އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްސަލައަކީ މީހެއްގެ ފިރިއެއް ދެކެ ލޯބިވެވުމެއް ނޫން، މައްސަލައަކީ އޮޅުވާލުން!

މައްސަލައަކީ މީހެއްގެ ފިރިއެއް ދެކެ ލޯބިވެވުމެއް ނޫން، މައްސަލައަކީ އޮޅުވާލުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 20 ސިކުންތު

އުމުރުން 22 އަހަރުގައި އަހަންނަށް މީހަކު ދެކެ ލޯބިވެވުނެވެ. ލޯބީގެ އެއްވެސް ގުޅުމެއް އޭގެ ކުރިން އެއްވެސް މީހަކާއިއެކު ނުހިންގާތީ، އަހަންނަށް އެކަންވީ ވަރަށް މަޖާ އަދި އުފާވެރި ކަމަކަށެވެ. އައު ތަޖުރިބާތަކެއް ކުރެވި، މުޅިން އައު ގޮތަކަށް ދިރިއުޅުން ބަދަލުވެގެން ދިޔައެވެ.

ނަމަވެސް އެެހެން މީހުންނާއި ޚިލާފަށް، އަހަންނަށް ލޯބީގެ ގޮތުން އެންމެ ފުރަތަމަވެސް ގުޅެވުނީ މީހެއްގެ ފިރިއަކާއެވެ. އެކަން އޭނާ އަހަންނަކަށް ސިއްރެއް ނުކުރެއެވެ. އަހަންނަށް އޭނާ ކަމުދިޔައީއެންމެ ފުރަތަމަ ދުވަހުވެސް އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދީ، އެކަންކަން ސިއްރު ނުކުރުމުންނެވެ. ދެއަނތްބަށް މީހަކާއި އިނުމަކީ އަބަދުވެސް އަހަރެން ކުރާ ހިތްވާ ކަމަކަށް ވުމުން، އޭނާއަކީ މީހެއްގެ ފިރިއެއް ނަމަވެސް އެކަމާ އަހަރެން އެއްވެސް މައްސަލައެއް ނުޖައްސަމެވެ.

އޭނާ ބުނި ގޮތުގައި، ދެއަނތްބަށް މީހަކާ އިންނަން އޭނާ ބޭނުންވީ، އޭނާ އާއި އޭނާގެ އަންހެނުންގެ އަމިއްލަ ދަރިއެއް ނެތުމުންނެވެ. އޭނާގެ އަންހެނުންނަކީ ބަލި މީހެއް ކަމަށާއި، އެހެންކަމުން އެހެން މީހަކާއި އޭނާ ކައިވެނި ކުރަން އޭނާގެ އަންހެނުންވެސް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އަހަރެން އެވާހަކަތަށް އަޑުއަހާ ޤަބޫލު ކުރީމެވެ. އޭނާ ބުނީ ކައިވެނިކޮށްގެން، އަހަރެން ބޭނުންނަމަ އުޅޭނީ އޭނާގެ އަންހެނުންނާއި ވެސް އެކު ކަމަށެވެ. އެކަމަށް އަހަރެން އިންކާރު ކުރީމެވެ. ސަބަބަކަށްވީ، އޭނާގެ އަންހެނުން ޤަބޫލު ވެގެން ވިޔަސް އަމިއްލަ ފިރިމީހާ އެހެން އަންހެނެއް ގޮވައިގެން އުޅޭތަން ދެކެން އޭނާގެ އަނބިމީހާއަށް ކެތްނުވާނެ ކަމަށް އަހަންނަށް ޤަބޫލު ކުރެވުމެވެ.

