އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުހަނު ގާތުން އައިއެސްއައިއެސް ފެނުމުން. . .

ނުހަނު ގާތުން އައިއެސްއައިއެސް ފެނުމުން. . .


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 16 ސިކުންތު

ޙަޤީޤީ ދިރިއުޅުމުގައި ވެސް އަހަންނަކީ ނޫސްވެރިއެކެވެ. އެކިއެކި ކަންތައްތައް އަހަންނަށް އަބަދުވެސް ފެނި، އެކިއެކި ހާދިސާތަކާއި ކުރިމަތިވެސް ވިއެވެ. ނޫސްވެރިއެކޭ ބުނި ކަމުގައި ވިޔަސް، އަހަންނަކީ އަބަދުވެސް އަހަރެން ލިޔެ، ކިޔާ ޙަބަރުތަކާއި ވަރަށް ފުންކޮށް ވިސްނާ އެކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިފައި ހުންނަ މީހަކީމެވެ.

އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާޢަތުގެ މީހުންނާއި ބެހޭ ގޮތުން ވެސް އަހަރެން އެކިއެކި ޚަބަރުތައް ކީމެވެ. ޖިހާދުގެ ނަމުގައި އެމީހުން އެއްވެސް ރަހުމެއް ނެތި މީހުން ކަތިލާ ރޯކޮށްލާފައިވާ މަންޒަރުތައް އިވި ފެނުމުން އަހަރެންގެ ހިތައް ވަރަށް ފުން އަސަރުތަކެއް ކުރެއެވެ. އެއް އިރެއްގައި އޭގެ ތެރެއިން އެކަކު އަހަރެންގެ އިންސްޓަގްރާމް ފޮލޯވަރސް ތެރޭގައި ވެސް ހިމެނުނެވެ. އެއް ދުވަހަކު އެކަނބުލޭގެ ލާފައި އިން ފޮޓޯ އެއްގައި ފުރަތަމަ ފެންނަނީ ހައްޔަރު ކޮށްފައިވާ ފިރިހެނެއް އޭނާގެ އަމިއްލަ ލެއިން ކޮންމެވެސް އެއްޗެއް ލިޔާ މަންޒަރެވެ. އެފޮޓޯގެ ކެޕްޝަންގައި މިކަނބުލޭގެ އެމީހާއަށް މަލާމަތް ކޮށްފާ ހިނިގަނޑެއް ޖަހާފައި ލިޔެފައިވަނީ "މުނާފިޤުންނަށް މިއަށްވުރެ ހިތި ޖަޒާވެސް ލިބޭނެ" ކަމަށެވެ. އޭގެ ފަހުން ދެން އޭނާ ލާފައި އިން ފޮޓޯއަކުން ފެންނަނީ،ކުރިން ލެއިން ލިޔަން ހުރި ފިރިހެނާގެ ބޮލާއި ކަނދުރާ ވަކިކޮށްލާފައި އޮއްވައެވެ. އެފޮޓޯ ފެނިފައި އަހަރެންގެ ބޮލަށް އެނބުރުން ވެސް އެރިއެވެ. ހިތްވަރެއް ކޮށްފައި އެފޮޓޯގެ ކެޕްޝަން ކިޔާލި އިރު އޭގައި ލިޔެފައި އޮތީ "މުސްލިމުންގެ ނަމުގައި އުޅޭ މުނާފިޤުންނަށް މިއީ ޙައްޤު ޖަޒާއެއް" ކަމަށެވެ.

އަހަރެން ހައިރާންވިއެވެ. އަންހެނަކަށްވެ ހުރެ އެފޮޓޯ ބަލަން އަހަންނަށް ނުކެރުނެވެ. އަހަރެންގެ ނަފްސު ބަލިކަށިވިއެވެ. ނަމަވެސް މިއަންހެން މީހާއަށް މިއީ އެއްވެސް ކަމަކަށް ނުވިއެވެ. ދިރިހުރި އިންސާނެއް ކަތިލުން އޭނާއަށް އެވަރު ކަމަކަށް ނުވިއެވެ. އޭނާގެ އެހެން ފޮޓޯތައް ބަލާލިއިރު، ބަޑި ހިފައިގެން ހުރި ފޮޓޯ ތަކެއްވެސް ފެނުނެވެ. އޭނާއަކީ މީގެ ކުރިން އަހަރެންގެ ފޭސްބުކްގައި ވެސް އިން މީހެއް ކަމުންނާއި ފެންނަ ފޮޓޯތަކުން، އޭނާވަނީ ރާއްޖޭގައި ނޫންކަމާއި، ދިޔަތާކަށް ގޮސް އުޅެނީ ފިރިމީހާއާއި ދަރިންނާއިއެކު ކަންވެސް އަހަންނަށް އެނގުނެވެ. ކޮންމެހެނަކަސް، އަހަންނަކީ އޭނައަށްވުރެ ބަލިކަށި މީހަކަށްވުމުން، އެފަދަ ފޮޓޯތައް ދެން އިތުރަށް ދެކެން ބޭނުން ނުވާތީ، އަހަރެން އޭނާ އިންސްޓަގްރާމުން "އަންފޮލޯ" ކޮށް ފޭސްބުކް އިން ވެސް "އަންފްރެންޑް" ކުރީމެވެ.

