އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ކުދިކުދި އަލާމާތްތައް

ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ކުދިކުދި އަލާމާތްތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 21 ސިކުންތު

ހަނދުމަ ކުރުމާއި، ހަނދުމަ ކޮށްދިނުމަކީ އިސްލާމީ ރިވެތި އުސޫލެކެވެ. އަދި މިއީ މާތް ﷲ سُبْحَانَهُوَتَعَالَىހުރިހާ މީސްތަކުންގެ މައްޗަށް ކީރިތި ޤުރްޢާނުގައި އަމުރު ކުރައްވާ ވަޙީ ކުރައްވާފައިވާ ކަމެކެވެ.

އަހަރުމެންގެ ތެރެއިން ގިނަ މީސްތަކުންނަށް ޤިޔާމަތް ދުވަސް ކައިރިވުމުގެ ބޮޑެތި އަލާމާތްތައް އެނގުނުކަމުގައި ވިޔަސް، ޤިޔާމަތް ދުވަސް ކައިރިވަމުން އަންނަކަމުގެ ކުދިކުދި އަލާމާތްތަކެއް ނޭނގެއެވެ.

މިއީ އިސްލާމްދީނާއި ބެހޭގޮތުން އެކިއެކި މަޢުލޫމާތު ދެއްވާ، އަދި ވަރަށް ގިނަ ދާވާ މަސައްކަތް ކޮށްފައިވާ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަބްދުއްރަޙީމް ގްރީން ދެއްވާފައިވާ ދަރުހެއްގެ ތަރުޖަމާއެކެވެ.

"ރަސޫލާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވަނީ، ޤިޔާމަތް ކައިރިވަމުން އަންނަ ކަމުގެ އަލާމާތްތަކުގެ އެންމެ ފުރަތަމަ އަލާމާތަކީ، އެކަލޭގެފާނު އަވަހާރަވުން ކަމަށެވެ. އަދި އޭގެ ފަހުން މިދުނިޔޭގެ އެންމެ ފަހު ދުވަސް މީސްތަކުންނަށް ކުރިމަތިވާން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. މިއީ ކީރިތި ރަސޫލާ މުޙައްމަދު صلىاللهعليهوسلمމީގެ 1400 އަހަރު ކުރިން ޙަދީޘް ކުރައްވާފައިވާ ބަސްފުޅެކެވެ. އެހެންކަމުން ޤިޔާމަތް ކައިރިވުމާއިމެދު މިހާރު އޮންނާނީ ކިހާދުވަހެއްކަން ވިސްނާލާށެވެ.

މީގެއިތުރުން ޤިޔާމަތް ދުވަސް ކައިރިވުމުގެ އަލާމާތްތަކެއްގެ ގޮތުން ރަސޫލާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވާ އެހެންއަލާމާތްތަކެއްވެސް ވެއެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ، ޤިޔާމަތް ދުވަސް ކައިރިވުމުގެ އަލާމާތެއްގެ ގޮތުގައި ހިމެނޭ އެއް ކަމަކީ ކުރިން ހުސްފަޔާ އުޅުނު ބަދަވީން، މިހާރު އެންމެ އުސް އިމާރާތެއް ބިނާ ކުރެވެނީ ކޮން ބަޔަކަށްތޯ ބެލުމަށް ވާދަ ކުރުމެވެ. އެގޮތުން މިހާރުވެސް ދުބާއި، އަބޫދާބީ، ސައުދީ އަރަބިއާ، ބަޙްރައިން އަށް ބަލައިފިނަމަ ވަރަށް ގިނަ އުސް އިމާރާތްތައް ފެންނާނެއެވެ. މީގެ އެތަކެއް އަހަރު ކުރިން ސައުދީ އަރަބިއާ އަކީ އެފަދައިން ފަޤީރު ހާލުގައި އޮތް ޤައުމެކެވެ. އަދި އެހެން ފަރާތްތަކުގެ މަދަދުވެސް ހޯދި ޤައުމެކެވެ. ނަމަވެސް މިހާރު މިޤައުމުތައް ވާދަކުރަނީ އެންމެ އުސް އިމާރާތެއް ބިނާ ކުރެވެނީ ކޮން ޤައުމަކަށްތޯ ބެލުމުގައެވެ. އެނގިފައިވާ ގޮތުގައި ދުނިޔޭގެ އެންމެ އުސް ހަ އިމާރާތެއް ދުބާއީ ގައި ބިނާ ކުރެވޭނެއެވެ. މިއަލާމާތަކީ ވެސް ފަހުޒަމާނުގައި ވާނޭކަމަށް ބުނެ މާތް ނަބިއްޔާ صلىاللهعليهوسلمމީގެ 1400 އަށް ވުރެ ގިނަ އަހަރުތައް ކުރިން ޙަދީޘް ކުރެއްވި އަލާމާތެކެވެ.

