އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާގެ ދުޢާއިން މަރުވި އަނބިމީހާ ފިރިމީހާއަށް ކުރި ދުޢާއިން ފިރިމީހާގެ ހަޔާތަށް ލިބުނު ކުރިއެރުން...

ފިރިމީހާގެ ދުޢާއިން މަރުވި އަނބިމީހާ ފިރިމީހާއަށް ކުރި ދުޢާއިން ފިރިމީހާގެ ހަޔާތަށް ލިބުނު ކުރިއެރުން...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު

ކިރަން އަކީ މުމްބާއީ ނިޞްބަތްވާ މަހުޖަނެކެވެ. މިލިއަނަރެކެވެ. އޭނާއަށް އެހިސާބަށް މުއްސަނދިވެވުނީ އޭނާގެ އަންހެނުންގެ މިންނަތް މަސައްކަތުންނެވެ. ފިރިމީހާގެ މަސައްކަތްތަކުގައި ބައިވެރިވެ އަމަލީ ގޮތުން މަސައްކަތް ކޮށްގެންނެވެ.

ކިރަންއަށް މުއްސަނދިކަން ލިބި ދިރިއުޅެން ގަނޑުވަރެއް ފަދަ ގެއެއް ލިބުމުން އަނބިމީހާ މަތިން ފޫހިވާންފެށިއެވެ. ކައިވެނިކުރީ ވަަރަށް އާދައިގެ ވިޔަފާރިއެއް ކުރަމުންކަން ހަނދާނެއް ނެތެވެ. ވިޔަފާރީގައި ބައިވެރިވެ އަމަލީ ގޮތުން އަނބިމީހާ ކޮށްދިން މަސައްކަތްތަކާއި މުއްބާރުކޮށް ފައިސާ އެއްކުރަން އަނބިމީހާ ކުރި މަސައްކަތްތައްވެސް ހަނދާނެއް ނެތެވެ.

ކިރަން އަނބިމީހާ ދޫކޮށްލަން ކިތަންމެ ބޭނުންވި ނަމަވެސް ވަރިކުރުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންކަމުން އަބަދު ދުޢާކުރަމުން ދިއައީ އަނބިމީހާ އަވަހަށް މަރުވުމަށެވެ.

ހަމަ އެންމެ ސަބަބަކަށްޓަކައެވެ. އަނބިމީހާއަކީ ޕާޓީކުރާ މިޒާޖުގެ އަންހެނަކަށް ނުވުމެވެ. ނައިޓްކްލަބްތަކަށް ގޮސް މަޖާ ނަގާ މިޒާޖުގެ އަންހެނަކަށް ނުވުމެވެ. ޒަމާނީވެ "ޝެއަރ" ކުރެވޭ އަންހެނަކަށް ނުވުމެވެ. ދިރިއުޅުމުގައި ބޭނުންވާނެ އެހެން ހުރިހާ ކަމެއްގައި އެންމެ ކުރީސަފުގައި ހުރިއިރުވެސް މެއެވެ. ލިބިފައިވާ 3 ދަރިންނަށްވެސް ބަލައިލުމެއް ނެތިއެވެ.

އެގޮތަށް އެކަންތައް މެދުވެރިވިއެވެ. އުމުރުން އެންމެ 36 އަހަރުގައި އަނބިމީހާއަށް ޖެހުނު ހުމެއް ނިޔުމޯނިއާއަށް ބަދަލުވެ މަރުވީއެވެ. ކިރަން އެދެމުން އައި ގޮތަށް ކަންތައްތައް ވެގެންދިއައީއެވެ.

ކިރަން ފޫގަޅާފައި ނުކުތީ ބޭނުންވެގެން އުޅޭ ފަދަ އަންހެނަކު ހޯދުމަށެވެ. ނައިޓް ކްލަބްތަކަށާއި އެނޫންވެސް އެފަދަ ތަންތަނަށް ގޮސް އުޅެންފެށިތާ މަހެއްހައި ދުވަހުގެ ތެރޭގައި އެފަދަ އެތައް އަންހެނުންނަކާއި ކިރަންއަށް ބައްދަލުވެވުނެވެ.