ކޮންމެހެނަކަސް ދެމީހުން ލޯބީގެ ގޮތުން ގުޅުން ފަހުން ފަސް މަސް ވެއްޖެއެވެ. ކައިވެނި ކުރަނީ ކޮންއިރަކުތޯ އަހާ ކޮންމެ ފަހަރަކު އޭނާ ބުނަނީ، ވަރަށް އަވަހަށް ކަމަށާއި އެކަމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެދުވަސްކޮޅު އެކި ގޮތްގޮތުން އޭނާ އަހަރެން އަތުން ފައިސާ ހޯދާ، ޚަރަދު ކުރުވާ، ކައްކާ ކާންދީ ވެސް ހެދުވިއެވެ. ޙަޤީޤަތުގައި އެކަމަށް އޭނާ ބޭނުން ކުރީ އުކުޅެކެވެ. ފައިސާއަށް ބޭނުންވާ ފަހަރަކު، ހުންނަނީ ވަރަށް ދެރަވެ ހާސްވެފައި ކަމަށް ހެދިފައި، އަނބިމީހާ ނުވަތަ ކޮންމެވެސް ގާތް ތިމާގެ މީހެއް ބަލިވެގެން އެވެނި މިވެނި ވަރެއް ޚަރަދު ވެގެން ވަރަށް ދަތި ވެގެން އުޅޭ ވާހަކަ ބުނެއެވެ. ނުވަތަ އެމީހުން ބަލިވެގެން އޭނާއަށް އޮފީހަށް އެވަރަށް ނުދެވުމުން އެމަހެއްގައި ލިބުން މުސާރަ މަދުވެގެން ދަތި ހާލުގަ ޖެހިފަ ހުރި ވާހަކަ ބުނެއެވެ. އެވާހަކަތަށް އަޑުއަހާފައި އަހަންނަށް ކެތް ނުކުރެވިގެން އޭނާއަށް 3000 ރުފިޔާ އިން 4000 ރުފިޔާ އިން އެހީތެރިވެދިނީއެވެ. އަދި ބައެއް ފަހަރު އޭނާ ވަރަށް ބޭނުންވާ އެއްޗެއް، ހޯދެން ނެތިގެން ދެރަވެފައި ހުރުމުން، އެއެއްޗެއް ވެެސް އަހަރެން ގަނެދެމެވެ. މީރުހާ އެއްޗެހި ކައްކާފައި ކާން ވެސް ދިނީމެވެ.

ލޯބީގެ ގުޅުމަށް ހަތް މަސް ފާއިތުވެގެން ދިޔައެވެ. ކައިވެނީގެ ވާހަކައެއް ވެސް ފަހުން އޭނާ ނުދައްކާއިރު، އަހަރެން ބުނެބުނެ ވެސް އޭނާގެ އަންހެނުންނާއި ބައްދަލު ކުރުވަން އަހަރެން ނުގެންދިޔައެވެ. އެހެންކަމުން، އޭނާއާއި މެދު ކޮންމެވެސް ވަރަކަށް ޝައްކުތަކެއް އަހަންނަށް ކުރެވެން ފެށިއެވެ. އަހަރެން ގޮވައިގެން ބޭރަށް ވެސް ނުދާތީ، އެޝައްކު އިތުރުވިއެވެ.

އެއްދުވަހެއްގެ ހަވީރު ވަގުތު، އޮފީސް ނިންމާލުމަށްފަހު އަހަރެން އަރާމުކޮށްލަން ގޭގައި ޖައްސާލިތަނުން، އަންހެނެއް އަހަރެން ހޯދަން ގެއަށް އައެެވެ. އެއީ ކާކުކަން އަހަންނަށް ނޭނގުނު ކަމުގައި ވިޔަސް، އޭނާއަށް އަހަރެން އެނގުނެވެ. އަހަރެންގެ ލޯބިވެރިޔާގެ ނަން ބުނެފައި ދަންނަންތޯ އެހުމުން، އާނ އެކޭ ބުނުމުން އޭނާ ބުނީ އެއީ އެނާގެ ފިރިމީހާ ކަމަށެވެ.

އަހަރެން ހީކުރީ އޭނާ އައީ ލޯބިވެރިޔާ ފޮނުވައިގެން، އަހަންނާއި ބައްދަލު ކޮށްލާ ތަޢާރަފްވެލަން ކަމަށް ކަމަށެވެ. ނަމަވެސް އަހަންނަށް ހީކުރެވުނީ ނުބައި ކޮށެވެ. އެކަން ސާބިތުވީ އެންމެ ފުރަތަމަ ވެސް އަހަންނާއި ލޯބިވެރިޔާއާއި ދެމެދު އޮންނަނީ ކޮން ގުޅުމެއްތޯ އަންހެން މީހާ ސުވާލު ކުރުމުންނެވެ. ހައިރާންވެފައި އަހަންނަށް ވެސް އަހާލެވުނީ އޭނާއަށް ނޭނގޭތޯ އެވެ. އެއީ އަހަރެން ގާތު ލޯބިވެރިޔާ ބުނީ އަނބިމީހާއަށް ހުރިހާ އެއްޗެއް އެނގޭނެ ކަމަށެވެ.

