އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައްޖާލާއިމެދު ހަނދުމަކޮށް ދިނުމެއް!

ދައްޖާލާއިމެދު ހަނދުމަކޮށް ދިނުމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 49 ސިކުންތު

"ދޮގުވެރި މަސީހާ" ނުވަތަ "ދޮގުވެރިޔާ" ގެ ނަމުން ވެސް ދައްޖާލު އެނގިފައިވެއެވެ. ދައްޖާލުގެ ފިޠުނަވެރިކަމާއި ދޮގުތަކުން އަދި އޭނާއަށް ދެއްވާފައިވާ ބާރުތަކުގެ ސަބަބުން ދުނިޔެ ފަސާދަ ކުރާނެކަން ހުރިހާ މުސްލިމުންނަށް ވެސް އެނގިފައިވެއެވެ.

މާތް ރަސޫލާ މުޙައްމަދު ﷺވަނީ ދައްޖާލާއި ބެހޭ ގޮތުން ގިނަގުނަ މަޢުލޫމާތުތަކެއް ދެއްވާފައެވެ. ދެކުނުގެ ޤައުމުތަކުން ދައްޖާލަށް ދީފައިވާ ނަމަކީ "އެންޓި ކްރައިސްޓް" އެވެ. އޭނާގެ ނުބައި ރޭވުންތަކުން ދުނިޔެ ފަސާދަ ކުރާނެއެވެ.

ރަސޫލާ ﷺހަދީޘް ކުރެއްވި ގޮތުގައި ދައްޖާލު ފާޅު ވާނީ ދުނިޔެ ޤިޔާމަތްވާން ކައިރިވުމުންނެވެ. އޭނާގެ މައިގަނޑު މަޤްސަދަކަށްވާނީ މާތް ﷲ ގެ އަޅުތަކުން އިސްލާމްދީނާއި ދުރުކުރުމެވެ. އޭނާ މަސައްކަތް ކުރާނީ މުސްލިމުން އޭނާގެ މަގަށް ބޯލެންބޭތޯއާއި، މީސްތަކުން އޭނާއަށް ދައްކުވާދޭ މަގަކީ ޖަޙައްނަމްގެ މަގު ކަމުގައި ވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

ސަޙީޙް މުސްލިމް 7028# ގައި ތަމީމް އައްދާރީ ރިވާ ކުރައްވާފައިވެއެވެ. ރަސޫލާ ﷺޙަދީޘް ކުރައްވާފައިވަނީ އެކަލޭގެފާނުގެ ޒަމާނުގައި ދައްޖާލު ހުރީ ކޮންމެވެސް ރަށެއްގައި ހިލިހިލާ ޖަހާފައި ހައްޔަރުކޮށްފައި ކަމަށެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ، "ދައްޖާލު ވަނީ ސީރިއަން ކަނޑުގައި (މެޑިޓޭރިއަން ސީ) ނުވަތަ ޔަމަނީ ކަނޑުގައި (އެރޭބިއަން ސީ) ގައިވާ ރަށެއްގައި. ހަމަކަށަވަރުން އޭނާވަނީ އުތުރުގައި، އޭނާވަނީ އުތުރުގައި، އޭނާވަނީ އުތުރުގައި" ކަމަށެވެ.އެކަލޭގެފާނު މިހެން ޙަދީޘްފުޅު ކުރެއްވިއިރު އިޝާރާތް ކުރައްވާފައި ހުރީ މައްކާއިން އުތުރާއި ދިމާލަށެވެ. (ސަޙީޙް މުސްލިމް 7028#)

މިޙަދީޘްފުޅުގައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ސަރަޙައްދުތަކުގައި، ގާތްގަނޑަކަށް 100 އެއްހާ ރަށް އެކުލެވިގެންވެއެވެ. ދައްޖާލު ހައްޔަރު ކުރެވިފައިވަނީ އެތަނުން ކޮން ރަށެއްގައިކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ سُبْحَانَهُوَتَعَالَىއެވެ.

ރަސޫލާ ﷺމީގެ އިތުރުން ޙަދީޘް ކުރައްވާފައިވަނީ، ދައްޖާލު ފާޅުވާނީ މައްކާގެ އުތުރުން ކަމަށެވެ. އަނަސް ބިން މަލިކް ރިވާ ކުރައްވާފައިވެއެވެ. "އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ދައްޖާލާއިއެކު 70،000 އިސްފަހަން (ޕަރޝިއާ/އީރާން) ޔަހޫދީން ވާނެއެވެ. އެބައިމީހުން ތިބޭނީ ޕަރޝިއާ މީހުން އަޅާކަހަލަ ފޮށާގަނޑެއް އަޅައިގެންނެވެ." (ސަޙީޙް މުސްލިމް 7034#)

