަށް ވަނީ ތޫނު ޚައްޖަރެއް ހިތަށް ހެރުންހެނެވެ. އެއީ ކިތަންމެ ހިތާމަވެރި ޚަބަރެއް ކަމުގައިވީ ނަމަވެސް، އެނޫން އެހެން ގޮތެއް ނެތްކަންވެސް އަހަންނަށް އެނގުނެވެ. އެރޭ ވީކަންތައްތަކުން ކުރި އަސަރު ހާމަކުރަން އަހަންނަށް އިޙުސާސްވީ އެވަގުތު އެވެ. ބޭއިޚްތިޔާރުގައި އަޑުން އަޑު ނަގައި ރޯން ފެށުނެވެ. އަހަރެން ހުއްޓުވޭތޯ މަންމަމެން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަކަށްވެސް އެކަމެއް ނުވިއެވެ. ހިތާމައިގެ އިތުރުން އަހަރެންގެ ހިތަށް އެވަގުތު ވެރިވެގަތީ ރުޅިވެރިކަމެވެ. ދައްތަގެ މައްޗަށެވެ.

ތޫނު އެއްޗަކުން ލިބިފައި ހުރި ހަމަލާއެއްގެ ސަބަބުން، ކަން ހިނގި ގޮތް ބެލުމަށްޓަކައި އެތަނަށް ފުލުހުންވެސް ދިޔައެވެ. ޑޮކްޓަރުންގެ ބަޔާން ނަގާފައި، ކަންތައްވީ ގޮތާއިމެދު ބޭބެއާއި ވެސް ސުވާލު ކުރިއެވެ. ބުނާނެ އެއްޗެއް ނޭނގިގެން ބޭބެ ބުނީ، ބައްޕައަށް ވީގޮތެއް ނޭނގޭ ކަމަށާއި، އަހަރުމެންނަށް ބައްޕަ ފެނުންއިރު ބައްޕަ އޮތީ ވެއްޓިފައި ކަމަށެވެ. އެއްވެސް މީހަކަށް ޝައްކު ކުރެވޭތޯ އެހުމުން، ބޭބެ ބުނީ އެކަކަށް ވެސް ޝައްކު ނުކުރެވޭ ކަމަށެވެ. ކަންތައް ހިނގާފައިވާގޮތުން އެއީ ތަޙުޤީޤު ކުރެވޭ މައްސަލައަކަށްވާތީ، އެއްވެސް މީހަކު ރަށުން ބޭރަށް ނުދިޔުމަށް ބުނެ ފުލުހުން އެވަގުތު އެތަނުން ދިޔައެވެ.

ބައްޕަގެ ގައިން ވަރަށް ބައިވަރު ލޭއޮހޮރިފައިވާތީ، ލޭއަޅަން ޖެހޭ ކަމަށް ޑޮކްޓަރުން ބުންޏެވެ. ނަސީބަކުން ބައްޕަގެ ގައިގާ ހުންނަނީ ފަސޭހައިން ލިބޭ ލެއަކަށް ވާތީ، އެއިންތިޒާމް ވަރަށް ފަސޭހައިން ހަމަޖެހި، ބައްޕަގެ ގަޔަށް ލޭއަޅަން ފެށުނެވެ. ނަމަވެސް އެއިރުވެސް ބައްޕަ ހެއެއް ނާރައެވެ.

އެރޭ ފަތިސް ވާން ކައިރިވުމުން އަހަރެން ކުޑަ ވަގުތުކޮޅަކަށް ހޮސްޕިޓަލުން ބޭރަށް ނިކުމެލީމެވެ. މަގުމަތިން ތަންކޮޅެއް ދުރު ނޫން ހިސާބަކުން، މެދު އުމުރުގެ މީހަކު ގޮވައިގެން ބޭބެ އަންނަތަން ފެނުނެވެ. އެމީހާ ހުރީ ހުދު ކުލައިގެ މުންޑަކާއި އަޅި ކުލައެއްގެ ގަމީހެއް ލައިގެންނެވެ. އަދި ބޮލުގައި ތާކިހަލެއް އަޅާފައި ހުރި އިރު އަތުގައި ތަސްބީހަ ފައްޗެއް ވެސް އޮތެވެ. އެމީހާ ފެނުމުން އެއީ ކޮން މަސައްކަތެއް ކުރާ މީހެއްކަން އަހަންނަށް އެނގުނެވެ. އަދި ހިތަށް އުފާވެރިކަން ވެރިވެގަތެވެ.

