އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ނޭދެން ވަކިވާކަށް" ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި، ޕްރިމިއަރ ކުރަން ތައްޔާރު

"ނޭދެން ވަކިވާކަށް" ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި، ޕްރިމިއަރ ކުރަން ތައްޔާރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

މީ ޕްރޮޑަކްޝަންގެ އުފެއްދުމެއްކަމުގައިވާ "ނޭދެން ވަކިވާކަށް" ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި، ފިލްމު ޕްރިމިއަރ ކުރަން އެއްކޮށް ތައްޔާރުވެފައިވާ ކަމަށް އެފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދީފިއެވެ.

ފިލްމުގެ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނެފައިވަނީ ފިލްމުގެ މަސައްކަތް އެއްކޮށް ނިމި، ޓިކެޓުވެސް ކާމިޔާބުކަމާއިއެކީ ވިކެމުންދާ ކަމަށެވެ. މިފިލްމުގެ %51 ޝޫޓު ކޮށްފައިވަނީ އއ.ތޮއްޑޫ ގައެވެ. އަދި ބާކީ %49 ޝޫޓު ކޮށްފައިވަނީ މާލޭގައެވެ.

"މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ޓިކެޓު އޮލިމްޕަހުން ވިކެމުންދަނީ. އަދި ހަމަޖެހިފަ އިނީ 10 ޝޯވ އެޅުވުމަށް. އޮލިމްޕަހުގެ އިތުރުން ޝްވެކް ސިނަމާގައިވެސް މިފިލްމު އަޅުވަން ހަމަޖެހިފައިވޭ" މާއެނބޫ މައުލޫމާތު ދިނެވެ.

މިހިނގާ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސްކްރީންގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ "ނޭދެން ވަކިވާކަށް" ފިލްމުގެލީޑް ރޯލުން ފެނިގެންދަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި އެފަދަ ދެވަނައެއް ނުވާ ޔޫސްފް ޝަފީއު (ޔޫއްޕެ)، ފާތިމަތު އަޒީފާ (އަޒޫ)، ޖާދުއްﷲ އިސްމާއިލް (ޖާދު) އަދި އަޙްމަދު އަޒްމީލް (އަޒޭ) އެވެ. މީގެއިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ)، އަޙުމަދު ސައީދު، އާރިފާ އިބްރާހިމް، އިބްރާހިމް ރިޔާޒް، އައްޔަ (ސްޓެޕްސް) ގެ އިތުރުން ތޮއްޑޫގެ ރައްޔިތެއް ކަމަށްވާ ޒޯޔާގެ އިތުރުން މުޅިން އަލަށް މަންމަގެ ބައިކުޅޭ، ތޮއްޑޫ ރައްޔިތެއް ކަމަށްވާ ޖުނާއްތަ ވެސް މުހިންމު ރޯލުތަކުން މިފިލްމުން ފެނިގެން ދާނެއެވެ.



"ނޭދެން ވަކިވާކަށް" ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔެފައިވަނީ މަޙުދީ އަޙުމަދު އެވެ. ސިނަމެޓޮގްރަފީ ހަދާފައިވަނީ އިބްރާހިމް ވިޝާން (ކަނޑި) އެވެ. އަދި ކޮސްޓިއުމް ޑިޒައިނަރަކީ ފިލްމުގެ އެއް ލީޑް ރޯލުން ފެނިގެންދާ ޖާދުއްﷲ އެވެ.

މިފިލްމަކީ ޖާދުއްﷲ ގެ ފުރަތަމަ ފީޗަރ ފިލްމުވެސްމެއެވެ.

މިފިލްމުގެ އޯޑިއޯ ލަވަތައް މިހާރު "ލަވަފޮށި" އިން އަޑުއަހާލެވެން ހުންނާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