އެއަންހެން މީހާ ބުނީ އޭނާއަށް ވަނީ ޝައްކެއް ކަމަށާއި ދެން އިވެނީ މީހުން ތުންތުން މަތިން ދައްކާ ވާހަކަތަށް ކަމަށެވެ. އެއީ އޭނާގެ ފިރިމީހާ ހިލޭ އަންހެނަކާ ގުޅުން ބާއްވާ ކަމުގެ ވާހަކަތައް ކަމަށް ވެސް އޭނާ ބުންޏެވެ. އަހަރެން އޭނާ ގާތު ހުރިހާ އެއްޗެއް ކިޔާ ދިނީމެވެ. އަހަންނާއި ގުޅުން އޮންނަ ކަމަށާއި ނަމަވެސް އަހަރެން ގާތު ބުނީ އަނބިމީހާއަށް އެނގޭ ކަމަށާއި އެއީ ދަރިން ނުލިބޭތީކަމަށް ބުނި ވާހަކަވެސް ކިޔާ ދިނީމެވެ.

އެހިނދު އޭނާ އަހަންނަށް ހުރިހާ ވާހަކައެއް ތެދަށް ކިޔާ ދިނެވެ. އޭނާ ބުނީ، އެގޮތަށް އެފިރިހެންމީހާ ކިތަންމެ އަންހެނުންގެ ދިރިއުޅުން ހަލާކުކޮށް ޖަޒުބާތު ތަކާއި ކުޅޭ ކަމަށާއި އެފިރިހެން މީހާގެ ޝިކާރައަކަށް އާއްމުގޮތެއްގައި ވަނީ ގެދޮރާއި ފައިސާ ހުންނަ ދީލަތި އަންހެނުން ކަމަށެވެ. އަހަންނަށްވެސް ލޯބިވެރިޔާއާއި މެދު ޝައްކުތަކެއް ވެފައި ހުރުމުން އަހަންނަށް އެވާހަކަތަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް އަހަރެން އެނގެން ބޭނުންވީ އެފަދަ ފިރިހެނަކާއިއެކު އެއަންހެން މީހާ އިނދެގެން އުޅެނީ ކީއްވެތޯ ކަމެވެ. އެކަމާއި ސުވާލު ކުރުމުން އޭނާ ދިނީ އަހަރެންގެ ހިތުގައި ވެސް ހަމަ އޮތް ޖަވާބެވެ.

"އެއީ އަހަރުމެންގެ ދަރިންނަށްޓަކައި. އަހަރުމެންގެ 3 އަހަރަށްދާ ކުޑަ އަންހެން ކުއްޖެއް އެބަހުރި. އަދި މިހާރުވެސް އަހަރެން މިއިނީ އޭނާގެ ދަރިއަކަށް ބަލިވެ. ބަނޑަށް މިހާރު ދެމަސް"

އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަމިއްލަ ދަރިންވެސް ތިބިއިރު، ފައިސާއަށްޓަކައި ދަރިން ނެތް މީހަކަށް ހެދޭނީ ކޮންފަދަ ވިޔާނުދާ ފިރިހެނެއް ހެއްޔެވެ. އަހަރެން އެއަންހެން މީހާއަށް ހަމްދަރުދީ ވީމެވެ. އަދި އަހަންނަށް ކުރެވުނު ކަމެއް ކުރެވުނީ ނޭނގި ކަމަށާއި ދެން އެގުޅުން ހަމަ ޔަޤީނުންވެސް އަހަރެން ނުބާއްވާނެ ކަމަށް ވައުދުވެ، ނަމަވެސް އެފަދަ ފިރިހެނަކާއިއެކީ ދަރިންނަށްޓަކައި ވެސް އުޅުމަކީ ބޭކާރު ކަމެއް ކަމަށް ބުނެ، އަހަރެން ނަސޭޙަތްތެރިވާނީ އޭނަ ކައިރިން ވަރިވާން ކަމަށް ބުނެ ހިތްވަރުލާ ދިނީމެވެ.

އެރޭ ލޯބިވެރިޔާ ގެއަށް އައުމުން، އަހަންނަށް ހުރިހާ ޙަޤީޤަތެއްވެސް އެނގޭ ކަމަށް ބުނެ، އޭނާއާއި އެކު އޮތް ހުރިހާ ގުޅުމެއް ވެސް ކަނޑާލީމެވެ. އަދި ދެން އަހަރުމެންގެ ގެއަށް އައިސްފިނަމަ ފުލުހުންނަށް އަންގާނެ ކަމަށް ބުނެ އޭނާ ގެއިން ވެސް ނެރެލީމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