"ކޮއްކޯ. މިއީ ތައްޚާންބެ. ބައްޕައަށް ވީގޮތް ކިޔާދިނުމުން ހަމަ މިރޭ އެއައީ މިރަށަށް. ތައްޚާންބެ އަކީ..."

"ރުޤްޔާކުރާ މީހެއް" ބޭބެއަށް އެހިސާބަށް ބުނެވުމުން ތައްޚާންބެ އެބައި ފުރިހަމަ ކޮށްދިނެވެ.

"މިހެން މިބުނީ ފަންޑިތަ ހަދާ މީހުންނާއި ރުޤްޔާ ކުރާ މީހުން ބައެއް މީހުން އޮޅުވާލާތީ. ފަންޑިތަ ހެދުމަކީ ޝިރުކުގެ އަމަލެއް. އަހަރެން އެކަމެއް ނުކުރަން އަދި ނުވެސް ކުރާނަން. އެކަމަކު ރުޤްޔާ ކުރުމަކީ ހުއްދަ ކަމެއް. އެއީ ކީރިތި ޤުރްޢާނާއި ސުންނަތު އެހީގައި ޖިންނި ޝައިޠާނުންގެ އުނދަގުލުންނާއި އެކިއެކި ބަލިބަލިން ޝިފާ ހޯދާދީ އިންސާނާ ސަލާމަތް ކުރުމަށް ކުރާ ކަމެއް. އެކަމުގެ ސަބަބުން އިންސާނާ ރައްކާތެރިވާނެ" ތައްޚާންބެ ކުރާ މަސައްކަތުގެ ތަފްސީލްދެމުން އަހަރުމެންނަށް ކިޔާ ދިނެވެ.

ތައްޚާންބެ ގެ އެވާހަކަތަކަށް އަހަރެން ވަރަށް ބޮޑަށް ޝައުޤުވެރިވިއެވެ. އަދި އަހަރުމުންގެ ވަށައިގެން ހިނގަމުން ދިޔަ ކަންތައްގަނޑުން ވަރަށް އަވަހަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދުވެސް އާވާން ފެށިއެވެ.

ތައްޚާންބެ ގޮވައިގެން އަހަންނާއި ބޭބެ ދިޔައީ ހޮސްޕިޓަލުގެ އެތެރައަށެވެ. އެވަގުތު ހޮސްޕިޓަލުގައި ދައްތައެއް ނެތެވެ. އެހެންކަމުން މަންމަމެންނާއި ބައްދަލުކޮށްފައި ބޭބެއާއި އެކު ތައްޚާންބެ ދިޔައީ މިސްކިތަށެވެ. އަހަރެން ވެސް ގެއަށްގޮސް ނަމާދުކޮށްގެން، އެދުވަހު ނިދީ އައު އުއްމީދަކާއި އުފާވެރިކަމަކާއި އެކުއެވެ.

"ކަލޭ މަށަށް ކީއްކުރަން ތިއުޅެނީ" އޭގެ އަނެއް ދުވަހު އަހަންނަށް ހޭލެވުނީ ވަރަށް ރުޅިއައިސްގެން، ދައްތަ އަހަންނާއި ސުވާލު ކުރާ އަޑަށެވެ.

"މައެބަ އުޅެންތަ ކަމެއް ކުރަން؟ ދައްތަ އެއްނު މިވީހާތަނަށްވެސް ކުރިހާ ކަމެއް ތިކުރީ" އަހަންނަށް ކުރި ދުއްތުރާތަކާއި ބައްޕައަށް ހެދި ގޮތަށް އަލިއަޅުވާލަމުން، ވަރަށް ފޫހި ގޮތަކަށް އަހަރެން ޖަވާބު ދިނީމެވެ.

