އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްވަރުގަދަ، އެހާމެ ހީވާގި ނިސާލް.. މިވަގުތު އެދެނީ ކިޑްނީ އަކަށް!

ހިތްވަރުގަދަ، އެހާމެ ހީވާގި ނިސާލް.. މިވަގުތު އެދެނީ ކިޑްނީ އަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު

އުމުރުން އެންމެ 21 އަހަރުގެ އިބްރާހިމް ނިސާލް އަކީ، މަންމަ އެއްގެ ހުރި ފަސް ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ނިސާލް ގެ އުމުރުން އަށް އަހަރުގައި، މައިންބަފައިން ވަކިވުމަށްފަހު، ނިސާލްއާއި ނިސާލްގެ އާއިލާ އެންމެ ބޮޑަށް ބެލެހެއްޓީ އޭނާގެ މަންމަ އައިޝަތު އާދަމް އެވެ. ނިސާލް އަކީ ހިތްވަރުގަދަ، ކިޔެވުމުން ވެސް ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ހީވާގި ޒުވާނެކެވެ. އޯލެވެލް ހެދުމަށްފަހު ބޭނުންވީ އިތުރަށް ކިޔަވާށެވެ. ނަމަވެސް އަމިއްލައަށް ބުރަ މަސައްކަތް ކޮށްގެން އަމިއްލަ ފައިސާއިންނެވެ.

އެގޮތުން އިތުރަށް ކިޔަވަން ބޭނުންވާތީ، ސޮނީ ހާޑްވެއާރގައި މަސައްކަތް ކުރަން ފެށިއެވެ. އެއްވެސް ބަލިވުމެއް، ވަރުބަލިކަމެއް ނެތިއެވެ. ދުވަހަކު ވެސް ނިސާލް އަކީ މާބޮޑަށް ބަލިވި ކުއްޖަކަށް ނުވުމުން، ސިއްޙީ ބަލިމަޑުކަމެއް ކުރިމަތިވެދާނެއޭ ހިތަކަށް ނާރައެވެ.



"މިއަދުނޫހަށް" މައުލޫމާތު ދެމުން ނިސާލް ގެ މަންމަ އައިޝަތު އާދަމް ބުނީ، ނިސާލް އަކީ އަބަދުވެސް މީހުންނާއި ވަރަށް ގުޅޭ ރަޙްމަތްތެރިންނާއިއެކު ވެސް ހީސަމާސާކޮށް އުޅޭ ރަނގަޅު ކުއްޖެއް ކަމަށެވެ. އަދި ދުވަހަކުވެސް އެވަރަށް ބަލިވި ކުއްޖެއް ނޫން ކަމަށާއި ސިއްޙަތު ރަނގަޅަށް ހުރި ކުއްޖެއް ކަމަށް ވެސް އައިޝަތު އާދަމް ބުންޏެވެ.

ނަމަވެސް މިއަހަރުގެ ރަމަޟާން މަހު ކުއްލިއަކަށް ނިސާލް ބަލިވިއެވެ. ރޯގާ ޖެހި ދެދުވަސް ވަންދެން ހުން އައިސް ހުރުމުގެ އިތުރުން ރޭގަނޑު ގަޑީގައި ވަރަށް ބޮޑަށް ކެއްސިއެވެ. އެހެންކަމުން މަންމަގެ ލަފާގެ މަތިން، ނިސާލް އައިޖީއެމްއެޗް އަށް ޑޮކްޓަރަށް ދެއްކިއެވެ. އަދި ޓެސްޓުތަކެއް ވެސް ހެދިއެވެ.

"އެރޭ ރޯދަ ވީއްލައިގެން ނިސާލް ދިޔައީ ރިޕޯޓުތައް ނަގާފައި ޑޮކްޓަރަށް ދައްކަން. ނިސާލް އެކަނި ދިޔައީވެސް ޑޮކްޓަރަށް ދައްކަން. ޑޮކްޓަރަށް ދައްކަން ގޮސްފައި ފަހުން ގުޅާފައި ބުނީ، މަންމާއޭ ތިމަންނަ އެމަޖެންސީގައި ބާއްވައިފިއޭ. ދެން ވަގުތުން ހޮސްޕިޓަލަށް ދިޔުމުން އެމީހުން ބުނީ ހިތްވަރު ކުރައްޗޭ، ދެ ކިޑްނީ ވެސް ފެއިލްވެފައޭ މިހާރު އެންމެ %5 އޭ މަސައްކަތް ކުރަނީ." ވަރަށް އަސަރާއިއެކު ނިސާލްގެ މަންމަ ކިޔާދިނެވެ.

