އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޤްޠިޞާދީ ކުރިއެރުން ހޯދުމުގަ ދެ ޤައުމުގެ ވިސްނުން އެއްގޮތް- ރާއްޖެ އާ ޗައިނާގެ ގުޅުން ދާނީ ކުރިއަށް: ސަފީރު

އިޤްޠިޞާދީ ކުރިއެރުން ހޯދުމުގަ ދެ ޤައުމުގެ ވިސްނުން އެއްގޮތް- ރާއްޖެ އާ ޗައިނާގެ ގުޅުން ދާނީ ކުރިއަށް: ސަފީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

ޤައުމަށް އިޤްޠިޞާދީ ކުރިއެރުން ހޯދުމުގައި ރާއްޖެއާއި ޗައިނާގެ ވިސްނުން ހުރީ އެއް މިސްރާބަކަށް ކަމަށާއި އެހެން ކަމުން ރާއްޖެ އާއި ޗައިނާގެ ގުޅުންތައް ދާނީ ދުވަހެއް ދުވަހަކަށް ބަދަހިވެ ކުރިއަރަމުން ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގ ފޫކާންގ ވިދާޅުވެއްޖެއެވެ.

ސަފީރު ވާންގ ފޫކާންގ ރާއްޖޭގެ ސަފީރުކަން ކުރެއްވުމުގެ މުއްދަތު ހަމަވެ އިތުރުވުމާއި ގުޅިގެން މިރޭގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަންނަވަން ހަމަޖެހުމާއި ގުޅިގެން މިއަދުނޫހުން އެމަނިކުފާނުގެ އަރިއަހަށް ކުރި އިޙްތިރާމުގެ ޒިޔާރަތުގައި ސަފީރު ވިދާޅުވީ އިޤްޠިޞާދީ ދާއިރާގައި ރާއްޖެ އާއި ޗައިނާގެ ވިސްނުން ވެސް އެއްގޮތް ކަމަށެވެ.

"ޗައިނާ އިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ އިޤްޠިޞާދީ ކުރިއެރުމަށް. ރާއްޖެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ އިޤްޠިޞާދީ ކުރިއެރުމަށް. ޗައިނާއަކީ މިއަދު ދުނިޔޭގެ އެންމެ ފުދުންތެރި އެއް ޤައުމު. ޗައިނާ ބޭނުންވަނީ އެ މުއްސަނދިކަން އެކަނި ބޭނުންކުރާކަށް ނޫން. ޗައިނާ އިން މަސައްކަތްކުރަމުން މިގެންދަނީ އެ މުއްސަނދިކަމުގެ ފައިދާ ހުރިހާ ޤައުމުތަކާއިއެކު ޙިއްޞާކުރަން. ތަފާތު ނަންނަމުގައި ބޮޑެތި މަޝްރޫއުތަކާއި ކެންޕޭނުތައް ޗައިނާއިން ހިންގާ ސަބަބަކީ އެއީ."

ސަފީރު ވިދާޅުވީ ޗައިނާ އިން ރާއްޖޭގައި ހިންގަމުން ގެންދާ ކޮންމެ މަޝްރޫއަކީވެސް ރާއްޖެއަށް އިންތިހާއަށް މުހިންމު އަދި އިޤްޠިޞާދީ ފައިދާކުރާނެ މަޝްރޫއެއް ކަމަށެވެ. އެމަޝްރޫއުތަކާއި ގުޅޭ ކަންކަން ފުރިހަމައަށް ވިސްނައިފި ކޮންމެ މީހަކަށް އެކަންކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. ކޮންމެ ކަމަކަށްވެސް ފާޑުކިޔާ މީހުން ތިބޭނެ ކަމަށާއި އެއީ ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތް ކަމަށެވެ.