"ކޮން ދޮގެއް ތިހަދަނީ؟ ކަލޭ ހީކުރީ މަށަށް ނޭނގޭނެ ކަމަށްތަ؟ ކަލެއާއި ކަލޭގެ ބޭބެ މަގޭ ދުވަސް ދުއްވާލަން އެ ތައްޚާނު މޫސާ ގެނައިކަން މަށަށް އެނގެޔޭ. ހީކުރާ ގޮތްދޯ. ކޮންކަމެއް ޙާސިލްވާނެ ކަމަށް ތިއުޅެނީ؟" ދައްތަގެ އަޑު އިތުރަށް ގަދަކޮށްފައި އަހަރެންގެ ގައިމައްޗަށް އަރާއަނގައާއި ނޭފަތްމަތީގައި ވަރަށް ބާރަށް އަތްއެޅިއެވެ. ނޭވާލާން އުނދަގޫ ވެގެން އަހަރެން ތެޅިފޮޅުނީމެވެ. ހީކުރީ އެއީ އަހަރެންގެ އެންމެ ފަހުވަގުތު ކަމަށެވެ. ދައްތަގެ އަތްދަށުން ސަލާމަތް ވެވޭތޯ ކުރި މަސައްކަތްތައް ކާމިޔާބު ނުވުމުންވެސް އަހަރެންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ދައްތައަށް ހުރީ އާދަޔާ ޚިލާފު ބާރެއް ލިބިފައެވެ.

ކުއްލިއަކަށް ދައްތަ އަމިއްލައަކަށް އަހަރެންގެ ގައިމަތިން ތެދުވިއެވެ. އަހަރެން ހުރީ މައިނޭވާލެވިފައެވެ. ދައްތައާއި ދިމާލަށް ބަލާލިއިރު، ދައްތަ އެވަގުތު ވެސް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

"އަހަންނަށް ގޮތެއް ހަދަން އުޅުނީތީ ދެން ކަންތައްވާ ގޮތް ބަލަން ހުންނާތި." ކޮޓަރިން ނިކުމެގެން ދަމުން ދައްތަ ބުންޏެވެ.

އެދުވަހުގެ މެންދުރުގެ ވަގުތެއްގައި އަހަރެން ހޮސްޕިޓަލަށް ގޮސް، ބޭބެއާއި ދިމާވުމުން ކަންތައްވީ ހުރިހާ ގޮތެއް ބޭބެއަށް ކިޔާދިނީމެވެ. ހަމައެވަގުތު ބައްޕަ ބާއްވާފައި އޮތް ކޮޓަރި ތެރެއިން، ވަރަށް ބާރަށް ފިރިހެނަކު ރޯންފެށިއަޑަށް އެތަނަށް ދުވެފައި ގޮސް ވަތްއިރު، އެއީ ބައްޕައެވެ. ހޭއެރުމަށްފަހު، ބައްޕަގެ އެއް އަތް ނެތްކަން އެނގުމުން ބައްޕައަށް ފުން އަސަރުތަކެއް ކުރީއެވެ. އެއީ ކާކު ކުރިކަމެއްހޭ، ޙަޤީޤަތެއް ނޫން ދޯ އޭ، ހުވަފެނެއް ދޯ އޭ ވެސް އުއްމީދެއް ހޯދުމަށް މަސައްކަތް ކުރިއެވެ. އަދި ތިމަންނަގެ އަތް ދޭށޭ ބުނެ ވަރަށް ބޮޑަށް ރުއެވެ. ބައްޕައަށް ވަމުން ދިޔަ ގޮތް ފެނިފައި އަހަރުމެންނަށް ވެސް ރޮވުނެވެ. އަދި ބައްޕަ ގާތު ހިތްވަރު ގަދަ ކުރުމަށްބުނެ ވިސްނާދެވޭތޯ ބެލީމެވެ. އެތައް ގަޑީރެއް ވަންދެން ރުއިމަށްފަހު ބައްޕައަށް ނިދުނެވެ. އެހެންކަމުން ބައްޕަ އަރާމު ކުރަން ބާއްވާފައި އަހަރުމެން ނިކުތީ ހޮސްޕިޓަލުގެ ގޯޅިތެރެއަށެވެ.