އެއިގެ ތެރެއިން އެންމެ ގަޔާވި އަންހެނާ އާއި ކިރަން ކައިވެނިކުރިއެވެ. ކިރަން ބޭނުންވިފަދައިން ދިރިއުޅެން ފެށިއެވެ. އެހެން އިބާރާތަކުން ބުނާނަމަ ފިޔަފަޅައި އުދުހެން ފެށިއެވެ.

އަނބި ނީޓޫގެ މަސައްކަތަކަށްވީ ކިރަންގެ ބަލިފައި ރަނގަޅަށް ދަސްކުރުމެވެ. ރަނގަޅަށް ބަލިފައި ދަސްކުރުމަށްފަހު ނީޓޫ އަވަސްވެގަތީ ކިރަންގެ މުއްސަނދިކަން އޭނާގެ ބާރުގެދަށަށް ގެނައުމެވެ. އެގޮތުން ކަންކަން މަޑުމަޑުން ކުރިއަށް ގެންދަމުން ގޮސް ހުރިހާ އެކައުންޓްތައް ނީޓޫގެ ބެލުމުގެދަށަށް ގެންދިއައެވެ.

އެދުވަސްވަރު ވިޔަފާރީގެ އެއްވެސް ކަމެއް ކިރަން އަކަށް ނުބެލެއެވެ. ރޭގަނޑު ހޭލައި މަޖާކުރުމަށްފަހު ދުވާލު ހަތަރުދަމު އޮންނަނީ ނިދާށެވެ. ހޭލެވޭއިރު އަނބިމީހާ ހުންނަނީ މަޖާކުރަންދާން ތައްޔާރުވެގެންނެވެ.

އެންމެ އަހަރެއްހައި ދުވަސްވީތަނާ އަނބިމީހާ ކުއްލިއަކަށް ގެއްލިއްޖެއެވެ. ފުލުހުންނަށް އަންގައިގެން ވެސް ހޯދޭނެ ގޮތެއް ނުވިއެވެ. އެކަމުގައި ހަފްތާއެއްހައި ދުވަހު އުޅުމަށްފަހު އޮފީހަށް ނުކުތެވެ. އެތަން ހުރީ ތަޅުލައިފައެވެ. ބޭރުގައި ހުރި ބޯޑެއްގައި ލިޔެފައިވަނީ "ޕަރމަނަންޓްލީ ކްލޯޒްޑް" ކަމަށެވެ.

ޖެހިގެން އައި ދުވަހު ބޭންކަށް ގޮސް އެކައުންޓް ބަލައިލިއިރު އެކައުންޓުގައި ހުރީ އެންމެ ދިހަ ހާސް ރުޕީސްއެވެ. ލިބުނު ހިތާމައިގައި ގެއަށް އައިސް ސިޓިންގ ރޫމްގައި މަޑުކޮށްލިތަނާ ލިޔުންތަކެއް ހިފައިގެން ބައަކު އައިސް ލިޔުންތައް ދައްކައިލިއެވެ. އެލިޔުންތަކުގައިވާ ގޮތުން ގެ ވެސް ވަނީ އޭނާ ވިއްކާލައިފައެވެ. ސޮޔަކީވެސް ހަމަ އޭނާގެ ސޮޔެވެ.

މިލިއަނަރު ކިރަންއަށް ޖެހުނީ ގެއިންވެސް ނުކުންނާށެވެ. 3 ދަރިންނާއިއެކު މަގުމަތިވާށެވެ. ގޮތްހުސްވެ ހަތަރު އުދަރެސް ފެނުޖެހުމުން ދާންޖެހުނީ އަބަދުވެސް ކިރަންއަށް ހެޔޮ އެދޭ ބޮޑުބޭބެއެއްގެ ގެއަށެވެ.

