އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް، ބައެއް މުސްލިމުން ކުރި އާދަޔާ ޚިލާފު ދަތުރުތައް

ޙައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް، ބައެއް މުސްލިމުން ކުރި އާދަޔާ ޚިލާފު ދަތުރުތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ވައިގެމަގުންނާއި ކަނޑުމަގުން އަދި ފައިގެމަގުން ވެސް ވަނީ މައްކާގެ މާތް ބިމަށް ދަތުރުކޮށްފައެވެ.

ކައުބަތުﷲ ގެފުޅު ވަށާ ޠަވާފްކޮށް ޙައްޖާއި ޢުމްރާގެ ބާއްޖަވެރި މަތިވެރި އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުންވަނީ، އެހެން މީހުން ހީވެސް ނުކުރާފަދަ ދަތުރުތަކެއް ކޮށްފައެވެ. ދިގު ރާސްތާއެއް ކަޑައްތުކޮށް، އިޙުރާމް ބަނދެގެން އެމީހުން އެމާތް ބިމަށް ދަތުރު ކޮށްފައިވަނީ، ވަރަށް ވެސް ހިތްވަރާއި ކުޅަދާނަކަމާއިއެކު އެވެ.



އެގޮތުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ބޮޒްނިއާއިން މައްކާއަށް ފައިމަގުގައި (ހިނގާފައި) ދިޔަ އެކަކީ އުމުރުން 52 އަހަރުގެ ސެނާދް ހަދްޒިކް އެވެ. ސެނާދް ވަނީ މައްކާއަށް ދިޔުމަށްޓަކައި 5700 ކިލޯމީޓަރުގެ ދުރުމިނަށް ހިނގާފައެވެ. މީގެ ހަ އަހަރުކުރިން 2012 ވަނަ އަހަރުގައި، އުމުރުން 47 އަހަރުގައި، ބޮޒްނިއާއިން މައްކާއަށް ސެނާދް ކުރި މިދަތުރުގައި މުޅިއަކު ހަތް ޤައުމަކަށް އޭނާ ފައިމަގުން ދަތުރު ކޮށްފައިވެއެވެ. އެއީ ބޮޒްނިއާ، ސަރބިއާ، ބަލްގޭރިއާ، ތުރުކީ، ސީރިއާ، ޖޯޑަން އަދި ސައުދީ އަރަބިއާ އެވެ. އޭނާ ބުނިގޮތުގައި އެއްވެސް ވަރަކަށް ވަރުބަލިވުމެއް ނެތި އެދަތުރުގައި އޭނާ މުޅިއަކު 314 ދުވަސް ހޭދަކޮށްފައިވެއެވެ.

"އެހާ ދިގު ރާސްތާއަކަށް އަހަރެން ހިނގީ މާތް ﷲ ގެ ނަންފުޅު މަތީގައި. އެއީ އަހަރެންގެ މައިންބަަފައިންނާއި އަހަރެންގެ ދައްތަ އަދި އަހަރެންގެ ޤައުމު ބޮޒްނިއާއަށް ޓަކައި" ސެނާދް އޭނާގެ ދަތުރު ނިންމާލަމުން، އިންޓަރވިއު އެއްގައި ބުނެފައިވެއެވެ.



ހަމަ މިފަދައިން ފާހަގަ ކޮށްލެވޭ އެހެން މީހަކީ މުޙައްމަދު ޜަޙްމަތުﷲ ޚާން އެވެ. މިދިޔަ އަހަރު އޭނާ އެދަތުރު ކުރިއިރު އޭނާގެ އުމުރުން 56 އަހަރެވެ. އެއީ އޭނާގެ މުޅި އުމުރުގައި ވެސް އެންމެ ފުރަތަމަ ޙައްޖެވެ. އިލެކްޓްރިޝަނެއްގެ މަސައްކަތް ކުރާ ރަޙްމަތުﷲ ބުނި ގޮތުގައި ބެންގަލޫރުން މައްކާއަަަަަަަަަށް އޭނާ 7000 ކިލޯމީޓަރު ގެ ރާސްތާއެއް ފައިމަގުގައި ހޭދަ ކުރިއެވެ. ފައިމަގުގައި މިފަދަ ދިގު ދަތުރެއް ނުހަނު ހިތްވަރާއި އެކު ކުރުމުން، އެކިއެކި މުސްލިމް ޖަމާޢަތްތަކުގެ މެންބަރުންނާއި ކޮންގްރެސް ލީޑަރުން ވަނީ ރަޙްމަތުﷲ ޚާން އަށް ހޫނު މަރުޙަބާއެއް ކިޔާ، މައްކާގައި އޭނާއަށްޓަކައި މެންދުރުގެ ޚާއްސަ ފަރިއްކޮޅެއް ވެސް ތައްޔާރު ކޮށްފައެވެ.



މިފަދަ އެހެން ދަތުރެއް ކުރި ފަރާތަކީ ސްޕެއިން އަށް އުފަން އިސްޙާޤް އެވެ. އޭނާވެސް ވަނީ މިދިޔަ އަހަރު ޖުމްލަ 50 ދުވަހުގެ ދަތުރެއް ޕެރިސް އިން ފެށިގެން މައްކާއަށް، ފައިމަގުގައި ފުރިހަމަ ކޮށްފައެވެ. އިސްޙާޤް މިދަތުރު ކޮށްފައިވަނީ ޢުމްރާއެއް އަދާ ކުރުމަށެވެ. ޖުމްލަ 9000 ކިލޯމީޓަރުގެ ދަތުރެއް އޭނާ ކަޑައްތުކުރީ 5000 ޔޫރޯ ހިފައިގެންނެވެ. ކޮންމެ ދުވަހެއްގެ މައްޗަށް އޭނާ އޭގެން ހޭދަ ކުރީ 10 ޔޫރޯ އެވެ. އިސްޙާޤްގެ އެދަތުރުގައި މީހުން އޭނާއަށް މާއްދީ ގޮތުން އެހީތެރިވެދޭން މަސައްކަތް ކުރިކަމުގައިވީ ނަމަވެސް، އެކަމަށް އޭނާވަނީ އިންކާރު ކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