ކޮންމެހެނަކަސް އެއީ އަހަރެން ބިރުގަތް ފަހަރެކެވެ. ނަމަވެސް ޙަޤީޤަތުގައި އަހަރެން ދައްކަން ބޭނުންވަނީ ރޭގެ ވާހަކައެވެ. ރޭގައި އަހަންނަށް ފެނުނު ބިރުވެރި ހުވަފެނެވެ.

އިވެންޓެއް ނިންމާފައި އަހަރެން ދިޔައީ އޮފީހަށް ދިޔުމަށެވެ. އަވަހަށް އިވެންޓުގެ ޚަބަރު ހެދުމަށެވެ. ނަމަވެސް އޯކިޑް މަގުން އައިސް އެފްޑީއައި ހުންނަ މަގަށް އެޅުން އިރު، އަހަންނަށް ކުއްލިއަކަށް ވަރަށް ބާރަށް އިވެންފެށީ ބަޑީގެ އަޑުފަށްގަނޑެވެ. އަދި މީހުންތައް ރޮމުންނާއި ހަޅޭލަވަމުން ދުވެފައި އަންނަ މަންޒަރެވެ.

ވެގެން އުޅޭ ގޮތެއް އަހަންނަކަށް ނޭނގުނެވެ. ނަމަވެސް އަހަންނަކީ ނޫސްވެރިއަކަށްވާތީ އެމީހުންނާއި އެކު އަހަރެން ވެސް ދުވަމުން، ވެގެން އުޅެނީ ކީއްތޯ ސުވާލު ކުރީމެވެ. ވަރަށް އުނދަގުލުން އޭގެން އެކަކު ބުނީ، އައިއެސް އިން މާލެ ހިފައިފި ކަމަށާއި ހަމަލާ ދެނީ ކަމަށެވެ. ކުއްލިއަކަށް އެމީހުން މާލެއަރާ ހަމަލާ ދެނީ ކީއްވެތޯ، އެމީހުންނަކީ ސީރިއާ ފަދަ ތަންތާނގައި ޖިހާދަށް ގޮސް ތިބި ބައެއް ނޫންހޭ ބުނުމުން އެމީހާ ބުނީ، އައިއެސް ޖަމާޢަތުގެ މީހުން އުޅެނީ ހަމައެކަނި ބޭރު ޤައުމުތަކުގައި ނޫންކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަދި މާލޭގައި ވެސް އުޅޭ ކަމަށް އެމީހާ ބުންޏެވެ. އަދި ބުނީ އެމީހުން މާލޭގައި އުޅެނީ ސިއްރުން ކަމަށާއި، އެމީހުން މިއަދު އެހަމަލާ ދެނީ އޭގެން ވަރަށް މުހިންމު ބަޔަކު އެކޮޅަށް (ކޮންމެވެސް ބޭރު ޤައުމަކަށް) ދިޔުން ރާއްޖޭ ސަރުކާރުން ހުއްޓުވުމުން އެކަމާއި ރުޅިއައިސްގެން ކަމަށެވެ.

އެވަރަށް ކިޔާ ދީފައި އެމީހާ އަވަހަށް ދުވެ ފިލައިފިއެވެ. އެއިރުވެސް ބަޑީގެ އަޑުފަށްގަނޑާއި ކުދި ބޮންތަކެއް ގޮއްވާ އަޑު ވެސް އަހަންނަށް އިވެން ފެށިއެވެ. ކޮންމެހެނަކަސް ނޫސްވެރިއެއްގެ ޖޯޝު އަނެއްކާވެސް އަހަރެންގެ ސިކުނޑިއަށް ވަނެވެ. ފޯނުން އަވަސް އަވަހަށް ޚަބަރު ލިޔެ އޮފީސް ގުރޫޕަށް ފޮނުވާލާފައި، ދެން އަހަރެން ބޭނުންވީ އައިއެސް މީހުން ހަމަލާ ދެމުން ގެންދާ މަންޒަރުގެ ފޮޓޯއެއް ކޮންމެވެސް ގޮތަކުން ނަގާފައި ފޮނުވާށެވެ. އެހެންކަމުން ބަޑިޖަހާ އަޑު އަންނަ ދިމާލަށް މަޑުމަޑުން އަހަރެން ދިޔައިމެވެ.