ބޮޑުބޭބެގެ ގޭގައި ނިދި ފުރަތަމަ ރޭ ހުވަފެނުގައި ފުރަތަމަ އަނބިމީހާ ފެނުނެވެ. ހުރީ ވަރަށް ދެރަވެފައެވެ. "ކިރަން އެދުނު ގޮތަށް ކަންތައްތައް ވެއްޖެ ނޫންހެއްޔެވެ؟ ކިރަން ބޭނުންވާ ގޮތަށް ބޭނުންވާ ފަދަ އަންބަކު ލިބުނު ނޫންހެއްޔެވެ؟ ދެން ކަންތައް ވެގެންދިއަ ގޮތާއިމެދު އަހަރެން ހިތާމަކުރަމެވެ.

ކިރަންއަށް އަހަރެން ކަމެއް ސިއްރުކުރީމެވެ. ކިރަން ބޭނުންވި ގޮތަށް އަހަރެން ކަންތައްތައް ނުކުރީ އަހަރެން ދީން ބަދަލުކޮށް އިސްލާމްވެގެން ހުރީމައެވެ. އަހަރެން މަސައްކަތްކުރަމުން ދިއައީ އިސްލާމްވުމަށް ކިރަންއަށް ދައުވަތުދޭށެވެ. އެ ފުރުޞަތު ނުލިބި އަހަރެންގެ ދުނިޔަވީ ހަޔާތް ނިމިދިއައީއެވެ.

ކިރަންއެވެ. އަހަރެން ކަލެއަށްޓަކައި ހެޔޮ ދުޢާކުރާނަމެވެ. ނަމަވެސް ކަލޭ ފުރަތަމަ އިސްލާމަކަށްވާށެވެ. ކަލޭވެސް މަރުވާނެއެވެ. އެނބުރި އަންނަން ޖެހޭނީ ހަމަ ކައްވަޅަށެވެ. ކުރިމަތިލާންޖެހޭނީ މާތްﷲ އާއިއެވެ."

ނިދީން ހޭލެވުމާއިއެކު ކިރަން ތެޅިފޮޅިގަތެވެ. ވަށައި ހޯދުމުންވެސް އަނބިމީހާއެއް ނުފެނުނެވެ. ނަމަވެސް އަނބިމީހާ ދެއްކި ވާހަކަތަކުގެ އަޑު އޭނާގެ ކަންފަތުގައި ދިއައީ ގުގުމަމުންނެވެ.

ކިރަންއަށް ހޭލެވުނީ ހަމައެކަނި ނިންޖަކުން ނޫނެވެ. ޣާފިލުކަމުންވެސް ރަނގަޅަށް ހޭލެވުނީއެވެ. އަނބިމީހާގެ އަގު ވަޒަން ކުރެވެންފެށިއެވެ. ލޯބިވެސް މާބޮޑަށް ވެވެން ފެށިއެވެ. އަނބިމީހާ އެދުނު ފަދައިން ކިރަން އިސްލާމްވެސް ވިއެވެ. ދީނުގެ ކަންކަން ދަސްކޮށް ނަމާދުކުރަންވެސް ފެށިއެވެ.

ބޮޑުބޭބެގެ އެހީތެރިކަމުގައި އަލުން ވިޔަފާރިއެއްވެސް ފެށިއެވެ. ކުރިއަރަމުން އައިސް އަލުން މިލިއަނަރަކަށްވެސް ވެވުނެވެ. ތަނަވަސްކަމާއި ގަނޑުވަރެއްވެސް ލިބުނެވެ. ނަމަވެސް އިތުރު ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫނެވެ. ކިރަން ބޭނުންވީ އޭނާގެ ހަޤީޤީ އަނބިމީހާގެ ހަނދާނުގައި ހަޔާތް ވޭތިކުރާށެވެ.

ކިރަން ޔަޤީންކުރާ ގޮތުގައި އޭނާއަށް ދެވަނަ ހަޔާތެއް ލިބުނީ އަނބިމީހާގެ ދުޢާއިންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް