އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާތްﷲ ގެ ނިންމުމަށް ފުރިހަމައަށް ތަބާވި ކެތްތެރި މައެއްގެ ވާހަކަ

މާތްﷲ ގެ ނިންމުމަށް ފުރިހަމައަށް ތަބާވި ކެތްތެރި މައެއްގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 53 ސިކުންތު

މިއީ ސައުދީ އަރަބިއާ ހޮސްޕިޓަލެއްގެ ޑިޕާޓްމެންޓް އޮފް ކާޑިއޮލޮޖީ ގެ ޑޮކްޓަރެއް ކިޔާދީފައިވާ ވާހަކައެއްގެ ތަރުޖަމާ އެކެވެ.

"އެއީ އުމުރުން ދޮޅު އަހަރުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެކުޑަ ފިރިހެން ކުއްޖާގެ ސަރޖެރީ އަހަރެން ހެދީ އަންގާރަ ދުވަހެއްގައެވެ. ސަރޖެރީ ހެދި ދުވަސް ނޫން އަނެއް ދުވަހު، އެކުއްޖާގެ ހާލަތު ތަންކޮޅެއް ރަނގަޅުކަން އަހަންނަށް ފާހަގަވިއެވެ. އޭނާ އިނީ ކުޅެންށެވެ. ނަމަވެސް އެރޭ 11:15 ހާއިރު، ނަރުސް ކުއްޖެއް ވަރަށް ހާސްވެފައި އަހަންނަށް ގޮވާފައި ބުނީ، އެކުޑަ ކުއްޖާ ނޭވާ ނުލާ ކަމަށާއި އެކުއްޖާގެ ހިތްވެސް މަސައްކަތް ނުކުރާ ކަމަށެވެ.

ވަގުތުން އަހަރެން އެކުއްޖާ ކައިރިއަށް ދިޔައިމެވެ. އަދި 45 މިނެޓު ވަންދެން އޭނާގެ މޭގައި މަޑުމަޑުން ފިރުމާލަ ފިރުމާލަ ހުރީމެވެ. މާތް ﷲ ގެ ކުޅަދުންވަންތަ ކަމުން އެކުއްޖާގެ ހިތުގެ ވިންދު އަނެއްކާވެސް ޖަހަން ފެށިއެވެ. އަހަރެން އެކަމަށް ޙަމްދުކޮށް، އެކުއްޖާގެ މައިމީހާއަށް އެޚަބަރު ދޭން ބޭރަށް ނިކުތީމެވެ.

އެތުއްތު ކުއްޖާގެ މަންމައަށް އަހަރެން ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. މަރުގެ ތުންފަތްމަތިން އެދަރިފުޅު ހަމަކިރިޔާ ސަލާމަތް ކުރެވުނީ ކަމަށް ބުނީމެވެ. އަހަރެން ދެއްކި ހުރިހާ ވާހަކައެއް ވެސް އޭނާ އަޑުއެހީ ނުހަނު މަޑުމައިތިރިކޮށް ހުރެއެވެ. އަހަރެން ހީކުރީ އެހެން އަންހެނުންހެން، ހުރިހާ ވާހަކައެއް ކިޔާދީ ނިމުމުން، އޭނާވެސް އަޑުން އަޑު ނަގާ ރޯނީ ކަމަށެވެ. ނަމަވެސް އޭނާ ހަމައެކަނި ބުނީ 'އަލްހަމްދުލިﷲ' މިހެންނެވެ.