ސަފީރު ވިދާޅުވީ ބައެއް ޤައުމުތައް ވަރަށް ބާރަށް ކުރިއަރައިގެން ގޮސްފައިވާއިރު ރާއްޖެ ފަދަ ޤައުމުތަކުން އެޤައުމުތަކާއި އެއް ސަފުގައި ފައިހަމަކުރަން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުންނާނެ ކަމަށާއި އެފަދަ ކޮންމެ ކަމެއްގައި ޗައިނާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވެދެމުން ގެންދާނެ ކަމަށެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއާއި އެއަރޕޯޓް ދެވަަނަ ރަންވޭ އެޅުމުގެ މަޝްރޫއު، ލ. ގަމު މަގު ހެދުމުގެ މަޝްރޫއު އަދި ރާއްޖޭގެ ކަންކޮޅުތަކުގައި ޗައިނާ އިން ހިންގަމުން ގެންދާ ގެދޮރުއެޅުމުގެ މަޝްރޫއުތައް ފަދަ މަޝްރޫއުތަކަށް މަގުފަހިކޮށްދިނުމުގައި ސަފީރު ވާންގ ފޫކާން ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެެ.

އެެހެންކަމަށްވާއިރު ބްރިޖާއި 7000 ހައުސިންގ ޔުނިޓުގައި މީހުން ދިރިއުޅެން ފެށުމާއި ދެވަަނަ ރަންވޭ ހުޅުވުުމުގެ ރަސްމީ އިހްތިފާލްތަކުގެ ތެރެއިން ސަފީރު ވާންގ ފޫކާންގ ފެނިގެން ދިއުމަކީ އެ އިހްތިފާލްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމެކެވެ.

ސަފިރު ވާންގ ފޫކާންގ ވަނީ ރާއްޖޭގެ މީޑިއާގެ ކުރިއެރުމަށްވެސް ވަރަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވައިފައެވެ. މީޑިއާގައި މަސައްކަތްކުރާ މީހުންގެ މައުލޫމާތު މުއްސަނދިކޮށް ހުނަރުވެރިކުރުވުމަށް އެމަނިކުފާނު ވަނީ ފާހަގަކުރަންޖެހޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެެ.

ސަފީރު ވާންގ ފުކާންގ ވިދާޅުވީ އެމަނިކުފާނުގެ ސަފީރުކަމުގައި ފެށިފައިވާ ސަރުކާރުގެ މަޝްރޫއުތަކާއި ރިޒޯޓުތައް ތަރައްޤީކުރެވި އެކަންކަމުގެ ފައިދާ ދިވެހިރައްޔިތުންނަށް ކުރާތަން ދެކެވަޑައިގަންނަވަން ވަރަށް ބޮޑަށް ބޭނުންފުޅު ކަމަށެވެ. "މަޝްރޫޢުތަކުގެ ފައިދާ ދިވެހިރައްޔިތުންނަށް ކުރާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެތަން އަޅުގަނޑަށް ވެސް ފެނުން ވަަރަށް ބޭނުން." ސަމާސާ މިޒާޖެއްގައި ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ދިވެހިންނަކީ ވަރަށް އެކުވެރި، ރަޙްމަތްތެރިކަމާއި ގުޅުން ބަދަހިކުރަން ބޭނުންވާ ވަރަށް ހިތް ހެޔޮ ބައެއް ކަމަށާއި ރާއްޖޭގައި އެމަނިކުފާނު ހޭދަކުރެއްވެވި ދުވަސްތަކުގެ ހަނދާންތައް އަބަދުވެސް ދިރިދިރި ހުންނާނެ ކަމަށެވެ. "މެހްމާންދާރީ އަދާކުރުމުގައިވެސް ދިވެހިންނަކީ ދުނިޔެއަށް ނަމޫނާ ބައެއް. އަހަރެން އަދި ރާއްޖެ އަންނާނަން. ރާއްޖެއިން އަހަރެން މިފުރަނީ ވަރަށް ބުރަކޮށް މސައްކަތްކޮށްފައި. ދެން ފުރަތަމަ ބޭނުމީ ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރަން." ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވާންގ ފޫކާން ވަނީ ރާއްޖޭގައި 3 އަހަރާއި 8 މަސް ދުވަސް ހޭދަކުރައްވައި ދިވެހިންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް