އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރީގެ ބައިވެރިޔާއާއި މާގިނައިން ވާހަކަ ދެއްކުމަކީ މޮޔަކަމެއް

ކުރީގެ ބައިވެރިޔާއާއި މާގިނައިން ވާހަކަ ދެއްކުމަކީ މޮޔަކަމެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

ކުރީގެ ބައިވެރިޔާއާއި ވާހަކަ ދައްކާ ގުޅުން ބާއްވަން މަސައްކަތް ކުރުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. އެއްބަޔަކު ބުނާ ގޮތުގައި އެއީ އެވަރު ކަމެއް ނޫނެވެ. އެމީހުން ބުނާގޮތުގައި އެއީ ހަމައެކަނި ރައްޓެހި ރަޙްމަތްތެރިކަމެވެ. ނަމަވެސް ޙަޤީޤަތުގައި ކުރީގެ ބައިވެރިޔާއާއި ހަމައެކަނި ރައްޓެހިކަމެއް ނުބޭއްވޭނެވެ. އަދި އެފަދައިން ކަންތައް ކުރުމުން ދިމާވާ މައްސަލަތައް ވެސް މަދެއް ނޫނެވެ.

ކުރީގެ ބައިވެރިޔާއާއި ވާހަކަ ނުދައްކަންވީ ވަރަށް ގިނަ ސަބަބުވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ކުރީގެ ބައިވެރިޔާއާއި ވާހަކަ ދެއްކުމުން، އޭނާއައި އަލުން ގުޅެން އުޅޭކަމުގެ ޚިޔާލެއް އޭނާއަށް ދެވުމެވެ. މާގިނައިން އޭނާއާއި ވާހަކަ ދައްކާ، ކަންތައްތައް ޙިއްސާ ކުރުމުން، ތިމާ އުޅެނީ އޭނާއާއި އަލުން ގުޅެން ބޭނުން ވެގެންކަމަށް އޭނާއަށް ހީވާނެއެވެ. ނުވަތަ ބައެއް ފަހަރު، އޭނާ އުޅެނީ ތިމާއާއި އަލުން ގުޅެންށޭ ތިމާގެ އަމިއްލަ ހިތަށް ވެސް އަރާ، އެކަމަށް އުއްމީދު ކުރެވެން ފެށެއެވެ. އޭނާއާއި ތިމާއަށް އެންމެ ފުރަތަމަ ވެސް އެއްކޮށް ނޫޅެވުނީ ސަބަބުތަކަކާއި ހެދިކަން ވިސްނަން ވާނެއެވެ. އޭނާއާއި ގުޅުން ބަހައްޓާނަމަ، އޭނާއާއި ދުރަށް ދާން އުނދަގޫ ވާނެއެވެ.

ކުރީގެ ބައިވެރިޔާއާއި ގުޅުން ބަދަހި ކުރުމުން ދިމާވާ އަނެއް ކަމަކީ، ތިމާގެ ޙަޔާތުގެ ބައިވެރިޔާއާއި ކުރީގެ ބައިވެރިޔާއާއި އަޅާކިޔުމެވެ. މިހާރުގެ ބައިވެރިޔާއާއި މައްސަލައެއް ޖެހުމުން، ކުރީގެ ބައިވެރިޔާއާއި އެކު އުޅުނު މަޖާ އުފާވެރި ދުވަސްތައް މަތިން ހަނދާން ވާނެއެވެ. އޭނާއާއި ވާހަކަ ދައްކާނަމަ، އެކަންކަމާއިމެދު ގިނައިން ވާހަކަ ދައްކާ ބޮޑަށް ކުރީގެ ބައިވެރިޔާ މަތިން ހަނދާންވެ ވާހަކަ ދައްކާހިތްވެސް ވާނެއެވެ. އަދި ޙަޔާތުގެ ބައިވެރިޔާއަށް ތިމާ ނޭނގެއޭ ކުރީގެ ބައިވެރިޔާއަށޭ އިނގެނީ ހިތައް އަރާ، ތިމާ ފަށާފައިވާ ދިރިއުޅުން މާޒީގެ ސަބަބުން ހަލާކުވެދާނެއެވެ. އެހެންކަމުން އެކަމުގެ އެންމެ ބުއްދިވެރި ގޮތަކީ، ތިމާގެ ޙަޔާތުގެ ބައިވެރިޔާއާއި ޖެހޭ މައްސަލަތައް ދެމީހުން ވާހަކަ ދައްކައިގެން ހައްލު ކުރުމެވެ.

ޙަޔާތުގެ ބައިވެރިޔާއާއި މައްސަލައެއް ޖެހުމުން އާއްމުގޮތެއްގައި ކުރީގެ ބައިވެރިޔާއާއި މެދު ވިސްނާއިރު ހަނދާންވާނީ އޭނާއާއިއެކު އުޅުނު އުފާވެރި ދުވަސްތަކެވެ. އެގުޅުމުގައި ވެސް ޖެހުނު މައްސަލަތައް މަތިން ހަނދާނެއް ނުވާނެއެވެ. އެފަދަ ހަނދާން ތަކެއް ކުރުމުން، ކުރީގެ ބައިވެރިޔާއަށް އަނެއްކާވެސް ހިތްޖެހި، އޭނާއާއި ގުޅެން ބޭނުން ވެދާނެއެވެ. އެގުޅުން އެއިރު ކެނޑެން މެދުވެރިވީ ސަބަބު ހަނދާނެއް ނުވާނެއެވެ.

ތިމާގެ ޙަޔާތުގެ ބައިވެރިޔާ ހަމަ ޔަޤީނުންވެސް ތިމާގެ ކުރީގެ ބައިވެރިޔާއާއި ގުޅުމެއް ބާއްވާކަށް ހިތްހަމައެއް ނުޖެހޭނެއެވެ. ނަމަވެސް އޭނާގެ ނުރުހުމުގައިވެސް އެގުޅުން ބާއްވާކަމުގައިވާނަމަ އޭނާއަށް ހީވާނީ ތިމާއާއި ކުރީގެ ބައިވެރިޔާއާއި މެދު ރަޙްމަތްތެރިކަމުގެ ގުޅުމުގެ އިތުރު ގުޅުމެއްވެސް އޮންނަ ކަމަށެވެ. އެހެންކަމުން ދެމަފިރިން ދެމެދު މައްސަލަ ޖެހުމާއި ޝައްކު ކުރުމާއި ފާރަލުން ވެސް ކުރިމަތިވާނެއެވެ. އަދި ކަންކަން ސިއްރުވެސް ކުރެވެން ފަށާނެއެވެ. މާޒީއަށްޓަކައި ތިމާ ފަށާފައިވާ ދިރިއުޅުން އަނދަވަޅަކަށް ވައްޓާލުމަކީ މޮޔަކަމެކެވެ. މާޒީގެ އެގުޅުމުން ތިމާއަށް އުފަލެއް ލިބެން އޮތްނަމަ، އެގުޅުން ކެނޑިގެން ނުދާނެކަން ހަނދާން ކުރަން ވާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