މީގެ އިތުރުން މާތް ނަބިއްޔާ މުޙައްމަދު صلىاللهعليهوسلمޙަދީޘް ކުރައްވާފައިވާ އަނެއް އަލާމާތަކީ، ޤިޔާމަތް ދުވަސް ކައިރިވަމުން އަންނަ ވަރަކަށް، ބިނާކުރެވޭ މަސްޖިދުތައް (މިސްކިތްތައް) ގަނޑުވަރުތަކެއް ފަދައިން ބިނާ ކުރެވުމެވެ. މާތް ﷲ سُبْحَانَهُوَتَعَالَىއަށް އަޅުކަން ކުރާ ގެކޮޅުތައް ވީހާވެސް އާދައިގެ އެހެންނަމަވެސް ސާފު ޠާހިރުކޮށް ބިނާ ކުރުމަށް މާތް ނަބިއްޔާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވީ ނަމަވެސް، މިޒަމާނުގައި ބިނާ ކުރާ މިސްކިތްތަކަށް ނަޒަރު ހިންގާލައިފިނަމަ އެއްވެސް ވަރަކަށް އާދައިގެ ކަމެއް ނެތްކަން ފާހަގަ ކުރެވޭނެ އެވެ. މިޒަމާނުގައި ބިނާ ކުރާ މިސްކިތްތައް ބިނާ ކުރުމުގައި ގިނަ ފައިސާއެއް ޚަރަދުކޮށްފައިވާއިރު، މިސްކިތްތައް ބިނާކޮށްފައިވާ ފުރިހަމަކަމުން މިސްކިތަކަށްވުރެ ބޮޑަށް ވައްތަރީ ގަނޑުވަރަކާއެވެ. އެގޮތުން މިސްކިތުގައި ބޮޑެތި ގުއްބުތައް ހުރުމާއި، ރަނުން ހަދާފައި ހުރި ގުއްބުތައް ހުރުމާއި، ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ތަޅުންގަނޑާއި ފެންވަރު ރަނގަޅު ޒަމާނީ ބޮކިތަކާއި އަދި ގުޅުވައިގެން އަޅާފައި އޮންނަ ކާޕެޓުތަކުން ވެސް މިސްކިތް ވައްތަރީ ގަނޑުވަރަކާއެވެ.

މިއަލާމާތުގެ އިތުރުން ރަސޫލާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވަނީ، އެކަކު އަނެކަކަށް އިތުބާރުކުރުން ވެސް މަދުވާނެ ކަމަށެވެ. އެޒަމާނުގައި، ދުރު ޤައުމެއްގައި ހުރި ވަރަށް އިތުބާރު ހިފޭ އެވެނި މިވެނި މީހަކު ދަންނަމޭ ބުނަން އެނގުން ކަމުގައި ވިޔަސް، ޤިޔާމަތް ކައިރިވުމުން އެކަކު އަނެކަކަށް އިތުބާރު ކުރެވޭ މިންވަރު ކުދަވެ އިތުބާރު ކުރެވޭ މީހުންވެސް މަދުވާނެއެވެ.