ދާން ބޭނުންވި ހިސާބަށް ދެވުމުން އަހަރެން ބިރުން ފިއްކަނޑައިގެން ދާވަރުވިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ މޫނުމަތި ނިވާކޮށްގެން ތިބި އަންހެނުންނާއި ފިރިހެނުން ބަޑި ޖަހަމުން މީހުން މަރަމުން ގެންދާ މަންޒަރެވެ. އެމީހުންގެ ލޯ ނޫން އެހެން އެއްވެސް ތަނެއް ނުފެނެއެވެ. އެމީހުންނަށް ބަލާލާފައިވެސް، އެއީ ހިތުގައި އެއްވެސް ރަހުމެއް ކުލުނެއް އޮތް ބައެއް ނޫންކަން އަހަންނަށް އެނގުނެވެ. ކަޅު ކުލައިގެ ދިދައެއް ވިހުރަމުން ދިޔައިރު، މީހުން ގަޔަށް ބަޑިޖަހަމުން، ކަނޑިން މީހުން ކަތިލަމުން ދިޔައެވެ. އަހަރެން ހުރީ އެމީހުންނަށް ނުފެންނާނޭ ގޮތަށް ފިލައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުގެ ބިރުވެރިކަމުން ފޮޓޯ ނަގަން ވެސް ދެނެއް ހަނދާނެއް ނުވިއެވެ.

ބިރުން ގޮސް ޝޮކެއް ލިބުމަށްފަހު އޭގެ އިރުކޮޅެއް ފަހުން ހަމަހޭވެރިކަން ވިއެވެ. ފޮޓޯއަކާއި ފޮޓޯއެއް ދޫކޮށްލާފައި، އަމިއްލަ ނަފްސު ސަލާމަތް ކުރަން ހިތައް އެރީ އެވަގުތުއެވެ. އަހަރެން ދެން އެންމެ އަވަހަށް ބޭނުންވީ ވީހާވެސް އަވަހަކަށް ފުލުހުންނާއި ސިފައިން ތިބި ތަނަކަށް ދާށެވެ. އެމީހުންގެ ރައްކާތެރިކަން ހޯދާށެވެ.

އެހެން ދުވަމުން ދަނިކޮށް އަހަންނަށް ދެން ފެނުނީ އައިއެސް މީހުން، ބައިވަރު މީހުންތަކެއް އަތުރާލައިގެން ތިބިތަނެވެ. އައިއެސް މީހުން އެމީހުން ގާތު ބުނަމުން ދިޔައީ ބިރުގަންނަނީ ކަމެއް ޖެހުނީމަ ދޯ އޭ، އެތަނުގައި ނަރަކައަށް ދާނެ ބަޔަކު ވެސް ތިބިކަން ޔަޤީނޭ މިހެންނެވެ. އަދި އެމީހުން ވަރަށް އަވަހަށް ނަރަކައަށް ފޮނުވާލާނަމޭ ބުނެ ބަޑި ޖަހަން ފެށިއެވެ. އެވަގުތު އަހަންނަށް ފާހަގަވީކަމަކީ، އެތަނުގައި އަތުރާފައި ތިބި މީހުންގެ ތެރެއިން އައިއެސް އިން މަރަމުން ގެންދިޔައީ ޒަމާނީ ގޮތްގޮތަށް ތިބި މީހުންކަމެވެ. ގިނައިން މެރީ އައުރަ ނިވާ ނުކޮށް ތިބި އަންހެނުންނެވެ. އެވަގުތު އަވަހަށް އަހަންނަށް ބަލާލެވުނީ އަހަންނަށް ހެދުން އަޅާފައި ހުރެވުނު ގޮތަށެވެ. ފުރާނަ ސަލާމަތްވާން ޝާރުތު ހަމަވޭތޯއެވެ.

އަހަންނަށް ހޭލެވުނީ އެވަގުތުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