އެކުއްޖާ ބާއްވާފައި އޮތީ އައިސީޔޫ ގައެވެ. އޭގެ 10 ދުވަސްވަރު ފަހުން އެކުއްޖާއަށް ކޮންމެވެސް ވަރަކަށް ހަރަކާތް ކުރެވެން ފެށުމުން، އަހަރުމެން ހީކުރީ އެކުއްޖާގެ ބަލިހާލަތު ރަނގަޅުވަނީ ކަމަށެވެ. އެކަމަށް އަހަރުމެން މާތް ﷲ އަށް ޙަމްދު ކުރީމެވެ. ނަމަވެސް އޭގެ 12 ދުވަސް ފަހުން އަނެއްކާވެސް އެކުއްޖާގެ ހިތް ހުއްޓުނެވެ. އެފަހަރުވެސް އަހަރެން 45 މިނެޓު ވަންދެން އެކުއްޖާގެ މޭގައި މަޑުމަޑުން ފިރުމީމެވެ. ނަމަވެސް އެފަހަރު އެއްވެސް ވަރަކަށް އެކުއްޖާގެ ހިތުގައި ވިންދު ޖަހަން ނުފެށިއެވެ. އެކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑަކަމަށް އަހަރެން އޭނާގެ މަންމަ ގާތު ބުނީމެވެ. އެފަހަރުވެސް އެކުއްޖާގެ މަންމަ އެއްވެސް ވަރަކަށް ނުރޮއެވެ. އެފަހަރު އޭނާ ބުނީ 'އަލްޙަމްދުލިﷲ. ޔާ ﷲ، މިއަޅާގެ ދަރިފުޅަށް ޝިފާ ދިނުމަކީ ރަނގަޅު ކަމެއް ކަމުގައިވާނަމަ، އެދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާންދޭވެ' މިހެންނެވެ. މުއުޖިޒާތެއް ފަދައިން، އެފަހަރުވެސް އެކުއްޖާގެ ހިތް އަނެއްކާވެސް މަސައްކަތް ކުރަން ފެށިއެވެ.

އޭގެފަހުން އެކުއްޖާގެ ބަލިޙާލަތަށް ދިޔައީ އެކި ދުވަސްވަރު އެކި ގޮތްގޮތް ވަމުންނެވެ. އެއްބައި ފަހަރު ވަރަށް ރަނގަޅުވެއެވެ. އަދި އަނެއްބައި ފަހަރު ހީވަނީ ހަމަ ދެންމެ ދެންމެ އެކުޑަ ހަށިގަނޑާއި ފުރާނަ ވަކިވެދާނެ ހެންނެވެ.

އެޙާލަތުގައި އެކުއްޖާ އޮންނަތާ ތިން މަސް ދުވަސް ވޭތުވެގެން ދިޔައެވެ. އެއިރުވެސް އޭނާ އޮތީ އައިސީޔޫގައެވެ. އެދުވަސްކޮޅު އޭނާގެ ސިކުނޑީގެ އެއްފަޅި ދުޅަވެސް ވިއެވެ. އަހަންނާއި އެހެން ޑޮކްޓަރުންގެ ޓީމަކުން އެކުއްޖާއަށް ފަރުވާ ދޭން ފެށީމެވެ. ހާޓް އެޓޭކެއް ނުޖެހުން ކަމުގައި ވިޔަސް، އެކުއްޖާގެ ސިކުނޑީގެ އެއްފަޅި ދުޅަވެފައިވާ ކަމަށާއި އެކަމުން ފުރާނައަށް ނުރައްކާތެރި ވެދާނެ ކަމުގެ ހިތްދަތި ޚަބަރު އަހަރެން އެކުއްޖާގެ މަންމައަށް ދިނީމެވެ. ނަމަވެސް އެފަހަރުވެސް އެކުއްޖާގެ މަންމަ މާތް ﷲ އަށް ދުޢާ ދަންނަވާފައި ބުނީ 'ޔާ ﷲ. މިއަޅާގެ ދަރިފުޅަށް ޝިފާ ދިނުމަކީ ރަނގަޅު ކަމެއް ކަމުގައިވާނަމަ، ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާފާންދޭވެ' މިހެންނެވެ. އެފަހަރުވެސް އެކުއްޖާ ސަލާމަތްވިއެވެ.

ނަމަވެސް އޭގެ ހަމަސް ފަހުން ކުއްލިއަކަށް އޭނާއަށް ޖެހުނީ، އަހަރެންގެ މުޅި މެޑިކަލް ކެރިއަރުގައި ވެސް އަދި ނުދެކޭފަދަ ބައްޔެކެވެ. އެތުއްތު ކުއްޖާގެ މޭމަތި ދުޅަވެ، ވާހަކަ ވެސް ނުދެއްކެވުމުގެ އިތުރުން އެކުއްޖާއަށް ފަހުން ނުވެސް ފެނެއެވެ. އެފަހަރުވެސް އަހަރުމެން އުންމީދު ކަނޑާލީމެވެ. ނަމަވެސް އެކުއްޖާގެ މަންމަގެ ހިތްވަރަށް އެއްވެސް ގުޑުމެއް ނާރައެވެ.

