އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބޮސް" ގެ އަސަރުގަދަކަން ޓްރެއިލަރ އާއި ލަވަތަކުން ވެސް ހާމަވޭ!

"ބޮސް" ގެ އަސަރުގަދަކަން ޓްރެއިލަރ އާއި ލަވަތަކުން ވެސް ހާމަވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

ކްރިސްޓަލް އެންޓަރޓެއިންމެންޓް ގެ ދިވެހި ފިލްމު "ބޮސް" ގެ ފުރަތަމަ ޓްރެއިލަރ އާއި އޯޑިއޯ ލަވަތަށް ރޭ ރިލީޒް ކޮށްފިއެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ޕްރޮޑިއުސަރ އަދި ޑިރެކްޓަރ ފާތުމަތު ނަހުލާ ޕްރޮޑިއުސް ކޮށްފައިވާ މިއަސަރުގަދަ ލޯބީގެ ފިލްމު ޑައިރެކްޓު ކޮށްފައިވަނީ، އެފަދަ ދެވަނައެއް ނުވާ ހުނަރުވެރި އަދި އެކަމަށް ވަރަށް ފުރިހަމަ ޤާބިލިއްޔަތު ކަމެއް ހުންނަ އެކްޓަރ، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ޢާއިޝަތު ރިޝްމީ އެވެ.



ސޯލްޓް ކެފޭގައި މިކަމާއި ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި، "ބޮސް" ގެ ޓްރެއިލަރ އާއި ބައެއް އޯޑިއޯ ލަވަތަކުގެ ލައިވް ޕަރފޯމަންސް އެއްވެސް ވަނީ ދައްކުވާލާފައެވެ. ޓްރެއިލަރ ބެލުމަށްފަހު ގިނަ ބަޔަކު ބުނަމުން ދިޔައީ، ފިލްމު އަޅުވާނެ ދުވަހަކަށް މިހާރު އިތުރަށް ކެތްމަދުވެފައިވާ ތިބި ކަމަށެވެ.



މިހާރު ދިވެހި ފިލްމު އިންޑަސްޓްރީ ގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުޅަދާނަ އެކްޓަރކަމަށްވާ މަރިޔަމް އައްޒަ އަދި މުޅިން އަލަށް މިދާއިރާއަށް ތަޢާރަފްވާ އަޙުމަދު ޔުނާން ފެނިގެންދާ މިފިލްމުގެ ޓްރެއިލަރ އިންވެސް، މިއީ ވަރަށްވެސް އަސަރުގަދަ ފިލްމަކަށް ވާނެ ކަން ޔަޤީންވެއެވެ.



ފިލްމުގެ އެއް ޑައިލޮގް ކަމަށްވާ، "މިބިންމަތީގައި އަހަންނަށް ކަލާ ނުލިބުން ކަމުގައި ވިޔަސް، ޖަންނަތުގައި އަހަރެންގެ ބައިވެރިއަކީ ތިއީ"، މިޑައިލޮގް އިންވެސް ފިލްމުގައި "ލޯބި" އޭގެ ޙައްދެއް ނެތް ވަރަށް ހިމެނޭކަން ވަރަށް ސާފުކޮށް ހާމަވެގެން ދެއެވެ.



"ބޮސް" މިފިލްމުގައި ޖުމްލަ ހަތް ލަވަ ހިމެނެއެވެ. މިލަވަތަށް ކިޔަދީފައިވަނީ ރާފިއަތު ރަމީޒާ، މަރިޔަމް އަޝްފާ، އައިޝަތު މާއިން ރަޝީދު، މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގެ ރަނަރއަޕް ޙަމޫދު އަޙްމަދު، ޝަލަބީ އިބްރާހިމް، މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ)، އިބްރާހިމް އަލީ (ކުޑަ އިއްބެ) ގެ އިތުރުން އަޙުމަދު ނަބީލް އެވެ.



އައްޒަ އާއި ޔުނާން ގެ އިތުރުން މިފިލްމުން ދެން ފެނިގެންދާނީ ފާތުމަތު އަޒީފާ (އަޒޫ)، އިބްރާހިމް ޖިހާދު (ޖިމީ)، ޢަލީ އާޒިމް (ދޮން އައްޔަ)، އަލީ ޝަމީލް ގެ އިތުރުން ޢައްޒަގެ ބައްޕަ ޢަހުމަދު ޝިޔާމް އެވެ.
އަންނަ އޮކްޓޯބަރ މަހުގެ 24 ވަނަ ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ "ބޮސް" ގެ ޓިކެޓް ވިއްކުން މިހިނގާ ސެޕްޓެމްބަރ މަހުގެ 26 ވަނަ ފެށޭނެއެވެ. ޓިކެޓު ބުކް ކުރުމަށް ގުޅާލާނީ 7974426 ނުވަތަ 9964426 ނަންބަރު ފޯނަށެވެ.




Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