މީގެއިތުރުން، ޤިޔާމަތް ކައިރިވުމުގެ އަލާމާތެއްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ މީހުން މެރުން އިތުރުވުން ކަމުގައި މާތް ނަބިއްޔާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވެއެވެ. އެކަލޭގެފާނު މިހެން ޙަދީޘް ކުރެއްވުމުން، އެއީ ކިހާ މިންގަނޑަކަށްތޯ އަސްޙާބު ބޭކަލަކު ސުވާލު ކުރެއްވިއެވެ. ޖަވާބުގައި އެކަލޭގެފާނު ޙަދީޘް ކުރެއްވީ، މަރާމީހާއަށާއި މަރުވާ މީހާއަށް އެކަން އެވަނީ ކީއްވެކަން ނޭނގޭ ވަރަށެވެ. މީހުން މަރާމީހާއަށް އެމީހާ އެމީހުން އެމަރަނީ ކީއްވެކަމެއް ނޭނގޭނެއެވެ. އަދި އެގޮތަށް މަރާލެވޭ މީހުންނަށް، މީހަކު އައިސް އެމީހާ އެމަރާލަނީ ކީއްވެކަމެއް ނޭނގޭނެއެވެ. އަޅުގަނޑަށް ހީވާގޮތުގައި މިއީ މިހާރުވެސް ބައެއް ޤައުމުތަކުގައި ހިނގަމުން އަންނަ ކަމެކެވެ. ބައެއް ކުޑަކުދިންނާއި ޒުވާނުން މީހުން މަރަމުން ގެންދަނީ އަމިއްލަ ޒާތީކަމެއް އޮވެގެނެއް ނޫނެވެ. ގިނަފަހަރަށް އެހެން ޖެހޭ ދެބަސްވުމެއްގައި އެއްޗެއް ސާބިތު ކޮށްދިނުމުގެ ގޮތުން ނުވަތަ އެހެންވެސް ކޮންމެވެސް ތާކުންތާކު ނުޖެހޭ ސަބަބަކާއި ހެދި އެމީހުން މީހުން މަރާލައެވެ. އެފަދައިން މީހުން މެރުމުގައި ކުޑަކުއްޖެއް އަންހެނެއް ވެސް އެމީހުން ނުބަލައެވެ.

ޤިޔާމަތް ކައިރިވަމުން އަންނަ ކަމުގެ ކުދި އަލާމާތެއްގެ ގޮތުގައި މާތް ރަސޫލާ މުޙައްމަދު صلىاللهعليهوسلمޙަދީޘް ކުރައްވާފައިވާ އަނެއްކަމަކީ ރިބާ ބޭނުން ކުރުން އިތުރުވުމެވެ. މާނައަކީ ރަޙުނުގެ ގޮތުގައި ބަހައްޓާ ތަކެއްޗާއި، ކްރެޑިޓް ކާޑު ބޭނުން ކުރުމާއި އަދި 'އިންޓްރެސްޓް' އަށް ފައިސާ ނަގާ ބޭނުން ކުރުން ފަދަ ކަންކަން އިތުރުވާނެ ކަމެވެ. އެއްވެސް މީހަކަށް އެކަމުން ސަލާމަތް ނުވެވޭނެ ވަރަށް ރިބާ ބޭނުން ކުރުން އިތުރުވާނެ ކަމަށް ރަސޫލާ صلىاللهعليهوسلم ޙަދީޘް ކުރެއްވިއެވެ.މިޒަމާނަށް ބަލައިފިނަމަ ދުނިޔޭގެ ގިނަ ބޭންކުތަކަކީ އިންޓްރެސްޓް ގެ ގޮތުގައި އިތުރަށް ފައިސާ ނަގާ ބޭންކުތަކެވެ. އެހެންކަމުން މުޅި ދުނިޔޭގެ އިޤްތިސާދަށް ވަނީ މިކަމުގެ ސަބަބުން އަސަރު ކޮށްފައެވެ. ރިބާ ދިނުމާއި ހިފުމަކީ އިސްލާމްދީނުގެ އިތުރުން ކްރިސްޓިއަނުން ވެސް ޙަރާމް ކޮށްފައިވާ ކަމަކަށްވީ ނަމަވެސް، ރިބާ މިވަނީ މުޅި ދުނިޔޭގައި ފެތުރިފައެވެ.

