އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިވިއު- ލޮލުން ކަރުނަ ފޫދޭހާ "ޙައްދު" ގެ އަސަރު ގަދަ!

ރިވިއު- ލޮލުން ކަރުނަ ފޫދޭހާ "ޙައްދު" ގެ އަސަރު ގަދަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 12 ސިކުންތު

މިއަހަރުގެ ސެޕްޓެމްބަރ މަސް ފެށުންއިރު، އެންމެ ގިނަ ބަޔަކު ކެތްތެރިކަމާއިއެކު އިންތިޒާރު ކުރަމުން އައީ މިމަހުގެ 6 ވަނަ ދުވަހަށެވެ. އެއީ ކާމިޔާބު އެތަކެއް ފިލްމެއް ޑައިރެކްޓްކޮށް ޕްރޮޑިއުސް ކޮށްފައިވާ ޢަބްދުލް ފައްތާޙުގެ ރިކޯޑް ބްރޭކިންގ ފިލްމު "ޙައްދު" ޕްރިމިއަރ ކުރާ ދުވަސް ކަމަށްވާތީ އެވެ.

އޮލިމްޕަހުގައި "ޙައްދު" ޕްރިމިއަރ ކުރެވުނު ރޭ، ދިވެހި ފިލްމު އިންޑަސްޓްރީ ގެ ގިނަ ތަރިންތަކެއް އެފިލްމު ބަލާލަން ދިޔަކަމަކީވެސް މިފިލްމަށް ލިބުނުކާމިޔާބީއެއްކަން ފާހަގަ ކުރެވެއެވެ.



ފިިލްމުގެ އެންމެ ފުރަތަމަ މަންޒަރު ފެނުމުން ވެސް ގިނަ ބަޔަކު ވަނީ ފިލްމަށް ސަނާ ކިޔާފައެވެ. ހުނަރުވެރި މޮޅު އެކްޓިންގ އެއް ފިލްމުގެ ހުރިހާ ތަރިންވެސް ދައްކުވާ ދީފައިވާއިރު މިއީ ފައްތާހުގެ މޮޅު ޑައިރެކްޝަން ގެ ނަތީޖާކަން ހަމަ ޔަޤީނެވެ.

ޕްލޮޓް (ސްޕޮއިލަރ ނުލާ)

ސްޕޮއިލަރ އަކާއި ނުލާ "ހައްދު" ގެ ޕްލޮޓް ކިޔާ ދިނުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. ނަމަވެސް ފިލްމުގެ ކުރި މަރާލައިފިނަމަ، ދެން އެފިލްމު ބަލަން ދިޔުމުގެ މާބޮޑު ބޭނުމެއް ވެސް ނެތެވެ.

"ހައްދު" އިނގިރެސިބަހުންނަމަ "ލިމިޓްސް"، މިފިލްމުން ވަރަށް ރަނގަޅަށް އެކި ގޮތްގޮތުން މިފިލްމުގައި ދައްކުވާ ދީފައިވެއެވެ. ރަޙުމަތްތެރިކަމުގެ ހައްދެވެ. ލޯބީގެ ހައްދެވެ. އަދި އިންސާނިއްޔަތުކަން ވެސް ބަހައްޓަންވީ ހައްދެވެ. މިހުރިހާ ގުޅުމެއް "ހައްދު" ފަހަނަ އަޅައިގެން ދިޔުމުން ދެން ދިމާވާ ކަންތައްތައް ވަރަށް ފުރިހަމައަށް މިފިލްމުން ދައްކުވާ ދީފައިވެއެވެ. އަދި އޭގެ ނަތީޖާ ފޮނިވުމާއި ހިތިވުން ވެސް ފިލްމުން ދައްކުވާ ދީފައިވެއެވެ.



ކާސްޓުންނާއި ކާސްޓުންގެ ރޯލު

މަރިޔަމް އައްޒަ: ޔުސްރާ
ޝިބާން: އަލީ
ރިޝްފާ: ޒަމްހާ
އަލީ އާޒިމް (ދޮން އައްޔަ): ހަމްޒާ

ފިލްމުގެ ލީޑް ރޯލު ކުޅެފައިވާ އެކަކީ، މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ފުންނާބު އުސް އެއް އެކްޓްރެސް ކަމަށްވާ މަރިޔަމް އައްޒައެވެ. އައްޒަ މިފިލްމުގައި ދައްކުވާ ދީފައިވަނީ "ޔުސްރާ" ގެ ރޯލެވެ. އެހާމެ އަނގަ ގަދަ، އުފާވެރި އަންހެން ކުއްޖެއް ފަހުން ބަސްމަދުވެ، ދިރިއުޅުމުގައި ދިމާވި ހުރިހާ ކަމަކާއި ހިތްވަރާއިއެކު އެކަނިމާއެކަނި ކުރިމަތިލީ މަންޒަރު ނުހަނު ހުނަރުވެރިކަމާއި އެކީ އައްޒަ ދައްކުވާ ދިނުމުގެ ނަތީޖާއަކަށްވީ އޮލިމްޕަހުގައި އެވަގުތު މިފިލްމު ބަލަން ގޮސް ތިބި ގިނަ ބަޔަކު ރޮއްވާލުމެވެ. "ސްކްރީން ފަޅާލާފައި ގޮސް އައްޒަގެ ކަރުނަތައް ފުހެލަދީ 'ހަގްއެއް' ދީފާނަމޭ ހިތައް އެރި" މިއީ މިފިލްމު ބަލާ ނިމިގެން ދަމުން އެއް އަންހެން ކުއްޖަކު ބުނި ޖުމްލައެކެވެ. އެހާވެސް އައްޒަގެ އެކްޓިންގ މޮޅެވެ.

ދެން މިއޮތީ ފިލްމުގައި ލީޑް ރޯލުން ފެނިގެންދާ ފިރިހެން ތަރީގެ ވާހަކައެވެ. ދިވެހި ފިލްމު އިންޑަސްޓްރީ އަށް މުޅިން އަލަށް ތަޢާރަފްވި އަހުމަދު ޝިބާން ދައްކުވާ ދީފައިވަނީ "އަލީ" ގެ ރޯލެވެ. އަލަށް ތަޢާރަފްވި އެކްޓަރެއް ކަމުގައި ވިޔަސް، އޭނާގެ އެކްޓިންގ މިފިލްމުން ބަލާފައި އެއީ "އައު ކުއްޖެކޭ" ބުނެވޭ ވަރެއް ނޫނެވެ. ބަސް މަދު އަލީ އަށް ކުރެވޭ ކަންތައްތަކެއްގެ ސަބަބުން، އެތައް ކަމެއް މެދުވެރިވާ މަންޒަރު ދައްކުވާ ދެއެވެ. ހަމަ ޔަޤީނުންވެސް އަލީ ގެ ރޯލު ޝިބާން ދައްކުވާދީފައިވަނީ އެއްވެސް ހައްދެއް ނެތްހާވެސް ފުރިހަމަ ކޮށެވެ.



ފިލްމުގައި ދެން އެންމެ މުހިންމު އެއް ރޯލަކުން ފެނިގެންދަނީ، ފިލްމު އިންޑަސްޓްރީގެ "ބަބްލްސް" އާމިނަތު ރިޝްފާ އެވެ. ރިޝްފާ މިފިލްމުގައި ދައްކުވާދެނީ، އެއްވެސް ކުށެއް ނެތް "ޒަމްހާ" ގެ ރޯލެވެ. ހިތްހެޔޮމަކާއި، އުފާވެރިކަމުގެ އިތުރުން ހިތާމަވެރިކަން ވެސް ރިޝްފާގެ އެކްޓިންގ އިން ދައްކުވާދީފައިވެއެވެ. ދުވަހުން ދުވަހަކަށް ރިޝްފާގެ އެކްޓިންގ ފުރިހަމަވުމުގެ އެއް ހެއްކަކީ، އޭނާގެ ކޮންމެ އެކްޓިންގ އަކުން ބެލުންތެރިންނަށް ވަރަށް ފުރިހަމަ އަސަރެއް ކުރެވުމެވެ.

"ހައްދު"ގައި ދެން އެންމެ މުހިންމު އެއް ރޯލުން ފެންނަނީ، ހަމަޔަޤީނުންވެސް ގިނަ ޖިންސުން ލަތީފުންގެ ހިތްތައް އެމީހަކަށް ލެނބިފައިވާ އެއް ޒުވާނާ ކަމުގައިވާ އަލީ އާޒިމް (ދޮން އައްޔަ) އެވެ. "ހަމްޒާ" ގެ ރޯލަކީ، މީގެ ކުރިން ދޮން އައްޔަގެ ފަރާތުން ފެނިފައި ނުވާ ރޯލެކެވެ. ނަމަވެސް ހަމަ އެހާމެ ފުރިހަމައެވެ. ދީނަށް ބޯލަނބާ، އިންސާނިއްޔަތުކަން އިންތިހާއަށް ހުރި އަދިި އެހާމެ އެހީތެރި އެކުވެރި ހަމްޒާގެ ރޯލު، ދޮން އައްޔަ ނޫން އެހެން ފަރާތަކަށް އެހާ ފުރިހަމައަށް ނުދެއްކޭނޭ ބުނުން ހަމަ ޔަޤީނުންވެސް ދޮގަކަށް ނުވާނެއެވެ.

ފްލޯސް (ކުދި ކުށްތައް)

ފިލްމާއި މެދު އޯވަރޯލްކޮށް ހުރިހާ ބެލުންތެރިން ވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. މިފިލްމާއި ފިލްމުގެ ލަވަތަކަށްހަމަ ޔަޤީނުންވެސް ގިނަ ބައެއްގެ މަޤްބޫލުކަމާއި ތަރުހީބު ވަރަށް ބޮޑަށް ލިބިފައިވެއެވެ.



ނަމަވެސް، ފިލްމާއި ބެހޭ ގޮތުން ހިތްހަމަ ނުޖެހުނީ ކޮންކަމެއްތޯ ބަލާލުމުން، ގިނަ ބަޔަކު ބުނެފައިވަނީ އެއީ "ހައްދު" ގެ ނިމުން ކަމަށެވެ. ފިލްމު ނިމުނު ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ބައެއް މީހުންވަނީ ވާހަކަ ދައްކާފައެވެ. އެއްބަޔަކު ބުނިގޮތުގައި ފިލްމު ނިމުނީ މާ އަވަހަށެވެ. އަނެއް ބަޔަކު ބުނިގޮތުގައި ފިލްމު ނިމުނީ އެއްބައި ނުނިމިއެވެ. އަދި އަނެއް ބަޔަކު ބުނިގޮތުގައި ފިލްމު ނިންމާލާފައި އެވާ ގޮތް ކަމަކުނުދެއެވެ.

ކޮންމެހެނަކަސް، މިފިލްމަކީ އެހާމެ ފުރިހަމަ ފިލްމަކަށްވުމުން، ފިލްމާއިމެދު ބެލުންތެރިން ވެސް ކުރަމުންދާނީ ވަރަށް ފުން އުންމީދުތަކެއްކަން ހަމަ ޔަޤީނެވެ. އަދި ފިލްމުގެ ނިމުން، ބައެއް ބެލުންތެރިން އުއންމީދު ކުރި ގޮތާއި ޚިލާފުވުމުގެ ސަބަބުން ވެސް، ހިތްހަމަނުޖެހުން އިތުވުމަކީ އެކަށީގެންވާ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