އަހަރުމެންގެ ރޭވުން ކުރިއަށް ގެންދާނެ ގޮތަކާއިމެދު ބޭބެގާތު ސުވާލު ކުރަން އުޅެނިކޮށް އަހަންނަށް ފެނުނީ ފުލުހުންގެ ޖިޕު ހޮސްޕިޓަލް ދޮރު މައްޗަށް މަޑުކޮށްލިތަނެވެ. އަދި ޔުނިފޯމްގައި ހުރި ދެ އޮފިސަރަކު އައިސް ބޭބެގެ އަތުގައި ބިޑި އަޅުވާފައި ބޭބެ ގެންދަން ފެށިއެވެ. އަހަންނާއި މަންމަ ވަރަށް ހާސްވެގެން ރޯންފަށާފައި، ބޭބެ ގެންދަނީ ކީއްވެތޯ، ކިހިނެއް ވީތޯ ސުވާލު ކުރީމެވެ. އަދި ބޭބެ ދޫކޮށްލުމަށް ވެސް ރޮއެ އާދޭސް ކުރީމެވެ.

ފުލުހުން ހަމައެކަނި ބުނީ ބައްޕަގެ އަތަށް ހަމަލާދީފައި އޮތް ކަތިވަޅިން ބޭބެގެ އިނގިލީގެ ނިޝާން ފެނިފައިވާ ކަމަށާއި، އެހެންކަމުން ބައްޕައަށް ހަމަލާދިނީ ބޭބެ ކަމަށް ތުހުމަތު ކުރެވޭތީ، ތަޙުޤީޤު ކުރިއަށް ގެންދިޔުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާކަމަށެވެ.

އަހަރެންގެ ސިކުނޑި އެނބުރެން ފެށިކަހަލައެވެ. ބޭބެގެ އިނގިލީގެ ނިޝާން އެކަތިވަޅީގައި ހުންނަންވީ ކީއްވެ ހެއްޔެވެ؟ ބައްޕަ އަމިއްލަ އަތުން އަނެއް އަތުގައި ކަތިވަޅިން ޖަހާ ބުރިކޮށްލިތަން އަހަންނާއި ބޭބެ ދުށީމެވެ. އަހަރެން ހަނދާންވާ ގޮތުގައި ބޭބެ އެވަގުތު ގޮސް ބައްޕަ އަވަހަށް ނަގައިގަތީއެވެ. ބޭބެ ކަތިވަޅީގައި އެވަގުތު އަތްލީ ހެއްޔެވެ؟ އެވަގުތު އަހަންނަށް ލިބުނު ޝޮކެއްގެ ސަބަބުން، ކަތިވަޅީގައި ބޭބެ އަތްލިކަމެއް ނުލާކަމެއް ވެސް އަހަރެން ހަނދާނެއް ނުވިއެވެ. ސިކުނޑި ސުމަކަށް ދިޔައެވެ. ހަމަ ޔަޤީނުންވެސް އެނގެނީ ބައްޕަގެ ގައިގާ ކަތިވަޅިން ޖެހީ ބޭބެ ނޫން ކަމެވެ.

(އަށްވަނަ ބައި އިންޝާﷲ ވަރަށް އަވަހަށް ގެނެސްދޭނަން... އިންތިޒާރުކޮށްލައްވާ)

Advertisement

ކޮމެންޓް ކުރެއްވުމަށް







Vaanuvaa 2017-08-03 03:23:15

Kihineh mivany? Vaahaka liyaa kujjaa badhalu vytha? Mihaaru Mary noontha mivaahaka liyany? Mee aslu kaaku liyefa oiy vaahakaeh? Reethi vaahakaeh ekamves

ސަންތި 2017-08-03 12:24:55

ކޮބާ 4, 5, 6 ވަނަ ބައި ތައް . ވާހަކަ ކައިގެ ??


މަރިޔަމް ވަހީދާ