އެކަންތަކުން އެކުއްޖާ ސަލާމަތްވީ އޭގެ އަށް މަސް ފަހުންނެވެ. އެކަންވީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. އެކުއްޖާފުޅު އެއްކޮށް ރަނގަޅުވެ، ހޮސްޕިޓަލްގެ އައިސީޔޫ އިންވެސް ދޫކޮށްލެވުނެވެ. ފަހުން އަހަންނަށް ފެނުނީ، އެކުއްޖާ ކުރިއެކޭ ވެސް އެއްފަދައިން ދުވެ ހީ ސަކަރާތް ޖަހާފައި އުޅުނު މަންޒަރެވެ.

އޭގެ ދެ އަހަރުފަހެވެ. އަހަރެން އޮފީހުގައި އިންދާ، އަހަންނާއި އެއްކޮށް މަސައްކަތް ކުރާ އެހެން މީހަކު ބުނީ، ދެމަފިރިއަކު އެމީހުންގެ ދެދަރިިންނާއިއެކު އަހަންނާއި ބައްދަލު ކުރަން ގޮސް ތިބި ކަމަށެވެ. އެއީ ކޮންބައެއްތޯ ބެލުމަށް އަހަރެން ނިކުތް އިރު ފެނުނީ، އަހަރެން ފަރުވާދިން އެކުޑަ ފިރިހެން ކުއްޖާއާއި އޭނާގެ މައިން ބަފައިންނާއި އަދި މަހެއްހާ ދުވަސް ފުރިފައިވާ އޭނާގެ ތުއްތު ތުއްތު އަންހެން ކޮއްކޮއެވެ. އެމީހުން ބުނީ، އެމީހުން އައީ ކުޑަ ފިރިހެން ކުއްޖާއަށް އަހަރެން ފަރުވާ ކުރުމުން، އަހަންނަށް ޝުކުރު އަދާ ކުރުމަށް ކަމަށެވެ. އަހަރެން އެކުއްޖާއަށް ބަލާލީމެވެ. އެއީ އޭގެ ދެއަހަރު ކުރިން އެހޮސްޕިޓަލުގައި އެފަދަ ބަލި ޙާލަތެއްގައި އޮތް ކުއްޖެއް ކަމަށް އަހަންނަށް ޤަބޫލު ކުރަން ވެސް ދަތިވިއެވެ. އެހާވެސް އެނާގެ ޙާލަތު ރަނގަޅެވެ.

އެކުއްޖާގެ ބައްޕަ އެއްކައިރިއަކަށް ގެންގޮސްފައި އަހަރެން އޭނާގެ އަންހެނުން، އަދި އެކުއްޖާގެ މަންމަގެ ހިތްވަރު ގަދަ ކަމުގެ ވާހަކަ ދެއްކީމެވެ. އެދުވަސްކޮޅު ދިން ޖަވާބުވެސް ބުނީމެވެ.

ހިނިތުންވުމާއި އެކު އޭނާބުނީ 'އަހަރުމެންނަށް އެދަރިފުޅު ލިބުނީ ކައިވެނި ކޮށްގެން އުޅޭތާ 17 އަހަރު ފަހުން. އަހަރެން ހަނދާނެއް ނުވޭ ދުވަހަކުވެސް އަހަރެންގެ އަންހެނުން، އެދެވިގެންވާ އުޒުރަކާއި ނުލާ ނަމާދެއް އެޅި ހަނދާނެއް. އޭނާއަކީ ވަރަށް ސޯލިޙު އަޅެއް. އަދި މީގެ އިތުރުން އޭނާއަކީ ދުވަހަކު ވެސް މީހުންނާއި ދިމާލަށް ބާރަށް އެއްޗެއް ބުނެ މީހުންގެ ނެތި މޮށޭ މީހެއް ނޫން.'
އަހަންނަށް ދެން އިތުރަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