މީގެ އިތުރުން ރަސޫލާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވާ އަނެއް އަލާމާތަކީ، ފަހު ޒަމާނުގައި އުނގެނިފައިވާ މީހުން މަދުވުމެވެ. އެކަލޭގެފާނު ޙާދީޡް ކުރެއްވި ގޮތުގައި، ލިޔަންކިޔަން ދަންނަ ގިނަ ބަޔަކު މިބިންމަތީގައި ގިނަވި ނަަމަވެސް، ތަޢުލީމު ޙާސިލްކޮށް އުނގެނިފައިވާ މީހުން މަދުވާނެއެވެ. ޙާއްސަކޮށް އިސްލާމްދީނާއި ބެހޭ ކަންކަން އުނގެނޭ، ދަންނަ މީހުން މަދުވަމުން އަންނާނެ ކަމަށް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ، އެއްޗެހި ލިޔަންކިޔަން ދަންނަ މީހުންވެސް ގިނައިން ލިޔެ ކިޔާ އުޅޭނީ އެއްވެސް ފައިދާއެއް ނުކުރާ އެއްޗެހި ކަމަށެވެ. އަދި އިސްލާމީ ޢިލްމު އުނގެނިގެން ތިބޭ ޢިލްމުވެރިންވެސް ނޭނގޭ މީހަކަށް އެއްޗެއް ބުނެދިނުމުގައި ނޭދެވޭ ގޮތްތައް ގެންގުޅޭނެ ކަމަށާއި އެކަމުގެ ސަބަބުން އިސްލާމްދީނާއި ބެހޭ ގޮތުން މީހަކު އެއްޗެއް އޮޅުން ފިލުވަން ބޭނުންވި ކަމުގައިވިޔަސް އެމީހަކަށް މަގު އޮޅިގެންދާނެ ކަމަށް ރަސޫލާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ ދަރުސް ދޭނެ ފަރާތްތަކުން ގިނަވާނެ ކަމަށާއި ނަމަވެސް ދީނީ ޢިލްމުވެރިން މަދުވާނެ ކަމަށެވެ.

ޤިޔާމަތުގެ އަލާމާތްތަކުގެ ތެރެއިން ހިމެނިގެންވާ އަނެއްކަމަކީ މިއުޒިކް ކުޅޭ އިންސްޓްރުމެންޓްސް އިތުރުވުން ކަމަށް ވެސް ރަސޫލާ صلىاللهعليهوسلمޙަދީޘް ކުރެއްވިއެވެ. އަދި އިސްލާމްދީނުގައި މިއުޒިކު ކުޅުމާއި ލަވަ ކިޔުން ޙަރާމް ކުރައްވާފައިވީ ނަމަވެސް، އެއީ ހުއްދަ ކަމެއްކަމުގައި ބައެއް މުސްލިމުން ދެކޭނެ ކަމަށްވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. މިއުޒިކް އަކީ ޙަރާމް އެއްޗެއް ކަމަށް ސަހީލް ބުޚާރީގައި ބުނެފައިވީ ނަމަވެސް މިހާރުވެސް ބައެއް މުސްލިމުން ބުނަމުން އަންނަނީ އެއީ ހުއްދަ އެއްޗެއް ކަމުގައެވެ.

މީގެއިތުރުން، ޒިނޭ ކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވެސް ރަސޫލާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވެއެވެ. ކައިވެނީގެ މަތިވެރި ގުޅުމުން ގުޅިގެން ނޫނީ ޖިންސީ އުފާ ހޯދުން އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމްކޮށްފައިވީ ނަމަވެސް، އެކަމަށް ބަލާނީ މަދުބައެއް ކަމަށާއި ކައިވެނިނުކޮށް އެއުފާ ހޯދާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ޒިނޭ ކުރުން ގިނަވުމުގެ ސަބަބުން، މީގެ ކުރިން އެއްވެސް މީހަކަށް އެނގިފައި ނުވާފަދަ އެތަކެއް ބައްޔެއް ޖެހޭނެކަމަށް ވެސް ރަސޫލާ صلىاللهعليهوسلمވަނީ ޙަދީޘް ކުރައްވާފައެވެ.

މީގެއިތުރުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ، ހެނދުން އަޅައިގެން ނަމަވެސް ބަރަހަނާކޮށް ތިބޭ އަންހެނުން އިތުރުވާނެ ކަމަށެވެ. މިޒަމާނުގެ ގިނަ އުޚްތުން ތުރުކުރާ ހެދުންތަކުން ވެސް މިއީ ތެދެއްކަން ސާބިތުވެއެވެ. ރަސޫލާ صلىاللهعليهوسلمއުޚްތުން މިފަދައިން ހެދުުން ތުރުނުކުރެއްވި ނަމަވެސް މިއީ ފަހު ޒަމާނުގައި، އެކަލޭގެފާނުގެ އުއްމަތުގައި ކަންތައްވާނެ ގޮތްކަން އެކަލޭގެފާނަށް ވަނީ އެނގިލައްވާފައެވެ. އަދި މިއީ ވެސް ޤިޔާމަތް ދުވަސް ކައިރިވަމުން އަންނަ ކަމުގެ އަލާމާތެއްކަމަށް އެކަލޭގެފާނު ވަނީ ޙަދީޘް ކުރައްވާފައެވެ.

ޤިޔާމަތް ކައިރިވަމުން އަންނަކަމުގެ ކުދި އަލާމާތްތަކުގެ ތެރެއިން ހިމެނިގެންވާނެ އަނެއްކަމަކީ މިސްކިތްތަކުގައި އަޑުހަރުކޮށް އެކަކު އަނެކަކާއި މުޚާތަބްކޮށް ޒުވާބުކުރުން ކަމުގައި މާތް ނަބިއްޔާ صلىاللهعليهوسلمވަނީ ޙަދީޘް ކުރައްވާފައެވެ. މިސްކިތްތަކުގައި އަޑުހަރުކޮށް ވާހަކަ ދެއްކުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ.

މީގެއިތުރުން ދުނިޔޭގެ ލީޑަރުންގެ ގޮތުގައި ނުފޫޒުގަދަ ހަރުކަށި މީހުން، ލީޑަރުންނަށްވުމަކީ ވެސް ޤިޔާމަތް ކައިރިވުމުގެ އަލާމާތެއް ކަމުގައިރަސޫލާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވެއެވެ. މިހާރު ދުނިޔޭގެ އެންމެ އިސްވެރިންނަށް ތިބި މީހުންނަށް ބަލާލުމުންވެސް މިއީ ތެދެއްކަން އެނގޭނެއެވެ.

ޤިޔާމަތް ކައިރިވުމުގެ ކުދި އަލާމާތެއްގެ ގޮތުގައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ އެހެން އަލާމާތަކީ ފިރިން އެމީހުންގެ އުފަން މައިމީހާއަށް ވުރެ ބޮޑަށް އަނބިމީހާ ބުނާ ގޮތް ހަދާ އަނބިމީހާގެ އަމުރަށް ކިޔަމަންގަތުމެވެ. އަދި އޭނާގެ ބައްޕަ ދޭ ނަސޭޙަތަށްވުރެ ބޮޑަށް ރައްޓެހިންދޭ ނަސޭޙަތް އަޑުއަހާނެ ކަމަށްވެސް ރަސޫލާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވެއެވެ.

ފިރިހެނުން އަތްފައިގާ ރަން އެޅުމާއި ސިލްކު ހެދުންލުން އިތުރުވުން ވެސް ހިމެނެއެވެ. އެކަމަކީ ރަސޫލާ صلىاللهعليهوسلمނަހީ ކުރައްވާފައިވީ ކަމެއްކަމުގައި ވިޔަސް، އެފަދަ ފިރިހެނުން ދެކޭނީ އެއީ ހުއްދަ ކަމެއް ކަމުގައެވެ. ދުނިޔެވީ އުފާތަށް ހޯދުމަށްޓަކައި، އިސްލާމީ ރިވެތި އުސޫލުތަކާއި ހަމަތަށް ދޫކޮށްލާ މީހުން ގިނަވާނެ އެވެ. އަދި އެފަދަ އިސްލާމީ ރިވެތި އުސޫލުތަކާއި ހަމަތަކުގައި ހިފެހެއްޓުން އެފަދަ މީހުންނަށް ވާނީ، އަނގުރު އަލިފާންގަނޑެއް ހިފަހައްޓައިގެން ހުރުންފަދަ އުނދަގޫ ކަމަކަށެވެ.

މިކިޔާދިން އަލާމާތްތަކުގެ އިތުރުންވެސް، ޤިޔާމާތް ކައިރިވަމުން އަންނަ ކަމުގެ ބައިވަރު އަލާމާތްތަށް ރަސޫލާ صلىاللهعليهوسلمޙަދީޘް ކުރައްވާފައިވެއެވެ."




ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