މައްކާގެ އުތުރުގެ ގިނަ ޤައުމުތަކަކުން މިހާރުވެސް ދަނީ ދައްޖާލު ފާޅުވާނެ ދުވަހަކަށް ތައްޔާރުވަމުންނެވެ. ކަޒަކިސްތާން ގައި ހަދާފައިވާ އުސް ޓަވަރުތަކަކީ މިކަމުގެ ހެއްކެކެވެ. ހިތާމައަކީ، ސައުދީ ޝާޙީ އާއިލާއިން ވެސް އެކަމަށް ތައްޔާރުވަމުން އަންނަ ކަމެވެ. ދައްޖާލުގެ ބައިވަރު ނިޝާންތައް (އެއް ލޯ ނިޝާންތައް) ސައުދީ ސޮސައިޓީގެ "ދަ ހައުސް އޮފް ސައުދް" ގައިވެއެވެ. އޭގެ ތެރޭގައި، ވަރަށް ގިނަ ސައުދީީީ ޕޮލިސް ބެޖްތަކުގައި މިނިޝާން ފާޅުވާން ހުންނަކަން ފާހަގަ ކުރެވެއެވެ. މިބެޖުތަކުގައި ދައްކުވައިދެނީ އެއް ލޮލާއި ތާޖެކެވެ. ތާޖު އިންނަނީ އެލޮލުގެ މަތީގައެވެ. މީގެ އިތުރުން ސައުދި އަރަބިއާގެ ވެރިކަން ކުރާ ރަށް ރިޔާދްގައި ބިނާކޮށްފައިވާ ކިންގްޑޮމް ޓަވަރަކީ ވެސް ދައްޖާލު ފާޅުވުމުގެ ނިޝާނެކެވެ. އަދި ޖިއްދާގައި އިމާރާތް ކުރަމުންދާ ކިންގްޑަމް ޓަވަރ ގެ މަސައްކަތް އަންނަ އަހަރު، 2018، ގައި ނިމޭނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެއީ މުޅި ދުނިޔޭގައިވެސް ބިނާކުރެވޭ އެންމެ އުސް ދެ އިމާރާތެވެ.

ކީރިތި ރަސޫލާ ﷺޙަދީޘް ކުރައްވާފައިވަނީ ދައްޖާލު ފާޅުވުމަށްފަހު، މަދީނާއަށް ދާނެ ކަމަށެވެ. ނަމަވެސް ދައްޖާލުގެ މައްޗަށް މަދީނާ ޙަރާމްވުމުން، އޭނާއަށް މަދީނާއަށް ނުވަދެވޭނެ ކަމަށް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. މަދީނާއަށް ވަންނަން ހަތް ގޭޓު ވާނެއެވެ. އަދި މަދީނާ ރައްކާތެރިކުރުމަށްޓަކައި ކޮންމެ ގޭޓެއް ކައިރީގައި ދެ މަލާތްކަތް ބޭކަލުން ތިއްބަވާނެ ކަމަށް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. މަދީނާގެ މެޕަށް މިހާރު ބަލައިލިނަމަވެސް، މަދީނާއަށް ވަނުމަށް މިހާރުވެސް ހަތް ގޭޓު ބިނާކޮށްފައިވާކަން ފެންނާނެއެވެ. އެއީ ޖިއްދާ އިންނާއި، މައްކާ އިންނާއި، ރާބިގް އިންނާއި، އެއާޕޯޓުންނާއި، ތާބޫކް އަދި ވަށައިގެންވާ ސަރަޙައްދުން މަދީނާއަށް ވަނެވެން އިންނަ ދެ ގޭޓާއި އެއްކޮށް ހަތް ގޭޓެވެ. އަބޫ ސާއިދް ރިވާ ކޮށްފައިވަނީ، "އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ދައްޖާލަށް މަދީނާއަށް ނުވަދެވުމުން، މަދީނާގެ ކައިރި އައްސޭރިފަށުގައި އޭނާ މަޑު ކުރާނެއެވެ." (ސަޙީޙް ބުޚާރީ 9245#).
އަނަސް ބިން މަލިކް ރިވާ ކުރައްވާފައިވަނީ، "ރަސޫލާ ﷺޙަދީޘް ކުރެެއްވިއެވެ. މަދީނާގެ ކައިރީގައިވާ އައްސޭރިފަށުގައި ދައްޖާލު މަޑު ކުރާނެއެވެ. އެހިނދު މަދީނާގެ ބިންގަނޑު ތިން ފަހަރަށް ހެލޭނެއެވެ. އެހިނދު އެބައެއްގެ ހިތްތަކުގައި ފުރިހަމަ އީމާންތެރިކަމެއް ނެތް މުނާފިޤުންނާއި ކާފިރުން، ދުވެފައި މަދީނާއިން ނިކުމެ ދައްޖާލު ކައިރިއަށް ދާނެއެވެ."

މަދީނާއިން ބޭރުގައި މިހާރުވެސް ބިނާއެއް ބިނާކުރެވެމުން އެބަދެއެވެ. އެބިނާއަށް "ކިންގްޑަމް ޕެލެސް" ގެ ނަމުން ނަން ދެވިފައިވީ ނަމަވެސް، ގިނަ މީހުން އެތަނަށް ކިޔަނީ "ދައްޖާލު ޕެލެސް" އެވެ. އާލިމް މުފްތީ އިބްރަހީމް ފަދަ ދީނީ ގިނަ ޢިލްމުވެރިން ވިދާޅުވެފައިވަނީ، މިބިނާ ބިނާކޮށްފައިވަނީ، ދައްޖާލު މަޑުކުރާނޭ ކަމަށް ރަސޫލާ ﷺޙަދީޘް ކުރެއްވި އައްސޭރިފަށާ ވަރަށް އެއްގޮތް އައްސޭރިފަށެއްގައެވެ.

ރަސޫލާ ﷺޙަދީޘްފުޅު ކުރައްވާފައިވެއެވެ. "ދައްޖާލު ނިކުމެ އުސް އިމާރާތެއްގެ އެންމެ މައްޗަށް އެރުމަށްފަހު، މަދީނާއަށް ބަލާނެއެވެ. އަދި އޭނާގެ އަހުލުވެރިންނަށް ބުނާނެތެވެ. 'ކަލޭމެންނަށް އެހެރެ ފެންނަ ހުދު ކުލައިގެ ގަނޑުވަރު ފެނޭހެއްޔެވެ؟ އެއީ 'އަޙްމަދް ގެ މިސްކިތް (އަލް-މަސްޖިދުއް ނަބަވީ) އެވެ.'" ރަސޫލާ ﷺގެމިސްކިތް އިންނަނީ، ދައްޖާލުގެ ގަނޑުވަރާއި ފެންނަފެނުމުން އެއް ރޮނގެއްގައެވެ.

ރަސޫލާ ﷺގެޒަމާނުގައި، މަސްޖިދުއްނަބަވީ ބިނާކޮށްފައިވަނީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ޒަމާން ބަދަލުވެ ތަރައްޤީވުމަށްފަހު، މަސްޖިދުއް ނަބަވީ ވެސް ފެންވަރު ރަނގަޅުކޮށް ބިނާ ކުރުމުގެ ސަބަބުން، މިހާރު އެމިސްކިތް ފެންނަނީ ހުދުކުލައިގެ ގަނޑުވަރެއްގެ ސިފައިގައެވެ.

ދައްޖާލުގެ ސިފަ

ރަސޫލާ ﷺޙަދީޘް ކުރައްވާފައިވާ ގޮތުގައި، އޭނާ (ދައްޖާލު) އަކީ އެއްލޯ އިންނަ ކަނު މީހެކެވެ. އަދި އޭނާގެ ހަމުގެ ކުލަ ހުންނާނީ (އިނގިރޭސިންނާއި އައިރިޝް މީހުން ފަދައިން) ރަތް ދޮން ކުލައެއްގައި ކަމަށް ވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

މީގެ އިތުރުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ، ފާހަގަވާވަރުގެ ނިތްކުރިއަކާއި އާދަޔާ ޚިލާފު ކަރެއް ދައްޖާލުގެ ހުންނާނެ ކަމަށެވެ. އަދި އޭނާ (ދައްޖާލު) އަކީ އިސްކޮޅުން ކުރު މީހެއް ކަމަށާއި ގުދެއްލާފައި ހުރި ކަމުގައި ވިޔަސް އޭނާ ވަރަށް ބާރުގަދަ ވާނޭ ކަމަށް ވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ދައްޖާލަށް ހިނގޭނެ ކަމަށާއި ނަމަވެސް އޭނާ ހިނގާނީ އާދައިގެ މީހެއް ހިނގާހެން ނޫން ކަމަށް ވެސް ރަސޫލާ ﷺޙަދީޘް ކުރައްވާފައިވެއެެވެ.

މީގެ އިތުރުން ދައްޖާލުގެ ހުންނާނީ ބުޅި އިސްތަށިގަނޑެއް ކަމަށާއި، އިސްތަށިތައް ހުންނާނީ ބޮލުން ހަރުފަތަކެއް އެލިފައި ހުންނަހެން ކަމަށް ވެސް ރަސޫލާ ﷺޙަދީޘްކުރައްވާފައިވެއެވެ. ދައްޖާލަކީ ފިރިހެންނެއް ކަމަށާއި އޭނާއަކީ ދަރިން ނުލިބޭ މީހެއް ކަމަށް ވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

އެންމެ ފަހު ސިފައަކަށް ރަސޫލާ ﷺޙަދިޘް ކުރައްވާފައިވަނީ، ދައްޖާލުގެ ނިއްކުރިއާއި ބުމައާއި ދެމެދު "ކާފިރް" މިހެން ލިޔެވިފައިވާނޭ ކަމަށެވެ. ނަމަވެސް އެހެން ލިޔެވިފައި އޮންނަތަން ފެންނާނީ ހަމައެކަނި ތަޤްވާވެރިންނަށް ކަމަށްވެސް އެކަލޭފާނު ޙަދީޘް ކުރައްވާފައިވެއެވެ.





Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