ދުވަހަކު ވެސް އެވަރަށް ބަލިނުވާ ކުއްޖެއް، އަދި އެއްވެސް ވަރަކަށް އެކަހަލަ އުނދަގުލެއް ވެސް ނުވާ ކުއްޖެއްގެ ދެ ކިޑްނީ ފެއިލްވެފައޭ ބުނުމުން، އެކަން ނިސާލްގެ މަންމައަށް ޤަބޫލު ކުރަން ވެސް ދަތިވިއެވެ. އެހެންކަމުން އެމީހުން ނިންމީ އިތުރަށް އެކަން ބަލަން ޓެސްޓުތައް ހެދުމަށް އިންޑިއާ އަށް ދާށެވެ.

އެގޮތުން ޖޫން މަހުގެ 18 ވަނަ ދުވަހު އިންޑިއާ އަށް ގޮސް ޓެސްޓުތައް ހެދުމުން، އިންޑިއާ ގެ ކިމްސް ހޮސްޕިޓަލުން ވެސް ބުނީ ނިސާލް ގެ ދެ ކިޑްނީ ފެއިލް ވެފައި ކަމަށެވެ. ކިމްސް ހޮސްޕިޓަލުގެ އައިސީޔޫ ގައި ނިސާލް އެޑްމިޓް ވެސް ކުރެވުނެވެ. އެމީހުން ނިސާލް އާއި މެދު އުންމީދު ކަނޑާލިކަމުގައި ވިޔަސް އެފަހަރު ނިސާލް ސަލާމަތްވިއެވެ. އޭގެފަހުން އެމީހުން ބުނީ ނިސާލް އަކީ ޒުވާނަކަށްވާތީ، އެވަރަށް ޑައިލިސިސް ހެދުމަށްވުރެ ރަނގަޅުވާނީ ވީހާވެސް އަވަހަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުން ކަމަށެވެ.

ހަފްތާއަކު ދެފަހަރު ޑައިލިސިސް ހަދަން ނިސާލް ދިޔަ ކަމުގައި ވިޔަސް، ނިސާލް އަށް އެންމެ ބޮޑަށް ބޭނުންވަނީ ކިޑްނީ އެއް ހަދިޔާ ކުރާނެ ފަރާތެކެވެ. ނޫންނަމަ ކިޑްނީ އެއް ގަނެވޭނެ ވަރަށް ފައިސާގެ އެހީއެވެ.

"އާއިލާގެ އެއްވެސް މީހަކާ ކިޑްނީ ދިމާނުވާތީ، ބޭރުން ހޯދަން މިޖެހެނީ. ކިޑްނީ އެއް ބޭނުންވާއިރު ހިއެއް ނުވޭ އެއްވެސް ފަރާތަކުން ހިލޭ ސާބަހަށް ކިޑްނީއެއް ދޭނެހެނެއް. ކިޑްނީ އަކަށް އެބަ އަރާ ހަ ލައްކަ ރުފިޔާ. އަޅުގަނޑުމެންނަކީ ފަޤީރުން ކަމުގައިވާތީ، ބޭނުންވޭ އެހީތެރިވެދޭނެ ފަރާތެއް. ކިޑްނީ އެއް ދެވެން ނެތްނަމަ، ކިޑްނީއެއް ގަނެވޭވަރަށް ފައިސާގެ އެހީތެރިކަން ބޭނުންވޭ" ނިސާލް ގެ މަންމަ ބުންޏެވެ.

ނިސާލްގެ ހުންނަނީ ބީ ނެގަޓިވް ލެއެވެ. ނަމަވެސް މިވަގުތު، ޕޮޒިޓިވް ނެގަޓިވް ނުބަލާ، ބީ ނުވަތަ އޯ ގްރޫޕް ލޭ ހުންނަ ކިޑްނީއެއް ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ބުނިކަމަށް ނިސާލްގެ މަންމަ އައިޝަތު އާދަމް ވަނީ ބުނެފައެވެ.
ނިސާލް އަށް އެހީތެރިވެދެއްވުމަށް ފައިސާ ޖަމާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7715117025101 އަށް އާއިލާގެ ފަރާތުން އެދިލައްވައެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް ނިސާލްގެ މަންމަ އައިޝަތު އާދަމް (7475050) ގެ ފޯނަށް، ނުވަތަ ނިސާލް ގެ ބޭބެ އަހުމަދު ނިމާލް (7990822) އަށް ނުވަތަ ނިސާލް ގެ ދައްތަ މަރިޔަމް ނީޒާ (7721666) އަށް ގުޅާލުމަށް އާއިލާއިން އެދިލައްވައެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